ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމަށް ތައްޔާރުވާން ޝާހު ރުކް ޚާން މޭ މަހު ފަށާނެއެވެ. ފިލްމުގެ ޝޫޓިން ފަށާނީ ސެޕްޓެންބަރު މަހުއެވެ.
ޝާހު ރުކް ޚާން މިހާރު ދަނީ އާނަންދް ރާއީގެ ފިލްމު ޒީރީ ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާ އާ އެކު ކެޓްރީނާ ކައިފް އާ އަނުޝްކާ ޝަރްމާ ވެސް މަސައްކަތް ކުރެއެވެ. ޒީރޯ ގެ ޝޫޓިން ނިމޭނީ އެޕްރީލް މަހު އެވެ. ޒީރޯ އަށް ފަހު ރާކޭޝް ޝަރްމާ ގެ ބަޔޯޕިކް، ސެލިއުޓް އަށް ތައްޔާރު ވާން މޭ މަހު ފަށާނެއެވެ.
ސެލިއުޓް އަށް ތައްޔާރު ވުމުގެ ގޮތުން އޭނާ އާއި އޭނާ ގެ ޓީމުން ރާކޭޝް ޝަރްމާގެ ދިރިއުޅުމާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށް ދިރާސާ ކުރާނެއެވެ. މި މަސައްކަތުގައި އޭނާ އާއި އޭނާގެ ޓީމް ތިން މަސް ދުވަސް ހޭދަ ކުރާނެއެވެ. އެއަށް ފަހު ފިލްމުގެ ޝޫޓިން ފަށާނީ ސެޕްޓެންބަރު މަހު އެވެ. ނޮވެންބަރު މަހު ޝޫޓިން މެދު ކަނޑާލައި ޒީރޯ ގެ ޕްރޮމޯޝަން މަަސައްކަތަށް ހުސްވާނެއެވެ. ސެލިއުޓް ގެ ޝޫޓީން ދެން ފަށާނީ 2019ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުއެވެ.
ރާކޭޝް ޝަރްމާ އަކީ އެސްޓްރޮނޯޓް އެކެވެ. ޓެސްޓް ޕައިލެޓެއްގެ ގޮތުގައި ޕާކިސްތާނާއި ދެކޮޅަށް ހިންގި ހަނގުރާމައިގެ އޮޕަރޭޝަން ތަކުގައި އޭނާ ބައިވެރިވިއެވެ. އަދި 1982ވަނަ އަހަރު ކޮސްމޮނޯޓް އެއްގެ ގޮތުގައި ޖައްވަށް ދާން އޭނާ ހޮވުނެވެ. އެއީ އައި.އެސް. އާރ. އޯ އާއި ސޯވިއެޓް އިންޓަރކޮސްމޯސްގެ ޖައްވީ ޕްރޮގްރާމަކަަށެވެ. އަދި 1984ވަނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހު ސޮޔޫޒް ޓީ- 11 ގައި އޭނާ ޖައްވަށް ދަތުރު ކުރިއެވެ. ޖައްވުގައި އޭނާ އާއި އޭނާގެ ކްރޫ މޮސްކޯގެ އޮފިޝަލުންނާ އަދި އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީ އާއި އެކު ނޫސް ކޮންފަރެންސެއްގައި ބައިވެރި ވިއެވެ. ޖައްވުން އިންޑިއާ ފެންނަނީ ކިހިނެއްތޯ އިންދިރާ ގާނދީ ކުރެއްވި ސުވާލުގެ ޖަވާބުގައި ރާކޭޝް ޝަރްމާ ބުނިކަމަށް ވަނީ 'ސާރޭ ޖަހާނ ސެ އައްޗާ' އެވެ. ޖައްވުން އެނބުރި އައުމުން އޭނާ އަށް 'ހީރޯ އޮފް ދަ ސޯވިއެޓް ޔޫނިއަން' އިނާމު ދީފައިވެއެވެ.