ތުރުކީގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ވެއްޓުނު މަތިންދާބޯޓުގެ ދަތުރު ފެށީ ރަށް: ޝާރްޖާ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޝާރްޖާއިން ފުރައިގެން ތުރުކީގެ އިސްތަންބޫލަށް ދަތުކުރަމުން ދިޔަ ތުރުކީގެ ޕްރައިވެޓް ޖެޓެއް ވެއްޓިއްޖެ ކަމަށް އީރާނު ޓީވީން ޚަބަރު ދީފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ މަސްއޫލުވެރިޔަކާ ޙަވާލާދީ އިސްނާ ނިއުސް އެެެޖެންސީން ޚަބަރުދޭ ގޮތުގައި ބޯޓުން މަދުވެގެން 11 މީހުން ދަތުރުކުރިއެވެ. އަދި އެެެެއެންމެން މަރުވެފައިވާ ކަމުގައި ބެލެވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި މަތިންދާބޯޓު ވެއްޓިފައި ވަނީ ހުޅަނގު ދެކުނު އީރާނުގެ ފަރުބަދަމަތީ ސަރަޙައްދަކަށެވެ.
އީރާނުގެ އެމަރޖެންސީ މެނޭޖްމަންްޓްގެ ތަރުޖަމާނު މުޖްތަބާ ޚާލިދީއާ ޙަވާލާދީ އީރާނުގެ ޤައުމީ ޓީވީން ޚަބަރުދޭ ގޮތުގައި ޝަހްރޭ ކުރްދު ސަރަހައްދުގެ ފަރުބަދައެއްގައި ޖެހި ބޯޓުގައި ހުޅު ފަޅައިގެން ދިޔައީއެވެ. ޝަހްރޭ ކުރްދަކީ ވެރިރަށް ތެހެރާނާ 370 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. ޤައުމީ ޓީވީއާއި ޤައުމީ ނޫސް އެޖެންސީން ޚަބަރުދޭ ގޮތުގައި ކުއްލި އެހިީގެ ޓީމުތައް އެހިސާބަށް ދާން މިހާރު ދަތުރުކުރަނީއެވެ.
ބޯޓު ވެއްޓުނު ހިސާބުގެ އަވަށެއްގެ މީހުންނާ ހަވާލާދީ އީރާނުގެ މީޒާން ނޫސް އެޖެންސީން ބުނާ ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން އިންޖީނުގައި ރޯވެފައި ހުއްޓާ ފެނުނެވެ.
އީރާނު އެެހެން ނޫސް އެޖެންސީއެެއް ކަމުގައިވާ ތަސްނީމުން ބުނާ ގޮތުގައި މަތިންދާބޯޓަކީ ކެނެޑާ ބޮމްބާޑިޔާ ކުންފުނީގެ ބޯޓެެެކެވެ.
އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ވެރިޔާ ރިޒާ ޖަޢުފަރުޒާދޭ ވިދާޅުވެފައި ވަނީ ބޯޓުގައި ތިބީ 8 ފަސިންޖަރުންނާއި 3 ފަޅުވެރިން ކަމުގައެވެ.
ޚަބަރު: އަލްޢަރަބިއްޔާ، ރޮއިޓަރސް، ދަސަން

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.