ފުލުހުންގެ އިސްވެރިންތަކެއް ހައްޔަރުކުރި ކަމަށްބުނާ ވާހަކައަކީ ދޮގެއް- ޕޮލިސް

ފުލުހުންގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް މީސްމީޑިޔާގައި ދެކެވެމުން އަންނަ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.

މީސްމީޑިޔާގައި ދައުރު ވަމުން އަންނަ މި ވާހަކަތަކުގައި ބުނަމުން އަންނަނީ ފުލުހުންގެ އެންމެ އިސްވެރިޔަކަށް މިވަގުތު ހުންނެވި އަބްދުﷲ ނަވާޒް ރާއްޖެއިން ފުރާވަޑައިގަތަ ނުދިނުމަށްޓަކައި ޕާސްޕޯޓްވެސް ހިފަހައްޓައި މިހާރު ފުލުހުންގެ އިދާރާ ތެރޭގައި ބަންދު ކޮށްފައިވާ ކަމަށެވެ. ނަވާޒްގެ އިތުރުންވެސް ފުލުހުންގެ އެހެން ބަޔެއް އިސްވެރިންނާއި ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ބަންދު ކޮށްފައިވާ ކަމަށްވެސް ވާހަކަ ދަނީ ފެތުރެމުންނެވެ.

ނަމަވެސް ފުލުހުންގެ ރަސްމީ ޓްވީޓެއްގައި ބުނެފައި ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެގޮތަށް އެ ދެކެވޭ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ބަޔެއް ފަރާތްތައް ހައްޔަރު ކުރަމުންދާ މިދަނޑިވަޅުގައި ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށްވެސް އަޑު ދަނީ ފެތުރެމުންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ބަޔެއް ބޭފުޅުންނަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ތުހުމަތުވެސް ކޮށްފައެވެ. އޭގެތެރޭގައި ރިޝްވަތު ހިއްޕެވުމާއި، ރިޝްވަތު ދެއްވުމާއި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުވެސް ހިމެނެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ފުލުހުންގެ އެންމެ އިސްވެރިޔާގެ މަގާމު ކުރިން އަދާކުރެއްވި ދެބޭފުޅުންވެސް ހިމެނެއެވެ. އެއީ އަބްދުﷲ ރިޔާޒް އާއި އަޙްމަދު އަރީފްއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.