ޗައިނާގެ ގަދަވަަމުން އަންނަ ނުފޫޒާ ކުރިމަތިލާން އިންޑިޔާއާ ފަރަންސޭސީން އެކުގައި

އިންޑިޔާ ކަނޑުގައި ދެޤައުމުގެ ދެމެދުގައި ޢަސްކަރީ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން އިންޑިޔާއާއި ފަރަންސޭސިވިލާތުން ސޮއިކުރިއިރު ދެޤައުމުގެ ވިސްނުން ވެސް އަމާޒުވެފައި ހުރީ އެއްދިމާއަކަށެވެ. އެެއީ އިންޑިޔާ ކަނޑުގައި ހަލުވިކަމާއެކު ޗައިނާގެ ނުފޫޒާ ކުރިމަތިލުމެވެ. އިންޑިޔާ އެެބައިމީންގެ "ބެކްޔާޑް" ކަމަށް ދެކެމުން އައި އިންޑިޔާ ކަނޑުގައި ސަރަހައްދުގެ އެހެން ޤައުމެއް ނުފޫޒު ގަަދަކޮށްލުމަކީ އިންޑިޔާއަށް ބަލައިގަންނަން ފަސޭހަކަމަށް ނުވެއެވެ.
މިހާރު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ފަރަންސޭސި ރަައީސު އިމަނުއެލް މެކްރޯންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސޮއިކުރެއްވުމުގެ މިއެއްބަސްވުމުގެ ދަށުން އެެއް ޤައުމުގެ ކަނޑުގެ ސިފައިންގެ މަނަަަވަރުތަކަށް އަނެއް ޤައުމުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރެވޭނެއެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ބާރުގަދަކުރަމުން ދިއުމަކީ ދުނިޔޭގެ ބާރުތަކުން ކަންބޮޑުވުމާއެކު މިހާރުވެސް ބަލަމުންދާ ކަމެކެވެ. އެހެންކަމުން މަލަކާ ސްޓްރެއިޓުން ސުވޭސް ކެނެލާ ހަމައަށް ފެތުރިފައިިވާ ބިޔަ އިންޑިޔާ ކަނޑަށް ޗައިނާ ނުކުތުމަކީ އެ ބާރުތަކުގެ ކަންބޮޑުވުން އިތުރުވާނެ ކަމެކެވެ. އިންޑިޔާއާއި ފަރަސްސޭސިވިލާތުގެ ކަންބޮޑުުވުން އިތުރުވާ އެއް ކަމަކީ އިރުމަތީ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޖިބޯޓީގައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ފާއިތުވި އަަހަރު ހުޅުވުމެވެ.
މީގެ އިތުރުން ޗައިނާއިން ވަނީ ޕާކިސްތާނުގެ ގްވަދާރްގައި ބަނދަރެއް ހަދާފައެވެ. އަދި ސްރީލަންކާގެ ހަންބަންޓޯޓާ ބަނދަރު 99 އަހަރަށް ކުއްޔަށް ހިފާފައެވެ. މިހުރިހާ ކަމަކީ އިންޑިޔާ ނުތަނަވަސްވާ ކަންކަމެެވެ.
ރައީސު މެކްރޯންއާއި ބޮޑުވަޒީރު މޯދީ ވަނީ ފަރަންސޭސި ކުންފުންޏަކުން އިންޑިޔާގައި ނިއުކްލިޔަރ އިންޖީނުގެއެއް އެޅުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
ޗައިނާގެ އަސްކަރިއްޔާއިން އިންޑިޔާ ކަނޑުގައި ހިންގާ ހަރަކާތްތަަކަށް ފާރަލުމުގެ ބޭނުމުގައި އިންޑިޔާއިން ވަނީ އިރުމަތީ އިންޑިޔާ ކަނޑުގެ ސުންޑާ ސްޓްރެއިޓް ސަރަހައްދާއި އަންޑަމަން އެންޑް ނިކޮބަރ ކައިރީގައި ޕެޓްރޯލްކުރުން އިތުރުކޮށްފައެވެ. އަނެއްކޮޅުން ފަރަންސޭސީންނާ އެކު ވެވުނު އެއްބަސް ވުމުގެ ސަބަބު ދެކުނު އިންޑިޔާ ކަނޑުގެ ރިޔުނިއަންގެ އަސްކަރީ މަރުކަޒުތަކުގެ ބޭނުން އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަރުތަކަށް ހިފޭނެއެެވެ.
އިންޑިޔާގެ މިކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ޝަންހާއީ އިންސްޓިޓިއުޓް ފޮރ އިންޓަރނޭޝަނަލް ސްޓްޑީޒްގެ ތަޖުރިބާކާރު ލިއު ޒޮންޖީ ވިދާޅުވީ އިންޑިޔާއިން "ޗައިނާގެ ނުރައްކާ" ބަހަނާއަކަށްް ހަދައިގެން އިންޑިޔާގެ އަމިިއްލަ ޢަސްކަރީ ބާރު ގަދަކުރަނީ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.