މުސްލިމުންނާ ދެކޮޅަށް ދެވޭ ހަމަލާތައް އިތުރުވެ ސްރީލަންކާގެ ހަމަޖެހުން ނުރައްކަލުގެ ތެރޭގައި

ސިންގަޅަ ބުޑިސްޓުންގެ އެތައް ސަތޭކަ ބަޔަކު އަޑުގެ ކޮޅަށް ހަޅޭއް ލަވަމުން ޕެޓްރޯލް ބޮމާއި، ދަނޑިބުރިއާއި ގާ ހިފައިގެން އަވަށު ތެރެއަށް އަރައިގެން އައިސް މުސްލިމުންގެ ގެތަކުގައި ރޯކޮށް ހަލާކުކުރަމުން ދިޔައިރު، އެތަނުގެ އަމަން ބަލަހައްޓަން ތިބި ވިއްސަކަށް ފުލުހުން ތިބީ ގޮތް ހުސްވެފައި ބަލަހައްޓައިގެންނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އަރައިގެން އައި މީހުންގެ އަދަދު 200 އަށްވުރެ މަދު ނުވާނެއެވެ.
މިއީ އިއްޔެ ސްރީލަންކާގެ ސެންޓްރަލް ޕްރޮވިންސްގެ އަނބަތެއްނާ އަވަށަށް ދިން ހަމަލާއެވެ. މިހަމަލާ މިދިނީ ހިނގާފައި އޮތް ކާފިއުއަށް އަދި ކުއްލި ނުރައްކަލުގެ ހާލަތަށް ބެލުމެއް ނެތިއެވެ.
މާދުރުނޫން ހިސާބެއްގައި އޮންނަ ވެލެކަޑަ އަވަށުގައި ދެވުނު މިފަދަ އެހެން ހަމަލާއެއްގައި ސިންގަޅައިން ނުކުމެ މުސްލިމުންގެ 15 ގެއަކާއި މިސްކިތެއްގައި ރޯކޮށްލާފައި، ވެއެވެ. އަދި ދެ އިމާރަތާއި ބައެއް އުޅަނދުތަކަށްވެސް ގެއްލުންދީފައި ވެއެވެ.
ސްރީލަންކާގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ފެށިފައި ވަނީ ފާއިތުވި އާދިއްތަ ދުވަހު ކެންޑީ ކައިރީގައި އޮންނަ ޓެލްޑެނިޔާ އަވަށުގައި ހިނގި ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި މުސްލިމުންގެ ބަޔަކު ނުކުމެ ބުޑިސްޓަކު މަރާލުމާ ގުޅިގެންނެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން ރަށުން ބޭރުން އެރި ބުޑިސްޓުންގެ ބަޔަކު މުސްލިމުންގެ ގެތަކާ ފިހާރަތާކާ މިސްކިތްތަކުގައި ރޯކުރަން ފެށީއެވެ.
ހަމަނުޖެހުން އިތުރުވާން ފެށުމުން ރައީސު މައިތިރިޕާލާ ސިރިސޭނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އިތުރު ސިފައިންނާއި ފުލުހުން ނެރުނު ނަމަވެސް ސެންޓްރަލް ޕްރޮވިންސް ގައި އަދިވެސް ހަމަނުޖެހުން ކޮންޓްރޯލް ނުވެއެވެ.
ވެލެކަޑައިގައި އަންދާލެވުނު މުސްލިމުންގެ ގެއެއްގެ މީހަކު ބުނީ އެރަށުގައި އެކަން ހިންގީ ރަށުން ބޭރުން އެރި ބައެއް ކަމުގައެވެ. އެހެން ނަމަވެސް، އެއަވަށުގެ މީހުންގެ އެހީތެރިކަމެއް ނެތި އެމީހުންނަށް މުސްލިމުންގެ ތަންތަން ވަކިކުރަން ނޭނގޭނެ ކަމުގައެވެ. އޭނާ އިތުރަށް ބުނީ އެރަށުގައި ދެބައިމީހުން ކުރިން އުޅެމުން އައީ ވަރަށް އެކުވެރިކަމާ އެކުގައި ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަނީ މަދުބައެއް ކަމުގައެވެ.
"ސްރީލަންކާ އޮތީ ނުރައްކަލުގެ ތުންފަން މަތީގައި" ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ހަމަނުޖެހުންތައް ދިރާސާކުރާ ޖަމާޢަތް، އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގެ ތަޖުރިބާކާރު އެލަން ކީނަން ބުންޏެވެ.
"މި ހަމަލާތައް ދެވެނީ ވަރަށް ރާވައިގެން. މިކަން ރާވާފަ މިވަނީ މުސްލިމް ނެރެން ވެގެން، އެމީހުން ނުކުމެ ރައްދު ހަމަލާދިނުމުން، މުސްލިމުންނަށް ހަމަލާ ދެނީ ރަނގަޅަށްކަން ދައްކަން ވެގެން." އޭނާ އިތުރަށް ބުންޏެވެ.
ހަމަނުޖެހުން ނުހުއްޓި ކުރިއަށް ދާނަމަ، ސިރިސޭނާގެ ސަރުކާރުގެ ދެމިއޮތުމަށް ނުރައްކާ ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.
ޚަބަރު: އަލްޖަޒީރާ.ކޮމް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.