ގައުމިއްޔަތުގެ މާނައާމެދު ގައުމީ ނަޒަރަކުން ވިސްނާލަންޖެހޭ- ނައިބު ރައީސް

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ނަމުގައި ވަކި ދުވަހެއް ފާހަގަކުރާއިރު، ޤައުމިއްޔަތުގެ ޙަޤީޤީ މާނައާއި މަސްދަރުތަކާމެދު ޤައުމީ ނަޒަރަކުން ވިސްނާލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތުގެ ފެށުމާއި ނިމުން ގުޅިފައި ވަނީ އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ ޤައުމު، ޤައުމެއްގެ ގޮތުގައި އުފެދިގެންމިހާތަނަށް ގެނެސްދިން އަސާސްތަކާއި ކަމަށެވެ. އެ އަސާސްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ އަމިއްލަ ދިވެހިބަހާއި، ދިވެހިންގެ އަމިއްލަ ތާރީޚާއި ޘަޤާފަތް އަދި ދިވެހި ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން ދެމިއޮތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދޭތެރޭގައިވެސް ވިސްނާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން ހަލަބޮލި ދިރިއުޅުމެއްގެ ތެރެއިން ދިވެހިންގެ އިޖުތިމާޢީ ފޭރާން ބަލިކަށިވުން މިއީ މިއަދު ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ގުޅިފައިވަނީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މިދިޔަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި ތަރިކަ މަޝްރޫޢާއެވެ. މި ދުވަސް ފާހަގަ ކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމުގައި ވާތީއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.