ޣޫޠާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު

ސޫރިޔާ ސަރުކާރުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ ޚިލާފުވެ، އިރުމަތީ ޣޫޠާއަށް ޙަމަލާދީ ޢާއްމު ރައްޔިތުންނަށް ހަމަލާ ދެމުންދާ މައްސަލައާމެދު ބަހުސްކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.
ޑިޕްލޮމެޓިކް މަޞްދަރުތަކާ ޙަވާލާދީ އދ. ގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު ޚަބަރުދޭ ގޮތުގައި، ޖަލްސާ ބާއްވަނީ ފަރަންސޭސީ ވިލާތުންނާއި އިނގިރޭސިވިލާތުން ހުށަހެޅުމުންނެެވެ.
މިޖަލްސާގައި ސީރިޔާއަށް ކަޑައަޅާފައި ހުންނަވާ އދ. ގެ ޚާއްޞަ މަންދޫބު ސްޓަފަން ޑި މަސްތޫރާއި އދ. އޮފީސް ފޮރ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރސްގެ މަންދޫބެއެްގެ ރިިޕޯޓްތައް އިއްވާނެއެވެ. އަދި 24 ފެބުރުވަރީން ފެށިގެން 30 ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ފާސްކުރި 2401 ނަމްބަރު ޤަރާރަށް ޢަަމަލުކުރެވިފައިވާ މިންވަރު ބަލާނެއެެވެ.
ސޫރިޔާގެ މައްސަލަ ބަލަން ސަލާމަތީ މަޖިލީހުން ތައްޔާރުވަމުން ދާއިރު އިރުމަތީ ޣޫޠާގައި ކުރިއަށްދާ ލޭއޮހޮރުވުމަށް ހުއްޓުމެއް ނާދެއެވެ. އިއްޔެއަކީ ރަޝިޔާގެ އެހީގައި ސީރިޔާ ސަރުކާރުން ކުރިއަށް ގެންދާ ރަހުމްކުޑަ ޙަމަލާތައް ފެށިފަހުން އިރުމަތީ ޣޫޠާގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި އެ އަވަށުގައި އިއްޔެ އެކަނިވެސް އާއްމުންގެ 70 މީހުން މަރުވިއެވެ. އަނެއްކޮޅުން ސަރުކާރު ސިފައިން ވަނީ އދ. އިން ފޮނުވި އިންސާނީ އެހީ ބެހުންވެސް ހުއްޓުމަކަށް ގެނެސްފައެވެ. އަދި ސީރިޔާގެ ހެލްތު މިނިސްޓްރީގެ މަސްއޫލުވެރިން ވަނީ އެހީގެ ސާމާނުގެ ތެރޭގައި ހުރި ހުރިހާ ސިއްހީ ފުރަތަމަ އެހީގެ ތަކެތި ނަގާފައެވެ.
ޚަބަރު: އަލްޖަޒީރާ.ނެޓް، އަލްޖަޒީރާ.ކޮމް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.