މިޔަންމާގައި ނަސްލު ނައްތާލުން ނުހުއްޓި ކުރިއަށް އެބަދޭ: އދ

ރޮހިންޔާ މުސްލިމުންތަކެއް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި

މިޔަންމާގެ ރަޚައިން ސްޓޭޓްގައި "ބިރުދެއްކުމާ، މަޖުބޫރުން ބަނޑަށް ޖެއްސުމުގެ ގޮތްތައް ބޭނުންކޮށްގެން ރޮހިންޔާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި އދ. އިން ބުނެފިއެވެ. އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ޚާއްޞަ މަންދޫބު މިއަދު ވިދާޅުވީ ސިފައިން ހިންގި އަނިޔާވެރި ޢަމަލުތަކަށް ފަހު އެތައްހާސް ބަޔަކު ހިޖުރަކުރިތާ ހަމަސްވީރު ވެސް އަދިވެސް އެމީހުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ނުހުއްޓޭކަމުގައެވެ.
އޮގަސްޓް މަހު މިޔަންމާ ސިފައިންގެ ހަރުކަށި ޢަމަލުތައް ފެށުނު ފަހުން 7 ލައްކައަށްވުރެ ގިނަ މީހުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝް އަށް އެތެރެވެފައެވެ. އެބައިމީހުންނާ ދެކޮޅަށް ހިންގުނު ގަތުލުކުރުމާ، ޢިއްފަތްތެރިކަން ފޭރިގަތުމާ، ގެތައް އަންދާލުމުގެ ނިމުމެއް ނެތް ވާހަކަތަކާ އެކުގައެވެ.
"މިޔަންމާއިން ރޮހިންޔާއާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތައް އަދިވެސް ދަނީ ކުރިއަށް. އަހަރުމެންނަށް ކޮކްސަސް ބާޒާރުން ފެނުނު ކަންތަކާ، އަޑުއިވުނު ވާހަކަތަކަށް ބުރަވެ، މިނޫން ނަތީޖާއަކަށް ވާޞިލުވެވޭކަށް ނެތް." ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕްތަކަށް ދާދިފަހުން އައި ރޮހިންޔާ މުސްލިމުންނާއި ބައްދަލުކުރެއްވުމަށްފަހު، އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ހިއުމަން ރައިޓްސް އެންޑްރޫ ގިލްމަރ ވިދާޅުވިއެވެ.
"މިހާރު ހާލަތަށް ބަލާއިރު، ރައްކާތެރި، އިންސާނީ ކަރާމާތް ކަށަވަރުކުރެވޭ، ދެމެހެއްޓެނިވި ދިރިއުޅުމެއް ފަށަން އެބައިމީހުން ޤައުމަށް އެނބުރި ދިއުމަކީ މުސްތަޙީލު ކަމެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.
މިހާރު މިހިންގާ ހަރުކަށި ޢަމަލުތަކުގެ ޠަބީޢަތަށް ބަލާއިރު، މިކަން ފެށިގެން އައިއިރު އަވަސް އަރުވާލައިގެން ގިނަ ބައެއްގެ ލޭ އޮހޮރުވައި، އެއްފަހަރާ ގިނަ އަންހެނުންތަކެއްގެ ޢިއްފަތްތެރިކަން ފޭރިގަންނަ ދަރަޖައިގައި އޮވެފައި މިހާރު ހިނގަނީ އެއަށްވުރެ ތަންކޮޅެއް މަޑު ދުވެއްޔެއްގައި ކުރިއަށްދާ ބިރުދެއްކުމާއި، މަޖުބޫރުން ބަނޑަށް ޖެއްސުމުގެ ޢަމަލުތަކެއް ކަމުގައި އޭނާ ހާމަކުރެއްވިއެވެ.
ރޮހިންޔާ މުސްލިމުންނަކީ ދުނިޔޭގައި އެންމެ އަނިޔާ ލިބެމުންދާ އެއް ނަސްލެވެ. މިހާރު މިފެށިގެން އުޅޭ ހިޖުރައިގެ އޮއިވަރުގެ ކުރިންވެސް އެތައް ހާސް ރޮހިންޔާ މުސްލިމުން ވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ.
ޚަބަރު: އަލްޖަޒީރާ، ދަ ސްޓްރެއިޓްސް ޓައިމްސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.