ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފު ހައްޔަރުކޮށްފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ފުލުހުން މިއަދު ހައްޔަރު ކޮށްފިއެވެ.

އަރީފް ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓް ކަމަށްވާ މ. ސްނޯރޯޒް ގެ ބަލައި ފާސްކޮށްފައެވެ. އަރީފް ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަރީފު މިއަދު ހައްޔަރު ކޮށްފައިވާއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އޭނާ ވަކިކުރައްވާފައި ވަނީ ހުސްވި މަހުގެ ދެވަނަ ދުވަހުއެވެ.

އަރީފު މަގާމުން ވަކިކުރެއްވި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށްވެސް އަރީފަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީއެވެ. މިއަދު އަރީފް ހައްޔަރު ކުރުމާއި ހަމައަށް ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް އަރީފުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓުތަކެއްވެސް އުޅުނެވެ.

ކުރީގެ ސީޕީ އަރީފު މިއަދު ފުލުހުން ހައްޔަރު ކުރިއިރު ކުރީގެ ސީޕީ އަބްދުﷲ ރިޔާޒްވެސް މިވަގުތު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.