ޗައިނާއިން 1 ޓްރިލިއަން ޔުއާންގެ ޢަސްކަރީ ބަޖެޓެއް އިޢުލާން ކޮށްފި

ޗައިނާއިން 2018 ވަނަ އަހަރަށް ލަފާކުރާ ޢަސްކަރީ ބަޖެޓް މިއަދު އިޢުލާންކޮށްފިއެވެ. ފާއިތުވި 2017 ވަނަ އަހަރުގެ ޢަސްކަރީ ބަޖެޓަށް ވުރެ %8.1 އިތުރު މި ބަޖެޓަކީ 1.11 ޓްރިލަން ޔުއާން (175 ބިލިއަން އެމެރިކާ ޑޮލަރ) ގެ ބަޖެޓެކެވެ. މިއީ އެމެރިކާއިން 2018 ވަނަ އަހަރަށް އިޢުލާންކުރި 700 ބިލިއަން ޑޮލަރުގެ ޢަސްކަރީ ބަޖެޓުގެ ހަތަރުބައިކުޅަ އެއްބައި ވަރުގެ ބަޖެޓެއް ކަމަށް ވިޔަސް މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޢަސްކަރީ ބަޖެޓެވެ.
ޗައިނާގެ ޢަސްކަރީ ބަޖެޓަކީ ޤައުމުތަކުން ވަރަށް ގާތުން ބަލާ އެއްޗެކެވެ. ޗައިނާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ޙާޞިލްކުރުމާ ޢަސްކަރިއްޔާއަށް ކުރާ ޚަރަދުތަކާއި ގުޅިފައި ވާތީއެވެ.
ޗައިނާގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ލަޝްކަރު ޒަމާނީކުރަން ބޮޑު ހޭދައެއް ކުރުމަކީ އެމެރިކާއާއި، ޗައިނާގެ އަވަށްޓެރި ޤައުމު ކަންބޮޑުވާ ކަމެކެވެ. ޗައިނާ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ ސިފައިންގެ ޢަދަދު މަދުކޮށް ހަތިޔާރު ޒަމާނީ ކުރުމަށް ކުރެވޭ ޚަރަދު އިތުރުކުރުމަށެވެ. މިގޮތުން 2013 އިން ފެށިގެން 2017 ގެ ނިޔަލަށް ޗައިނާ ވަނީ 300،000 ސިފައިން މަދުކޮށް، ސިފައިންގެ ޢަދަދު 2 މިލިއަނަށް ކުޑަކޮށްފައެވެ.
ޢަސްކަރީ ބަޖެޓުގެ އިތުރުވުމަކީ ޗައިނާގެ އިޤްތިޞާދު 2018 ވަނަ އަހަރު ކުރިއަރާނެ ކަމަށް އަންދާޒާކުރާ %6.5 އަށް ވުރެ ތަންކޮޅެއް ބޮޑު އިތުރުވުމެކެވެ.
ޗައިނާ ކޮމިއުނިސްޓް ޕާޓީގެ 2018 ވަނަ އަހަރުގެ ކޮންގްރެސްގައި ބޮޑުވަޒީރު ލީ ކަޗިއަންގ ވަނީ 2050 އަންނަންވާއިރަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޢަސްކަރިއްޔާއަށް ޗައިނާގެ ޢަސްކަރިއްޔާ ހަދަން އަމާޒު ހިފާފައިވާކަން އިޢުލާން ކޮށްފައެވެ.
ޚަބަރު: ބީބީސީ، ސީއެންބީސީ، އެންޑީޓީވީ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.