ޝަރީފުގެ ނަން ކޮމިޓީއަށް ފޮނުވައިފި

އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އަޙްމަދު ޝަރީފްގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ޝަރީފުގެ ނަން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ކޮމިޓީއަށް ފޮނުވީ ކޮމިޓީން އެމައްސަލަ ދިރާސާ ކުރުމަށެވެ. ނަން ފޮނުވުމަށް ފަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ޖަލްސާ މިއަދަށް ނިންމާލައްވާފައެވެ. ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ޝަރީފު އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ހަމަޖައްސަވަނީ އެ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާން ދާދިފަހުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޝަރީފު ވަނީ މީގެކުރިންވެސް އިލެކްޝަން ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަންވެސް ޝަރީފު ކުރައްވާފައި ވެއެވެ. ޝަރީފު އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވިއިރު އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި ކޮމިޝަނުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.