އިޓަލީގެ އިންތިޚާބުގައި އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބުނު

އިޓަލީގައި އާދީއްތަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ އެގްޒިޓް ޕޯލް ނަތީޖާ ދައްކާ ގޮތުން އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބުނެެވެ. މިހާތަނަށް ލިބުނު ނަތީޖާތަށް ބަލާއިރު އެންމެ ގިނަ ގޮނޑި ކަމިޔާބުކުރާނީ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލުސްކޯނީގެ މެދު-ކަނާތުފިޔައިގެ އިއްތިޙާދުންނެވެ. އެ އިއްތިޙާދަށް 225 އާ 265 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެކަމަށް ލަފާކުރެވޭއިރު، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތަކީ 316 ގޮނޑިއެވެ.
މައި ސިޔާސީ ޕާޓީތަކާ ދެކޮޅަށް ނުކުތް ފައިވް ސްޓާރ މޫވްމަންޓުން ދެވަނަ ހޯދި އިރު، މިހާރު ވެރިކަން ކުރާ މެދު-ވާތުފިޔައިގެ އިއްތިޙާދަށް ލިބުނީ ތިންވަނައެެވެ. ފައިސްޓާރ މޫވްމަންޓް 195 އާ 235 އާ ދެމެދުގެ އަދަދަކަށް ގޮނޑި ހޯދާނެ ކަމަށް ލަފާކުރެވެެއެވެ. ޢާއްމު އިންތިޚާބުލައި ލީ ވޯޓުގެ %30 އާއެކު އެޕާޓީ އަކީ އެއްޕާޓީއަކަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީއެވެ. މިއީ އިޓަލީގެ މައި ސިޔާސީ ޕާޓީތަކާމެދު ރައްޔިތުން ނުރުހިފައި ތިބި މިންވަރު ދައްކައިދޭ ނަތީޖާއެކެވެ.
ވެރިކަން ކުރާ މެދު-ވާތު ފިޔައިގެ ޑިމޮކްރެޓިކް ޕާޓީއަށް ކަމީޔާބު ކުރެވޭނެ ކަމަށް ލަފާކުރެވެނީ 115 އާ 155 އާ ދެމެދުގެ އަދަދެއްގެ ގޮނޑިއެވެ.
މިއީ އެގްޒިޓް ޕޯލްގެ ނަތީޖަތައް ކަމުގައިވާއިރު، އިޓަލީގައި އެގްޒިޓް ޕޯލްގެ ނަތިޖާއާ ޚިލާފަށް ރަސްމީ ނަތީޖާ އައިސްފާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އިޓަލީއަށް ކުރިމަތިވެފައިވާ އިޤްްތިޞާދީ މައްސަލަތަކާއި، އިޓަލީއަށް ހިޖުރަކޮށްފައި ތިބި ބޭރު މީހުންެގެ މައްސަލައަކީ އިންތިޚާބުގައި ޕާޓީތަކުން ނެގި އެންމެ މުހިއްމު ދެ މައްސަލައެެވެ. ޔޫރޯ ޒޯންގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައި ވިޔަސް، އިޓަލީ ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އަނެއްކޮޅުން އެފްރިކާގެ ފަޤީރު ޤައުމުތަކުން އެ ޤައުމަށް ހިޖުރަކޮށްފައި ތިބި 6 ލައްކައެއްހާ މީހުންގެ މައްސަލައީވެސް ހައްލުކުރަން ދަތިވެފައިވާ މައްސަލައެކެެވެ. ބެރުލޮސްކޯނީ ސިފަކުރައްވާ ގޮތުގައި އެއީ "އިޖްތިމާއީ ޓައިމް ބޮމެކެވެ." (ޚަބަރު: ބީބީސީ، ރޮއިޓަރސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.