ޖުލައި ނުވައެއްގައި ބްރިޖުމަތިން ދަތުރު ކުރެވޭނެ:މުއިއްޒު

މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތް ޖުލައި 9 ވަނަ ދުވަހު ނިންމައި ބްރިޖު މަތިންދަތުރު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖުލައި 9 އަށް ބުރިޖުގެ މަސައްކަތް ނިންމައި ހުޅުލެއާ ގުޅައި ލެވޭނެ ކަމަށެވެ. "މާލެއިން ފެށިގެން ހުޅުލެއާ ހަމައަށް ބްރިޖު ކަނެކްޓްކޮށް ނިމޭނެ ޖުލައިމަހުގެ ނުވަނަ ދުވަހު،" މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު ކުރިއަށްދާނީ ތާރު އެޅުމުގެ މަސައްކަތާއި ލައިޓް ހަރުކުރުން ފަދަ ފިނިޝިންގެ މަސައްކަތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބްރިޖުގެ ހުރިހާ މަސައްކަތެއްވެސް ތާވާލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށްދަނީ މާލެއިން ފެށިގެން ހުޅުލެއާ ވީކޮޅަށް އައިބީމްތައް އެޅުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އެ ބީމްތަކުގެ އެންމެ ފަހުބައި ހެދުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "އެންމެ ފަހުބައިގެ އައިބީމް މިހަފްތާތެރޭގައި އަޅައި ނިމޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއާއެކު އަޅަންޖެހޭ ޑެކް ވެސް މެއި މަސް ނިމެންވާއިރަށް އަޅައި ނިމި ބުރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި ރިޔާސީ އިންތިޚާބުގެ ކުރިން ހުޅުވައި ބޭނުން ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.