ގައުމުތަކާ ގުޅުން ބަދަހިކުރަމުން މިދަނީ ތަރައްގީގައި ކުރިއަށް ދެވޭގޮތަށް: ޚާރިޖީ ވަޒީރު

ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އުފެދިފައި އޮންނަ ބައިލެޓްރަލް ގުޅުންތަކަކީ ވަކި ސަރުކާރަކަށް ޚާއްސަ ވެފައި އޮންނަ ގުޅުމެއްނޫން ކަމަށާއި މިސަރުކާރުން ގައުމުތަކާ ގުޅުން ބަދަހި ކުރުމުން ދަނީ ތަރައްގީގައި ކުރިއަށް ދެވޭ ގޮތަށް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ދިވެހި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް މިހެން ވިދާޅުވީ ޕީއެސްއެމް އިން ރޭ ގެނެސް ދިން "ޚާރިޖީ ސިޔާސަތު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ބައިލެޓްރަލް ގުޅުމަށް ބަލާއިރު ކޮންމެ ގައުމަކުން މަސައްކަތް ކުރަނީ އިތުރަށް އެގުޅުން ބަދަހި ކުރަން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމާޒުގައި އިގްތިސާދީ ތަރައްގީ އަކީ މުހިންމު ކަމަކަށްވާތީ އަޅުގަނޑުމެންގެ ގުޅުންތަކަށް ބަލާއިރު ފެނިވަޑައިގަންނަވާނެ މުހިންމު އެއްބަދަލަކީ ޑިވެލޮޕްމެންޓަލް ޕާޓްނާސް ނުވަތަ ތަރައްގީގެ ބައިވެރިން ތިބުން. އެއީ ރާއްޖޭގެ ކުރިއެރުމަށް ރާއްޖޭގެ ތަރައްގީއަށް މުހިންމު ކަމަކަށްވާތީ އެކަން ފާހަގަ ކުރެވޭނެ. އެއީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކަށްވިޔަސް އަދި އެއަށްވުރެ ދުރަށްވިޔަސް ހުޅަނގުގެ ގައުމުތަކަށް ވިޔަސް އަޅުގަނޑުމެންނަށް ތަރައްގީގެ މަޝްރޫއު ތަކުގައި ބައިވެރިއެއްގެ ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށްދެވޭ ގޮތަކަށް މިގުޅުންތައް މިހާރު ބަދަހިވަނީ،" ޚާރިޖީ ސިޔާސަތު ތަކާބެހޭ ގޮތުން ވަޒީރު ވިދާޅުވިއެވެ.

ޑރ. އާސިމް ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް ތަރައްގީގެ އެހެން މަރުހަލާއަށް ދާއިރު ވާގޮތަކީ ހިލޭއެހީގެ ގޮތުގައި ކުރިން ލިބުނު އެހީތައް ލިބޭގޮތް ނުވުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ޚާއްސަކޮށް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު މިސާލަކަށް އިންފްރާސްޓްރަކްޗަރ ބޮޑެތި ޕްރޮޖެކްޓްތަކަށް ބަލާއިރު އަޅުގަނޑު މެންނަށް އެކަށީގެންވާރުގެ ކޮންސިޝަނަށް ލޯން ލިބޭ. އެކަހަލަ ލޯން ލިބިގެން އަޅުގަނޑުމެންނަށް ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް މިގެންދެވެނީ،" ވަޒީރު ވިދާޅުވިއެވެ.

އެހެންވީމާ ރާއްޖެއިން ބަރޯސާ ވެވެނީ އެފަދަ މަޝްރޫއުތަކުގައި ރާއްޖެއާ ބައިވެރިވާ ގައުމުތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. "އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް މާބޮޑެތި ބަދަލުތަކެއް އައިސްގެން ވީކަމެއްނޫން. އެއީ އަޅުގަނޑުމެން ވަކި ގައުމުތަކާ ގުޅުންކަނޑާލައިގެން ނުވަތަ ގުޅުން ކުޑަކޮށްގެންވާ ކަންތައްތަކެއް ނޫން،" ޑރ. އާސިމް ވިދާޅވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ތަރައްގީ ކަމަށެވެ. އެހެންވީމާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދައިގެން ތަރައްގީގެ ބައިވެރިން ހޯދައިގެން ކުރިއަށް ދެވޭނެ ގޮތްތަކަށް މަސައްކަތް ކުރުމަކީ ސަރުކާރުން ކުރައްވާ ކަމެއްކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. "އެއީ ހުޅަނގެ ގައުމުތަކަށް ވިޔަސް މެދުރުއިރުމަތީ ގައުމުތަކަށް ވިޔަސް އަދި މިސަރަހައްދުގެ ގައުމުތަކަށް ވިޔަސް އަޅުގަނޑުމެންނާއެކު ތަރައްގީގެ މަގުގައި ހިނގާނެ ޕާޓުނަރުން ބޭނުންވޭ މިހާރު،" ވަޒީރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.