އީޔޫގެ ދެތިން ގައުމަކުން ބަސްބުންޏަސް ރާއްޖެއާއެކު އޮންނަގުޅުން ބަދަހި: އެމްބެސެޑަރ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި 28 މެންބަރު ގައުމު ހިމެނޭއިރު އޭގެތެރެއިން ރާއްޖޭގެ މައްޗަށް ބަސްބުނެ ފާޑުކިޔަނީ އެންމެ ދެތިން ގައުމުން ކަމަށް އީޔޫއަށާއި، ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުހައްމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "ޚާރިޖީ ސިޔާސަތު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ އީޔޫއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ އަސްލެއް ނޫންކަމަށެވެ. ފާއިތުވި ފަސް ވަރަކަށް އަހަރުތެރޭގައި އެގުޅުންވަނީ ކުރިއަށްވުރެވެސް ވަރުގަދަ ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އީޔޫ އަކީ 28 ގައުމެއްގެ މައްޗަށް އެކުލެވިގެންވާ އިއްތިހާދަކަށް ވިޔަސް ގިނަ ގައުމުތަކުން ރާއްޖޭގެ ކަންކަމާ ނުބެހޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. "އެނގިވަޑައިގަންނަވާނެ ރާއްޖެއާ ގުޅޭގޮތުން ފާޑުފާޑުގެ ޚިޔާލު ފާޅުކުރާ އިރުވެސް ދެތިން ގައުމެއް ދެއްތޯ އީޔޫގެ ތެރެއިން އަޅުގަނޑުމެންގެ ކަންތައްތަކަށް ނުވަތަ ކަންކަމާމެދު ގޮތްވެސް މިކިޔަނީ. ދެންހުރި ހުރިހާ ގައުމަކުން އެއްޗެއް ނުބުނޭ. އަދި އެއްޗެއް ބުނަން ބޭނުމެއްވެސްނުވޭ. އެއިންވެސް ވަރަށްބޮޑު އެއްޗެއް ދެއްތޯ އެ ރަމްޒުކޮށްދެނީ،" ޝިޔާން ވިދާޅުވިއެވެ.

އެއިން އެނގިގެންދަނީ އިއްތިހާދުގެ މެންބަރު ގައުމުތަކުގެ ތެރެއިން ގިނަގައުމުތަކުން ރާއްޖޭގެ ކަންކަމާ ބެހި އެއްޗެއް ބުނަން ބޭނުންނުވާ ކަން ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ. "އެއިން މިއެނގެނީވެސް އީޔޫއާ އޮންނަ ގުޅުން،" އޭނާ ވިދާޅުވިއެވެ.

"ޔޫރަޕްގެ އިއްތިހާދާއެކު މިއޮންނަ ގުޅުމަށް ބަލާލާއިރު އަސްލު ހަގީގަތުގައި ފާއިތުވި ހަތަރު ފަސް އަހަރު ތެރޭގައިވަނީ ކުރިއާ އަޅާބަލާއިރު ގުޅުން ވަރުގަދަވެފައ. އީޔޫ އާއެކު އަޅުގަނޑުމެން ނޯންނާނެ އެއްވެސް ކަހަލަ ފްރޭމްވޯކް އެގްރިމެންޓެއް ނޫނީ ކޯޕަރޭޝަން އެއްވެސް ކަހަލަ މުއާހަދާއެއް ހެދިފައެއް. އަޅުގަނޑުމެން އީޔޫއެކު ވާހަކަ ދައްކާ ކަންތައްތައް މިކުރަނީ ދެފަރާތުންވެސް އެއްބަސްވެވޭ އަދި ދެފަރާތުންވެސް މަސައްކަތް ކުރަން ބޭނުންވާ ދާއިރާ ތަކުގައި،" ޝިޔާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީޔޫގެ އެހީގައި އައްޑޫއާއި ފުވައްމުލަކުގައި މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އޭގެ އިތުރަށް ރާއްޖޭގެ ޝާރުއީ ނިޒާމް ހަރުދަނާކޮށް ރަނގަޅު ކުރުމާއި އެދާއިރާއިން މީހުން ތަމްރީން ކުރުންފަދަ ކަންކަމަށްވެސް އީޔޫއިން އެހީވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް ތިމާވެށީގެ ދާއިރާއި، ޓެކްސްގެ ދާއިރާއިންވެސް ވަރަށް ގާތްކޮށް އީޔޫއާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށް އެމްބެސެޑަރ ވިދާޅުވިއެވެ. އޭގެ އިތުރަށް ކޮންމެ އަހަރަކުވެސް އީޔޫއާކު "ޕޮލިސީ ޑައިލޮގް" ބާއްވާ ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ. އެއީ އީޔޫއާ އެންމެ ގާތްގުޅުން އޮންނަ ގައުމުތަކާއެކު ބާއްވާ ޑައިލޮގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.