އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ޚާރިޖީ ސިޔާސަތުގެ އެއްބައި: ފޮރިން ސެކްރެޓަރީ

ރާއްޖެއާއި ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ކުޑަނުވާ ކަމަށާއި ތަފާތަކީ މިހާރުގެ ހާލަތު ކަމަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން މިރޭ ގެނެސްދިން "ޚާރިޖީ ސިޔާސަތު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތަކީ ކުރިއާ ޚިލާފަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށެވެ.

ޚާރިޖީ ސިޔާސަތު ބައްޓަން ކުރަން ޖެހިފައިވަނީ އިގްތިސާދީ ގޮތުން ފުދުންތެރި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ހެންދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ރައީސް ޔާމީންގެ ވަރަށް ބޮޑު އަމާޒަކަށް ވެފައިއޮތީ ޚާރިޖީ ސިޔާސަތުގެ ތެރެއިން އިގްތިސާދީ ފުދުންތެރިކަން ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއަށް ވެއްދުން،" ސަރީރު ވިދާޅުވިއެވެ.

ސަރީރު ވިދާޅުވީ އެކަން ހާސިލް ކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު މިހާރުވާނީ ބޭރުގެ ގައުމުތަކަށް ހުޅުވާލައިފައި ކަމަށެވެ. ޚާރިޖީ ސިޔާސަތުގެ ތެރެއިން "އެންމެ ބޮޑު ތަފާތެއްގެ ގޮތަށް އަޅުގަނޑު ފާހަގަކުރާނީ އެކަން. މާކެޓް ފޯސްގެ ތެރެއިން ރާއްޖެ މިއޮތީ މިހާރު މުޅިދުނިޔެއަށް ހުޅުވާލެވިފައި. ތަރައްގީގެ ހުރިހާ ކަމެއްގައި ބައިވެރިވުން ހުރިހާ ގައުމަކަށްވެސް ހުޅުވާލަން. ކޮންމެ ކަމެއްގައިވެސް ގޮވާލަމުން މިދަނީ ބޭރު ގައުމުތަކުން ބައިވެރިވާށޭ ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއު ތަކެއްގައިވެސް ނުވަތަ އަޅުގަނޑުމެން ހިންގާ ހުރިހާ ޕްރޮޖެކްޓް ތަކެއްގައިވެސް،" ސަރީރު ވިދާޅުވިއެވެ.

ފާއިތިވެދިޔަ 4 ވަރަކަށް އަހަރަށް ބަލާއިރު "އެބައިވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއިން ދައްކުވައިދެނީ ބޭރު ގައުމުތަކުން ރާއްޖޭގެ ތަރައްގީ މަސައްކަތުގައި ބައިވެރިވެފައިވާ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.