އައިޓީބީ ފެއާގެ ދުވަސްވަރު ގެއްލޭ ޕާސްޕޯޓު އިތުރު: ސަފީރު

ޖަރުމަނު ވިލާތުގައި އައިޓީބީ ފެއާ އޮންނަ ދުވަސްވަރު ޕާސްޕޯޓު ގެއްލޭ މިންވަރު އިތުރުވާ ކަމަށް ރާއްޖެއިން އީޔޫއަށާއި ބެލްޖިއަމަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން މިހެން ވިދާޅުވީ "ޚާރިޖީ ސިޔާސަތު" ގެ ނަމުގައި ޓީވީއެމްއިން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިއަހަރުގެ އައިޓީބީ ފެއާ ޖަރުމަނުގެ ބާލިންގައި މާރިޗު 7 ގައި ފަށާނެއެވެ. އެ ފެއާއަށް ރާއްޖއިން 400 މީހުންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. އެހާ ގިނަ މީހުން ރާއްޖެއިން އެ ފެއާއަށްދާއިރު ޕާސްޕޯޓާއި އެފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ސަމާލުވުމަށް ޝިޔާން އެދި ވަޑައިގެންނެވިއެވެ.

ޝިޔާން ވިދާޅުވީ އައިޓީބީ ފެއާއަށް ރާއްޖެއިން އަންނަ މީހުން ރަޖިސްޓްރީ ކުރުމާއެކު ހުރިހާ ވަގުތެއްގައިވެސް ޕާސްޕޯޓަށް ސަމާލުވުމަށް އެފަރާތްތަކަށް އަންގަވަމުން ގެންދަވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކި ކަންކަމަށް ޔޫރަޕަށްދާ ދިވެހިންގެ އަދަދު މިހާރުދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ޔޫރަޕަށް ދަތުރުކުރި ދިވެހިންގެ ތެރެއިން 15 ވަރަކަށް މީހުންގެ ޕާސްޕޯޓު ގެއްލިގެން ހުށަހަޅައިފައިވާ ކަމަށް ޝިޔާން ވިދާޅުވިއެވެ. ޕާސްޕޯޓާއި އެފަދަ އެއްޗެހި އަތްދަބަހާއި ބެކްޕެކަށް އަޅައިފައި ދޫކޮށްނުލުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"ޕާސްޕޯޓާއި، ވޮލެޓާއި އަދިވެސް އެފަދަ އެއްޗެއްސަށް ސަމާލުވުމަށް އަޅުގަނޑު އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރަން،" ޝިޔާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.