ލަންކާއަށާއި އިންޑިއާއަށްކުރި ދަތުރު ކާމިޔާބު: އެޓާ

އައްޑޫ ސިޓީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަގުސަދުގައި ފެބުރުއަރީ 27 އިން 28 އަށް ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޗެންނާއީ އަށްކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށް އިކުއިޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ) އިން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެ ދެގައުމަށްކުރި ދަތުރުގައިވަނީ "ސަދަން މޯލްޑިވްސް ރޯޑު ޝޯ" ގެ ނަމުގައި ޝޯއެއް ބާއްވައިފައެވެ. މިއީ ސްރީލަންކަން އެއާލައިންސް ގެ އިސްނެންގެވުމުގެ މަތިން ކުރި ދަތުރެއް ކަމަށް އެޓާއިން ވިދާޅުވިއެވެ.

މިދަތުރާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެޓާގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އައްޑޫސިޓީއާ ބެހޭ މައުލޫމާތު ޕްރެޒެންޓޭޝަން މެދުވެރިކޮށް ބައިވެރިންނަށް ހުށަހަޅައި ދީފައިވާނެ ކަމަށެވެ. އެއަށްފަހު ބައިވެރިންގެ ސުވާލުތަކަށް ޖާވާބު ދިނުންވެސް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިދަތުރުގެ ސަބަބުން އިންޑީއާއި، ލަންކާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އައްޑޫސިޓީއާ ބެހޭ މައުލޫމާތު ވަރަށް ރަނގަޅަށް އެނގިގެންދިޔަ ކަމަށެވެ. އައްޑޫގައިވެސް ޑައިވް ސައިޓުތަކާއި، ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި، ރެސްޓީރެންޓްތަކާއި އަދިވެސް އެފަދަ ޚިދުމަތްތައް ފަތުރުވެރިންނަށް ލިބެން ހުންނާނެ ކަމުގެ މައުލޫމާތު ލިބުމުން އެމީހުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އަދި އައްޑުއާ މެދު އެމީހުން ޝައުގުވެރިކަންހުރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދަތުރުގައި އެޓާއާ އެކު، އައްޑޫގެ ބައެއް ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ރެސްޓޯރެންތުތަކާއި ހޮޓާތަކުން 18 މީހުން ބައިވެރިވިއެވެ. އޭގެ އިތުރަށް އައްޑޫ ސިޓީ ކައުންސިލުންވެސް ބައިވެރިވެފައި ވެއެވެ.

އެ ރޯޑްޝޯއަކީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތެރިން އުފައްދައި އެކި ދާއިރާތަކުން ބޭނުންވާ ތައުލީމާއި ތަމްރީން ހޯދައިދިނުމުގެ ގޮތުން އެޓާއިން ކުރާ މަސައްކަތުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.