ކަންކަން ހައްލު ކުރުމަށް ކައުންސިލާ ހިއްސާ ކޮށްދެއްވާ: އައްޑޫ މޭޔަރ

ރައްޔިތުންނަށް ދިމާވާ ދަތިކަމާއި މައްސަލަތައް ހައްލު ކުރެވޭނީ ރައްޔިތުންގެ ފަރާތުން އެ މައްސަަލައެއް ސިޓީކައުންސިލާ ހިއްސާ ކޮށްގެން ކަމަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ ހުޅުދޫ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި އެމީހުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަބަދުވެސް އުފަލާއެކު ކައުންސިލުން ބަލައިގަންނާނެ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކުގައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އެހެންވީމައި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރުމަކީ އެކަމެއް ހައްލު ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްޓަކައި ސިޓީ ކައުންސިލް އިދާރާއަށް ދާދިފަހުންވަނީ ކޮމްޕްލެއިންޓްސް މެނޭޖްމެންޓް ސްފްޓެވެއަރ ގަނެފައެވެ. އެ ބޭނުންކުރުމުގެ ތަމްރީނުތައް މިހަފްތާގައި ވަނީ މުވައްޒަފުންނަށްދީފައި ކަމަށް ކައުންސިލުންވަނީ ވިދާޅުވެފައެވެ. އޭގެ ކުރިންވެސް ސިޓީ ކައުންސިލުންވަނީ ޝަކުވާ ހުށަހެޅުމުގެ ދަފްތަރެއް އައްޑޫސިޓީ ގެ ކޮންމެ އަވަށަކަށް ތައާރަފް ކޮށްފައެވެ.

ރޭ ބޭއްވި ބައްދަލުވުމަކީ ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. ރޭގެ ބައްދަލުވުމުގައި ހުޅުދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ދިއްލޭނެ އިންތިޒާމް ހަމަޖެހިފައިނުވާ މައްސަލައެވެ. އެމީހުންވަނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބޭނުންނުހިފި ލަސްވަމުންދާ ކަމުގެ ޝަކުވާވެސް ކޮށްފައެވެ.

ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ މޭޔަރ އަބްދުﷲ ސާދިގާއި، ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި، ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީއާއި، މީދޫ އަދި މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ހުސައިން ހިޔާޟް އެވެ.

ފާއިތުވި އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، ޚަރަދުތަކާއި،ކައުންސިލުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް އެކަންކަމާއިގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރައްޔިތުންނާއެކު ކޮންމެ އަހަރަކުވެސް އައްޑޫސިޓީ ކައުންސިލުން މިފަދަ ބައްދަލުވުން ބާއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.