މަޅުމަތި: އަތަމަނަހުރާގެ މޮޔަމީހާ

އޭނާގެ ހެދުންގަނޑު އޮތީ އެކި ތަންތަނުން ވީދިފައެވެ. ގައިގައި ހުރީ ކިލަލެވެ. ކައިރި ވެލީމާ ދުވަނީ ނުބައި ވަހެވެ. ދަތްތަކުގައި ހުރީ ކަޅު ކުލައެވެ. ބޯ ހުރީ ހޭވިފައެވެ.

ސިޔާސީ އެއްވުންތަކަށް އޭނާ ދެއެވެ. އެމީހުން ދައްކާ ވާހަކައިގެ ތެރޭގައި ދޮގު ހަދާން ފެށުމާއެކު ހަޅޭއް ލަވައި، ގާ އުކައި، ވެލި ޖަހައި ހަދައެވެ. މި ގޮތަށް ގާ އުކަން ނުވަތަ ވެލި ޖަހަން ނުޖެހޭ އެއްވުމެއް ބަޔަކު ނުބާއްވައެވެ.

އެއްވުމަކީ ސަރުކާރު ފަޅީގެ އެއްވުމެއްތޯ، އިދިކޮޅު ފަރާތުގެ އެއްވުމެއްތޯ އޭނައެއް ނުބަލައެވެ. އޭނާގެ މި މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދެއެވެ.

އޭނާގެ އުނދަގޫ ބޮޑުވީމާ ބައެއް ފަހަރަށް ފުލުހުން އޭނާ ދުރަށް ލައެވެ. ބައެއް ފަހަރަށް ޕާޓީތަކުގެ ހަރަކާތްތެރިން އޭނާ ދުރަށް ލައެވެ.

އެކަމަކު އަނެއް ދުވަހުވެސް އޭނާ އާދެއެވެ. ހަމަ އެ ހަޅޭއް ލަވައެވެ.

އެއް ދުވަހަކު ވަރަށް ބޮޑު ސިޔާސީ އެއްވުމެއް ބާއްވައިފިއެވެ. ލީޑަރަކު ތެދުވެ ބައިގަޑިއެއްހައި އިރު ވާހަކަ ދައްކައިފިއެވެ.

އެއްކަލަ މޮޔަ މީހާގެ ޚަބަރެއް ނުވެއެވެ. ހަޅޭކުގެ އަޑެއް ނީވެއެވެ. ގަލެއް ނުއުކައެވެ. ވެއްޔެއް ނުޖަހައެވެ.

ވާހަކަ ދައްކައި ނިމިގެން ސިޔާސީ ލީޑަރު އޭނާގެ އަރިސް މީހުންކުރެ މީހަކާ ސުވާލު ކޮށްލިއެވެ. "އެއްކަލަ ހަޅޭއް ލަވާ މޮޔަ މީހާ ކޮބައި ހެއްޔެވެ؟" އެމީހާއަކަށް އެނގުނު ކަމަކަށް ނުވިއެވެ.

ސިޔާސީ މީހާ އެއްވެފައި ތިބި މީހުނާ ހަމަ އެ ސުވާލު ކޮށްފިއެވެ. މީހަކު ތެދުވެ ވަރަށް ބާރަށް ބުނެލިއެވެ.

"ދޮގު ވާހަކަތަކާއި، އޮޅުވައިލުމާ ދެކޮޅު ހަދާ މޮޔަ މީހާ ރޭ ދަންވަރު މަރުވެއްޖެއެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.