ހަތަރު މީހުންނާއެކު ގިޓާނާ1 އަޑިއަށް ހިނގައްޖެ

ހަތަރު މީހުންނާއެލު ދަތުރުކުރަމުންދިޔަ "ގިޓާނާ 1" ނަމަކަށް ކިޔާ ދޯޏެއް 4 މީހުންނާއެކު އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީފްއެފް ގެ ވެބްސައިޓުގައި ބުނެފައިވަނީ އެއީ މާލެއިން ފުރައިގެން ޅ.ކުރެންދޫއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. އެދޯނި އަޑިއަށް ދިޔައީ ކ.ކާށިދޫ އިރުދެކުނުން 4 މޭލު ބޭރަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެދޯނި އަޑިއަށްދިޔަ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު އިރުއޮއްސި 17:55 އެހައިކަންހާއިރު އެވެ. އެ ޚަބަރު ލިބުމުން އެމްއެންޑީއެފުންވަނީ އެސަރަހައްދަށް ކާށިދޫގެ ސީ އެމްބިއުލާންސް ފޮނުވާލައިފައެވެ. "ސީ އެމްބިއުލާންސް އެސަރަހައްދަށް ގޮސް ބެލި ބެލުމުން އަޑިއަށްދިޔަ ދޯނީގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ."

އެދޯނިން ދަތުރުކުރި 4 މީހުންގެ ތެރެއިން ތިން މީހުންނަކީ ބިދޭސީންނެވެ. އެ ދޯނި އަޑިއަށް ދިޔައީ ދިޔަވެ ޕަންޕު ޖެހުމުން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ.

ދޯނި އަޑިއަށްދާން ފެށުމުން ދޯނިން ދަތުރުކުރި މީހުން ވަނީ އެސަރަހައްދުން ކ.ގާފަރަށް ދަތުކުރަމުންދިޔަ "މަލަސް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކަށް އަރާފައެވެ. އަޑިއަށް ދިޔަ ދޯނިން ދަތުރުކުރި މީހުން މިހާރު ވަނީ ކާށިދޫ އަށް ގެންގޮސްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެދޯނި އަޑިއަށް ގޮސްފައިވާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން ސަމާލުވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.