މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ކުރިން ހިންގި "ކަޑަތައް" ނެގުމަށްފަހު މިހާރު ތައްގީ ކުރަމުންދާ ފުޑުކޯޓުތަކުގެ ބައެއް ކެފޭތައް އެޕްރީލްމަހު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޕްރީލްމަހު ހުޅުވޭނީ އަމީނީމަގާވީ ފަޅީގައި ހަދާފައިވާ ފުޑުކޯޓުތައް ކަމަށެވެ. އިއްޒުއްދީން މަގާވީ ފަޅީގައި ހަދާފައިވާ ފުޓުކޯޓުތައް ހުޅުވޭނީ އަންނަ މޭ މަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީ ކުރެވޭ ފުޑުކޯޓުތައް: އަމީނީ މަގާވީ ފަޅި އެޕްރީލްމަހު ހުޅުވޭނެ. އިންޝާ ﷲ. އިއްޒުއްދީން މަގާވީ ފަޅި މޭ މަހު (ރަމަޟާން މަހުގެ ކުރިން) ހުޅުވޭނެ. އިންޝާ ﷲ،" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ފުޑުކޯޓުތައް ކުއްޔަށް ދިނުމަށްޓަކައި ދެފަހަރެއްގެ މަތިންވަނީ ހުޅުވާލައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެވަނަ ފަހަރު ހުޅުވާލުމުން 29 ފަރާތަކުންވަނީ އެކަމަށް އެދި ކުރިމަތިލައިފައެވެ. އެ ސަރަހައްދުގައި ތަރައްގީ ކުރަނީ ތިން ސައިޒެއްގެ ކެފޭތަކެކެވެ.
އެސްޓޯއޯ އިން 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދަމުންދާ ފުޑުކޯޓުގެ މަސައްކަތްތައް ލަސްވީ ތަފާތު އެކި ކަންކަން ދިމާވެގެން ކަމަށް އެސްޓޯއީއިންވަނީ ބުނެފައެވެ.