ފޭދޫގެ އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މާލެ ފޮނުވާލަނީ

އައްޑޫސިޓީ ފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ބަނގްލްދޭޝް މީހާ މާލެ ފޮނުވަން ޑޮކްޓަރުން ލަފާ ދެއްވައިފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެމީހާ މާލެ ފޮނުވަން ނިންމީ ބޮލަށް ގެއްލުންވެފައިވާތީއެވެ. "ބޮލަށް ގެއްލުންވުމުން ސިކުނޑިއަށް ކަމެއްވެފައި ހުރެދާނެ ކަމަށްވެސް ޑޮކްޓަރު އެބަ ވިދާޅުވޭ. އެހެންވެ އެކަން ޔަގީން ކުރެވޭނީ ސިޓީ ސްކޭނެއް ހަދައިގެން. ސިޓީ ސްކޭނެއް މިހެދެނީ މާލޭ ފޮނުވައިގެން،" ނަޖީބު ވިދާޅވިއެވެ.

ނަޖީބު ވިދާޅުވީ އޭނާ މާލެ ފޮނުވުމުގެ ކަންކަން ކުރަމުން ގެންދަނީ އޭނާ މަސައްކަތްކުރާ ކުންފުނިން ކަމަށެވެ. މާދަމާ ހެނދުނުގެ ވަގުތެއްގައި އެމީހާ ފުރުވައިލެވޭނެ ކަމަށް ލަފާކުރާ ކަމަށް ނަޖީބު ވިދާޅުވިއެވެ.

ދެ ސައިކަލް ޖެހިގެން މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ ދިވެހިންނަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާވަނީ ލިބިފައެވެ. އެދެމީހުންނަށްވެސް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކުށްލައިފައެވެ. އޭގެ ތެރެއިން އެކެއްގެ ބޯވަނީ ފަޅައިގެން ގޮސްފައެވެ. "އޭނާ ދޫކޮށްލީ ފަޅައިގެންދިޔަތަން ފަހައި ބޭސްއެޅުމަށްފަހު،" ނަޖީބު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.