މީޑިއާގެ މިނިވަންކަން ރާއްޖޭގައިއޮތް ވަރަށް އެއްވެސް ގައުމަކުނެތް: އަދުރޭ

މީޑިއާގެ މިނިވަންކަން ރާއްޖޭގައިއޮތް މިންވަރަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޯންނާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގައި ނޫސްވެރިންގެ މިނިވަންކަން ނެތް ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއްނެތް ވާހަކައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ބައެއް ޓީވީޗެނަލްތަކުން ހިތުހުރި އެއްޗެއް ކިޔަމުންދާއިރުވެސް އެފަދަ ޗެނަލްއަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާކަމަށެވެ.

"މީޑިއާގެ މިނިވަންކަން އޮތް މިންވަރަކީ ރައީސުލް ޖުމްހޫރިއްޔާއާ ދިމާއަށް ހިތުހުރި އެއްޗެއް ސައުވީސް ގަޑިއިރު ބައެއް ޓީވީޗެނަލްތަކުން އެބަކިޔާ. އެއާ ގުޅިގެންނެއް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، ނޫނީ ޗެނަލެއް ބަންދެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

ޓީވީޗެނަލްތަކުގެ އިތުރަށް ނޫސްތަކުގައިވެސް ހިތުހުރި ގޮތަކަށް ލިޔަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ. "ނޫސްތަކުގައި ލިޔަމުން އެބަގެންދޭ ދައުލަތުގެ ވަޒީރު ބޭފުޅުންނަށް ހިތުހުރި އެއްޗެއް ގޮވަމުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އެބޭފުޅުން (ނޫސްވެރިން) ބޭނުން ނަމެއްކިޔައި ބޭނުން އިލްޒާމެއް އަޅުވަމުން ގެންދާއިރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މިސަރުކާރުން އެބޭފުޅުން ހިފައި ހައްޔަރުކޮށްގެން އުޅޭތަނެއް،" އަދުރޭ ވިދާޅުވިއެވެ. އެހެންވީމާ މީޑީއާގެ މިނިވަންކަން ނެތޭކިޔާފައި ވާހަކަ ދެއްކުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގައިވެސް ނޯންނާނެ މީޑިއާގެ މިނިވަންކަން ނޫސްވެރިކަމުގެ މިނިވަންކަން މިއަށްވުރެ ބޮޑަށް ލިބިދޭ އެހެން ގައުމެއް،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.