ރާއްޖެއަށް ދިމާވެފައިވާ ހަލަބޮލި ކަމަށް މަޝްވަރާގެ މޭޒުން ހައްލެއް ނުލިބުނަސް އީޔޫއިން ރާއްޖެއަށްވެސް އަދި ވަކިވަކި ފަރުދުންނާމެދުވެސް ފިޔަވަޅު އަޅައިފައިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސަރުކާރުންވަނީ އިދިކޮޅު ފަރާތްތަކަށް އޯޕަން ދައުވަތެއް ދެއްވައިފައި ކަމަށެވެ. އެކަން އެހެން އޮއްވައި "މަޝްވަރާތައް ކުރިއަށް ނުގެންދެވުނީ ކީއްވެގެންކަން ދިވެހިސަރުކާރުންވެސް އީޔޫއަށް އޮޅުންފިލުއްވައި ދެއްވާނެ. އަނެއްކާ ފެންނަންއޮތް ހަގީގަތެއް ސަރުކާރުން މިއޮތީ އޯޕަން ދައުވަތެއް ދެއްވައިފައި،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅުން ކުރިމަތިކުރާ ޝަރުތުތަކާއެކު މަޝްވަރާތައް ބޭއްވުމަށް އީޔޫގެ ބަޔާނުގައި ނެތްކަމަށެވެ. މަޝްވަރާ ފަށާނީ ޖަލުގައި މިހާރުތިބި ސިޔާސީ ކުށްވެރިން ދޫކުރުމުން ކަމަށް އިދިކޮޅުންވަނީ ބުނެފައެވެ.
ޖަލުގައި މިހާރުތިބި މީހުންގެ ތެރޭގައި ރައީސް މައުމޫން، ރައީސް ނަޝދު، ކާނަލް ނާޒީމް، ޝައިޚް އިމްރާން. އަހުމަދު އަދީބު ފަދަ ބޭފުޅުން ހިމެނެއެވެ. އެމީހުން ދޫކުރުމަށް ހުށަހަޅާ ޝަރުތެއް ޕީޕީއެމްއަކުންވެސް އެޕާޓީގެ ސަރުކާރަކުންވެސް ގަބޫލު ނުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އީޔޫގެ ބަޔާނުގައި ހީއެއްނުވޭ ބުނާހެނެއް މިޝަރުތައް މެދުވެރިކޮށް މަޝްވަރާ ކުރާށޭ. އެހެންވީމާ ދިވެހިސަރުކާރުން އެކަން ކުރިއަށް ނުގެންދެވިއްޖެއްޔާ ނުވަތަ ދިވެހި ސަރުކާރުގެ ދައުވަތަށް އިދިކޮޅު ފަރާތްތަކުން އިޖާބަ ނުދީފިއްޔާ އެކަން ހިނގައިދިޔަގޮތް އޮޅުންފިލުވައިދިނުމުގެ ގާބިލްކަން ދިވެހިސަރުކާރުގައި ހުންނާނެ،" އަދުރޭ ވިދާޅުވިއެވެ.
އެހެންވީމާ އެސަބުތަކާހެދި "އަޅުގަނޑު ގަބޫލެއް ނުކުރަން ވަކިވަކި ފަރުދުންނާއި ވަކިވަކި މުވައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫއިން ނިންމައިފާނެ ކަމަށް،" އަދުރޭ ވިދާޅުވިއެވެ.