ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ސިޓީ ފުރަތަމަ ތަށި ކާމިޔާބު ކޮށްފި

އިނގިރޭސި ލީގް ކަޕް ފައިނަލުގައި ފަސޭހަ ކަމާއެކު 3-0 އިން އާސެނަލް ބަލިކޮށް މެންޗެސްޓަރ ސިޓީން ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ފުރަތަމަ ތަށި ކާމިޔާބު ކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި 85،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިފައިނަލް މެޗުގައި މެންޗެސްޓަރ ސިޓީން ނެގީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އާޖެންޓީނާގެ ނުރައްކާތެރި ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. ދެވަނަ ހާފް ފަށައިގެން އާސެނަލްއަށް މެޗުގެ ތެރެއަށް ރަގަޅަށް ނުވަދެވި އުޅެނިކޮށް މެން.ސިޓީން ލީޑް ފުޅާކުރީ ބެލްޖިއަމްގެ އިތުބާރު ޑިފެންޑަރު ކެޕްޓަން ވިސެންޓް ކޮމްޕެނީގެ ލަނޑުންނެވެ. މެން.ސިޓީގެ ތިންވަނަ ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޑޭވިޑް ސިލްވާއެވެ. މިލަނޑަށްފަހު އާސެނަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑުން ނިކުމެފައެވެ.

މިކާމިޔާބީއާއެކު އެންމެ ބޮޑު އުފަލެއް ލިބުނީ މެން.ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށެވެ. ބާސެލޯނާ އާއި ބެޔާން މިޔުނިކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިއޯލާ މިދިޔަ ސީޒަނުގައި މެން.ސިޓީއާ ހަވާލުވެ ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުން އިނގިރޭސިވިލާތުގައި އޭނާއަށް ކާމިޔާބު ހޯދިދާނެތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ތަށި ލިބުނަސް އޭނާ މާބޮޑަށް އުފާ ފާޅުކުރަން ބޭނުން ނުވާކަމަށެވެ. "މިތަށި ލިބިގެން މާބޮޑަށް އުފާފާޅު ކުރާކަށް ނެތިން. ކުޅުންތެރިން ކައިރީގައިވެސް އަހަރެން ބުނިން މިކާމިޔާބީ މާބޮޑަށް ފާހަގަ ނުކުރަން. އަހަރެން ބޭނުންވޭ ވީއެންމެ އަވަހަށް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރަން. އަދި ޗެމްޕިއަންސް ލީގުގައިވެސް ރަގަޅު ކާމިޔާބީއެއް ހޯދަން. މިކާމިޔާބީގެ ސަބަބުން ކުޅުންތެރިން އޯވަރކޮންފިޑެންސްވާކަށް ބޭނުމެއް ނޫން" ގާޑިއޯލާ ބުންޏެވެ.

އަނެއްކޮޅުން އާސެނަލްގެ ސަޕޯޓަރުން ވަނީ ކޯޗް އާސެން ވެންގާގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ގަދަކޮށްފައެވެ. ވެންގާ ބުނީ ފައިނަލުން ބަލިވުމުން ސަޕޯޓަރުންގެ ފަރާތުން ޕްރެޝަރު ކުރިމަތިވާނެކަން އެނގޭކަމަށާއި އެކަމަށް ތައްޔާރަށް ހުރިކަމަށެވެ. މިއީ އާސެނަލްގެ ތާރިހުގައި ފައިނަލަކުން އެޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.