އަންދަލުސްގެ ބާޒު - 19

(13 ޑިސެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭގެ ފަހުން އައްޒަޣަލާއި މޫސާއާއި އައްޒައިޣަރީއާ ތިން ބޭފުޅުން އަބޫ ދާވޫދާ ސުވާލުކުރައްވަމުން ގެންދެވީ ކަސްތިއްޔާގެ ލަޝްކަރުގެ ތައްޔާރީއާ ބެހޭ ގޮތުންނެވެ. އަބޫ ދާވޫދް އެ ބޭފުޅުންނަށް ތެދު މަޢުލޫމާތެއް ނާރުވައެވެ. ގެންދިޔައީ އެ ބޭފުޅުންގެ ހިތްޕުޅު ހަމަޖެހޭ ކަހަލަ ޖަވާބުތައް އަރުވަމުންނެވެ.

މެންދަން ވާން ކައިރިވީ ފަހުން، މި ބޭފުޅުން ތެދުވެވަޑައިގަންނަވާން އުޅުއްވަނިކޮށް ކިއްލާގެ ބޭރުން ހަޅޭއް ލަވާ އަޑު އިވޭން ފަށައިފިއެވެ. އެ ބޭފުޅުން ހާސްވެވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ. ޖަވާބަކަށް އެދިވަޑައިގަންނަވާ ކަހަލަ ގޮތަކަށް އައްޒަޣަލް ބައްލަވައިލެއްވީ ބަދްރު ބިން މުޣީރާއާ ދިމާއަށެވެ. ދެން ތިއްބެވި ބޭފުޅުންވެސް ބައްލަވާން ފެއްޓެވީ އޭނާޔާ ދިމާއަށެވެ.

ބަދްރު ބިން މުޣީރާގެ މޫނުފުޅުމަތީން ޙައިރާންކަމުގެ އަސަރެއްވެސް އަދި ކަންބޮޑުވެވަޑައިގަތުމުގެ އަސަރެއްވެސް ނުފެނެއެވެ. [ބިރުފުޅުނުގަންނާށެވެ.] މަޑުމައިތިރިކަމާއެކު އޭނާ ތެދުވެވަޑައިގެންފިއެވެ. [ވެގެން އުޅޭ ގޮތެއް އަޅުގަނޑު އެބަ ބަލަމެވެ.]

އެޔާއެކު ބަޝީރް ތެދުވެވަޑައިގަތީމާ ބަދްރު ވިދާޅުވިއެވެ. [މެހުމާނުންގެ އަރިހުގައި އިންނަވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ.]

ބަދްރު ބިން މުޣީރާއަށް ދޮރާ ހަމައަށް ވަޑައިގެންނެވުނުތަނާ ފާރަވެރިއަކު ދުވެފައި އައިސް އެތެރެއަށް ވަދެއްޖެއެވެ. އޭނައަށް ހުރީ މާނޭވާލެވިފައެވެ. [ކްރިސްޓިއަނުން ހަމަލަދީފިއެވެ.]

މި އަޑު އިވިވަޑައިގަތުމާއެކު އެތާގައި ތިއްބެވި ބޭފުޅުން ކަނޑިކޮޅު ދަންމަވައިގެންފައި ތެދުވެވަޑައިގެންފިއެވެ. އެވަގުތު ބަދްރު އަތްޕުޅުގެ އިޝާރާތުން އެކަން މަނާކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [މި ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކްރިސްޓިއަނުން މިރޭ އެ އެޅި ފިޔަވަޅަށްވުރެ މޮޔަ ފިޔަވަޅެއް އަޅައިފައެއް ނެތެވެ. ހިތްޕުޅު ހަމަޖައްސަވައިގެން ތިއްބަވާށެވެ. ރޭގަނޑުގެ ވަގުތު ކިތަންމެ ބޮޑު ލަޝްކަރެއް އަޔަސް މި ކިއްލާއަކާ ކައިރިއެއް ނުވެވޭނެއެވެ. ހީކުރެވިފައި ނެތް ހަމަލައަކަށް އަޅުގަނޑު މީގެ ކުރިން ދުވަހަކުވެސް މިހައި ބޮޑަށް ތައްޔާރެއް ނުވަމެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އެކަމަކު މި ކިއްލާގައި ވިހި ނުވަތަ ފަންސަވީސް ސިފައިންނަށްވުރެ ގިނައިންނެއް ނެތެއް ނޫންތޯއެވެ.]

[ކިއްލާގެ ރައްކާތެރިކަން ދަމަހައްޓަނީ ކިއްލާގެ ހަތަރު ފާރާ ވަރަށް ދުރުގައެވެ. ނަސީބު ރަނގަޅުކަމުން އަޅުގަނޑުގެ ސިފައިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މި ވަގުތުވެސް ސަމާލުވެގެން އެބަތިއްބެވެ. އަޅުގަނޑު އެބަ އަންނަމެވެ.]

މޫސާ ވިދާޅުވިއެވެ. [އަޅުގަނޑުވެސް ދާނަމެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އަޅުގަނޑުގެ ސިފައިންގެ މީހެއްގެ ތީރެއްގެ ޝިކާރައަކަށް މަނިކުފާނު ވެވަޑައިގެންފާނެތީ އަޅުގަނޑު ބިރުގަނެއެވެ. ބޭރުގައި ހަނގުރާމަކުރާ މީހުންނަށް އިރުޝާދުދޭން އަޅުގަނޑަށްވެސް ނުނުކެވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި ދަނީ ކިއްލާގެ ފާރަވެރިންނަށް ކޮންމެހެން ދޭންވާ އިރުޝާދެއް ދޭށެވެ.]

އައްޒަޣަލް ހިތްޕުޅު ހަމަޖެހުނު ކަހަލަ ރާގަކަށް ސުވާލުކުރެއްވިއެވެ. [މިކަހަލަ ހަމަލައެއް ދީފާނެ ކަމަށް މަނިކުފާނު ހުންނެވީ ލަފާކުރައްވައިގެންތޯއެވެ؟]

މި ސުވާލާ ގުޅިގެން އަބޫ ދާވޫދް ސިހިފައި ބަދްރާ ދިމާއަށް ބަލައިލިއެވެ.

ބަދްރު ވިދާޅުވިއެވެ. [ޤުދުރަތުން އަޅުގަނޑަށް ބާވަތެއްގެ އިޝާރަތެއް ވީއެވެ. އެއީ ވަހުމެއް ކަމުގައި ނުބެލުނު ކަމަށްޓަކައި ﷲ އަށް ޝުކުރު ހުއްޓެވެ.]

ބަދްރުގެ އަރިހުގައި ވަޑައިގަންނަވާން ބަޝީރް ބިން ޙަސަން ވަރަށް މަސައްކަތް ކުރެއްވިއެވެ. އޭނާގެ ބާރުއެޅުއްވުމުގެ ޖަވާބުގައި ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ ވަރަށް ގިނަ ތީރުވެރިން ހަނގުރާމައިގެ މައިދާނުގައި ބިރެއް ނެތި އެތިބީ ޒަޚަމްތަކަށް ފަރުވާދެއްވަން ބަޝީރް ހުންނަވާނޭ ކަމުގެ ޔަގީންކަން އޮތީމައެވެ. އެހެންވީމާ މިތާގައި ހުންނަވައިގެން އެމީހުންގެ ޒަޚަމްތަކުގައި އަޅުއްވާނޭ ބޭސް ތައްޔާރުކުރައްވާށެވެ.]

ބަދްރު ބޭރަށް ނުކުމެވަޑައިގެންފައި ގަޑިއެއްހައި އިރު ފަހުން އެނބުރި ވަޑައިގެންފިއެވެ.

[ފިކުރު ނުކުރައްވައި އަވަހާރަފުޅު ލައްޕަވާށެވެ. ކްރިސްޓިއަން ލަޝްކަރާ، މި ކިއްލާޔާ ދެ ކޯހުގެ ދުރުމިނުން އަޅުގަނޑުމެންގެ ފަހުލަވާނުން އިސްތިގުބާލުކުރީމާ މިހާރު މަސައްކަތް ކުރަމުން ދަނީ ފިލައިގެން ދާށެވެ. އޭގެ ތެރެއިން ދިހަވަރަކަށް މީހުންނަށް ފިލައިގެން ދެވުނަސް ވާނީ މުޢުޖިޒާތަކަށެވެ. މި އުފާވެރި ފަތަޙައިގެ ބައިވެރިއަކަށް ތިޔައިން އެއްވެސް ބޭފުޅަކު ވެވަޑައިގަތުމަކަށް އަޅުގަނޑު ހުރަހެއް ނާޅަމެވެ. އެކަމަކު ފަޖުރުލުމުގެ ކުރީން ބޭރަށް ނުކުމެވަޑައިގަތުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ބޭނުންފުޅިއްޔާ ފަތިހުގެ އަލީގައި ބޭރަށް ނުކުމެވަޑައިގެން ގައިދީން އެއްކުރުމުގައްޔާއި ފިލައިގެން ދާން އުޅޭ މީހުންނާ ހަމަލަދިނުމުގައި އަޅުގަނޑުގެ ތީރުވެރިންނާ އެހީތެރިވެވަޑައިގެން ދެއްވިދާނެއެވެ.]

މިހެން ވިދާޅުވެފައި ބަދްރު ދެން ބައްލަވައިލެއްވީ އަބޫދާވޫދާ ދިމާއަށެވެ. [މަނިކުފާނު ކޮޓަރިކޮޅަށް ވަޑައިގަންނަވާށެވެ. އަދި ކޮޓަރިކޮޅުގެ ކުޑަދޮރުތައް ލައްޕަވައި ބައްތިތައް ނިއްވައިލައްވާން އަންގަވާށެވެ. އަދި އެއްވެސް ބޭފުޅަކު ކުޑަދޮރު ކައިރީގައި ނުހުންނަވާށޭވެސް ވިދާޅުވާށެވެ. އަޅުގަނޑުގެ ސިފައިންގެ ފަރާތުން އެނގުނު ގޮތުގައި ކާފަރުންގެ ލަޝްކަރުގެ ބައެއް މީހުން ކިއްލާގެ ކައިރިން ވަނީ ފެނިފައެވެ. އެމީހުންގެ ފަރާތުން ކިއްލާއަކަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ. އެކަމަކު އަލި ފެނިފައި އެ ދިމާއަށް ތީރު ޖަހަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.]

[އެކަހަލަ މޮޔަ ކަމެއް އެ މީހުން ނުކުރާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.] މިހެން ބުނެފައި އަބޫ ދާވޫދް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ.

އައްޒަޣަލް ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. [މޮޅު ޢިލްމުވެރިއަކު ކުޅަދާނަ ސިފައިންގެ މީހަކަށް ވަނީ ވަރަށް މަދު ފަހަރަކުއެވެ.]

(3)

ތަންކޮޅަކަށް ގޮސްފައި އަބޫ ދާވޫދްގެ ހިނގުން މަޑުވެއްޖެއެވެ. އަދި ވިސްނާން ފަށައިފިއެވެ. ބަދްރު ބިން މުޣީރާގެ ވާހަކަފުޅުން އޭނާއަށް ކަށަވަރުވީ ގޮތުގައި މިރޭ ހަމަލަދިން ކްރިސްޓިއަނުންގެ ދުވަސް ދާނެކަމީ ޔަގީންކަމެކެވެ. އެހެންވީމާ ކޮޓަރީގެ ބައްތި ނިއްވާލުމަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ދެން އޭނާގެ ހިތަށް ވަނީ އެހެން ބިރުވެރިކަމެކެވެ. ހިތަށް އެރިއެވެ. ހަމަލަދިން މީހުންގެ ތެރޭގައި އަނެއްކާ އަހަރެންގެ ނޯކަރު، ގާޑިޔާ ދުއްވާ މީހާ ނުހުންނާނެ ބާވައެވެ؟ އެއީ ވުން ދުރު ކަމަކަށް ވިޔަސް މުޅިއަކުން މުސްތަހީލު ކަމެއްވެސް ނޫނެވެ. އެ ބިރަށްވުރެ މާ ބޮޑު އެހެން ބިރެއް ބޯމަތިވެފައި އެބައޮތެވެ. އެއީ ކްރިސްޓިއަން ލަޝްކަރުގެ ކޮމާންޑަރަކު ހައްޔަރުވެއްޖެއްޔާ ބަދްރުގެ ކުރިފުޅުމަތީގައި އޭނާ ބޭޒާރުކޮށްލައިފާނޭ ކަމުގެ ބިރެވެ. އޭނާ އަމިއްލަ ހިތަށް ތަސައްލީދެމުން ގެންދިޔައީ މި ޚިޔާލާއެކުގައެވެ. ގަވަރުނަރު ހީކުރާނީ އަހަންނަކީ ފެރްނާންދޯގެ ޚާއްސަ މީހަކު ކަމުގައެވެ. އެހެންވީމާ ކޮމާންޑަރުންނަކަށް އަހަރެންގެ ހަގީގަތެއް ނާންގާނެއެވެ.

އޭނާ ކޮންމެ ފިޔަވަޅަކާއެކު ޝައްކެއް އުފަންކުރަމުން، އެ ޝައްކުގެ ހައްލުވެސް އަމިއްލައަށް ވިސްނަމުން ގޮސް ކޮޓަރިއާ އަރައި ހަމަވުމާއެކު އެހެން ބިރެއް ބޮލަށް ވަދެއްޖެއެވެ. އެ ބިރާއެކު އޭނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ހިތަށް އެރިއެވެ. [މަޝްހޫރުކަމާއި ގަދަރުވެރިކަމުގެ ދަހިވެތިކަމުގައި ސީދާ ގަވަރުނަރުވެސް ލަޝްކަރާއެކު ނާދޭ ބާވައެވެ؟ އޭނާ ހައްޔަރުވެ، ބަދްރު ބިން މުޣީރާއާއި އައްޒަޚަލްގެ ކުރިފުޅުމައްޗަށް ގެނެވިއްޖެއްޔާ ބުނާނެތާއެވެ. [ކަލޭމެންގެ ކުށްވެރިއަކީ އަހަންނެއް ނޫނެވެ. އަބޫ ދާވޫދެވެ. މި ކިއްލާއަށް ހަމަލަދޭން އަހަންނަށް ދައުވަތު ފޮނުވީ އޭނައެވެ.]

ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައި ހުރެގެން އޭނާ ވިސްނަމުން ގެންދިޔައީ މަޅިއެއްގައި ބެދޭގޮތް ވެއްޖެނަމަ ސަލާމަތް ވާނޭ ގޮތަކާމެދުގައެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރިތެރެއިން ބަޔަކު ބާރަށް ހެލިފެލިވާ އަޑު އިވިއްޖެއެވެ. އޭނާ އަވަސްއަވަހަށް ދޮރު ހުޅުވައިފައި އެތެރެއަށް ވަދެއްޖެއެވެ. އެޔާއެކު ޖެހިގެން ހުރި ކޮޓަރި ތެރެއިން ހަޅޭކެއްގެ އަޑުވެސް އިވިއްޖެއެވެ. އަދި މީހަކު ވެއްޓުނު އަޑުވެސް އިވުނެވެ. އޭރު އޭނާ އައިސް އެ ކޮޓަރިއަށް ވަންނަނީއެވެ. އެ ވަގުތު އޭނާގެ ލޭ ގަނޑުވީ ކަހަލައެވެ. އެންޖެލާއާއި މާރިޔާއާ ދެމީހުން ތިބީ ހޭ ނެތިގެން ތަޅުންމައްޗަށް ވެއްޓިފައެވެ.

އެންޖެލާގެ މެޔަށް ހެރިފައި އެހެރީ ތީރެކެވެ. ރަބީޢާ ޖެހި ބުދެއްހެން ހަރަކާތް ހުއްޓިފައި އެންޖެލާގެ ކައިރީގައި ހުއްޓެވެ. އަބޫ ދާވޫދް ކަންބޮޑުވެފައި ރަބީޢާއާ ދިމާއަށް ބަލައިލިއެވެ. އަދި ކޮޓަރީގައި ހުރި ދަންމަރުތައް ނިއްވައިލުމަށް ފަހު ގޮސް ކުޑަދޮރު ލައްޕައިފިއެވެ.

'އެންޖެލާ... ދަރިފުޅާ... މާރިޔާ...] އަބޫ ދާވޫދް ފަހަރަކު މީހަކުގެ ކޮނޑުގައި ހިފައި ހަލުވަމުން ގޮވަމުން ދިޔައެވެ.

އެންޖެލާ ކުކުރައިލުމަށް ފަހު ލޯ ހުޅުވައިލިއެވެ. އެކަމަކު މާރިޔާ ހެއެއް ނާރައެވެ.

ރަބީޢާ ބުންޏެވެ. [ބައްޕާއެވެ. ޑަކްޓަރު ގެންނަވާށެވެ. ކޮއްކު އެ އޮތީ ޒަޚަމްވެފައެވެ. ކޮއްކޮ ކުޑަދޮރު ކައިރިން ދަނިކޮށް ކުއްލިއަކަށް ބޭރުން މީހަކު ދޫކޮށްލި ތީރެއް މެއަށް އެރީއެވެ. އަވަސް ކުރައްވާށެވެ. އެހެރެގެން ލޭ ފައިބަނީ ނޫންތޯއެވެ؟]

(4)

ކުޑަ އިރުކޮޅެއް ފަހުން އަބޫ ދާވޫދާއެކު ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަން ކޮޓަރި ތެރެއަށް ވެދެވަޑައިގެންފިއެވެ. ބަޝީރް ވަޑައިގެން އެންޖެލާއާއި މާރިޔާއާ ދެމީހުން ގެންދަވައި ދެ އެނދުގައި ބާއްވަވައިފިއެވެ. އޭރު ބަޝީރްގެ ބޭސް ދަބަސް ހިފައިގެން ނޯކަރަކު އަތުވެއްޖެއެވެ.

ބަޝީރް ދަބަހުން ނެންގެވި ކުޑަ ފުޅިއެއްގައި ހުރި އެއްޗަކުން ރުމާކޮޅު ތެންމަވައިފައި އަބޫ ދާވޫދްގެ އަތަށް ދެއްވައިފިއެވެ. [މި ރުމާ ގެންދަވައި އަނބިކަނބަލުންނަށް ވަސް ދައްކަވާށެވެ. ހޭފުޅު އަރައިދާނެއެވެ.]

ބަޝީރް ދެން ސަމާލުކަން ދެއްވީ އެންޖެލާއަށެވެ. އެންޖެލާ ދެލޯ ބޮޑުކޮށްގެން ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ޒަޚަމްވެފައި ހުރިތަން ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހު ތީރުގައި މަޑުމަޑުން ހިއްޕަވައިފިއެވެ. އެންޖެލާ އޭނާގެ އަތްޕުޅުގައި ހިފަހައްޓައިގެން އޮވެ ރޯން ފަށައިފިއެވެ.

ބަޝީރް ވިދާޅުވިއެވެ. [ތީރު އުފުރާނުލައި ހޭދަވާ ކޮންމެ މިނިޓަކާއެކު ރިހުން ވާނީ ގަދައެވެ. ބިރުފުޅު ނުގަންނާށެވެ. އަޅުގަނޑުގެ އަތުން ދޫކޮށްލައްވާށެވެ. އެހެން ނޫނީ ޖެހޭނީ ހޭނައްތާ ބޭސް އަރުވާށެވެ.]

ބަޝީރް، ބަދްރު ބިން މުޣީރާއާއި ނޯކަރާ ދިމާއަށް ލޯފުޅުން އިޝާރާތް ކޮށްލެއްވިއެވެ. އެންޖެލާ ވަރަށް ބާރަށް ބުންޏެވެ. [އަޅުގަނޑުގެ ހަތަރެސްފައިގައި ނުހިއްޕަވާށެވެ. އަޅުގަނޑު މަޑުމަޑުން އޮންނާނަމެވެ.]

[އެންޖެލާއަކީ ހިތްވަރުފުޅު ގަދަ ބޭފުޅެއްކަން އަޅުގަނޑަށް ކުރިންވެސް އެނގެއެވެ. ކުޑަކުޑަ އިރުކޮޅަކަށް ލޯފުޅު މަރުއްވައިލައްވާށެވެ. ބިރުފުޅު ނުގަންނާށެވެ.]

އެކަމަކު ލޯ މަރައިލުމުގެ ބަދަލުގައި އެންޖެލާ ލޯތްބާއި ކިޔަމަންތެރިކަމާއެކު ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ. މި ފަހަރު ބަޝީރް ތީރުގައި ހިފެހެއްޓެވީމާވެސް އޭނާ ދެކޮޅެއް ނުހަދައެވެ. ތުންފަތުގައި ދައިގަނެގެން އޮތީއެވެ. ބަޝީރް ވަރަށް ކުޑަ ހަރަކާތަކާއެކު ކުއްލިއަކަށް ތީރު އުފުރައިލައްވައިފައި ވިދާޅުވިއެވެ. [ޒަޚަމް އެހައި ފުނެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެދާނެއެވެ.]

އެ ވަގުތު މާރިޔާ ހޭއަރައިފިއެވެ. ލޯ ހުޅުވާލައިގެން ހިނދުކޮޅަކު އޮވެފައި އަނެއްކާވެސް ލޯ މަރައިލިއެވެ. އެޔާއެކު ކުއްލިއަކަށް ހަޅޭއް ލަވައިގެންފައި އެނދުން ތެދުވެއްޖެއެވެ. [އަހަރެންގެ ދަރިފުޅާއެވެ. އަހަރެންގެ އެންޖެލާއެވެ.] ގޮވަމުން އެންޖެލާގެ އެނދާ ދިމާއަށް ދުއްވައިގެންފިއެވެ. [ދަރިފުޅު ރަނގަޅު ހެއްޔެވެ؟ އަޅުގަނޑުގެ ދަރިފުޅު ސަލާމަތްވާނެތޯއެވެ؟ ﷲ އަށްޓަކައި ވިދާޅުވެބައްލަވާށެވެ.]

ބަޝީރް ޙަސަން ވިދާޅުވިއެވެ. [އަޅުގަނޑަށް ބޭސް އެޅިޔަ ދެއްވާށެވެ. ތިޔަ ހައްދަވާ އެއްޗަކުން ދަރިފުޅުގެ ވޭން ގަދަވުން ނޫން ކަމެއް ނުވާނެއެވެ.]

ބަޝީރް ދޫކޮށްލާފައި މާރިޔާ ދެން އެނބުރުނީ ބަދްރާ ދިމާއަށެވެ. [ﷲއަށްޓަކައި އަޅުގަނޑުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށް ދެއްވާށެވެ.]

އަބޫ ދާވޫދް މާރިޔާ ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް އެނދުގައި ބާއްވައިފިއެވެ. [މާރިޔާއެވެ. މޮޔަނުވާށެވެ. ކެތްތެރިވާށެވެ. އެންޖެލާ ވަރަށް އަވަހަށް ރަނގަޅުވެދާނެއެވެ. ޒަޚަމް އެހައި ފުނެއް ނޫނެވެ.]

މާރިޔާ ހަޅޭއް ލަވައިގަތެވެ. [ކަލޭގެ މޭގައި އޮންނަނީ ހިތެއް ނޫނެވެ. މާރިޔާ ދުނިޔޭގައި ހުއްޓަސް، މަރުވިޔަސް ކަލެއަށް ހެވެވެ. ކަލެއަށް ގްރަނާދާ...]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.