ވިހަ ތީރު (50)

(17 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ދިލްނަޝީން ގޮވައިގެން ކުލްސޫމް އެގެއިން ނުކުތްއިރު ، ކާރުގައި ލެނގިލައިގެން ޙައިދަރު ، ބޭރުގައި ހުށްޓެވެ. ޙައިދަރު ގޭތެރެޔަށް ނުވަނީ ، މަންމަ ކުރާކަމެއް ކުރަން މަންމަޔަށް ފުރުޞަތު ދޭން ވެގެންނެވެ. )

މައިދައިތަޔާއެކީ ، ތިރިޔަށް ފޭބިތަނުން ، އެންމެ ފުރަތަމަވެސް ދިލްނަޝީނަށް ކުރިމަތިލާޏްޖެހުނީ ، ކާރުގައި ލެނގިލައިގެންހުރި ޙައިދަރާއެވެ. މަންމަޔާއެކީ ގޭތެރެޔަށް ނުވަދެ ، ބޭރުގައި ޙައިދަރު އެހުރި ސަބަބު ދެނެގަންނާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. ކާރުގެ ފަހަތުޝީޓާ ދިމާލަށް ދިލްނަޝީން ހިނގައިގަތުމާއެކީ ، ކުލްސޫމް އޭނާ ހުށްޓުވިއެވެ. އަދި ދިލްނަޝީނަށް ޙައްޤު މަޤާމާމެދު އިހުމާލު ނުވުމަށް ބުނެ ، ޙައިދަރާއެކު ކުރީޝީޓްގައި އިނުމަށް އެންގިއެވެ. އިރުއިރުކޮޅުން ، އެކުށް ތަކުރާރު ނުކުރުމަށް ދިލްނަޝީނަށް ނަޞޭޙަތްތެރި ވިއެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓައިފިނަމަ ، އެހެންމީހަކު އެޖާގަޔަށް އައުމަށް ގިނައިރެއް ނުނަގާނެކަން ހަނދާން ކޮށްދިނެވެ. އަދި ކާރުގެ ފަހަތުޝީޓުގައި ބާއްވާފައި އޮތް މާބޮނޑިނަގައި ޙައިދަރަށް ދިއްކޮށްލިއެވެ.

" ޙައިދަރެވެ ! އަހަރެން އެއޮތީ އަހަރެންގެ ޒިންމާ ފުރިހަމަކޮށްފައެވެ. ދެންއޮތީ ޙައިދަރު ކުރަންޖެހޭ ކަންކަމެވެ. ފަރުވާތެރިކަމާއެކީ ، ދެމީހުންގެ ކުރިމަގު ދެމީހުން ވާހަކަދައްކައިގެން ބަށްޓަންކުރާށެވެ. މާޒީގައި ހެދިފައިވާ ގޯސްތަކުން ފިލާވަޅު ލިބިގެން ، މުސްތަޤްބަލް ބިނާކުރާށެވެ. " ކުލްސޫމް ބުންޏެވެ.

މާބޮނޑި ހިފައިގެން ޙައިދަރު އައިސް ، ދިލްނާޝީން ގާތަށް ޖެހިލިއެވެ. އެނާގެ މަންމަގެ ކުރިމަތީ ، އޭނާ ލަދުގަންނުވައިލަނީ ކީއްވެތޯ ދިލްނަޝީނާ ސުއާލު ކުރިއެވެ. އަދި އޭނާއަށް މަޢާފުކުރުމަށް އެދެމުން ، ދިލްނަޝީނަށް މާބޮނޑި ދިއްކޮށްލިއެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން ދިލްނަޝީން މާބޮޑީގައި ހިފައި ، ޙައިދަރާދިމާލަށް ބަލާލައި އޭނާގެ އަޞްލު ހިނިތުންވުން ޙައިދަރަށް ހަދިޔާކޮށްލިއެވެ. ގެޔަށްދަމާހިނގާށޭ ބުނެ ، ދިލްނަޝީން ކާރަށް އަރުވައި ، ހަމަޖެހުމުގެ ނޭވާއެއްލައި ، ޙައިދަރު އޭނާގެ ހަށިގަނޑު ތެދުކޮށްލިއެވެ.

ގެޔަށްގޮސް ކޮޓަރިތެރެޔަށް ވަނުމާއެކީ ، ދިލްނަޝީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ދިލްނަޝީން ހުރީ ހިތްހަމަ ނުޖެހިފައެވެ. ރުޅިނަޔަސް ، އޭނާހުރީ ރުޅިއަންނަން ނޭނގިފައެވެ. ރުޅިއައުމުގެ ޙައްޤު ، ދިލްނަޝީނަށް އެބައޮތްކަމަށް ޙައިދަރުވެސް އެއްބަސް ވެއެވެ. އެހެނަސް ، ރުޅިއައިސްހުރެ ދިލްނަޝީންގެ މޫނުމަތީގެ ޝާއްބަކަން ނެތިގޮސް ގޭތެރެ އަނދިރިވެގެންދާން އޭނާ ދޫކޮށްނުލާނެކަމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާއިރު ، ޚުދު ޙައިދަރުގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތްކުރަންޖެހޭކަންވެސް ، ދިލްނަޝީން އޭނާގެ ފިރިމީހާއަށް ހަނދާން ކޮށްދިނެވެ.

" އަހަރެން މިހުރީ ، ދިލްނަޝީންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އެވާހަކަ އަހަރެން މިބުނަނީ ހިތުގެ އަޑިންނެވެ. ތިހާ ތަކުލީފުން ފުރިގެންވާ ދުވަސްތަކެއް ދިލްނަޝީންގެ ޢުމުރުގައި ހޭދަކުރިކަމެއް ނޭނގެއެވެ. އެކަމަކު ، އަހަރެންގެ ފަރާތުން ދިލްނަޝީންގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް ދެނެއް ނުފެންނާނެއެވެ. ދިލްނަޝީނެވެ ! ތިޔައީ ދިލްނަޝީނެވެ. " ދިލްނަޝީންގެ އަތުގައި ހިފާލައިގެންހުރެ ޙައިދަރު ބުންޏެވެ.

އަހަރެންނަކީ އަހަރެންނެވެ. އެހެންކަމަށް ވަންޏާ މެހެމަލް އެއީ ކާކުތޯ ދިލްނަޝީން ސުއާލު ކުރިއެވެ. މެހެމަލްއަކީ ، ހަމައެކަނި އޭނާގެ ދެބެންގެ ދެދަރިމީހެއްކަމަށް ޙައިދަރު ބުންޏެވެ. އެއީ ، ޙައިދަރުގެ ފުރަތަމަ ލޯބިކަންވެސް ދިލްނަޝީން ، ޙައިދަރަށް ހަނދާން ކޮށްދިނެވެ. ބުއްދިވެރި އަނބިން ، އެކަނިވެރިވާ ޙާލަތުގައި އެހެން އަންހެނުންގެ ނަން ބޭނުން ނުކުރާނެކަމުގައި ޙައިދަރު ބުންޏެވެ. އެވަގުތު ، ޙައިދަރަށް ފޯނެއް އައެވެ. އަދި އެކަން ދިލްނަޝީން ، ޙައިދަރަށް ހަނދާން ކޮށްދިނެވެ. އެއީ މެހެމަލްނޫން އެހެންމީހަކަށް ނުވާނެއެވެ. ޖީބުން ފޯނުނަގައި ޙައިދަރު ބަލައިލިއިރު އެއީ ހަމަ މެހެމަލްއެވެ. ފޯނު ނުނަގަން ޙައިދަރު އިންދައި ފޯނަށް ޖަވާބުދިނުމަށް ދިލްނަޝީން ބުންޏެވެ. އެއީ މެހެމަލްގެ ކޯލެއްކަން ދިލްނަޝީނަށްވެސް އެނގިހުރެއެވެ. ފަހަރެއްގައި ވަރަށް މުހިންމުކަމެއްގައި " ބޮޑުބޭބެގެ ދަރިފުޅު " ، ފޯނުކުރަނީކަމަށްވެސް ވެދާނެއެވެ.

ޙައިދަރު ފޯނު ކަނޑައިލިއެވެ. އަދި މާދުރަށް ، އެނދުމައްޗަށް ފޯނު އެއްލައިލިއެވެ. ދިލްނަޝީނަށްވުރެ މުހިންމު އެހެން އެއްވެސް އެއްޗެއް ، ޙައިދަރުގެ ޙަޔާތުގައި މިހާރަކު ނެތެވެ. އެއީ ދިލްނަޝީނަށް ޤަބޫލުކުރަން އުނދަގޫ ކަމަކަށްވިޔަސް ، ޙަޤީޤަތަކީ އެއީއެވެ. ޙައިދަރުގެ އެފޮނިބަސްތަކުން ، ދިލްނަޝީންގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ޙައިދަރުގެ ލޮލަށް ބަލަހައްޓައިގެން އެތައްއިރަކު އިނދެވުނެވެ.

އިރުއިރުކޮޅުން މެހެމަލް ކޮންމެވެސް މީހަކަށް ފޯނުކުރާތީ ، އަދި އެމީހަކު މަންމަގެ ފޯނުނުނަގާތީ ، ޢީޝަލްވެސް ކަންބޮޑުވިއެވެ. މަންމަ ފޯނު އެކުރަނީ ކާކަށްތޯ ސުއާލު ކުރިއެވެ. ދަރިފުޅުގެ ސުއާލަށް މެހެމަލް ، ޖަވާބެއް ނުދެއެވެ. މަންމަ އެ ފޯނުކުރަނީ ބޭބެއަށްތޯ އެންމެފަހުން ، ޢީޝަލްއަށް އަހައިލެވުނެވެ. އެއަކަށްވެސް މެހެމަލް ޖަވާބެއް ނުދެއެވެ. ބޭބެ ފޯނުނުނަގަންޏާ ، ބޭބެމެންގެޔަށް އެމީހުން ދާންވީނޫންތޯ ޢީޝަލް އެހިއެވެ. އެވަގުތު ، ކޮޓަރީގެ ރަނގަބީލު ޖެހުނެވެ.

ދަރިފުޅުގެ ބޭބެ އެއައީއޭ ބުނެ ހެމުންނަށަމުންގޮސް ، މެހެމަލް ދޮރުހުޅުވާލިއެވެ. ކުރިމަތީ އެހުރީ ކުލްސޫމެވެ. މެހެމަލްއަށް ލިބުނު ޙައިރާންކަން ފޮރުވަން މަސައްކަތް ކުރަމުން ، ކުލްސޫމް އެތެރެޔަށް ވަނުމަށް އެދުނެވެ. އަދި ، އެނދުމަތި ސާފުކޮށްލުމަށްފަހު އިށީނުމަށް އެދުނެވެ. ޢީޝަލްއާ ސަމާސާކޮށްލުމަށްފަހު ، ކުލްސޫމް ، މެހެމަލްގާތަށް އައެވެ.

" އަހަރެން މިއައީ އިށީންނާކަށް ނޫނެވެ. އަދި މާގިނައިރު ، މިތާ ހުންނާކަށްވެސް ނޫނެވެ. އަހަރެން މިއައީ އަހަރެންނާއެކީ މެހެމަލް ގެންދަން ވެގެންނެވެ." ކުލްސޫމް ބުންޏެވެ.

މެހެމަލްގެ މޫނުމަތީގައި އުފެދިފައިހުރި ނުތަނަވަސްކަން ހިނިތުންވުމަކަށް ބަދަލުވެ ، ޙައިރާންކަންވެސް އިތުރުވެގެންދިޔައެވެ.

" ޙައިރާންވެފައި ތިހުރީ ކީއްވެހެއްޔެވެ ؟ އަހަރެން އައިމަ ހެއްޔެވެ ؟ ނުވަތަ މެހެމަލް އަހަރެންނާއެކީ ދާންޖެހޭތީ ހެއްޔެވެ ؟ " ކުލްސޫމް ސުއާލު ކުރިއެވެ.

އެއިން އެއްވެސްކަމަކާ އޭނާ ޙައިރާންނުވާކަމަށް މެހެމަލް ބުންޏެވެ. މެހެމަލްއަށް ލިބުނު އެންމެބޮޑު ޙައިރާންކަމަކީ ، އޭނާގެ ނަޞީބުގެ ރަނގަޅުކަމެވެ. އެހާ އަވަހަށް އޭނާގެ ނަޞީބު ބަދަލުވެގެންއައިސް ، އޭނާގެ އަތުގައި ހިފައިފާނެކަމަކަށް މެހެމަލްއަކަށް ޤަބޫލެއް ނުކުރެވުނެވެ. މެހެމަލްގެ އެ ޙައިރާންކަމަކީ ، މެހެމަލްގެ ދުޢާ ، ﷲ ޤަބޫލުކުރެއްވިލެއް އަވަސްކުރައްވައި ، ކުލްސޫމްގެ ހިތުގައި އޭނާގެ މައްޗަށް ރަޙުމާއި އޯގާތެރިކަން ލެއްވުމެވެ. އެއަށްވުރެ ބޮޑު ނަޞީބެއް އޭނާއަކަށް ނުލިބޭނެއެވެ.

" ގާތްތިމާގެ ކަމަކީ އެއީ ނޫންހެއްޔެވެ ؟ ތިމާގެކަމުގެ ގުޅުން ދަމަހައްޓައި އެގުޅުމަށް ޒިންމާވާންޖެހޭނެ ނޫންހެއްޔެވެ ؟ އެހެންނޫނީ ބޭބެގެ ފުރާނަޔަށް ކަށްވަޅުގައިވެސް ހަމަޖެހުމެއް ނުލިބޭނެ ނޫންހެއްޔެވެ ؟ ތައްޔާރުވެލައިގެން ތިރިޔަށް އަންނާށެވެ. އަހަރެން ތިރީގައި މެހެމަލް އަންނަންދެން މަޑުކުރާނަމެވެ. " ކުލްސޫމް ބުންޏެވެ.

ކުލްސޫމް ކޮޓަރިން ނުކުތުމާއެކީ ، މެހެމަލް އޭނާގެ ފޯނު ނެގިއެވެ. ޙައިދަރަށް ގުޅަންވެގެންނެވެ. އެހެނަސް ، ފޯނެއް ނުކުރިއެވެ. މެހެމަލްއަށް ފެނުނުގޮތުގައި ، ޙައިދަރުގެ ގެއިން މެހެމަލް ފެނުނީމާ ، ޙައިދަރަށްލިބޭ ޙައިރާންކަން މާބޮޑުވާނެއެވެ. ބޮޑުދައިތަޔާއެކީ ގެޔަށްގޮސް ، ޙައިދަރު ސިއްސުވާލީމާ މާ މަޖާވާނެއެވެ.

ޙައިދަރަށް މީރުވާނެހެންހީވާނެހެންހީވާ އެއްޗެއް ތައްޔާރުކުރުމަށް ބަދިގެ ތެރޭގައި އުޅުމަށްފަހު ، ޙައިދަރު ގެޔަށް އަންނައިރަށް ތައްޔާރުވެލަން ދިލްނަޝީން ނިންމިއެވެ. ދިލްނަޝީންގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް މިހާރަކު ގޭތެރެޔަކު ނެތެވެ. މުޅި ގޭތެރެ އެއޮތީ އޭނާއަށް ހިތަކަށް ލިބިފައެވެ. މައްޗަށް އަރަން އަންނަނިކޮށް ، ކުލްސޫމްވެސް ބޭރުން ގެޔަށް ވަންނަން އަންނަނިކޮށް ދިލްނަޝީނަށް ފެނުނެވެ.

ޙައިދަރަށް މީރުހެން ހީވާ ހުރިހާއެއްޗެއް އޭނާ އެހުރީ ތައްޔާރުކޮށްފައިކަމަށް ދިލްނަޝީން ބުންޏެވެ. އެކަމަކު ، ޙައިދަރަށް އެންމެ މީރު ފޮނިކާއެއްޗެއް ދިލްނަޝީނަކަށް ނޭނގެއެވެ. އެކަން ސާފުކުރުމަށް ދިލްނަޝީން ކުރި ސުއާލަށް ކުލްސޫމަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ، ފަހަތުން އެއިވުނީ މެހެމަލްގެ އަޑެވެ.

" ޙައިދަރަށް އެންމެ މީރުވާނީ ، ޕާންބޯކިބަލެވެ. ޕާންބޯކިބަލެއް އަޅާށެވެ. ޙައިދަރަށް އެންމެ މީރުވާނެ ފޮނިއެއްޗަކީ އެއީއެވެ. " މެހެމަލް ބުންޏެވެ.

ދިލްނަޝީންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވިއެވެ. ލިބުނު ކުއްލި ސިހުމުގައި އޭނާގެ މުޅިހަށިގަނޑު ތުރުތުރު އަޅައިގެންގޮސް އަރިއަޅައިނުލީ ހަމަކިރިޔާއެވެ.

" މި އަންހެނާ މިތާ މިކުރަނީ ކީއްހެއްޔެވެ " ރުޅިއައިސްހުރެ ، ދިލްނަޝީން ސުއާލު ކުރިއެވެ.

ދިލްނަޝީންގެ ސުއާލަށް ޖަވާބުދިނީ ކުލްސޫމެވެ. މެހެމަލް އެގެޔަށް ގެނައީ އޭނާކަމަށްބުނެ ، ދިލްނަޝީންގެ ސުއާލަށް ކުލްސޫމް ޖަވާބު ދިނެވެ.

ދިލްނަޝީނަށް ލިބުނު ޙައިރާންކަން ވަކިން ބޮޑުވިއެވެ. ފުންނަޒަރަކުން ކުލްސޫމާ ދިމާއަށް ބަލައިލިއެވެ. މެހެމަލް ހުރީ ފަޚުރުވެރިކަމާއެކީ ، ބޮޑާކަމުގެ ހިނިތުންވުމެއްގައެވެ. އޭނާއަށް އެލިބުނު ކާމިޔާބީއަށްޓަކައި ، ގިރުވާން ކޮޅަށްޖަހާލައިގެންނެވެ.

އެންމެ ސިކުންތަކުވެސް އެތަނުގައި ހުންނާކަށް ، ދިލްނަޝީން ބޭނުމެއް ނުވިއެވެ. އޭނާގެ ކޮޓަރިޔާދިމާލަށް ބާރަށް ހިނގައިގަތެވެ. ދިލްނަޝީންގާތަށް އައިސްހުރި ރުޅިގަނޑު ފަޅައިގެންދިޔައީ ކޮޓަރިޔަށް ވަތްފަހުންނެވެ. ކޮޓަރީގެ އެއްބިތުގައި ޖެހިފައި އަނެއްބިތުގައި ޖެހެންދެން ، ދެކޮޅަށް ހިނގަމުންދިޔައިރު ، ދިލްނަޝީނަށް އެހުރެވެނީ ކޮންތާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އަވަސްއަވަހަށް ފޮށްޓަށް ހެދުންތައް އަޅައިގެން އަނެއްކާ ގެޔަށް ދާންވީ ހެއްޔެވެ. އޭރަށް އަނެއްކާވެސް ކުރިމަތިލާންޖެހޭނީ މަންމަގެ ފަރާތުން އޭނާއަށް ލިބޭ ތަކުލީފުތަކާއެވެ. ހަދާނެގޮތް ބޮޑުވެފައި ހުއްޓައި ކުލްސޫމް އައިސް އެކޮޓަރިޔަށް ވަނެވެ. މިފަހަރު ، ކުލްސޫމާ ކުރިމަތިލާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. ވާހަކައެއްވެސް ނުދައްކާނެއެވެ. ކުލްސޫމާ ދިމާލަށް ބަލައެއްވެސް ނުލާނެއެވެ. އޭނާ ހައްލާލައިގެން ގެނެސް ، އެދިނީ ކިހާބޮޑު ލަނޑެއް ހެއްޔެވެ ؟ އެއީ ދަރިންނަށް ހެޔޮއެދޭ މަޔަކު ކުރާނެކަހަލަ ކަމެއްނޫނެވެ. ކުލްސޫމަށް ފުރަގަސްދީގެން ، ދުރުގައިހުރިއިރު ، ދިލްނަޝީނުގެ ހިތަށް އަރާފައިބަމުންދާ އެއްޗެތިން އޭނާގެ ސިކުނޑި ހާސްވަމުން ދިޔައެވެ. އެކަމަކު ، ރުޅިއިސްކޮށްގެންހުރެ ، މައިދައިތަޔާ ދިމާލަށް އެއްޗެކޭ ބުނާކަށް ކުލްސޫމް ބޭނުމެއް ނުވިއެވެ. އެއީ ، އެވަގުތު އޭނާއަށް ކުލްސޫމާ މުޚާތަބުކޮށް ، މާ ރަނގަޅު އެއްޗެއް ނުބުނެވޭނެތީވެސް މެއެވެ.

" އަހަރެންގާތު މައިދާނުގައި ސާބިތުވެހުރުމަށް ނަޞޭޙަތްދީ ، މިގެޔަށް ގެނެސް ، އަހަރެން ބަލިކޮށްލާނެ ހަތިޔާރުގެނެސް މިގެޔަށް ވެއްދީ ކީއްވެ ހެއްޔެވެ ؟ އަހަރެން މިގެޔަށް ގެނެސްވެއްދި ސަބަބެއް އަހަރެންނަކަށް ނޭނގެއެވެ. " ދިލްނަޝީން ކުލްސޫމާ ސުއާލު ކުރިއެވެ.

އޭނާގާތު އިށީނދެ ވާހަކަ ދައްކާލަން އައުމަށްބުނެ ، ކުލްސޫމް ގޮސް ، އެނދުގައި އިށީނދެލިއެވެ. ކުލްސޫމް އެތައް ވަރަކަށް ކީމަވެސް ދިލްނަޝީން ، ކުލްސޫމްގާތަށް ދާކަށް ނޫޅުނެވެ. ތަންކޮޅެއް ބާރަށް ކުލްސޫމް ގޮވައިލީމަ ، ނުދާންހުރެފައި ، ދިލްނަޝީންގޮސް ، އެނދުކޮޅުގައި ކުލްސޫމާ ދުރުގައި ޖައްސައިލިއެވެ.

" ދިލްނަޝީން ބުނެބަލާށެވެ ! އަހަރެންނަށް ކިހާވަރަކަށް އިތުބާރު ކުރަން ހެއްޔެވެ ؟ " ކުލްސޫމް ސުއާލު ކުރިއެވެ.

އެވީކަމެއްވީފަހުން ، އެކަމުގައި އިތުބާރުގެ ވާހަކަ ދައްކަންޖެހުނީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ކުލްސޫމަށް އަދި ކުލްސޫމް އެކުރާކަމަކަށް ، ދިލްނަޝީނަށް އިތުބާރު ކުރެވޭތޯ އަނެއްކާވެސް ، ކުލްސޫމް ސުއާލު ކުރިއެވެ. ދިލްނަޝީން އެގެޔަށް އެއައީ ، ކުލްސޫމަށް އިތުބާރުކޮށްފައިކަމަށް ދިލްނަޝީން ބުންޏެވެ. އެހެންނޫންނަމަ ، އެގެޔަކަށް ދިލްނަޝީނެއް ނާންނާނެއެވެ. އެހެންކަމަށް ވަންޏާ ، ދިލްނަޝީނަށް ތަކުލީފެއްލިބޭނެ އެއްވެސްކަމެއް އޭނާ ނުކުރާނެކަމަށް ، ކުލްސޫމް ބުންޏެވެ.

" ދެންއޮތީ ، މެހެމަލްގެ މައްސަލައެވެ. އަހަރެމެންގެ ލޯމަތިން ދުރުގައި މެހެމަލް ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. އެކަން އެހެން ވެއްޖެނަމަ ، ޙައިދަރުގެ ހިތަށް ވަސްވާސް ވައްދައިގެން ، އަހަރެމެންނާ މާދުރަށް ޙައިދަރު ގެންދާނެއެވެ. " ކުލްސޫމް ބުންޏެވެ.

މިހާރުވެސް ، އެގޭގައި މެހެމަލް އެއުޅެމުންދަނީ ، ޙައިދަރުގެ ކުރިމަތީގައެވެ. ދުރުގައި ހުރުމަށްވުރެ ، އެގޭގައި މެހެމަލް ހުރީމަ މާގިނައިން މެހެމަލްއާ ޙައިދަރާ ދިމާވާނެއެވެ. މާގިނަ ފުރުޞަތު މެހެމަލްއަށް ލިބޭނެކަމަށް ދިލްނަޝީނަށް ފެނުނެވެ. އެޙާލަތުގައި ޙައިދަރުގެ ހިތުގައި ދިލްނަޝީނަށް ޖާގައެއް އުފެދެން އުނދަގޫވާނެއެވެ.

އެހާރުން ފެށިގެން ، ވަރަށް ވިސްނައިގެން ދިލްނަޝީން އުޅުމަށް ކުލްސޫމް ލަފާދިނެވެ. އެކަން އެގޮތަށް ދިލްނަޝީނަށް ކުރެވިއްޖެނަމަ ، ޙައިދަރުގެ ހިތުގައި އެހެންމީހަކަށް ޖާގައެއް ނުއުފެދޭނެއެވެ. ޙައިދަރަށް ފެންނާނީ ހަމައެކަނި ދިލްނަޝީނެވެ. އެހެނަސް ، ކުލްސޫމްގެ އެވާހަކަ ، ދިލްނަޝީނަށް ޤަބޫލެއް ނުކުރެވުނެވެ. ޙައިދަރުގެ ހިތުގައި މިހާރުވެސް ރަނިކަން ކުރަމުން އެގެންދަނީ މެހެމަލްއެވެ. ދިލްނަޝީނުގެ ލޯތްބަކީ ، ޙައިދަރުގެ ހިތުގައި އުފައްދަންޖެހޭ އިޙްސާސެކެވެ. އެހެންކަމުން ، އެޙާލަތުގައި ދިލްނަޝީނަށްވުރެ ބޮޑަށް މެހެމަލްއަށް އޮތް ފުރުޞަތު ބޮޑުވާނެއެވެ.

ރަސްމީގޮތުން ޙައިދަރުގެ ނަމާގުޅިފައި ނެތްނަމެއް ، އަދި ރަސްމީގޮތުން ގުޅިފައިނެތް ގުޅުމެއްގެ އަގެއް ނޯންނާނެކަމުގައި ކުލްސޫމް ބުންޏެވެ. އެއީ ވެއްޔާ މޮޑެވި ނެތިގެންދާނެ ގުޅުމެއްކަން ، ދިލްނަޝީނަށް ކުލްސޫމް ހަނދާން ކޮށްދިނެވެ.

ދިލްނަޝީން ބޭނުންވީ ، މެހެމަލް އެގެއިން ފޮނުވައިލާށެވެ. އަދި ، މެހެމަލްއާ ބައްދަލުކުރަން ޙައިދަރު ދިއުން ކުލްސޫމް މަނާކޮށްދިނުމަށެވެ. ދިލްނަޝީނަށް ފެނުނު އެންމެ ރަނގަޅުގޮތަކީ އެއީއެވެ. އެކަން މިހާރުވެސް ، ކުލްސޫމް ކޮށްފިއެވެ. އެކަމުގެ ނަތީޖާވެސް ފެނިއްޖެއެވެ. އެއީ ފިރިހެނުންގެ ފިތުރަތުގައި ހުންނާނެ ކަމެކެވެ. ނުކުރަން ބުނާ އެކަހަލަ ހުރިހާކަމެއް ކުރާނެއެވެ. އަންހެނަކު ، ކަމެއްކޮށްދޭން އެދިއްޖިއްޔާ އެކަމެއް ނުކޮށްދީ ، އެމީހަކަށްވުރެ ދެރަވާކަށް ، ފިރިހެނުން ބޭނުމެއް ނުވާނެއެވެ. މެހެމަލްއަކީ ، ޙައިދަރުގެ ބޮޑުބޭބެގެ ދަރިއެކެވެ. ކުޑަކުޑަ ކުއްޖަކު ގޮވައިގެން ، ބޯހިޔާވަހިކަމެއްނެތި ، މެހެމަލް އުޅުމަކީ ، ޙައިދަރުގެ ހިތަށް އުނދަގޫވާނެ ކަމެކެވެ. ތިމާގެކަމުގެ ގުޅުމާއެކު ، ޙައިދަރުލައްވާ ކަންކަން ކުރުވުމަކީ މެހެމަލްއަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ.  މެހެމަލް ދުރުގައި ހުރެއްޖެނަމަ ، ކުލްސޫމްމެންނަށް ނޭނގި ، މެހެމަލްއާ ބައްދަލުކުރަން ޙައިދަރު ނުގޮހެއް ނުހުންނާނެއެވެ. އެކަން އެހެންވެއްޖެނަމަ ، ޙައިދަރުގެ ހިތުން ފުހެވެމުންދާ މެހެމަލްގެ ލޯބި ، އާލާކުރަން މެހެމަލްއަށް ފަސޭހަވާނެއެވެ.

" އަހަރެން މިކުރާކަމެއް މިހާރު ވިސްނިއްޖެ ހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.

ދިލްނަޝީނަށް މަޑުމަޑުން ބޯޖަހައިލެވުނެވެ. މައިދައިތަ އެދައްކާ ވާހަކަ ، ދިލްނަޝީނަށް މިހާރު ޤަބޫލު ކުރެވިއްޖެއެވެ. އެތައް އިރެއް ވަންދެން މަޑުމަޑުން ބޯޖަހައިލަ ޖަހައިލަ ދިލްނަޝީނަށް އިނދެވުނެވެ. ދުނިޔޭގައި އުޅެ ، މައިދައިތަމެންނަށް ލިބިފައިވާ ތަޖުރިބާއިން އަޅަމުންދާ އެކަހަލަ ޙިކުމަތްތެރި ފިޔަވަޅުތަކެއް ، ދިލްނަޝީންމެންނަކަށް އަދި ނުވިސްނޭނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.