ގްރީޒްމަންގެ ހެޓްރިކުން އެތުލެޓިކޯ އަށް ފަސޭހަ މޮޅެއް

ސްޕެނިޝްލީގުގައި ރޭ ކުޅުނު މެޗުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ހެޓްރިކުން އެތުލެޓިކޯ މެޑްރިޑް ވަނީ ސެވިއްޔާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ. މިމެޗު އެތުލެޓިކޯ ކާމިޔާބުކުރީ 2-5 ގެ ނަތީޖާއިންނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗުގައި އެތުލެޓިކޯ އަށް ލީޑްނަގައިދިނީ މިޖަނަވަރީ ޓްރާންސްފާ ބާޒާރުގައި އެޓީމަށް ބަދަލުވި ސްޕެއިނުގެ ފޯވަޑް ޑިއެގޯ ކޮސްޓާ އެވެ. ފުރަތަމަހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ދެވަނަހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އެތުލެޓިކޯގެ ތިންވަނަ ލަނޑު ގްރީޒްމަން ޖަހައިދީފައިވަނިކޮށް ސްޕެއިނުގެ މިޑްފީލްޑަރު ކޯކޭ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ގްރީޒްމަން ވަނީ އިތުރު ލަނޑެއްޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

ސެވިއްޔާގެ ދެލަނޑުވެސް ޖެހީ މެޗުގެ ފަހު ފަސްމިނެޓުގެ ތެރޭގައިއެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޕަބްލޯ ސަރާބިއާ ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު ޖެހީ ނޮލީޓޯއެވެ.

ރޭގެމެޗުން މޮޅުވި އެތުލެޓިކޯ 25 މެޗުން 58 ޕޮއިންޓް ހަމަކޮށްގެން ދެވަނައިގައި އޮތްއިރު މިމެޗުން ބަލިވި ސެވިއްޔާ ވަނީ ތާވަލްގެ ހަވަނައަށް ވެއްޓިފައެވެ.

ސްޕެނިޝްލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވެލެންސިއާ ވަނީ 1-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އެތުލެޓިކް ބިލްބާއޯ ވަނީ ހަމަ މިނަތީޖާއިން މަލަގާ އަތުން މޮޅުވެފައެވެ. ގެޓަފޭއަތުން ވިޔަރެއާލް މޮޅުވީ 0-1 އިން އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.