ވިހަ ތީރު (45)

(1 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( އެމީހުން އެންމެފަހުން ދެއްކީ ކޮންވާހަކައެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ. އެދެމީހުން އެކަކު އަނެކަކަށް ސަމާސާކުރަނީކަމަށް ދިލްނަޝީން ބުންޏެވެ.)

" އަހަރެންގެ ފުރާނަ ، ހަށިގަނޑުން ނުކުމެގެން ނުދިޔައީ ކިރިޔާއެވެ. ނޫނެކެވެ. ސަމާސާއަކަށް ހަދާފައިނަމަވެސް ، އެކަހަލަ ވާހަކައެއް ދެން ނުބުނައްޗެވެ. އެއީ އަހަރެންނަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރު އޮތީ ދިލްނަޝީންގެ ކޮނޑުގައި ބޯ އަޅައިލައިގެންނެވެ. ޙައިދަރުގެ މާޒީފަދަ މާޒީއެއް އޮވެ ، ދިލްނަޝީން އޭނާއާ ކައިވެނިކުރުމުގެ ކުރިން ، ދިލްނަޝީންގެ ހިތުގައި އެހެން ފިރިހެނަކު އޮތްކަން ފަޅާއަރައިފިނަމަ ، ދެންވާނެ ގޮތެއް ނޭނގެއެވެ. އެކަން ހިތަށްއަރާފައި ، ދިލްނަޝީންއިނީ ކޮޅުނެތްކޮޅަށް ކަންބޮޑުވެފައެވެ. އެއީ ޙައިދަރު ބަލައިގަންނާނެކަމެއް ނޫނެވެ. އަދި ކެތްކޮށްލައިގެން ހުންނާނެކަމެއްވެސް ނޫނެވެ. ޙައިދަރު ، އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްކަމުގެ އިޙްސާސެއް ، ދިލްނަޝީނަކަށް ނުކުރެވެއެވެ. އޭނާ އިނީ އެއަށްވުރެބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. ދޮގުހެދުމަކީ ، ދިލްނަޝީން އެއްގޮތަކަށްވެސް ކުރާނެކަމެއްނޫނެވެ. އެހެނަސް ، އޭނާގެ ދިރިއުޅުން ސަލާމަތްކޮށް  ، އޭނާގެ ކައިވެނި ދެމެހެއްޓުމަށްޓަކައި އެކަންނުކޮށް ވާންނެތީއެވެ.

ޙައިދަރު އޭނާގެ ފޯނުކަނޑައިލީމަ ، މެހެމަލްއަށް ލިބުނު ހާސްކަމުގައި ފުންމައިގެން އެނދުން ތެދުވެ ، ކޮޓަރިތެރޭގައި ބުމަރެއްހެން އެނބުރިއެނބުރި ހުށްޓެވެ. އިރުއިރުކޮޅުން ފޯނުކުރެއެވެ. އެހެނަސް އަންނަނީ އެއްޖަވާބެކެވެ. ޙައިދަރުގެ ފޯނުއޮތީ ނިއްވާލައިފައެވެ.

ޙައިދަރު އޮފީހަށްދާން ތައްޔާރުވެލިތަނުން ، ދިލްނަޝީން އައިސް ގަމީސްލައްވައިދީ ، ގޮށްއަޅުވައި ކޯޓުލައްވައިދިނެވެ. އެއީ ދިލްނަޝީން ، އަލަށްފެއްޓި ކަމެކެވެ. އެކަމާ ޙައިދަރުގާތަށް ހުރީ ހިނިއައިއްސައެވެ. ޙައިދަރު އެ ހެނީ ކޮންކަމަކާތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އޭނާއަށް ނުހެވެންވީ ކީއްވެ ހެއްޔެވެ ؟ އެއީ ޙައިދަރުގެ ދިރިއުޅުމުގެ ބަހާރު މޫސުމުގެ ފުރަތަމަ ދުވަހެވެ. އެހެން އެއްވެސް އަންހެނެއްގެ ފަރާތުން މިވީހާތަނަށް އޭނާއަށް ލިބިފައިނުވާ އެތައްކަމެއް އެއްފަހަރާ ، މިއަދު އޭނާއަށް އެދަނީ ފުރިހަމަވަމުންނެވެ.

" އަހަރެންނެއް މިކަހަލަކަމެއް އަދި ތަޖުރިބާއެއް ނުކުރަމެވެ. އެކަމަކު ، މަންމަޔާއެކީ ބަލާ ބައެއްފިލްމުތަކުން ، ލޯބިންއުޅޭ ދެމަފިރިންގެ މިކަހަލަ މަންޒަރުތައް ފެނިފައި އެބަހުއްޓެވެ. އަހަރެންނަށް އިޙްސާސްވަނީ ، މިއީ އެކަހަލަ މަންޒަރުތަކެއް ހެންނެވެ. ފިލްމުތަކުންވެސް  އެފެންނަނީ ، ޙަޤީޤީ މަންޒަރުތައްކަން މިހާރު ، އަހަރެންނަށްވެސް އެނގިއްޖެއެވެ. " ޙައިދަރު ، ދިލްނަޝީނާ ސަމާސާ ކޮށްލިއެވެ.

ދިލްނަޝީންހުރީ ، ހެވިދިލިފައެވެ. ޙައިދަރު އޮފީހަށްދާން ތައްޔާރުކޮށްފައި ، ދެން އޭނާއަށް ބޭނުންވާ ގަޑިއާއި  ދަބަހާ އަދި ފޯނު ގެނެސްދިނުމަށް ދިލްނަޝީން މަސައްކަތް ފެއްޓިއެވެ. ޙައިދަރުގެ ފޯނުގެ ބެޓެރީ ހުރީ ދިހަ އިންސައްތައިގައެވެ. އެވާނީ ފޯނުގެ ބެޓެރީގެ މައްސަލައަކަށެވެ. އެކަމަކަށް ޙައިދަރު ސަމާލުކަމެއް ނުދެއެވެ. ބެޓެރީ އެއްކޮށް ހުސްވެ ފޯނު ނިވުމުގެކުރިން ، އޮފީހަށް ދާން ، ޙައިދަރު ބޭނުންވިއެވެ. އޮފީހަށްދާ މަގުމަތީގައިވެސް ، މުހިންމު ފޯނެއް އަތުވެދާނެއެވެ.

ޙައިދަރު ބޭނުންވީ އަވަހަށް ގެއިން ނުކުންނާށެވެ. ރޭގަ އޮފީހުން ގުޅިމީހާ އަލުން ނުގުޅަނިސް ، އޮފީހަށްދާން ޙައިދަރު ބޭނުމެވެ. ހެނދުނުގެ ނާސްތާވެސް ނުކޮށެވެ. އެކަމާ ، ދިލްނަޝީން އެހާ ހިތްހަމައެއް ނުޖެހުނެވެ. އެކަމަކުވެސް ، އޭނާކުރާނީ ކީއްހެއްޔެވެ ؟ މިވަގުތު އަދި ހެދެން އޮތީ ޙައިދަރު ބޭނުންވާ ގޮތެކެވެ.

ގޭތެރެ ޒީނަތްތެރިކޮށްލުމަށްޓަކައި ، ބައެއްތަކެތި ގަންނަން ބޭނުންވާކަމަށް ދިލްނަޝީން ބުންޏެވެ. އެހެންހެއްޔޭ ބުނެ ، ޙައިދަރުގެ ވޮލެޓްނަގައި ، އޭނާގެ ކްރެޑިޓްކާރޑް ދިލްނަޝީނަށް ދިއްކޮށްލިއެވެ. އެއިން އޭނާ ކުރާނީ ކޮންކަމެއްތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ.

ދިލްނަޝީން ބޭނުންއެއްޗެއް ގަންނަންވީއެވެ. ހަމައެއާއެކު ޙައިދަރު ޙައިރާންވާނެކަމެއް ، ދިލްނަޝީން ކޮށްލުމަކީ ، ޙައިދަރު އުފާވާނެކަމެއް ކަމަށް ޙައިދަރު ބުންޏެވެ. ޙައިރާންކަން އިތުރަށް ބޮޑުވާނީ ، އޭނާނޫން އެހެންމީހަކާއެކީ ދިލްނަޝީން ބާޒާރަށްގޮސް ، އެގަންނަ އެއްޗެއް ގަނެގެންކަން ޙައިދަރު ހަނދާންކޮށްދިނެވެ. އޭރު ، ޙައިދަރުގެ ހިތުގައި ރާވަމުންދާ ކަންކަން ދިލްނަޝީނަކަށް ނޭނގެއެވެ. އެހެންގޮތެއް ނެތި ، ދިލްނަޝީނަށް ޖެހުނީ ، ޙައިދަރު ފޮނުވައިލާށެވެ. ހެނދުނުގެ ނާސްތާނުކޮށް އޮފީހަށް ދިއުމަކީ އެހެންޏާ ޙައިދަރުކުރާ ކަމެއްނޫނެވެ. އެކަމަކު ، މިއަދު އެވީ ކިހިނެއް ހެއްޔެވެ ؟ އޮފީހުން ނާސްތާކުރާނެކަމަށްބުނެ ، އަވަސްއަވަހަށް ގެއިން ނުކުމެގެން އެދިޔައީއެވެ. އެއީ އެހާބޮޑު ކަމެއްގެގޮތުގައި ބަލާކަށް އަދި ދިލްނަޝީނަކަށް ނޭނގުނެވެ.

މެހެމަލްއަށް ހަދާނެގޮތް ބޮޑުވެގެންގޮސް އިނީ ރޮވެންކައިރިވެފައެވެ. އޭނާގެ އަތުގައި އެއްވެސް ވަރަކަށް ލާރިއެއްވެސް ނެތެވެ. ހެނދުނުގެ ނާސްތާއަށް އޯޑަރުކުރެވޭނެ ގޮތެއްވެސް ނެތެވެ.

އޮފީހަށް ދިއުމުގެކުރިން ޙައިދަރު ދިޔައީ މެހެމަލް ބަހައްޓާފަހުރި ހޮޓަލަށެވެ. ކޮޓަރިޔަށް ވަތްއިރު ، ބޮޑުތަކުރު ޔާސީނަށް އަރާއިންނަހެން ، އެނދުމައްޗަށް އަރާ މެހެމަލް އިނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުށްޓެވެ. މެހެމަލް އެއުޅެނީ ކޮންގޮތަކަށްތޯ ޙައިދަރު ސުއާލު ކުރިއެވެ. ކުޑަކުދިންވެސް އެގޮތަކަށް ނޫޅޭނެއެވެ. މެހެމަލްއާ ދޭތެރޭ އެއްވެސް ވަރަކަށް ، ޙައިދަރު ނުވިސްނާކަމަށް މެހެމަލް ބުންޏެވެ. މިއަދު ، ޙައިދަރު ހުންނަންވާނީ އެމީހުންނާއެކީގައިކަމަށް މެހެމަލް ބުންޏެވެ. އެމީހުން އެއްވެސް ތާކަށް ، ބޭރަކަށް ނުދާނެއެވެ. ވާހަކަ ދައްކާލައި ހިތްހަމަ ޖައްސައިލަން ތިބޭނީ ކޮޓަރި ތެރޭގައެވެ. މެހެމަލް ބޭނުންވީ ، ކުރިން ޙައިދަރު އޭނާއާއެކީ ދައްކާފައިވާ ވާހަކަތައް ހަނދާންކޮށްލަން ދެމީހުން އެކުގައި ، ކޮޓަރިތެރޭގައި އެދުވަސް ހޭދަކޮށްލާށެވެ. އެއީ ޙައިދަރުގެ ހިތުން ފުހެ ، ހަނދާން ނައްތައިލާފައިވާ ވާހަކަތަކެއްކަމަށް ޙައިދަރު ބުންޏެވެ. މެހެމަލް އިނީ ޙައިދަރުގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

ޙައިދަރުގެ އަތް މެހެމަލްގެ މުށުތެރެއިން ދަމައިގަތެވެ. އަދި ، އޭނާ އެއްވެސް ކަމެއް ހަނދާން ނުނެތޭކަމަށް ބުންޏެވެ. އެއީ މިހާރު ، ހަނދާންކުރަން ޙައިދަރު ބޭނުންވާ ވާހަކަތަކެއްނޫނެވެ. އެތަނުގައި އިތުރަށް މަޑުކުރާކަށް ޙައިދަރު ބޭނުމެއް ނޫނެވެ. އޮފީހުގައި މަސައްކަތް އެބަހުއްޓޭ ބުނެ ، ހަވީރު އަންނާނެކަމަށް ބުނަމުން ޙައިދަރު ނުކުތެވެ. މެހެމަލް އެތައްވަރަކަށް ޙައިދަރަށް ގޮވިއެވެ. އެކަމަކު ، މެހެމަލްގެ އެ ގޮވުންތަކަށް ޙައިދަރު އަޅައެއް ނުލިއެވެ.

ބާޒާރަށް ދާންވެގެން ، ދިލްނަޝީން އޭނާގެ ފަހަރި ޢާފިޔާއަށް އެގެޔަށް އައިސްދިނުމަށް އެދުނެވެ. ދިލްނަޝީން ބާޒާރަށް ދިއުމަކީ އަނީސާ އެދޭކަމެއްނޫނެވެ. ޙައިދަރުގެ ފައިސާ ބޭކާރުގޮތުގައި ހޭދަކުރަން ދިލްނަޝީން އެއުޅެނީ ކީއްވެހެއްޔެވެ. ބާޒާރަށްގޮސް ، ބޭނުންނުވާހާ އެއްޗިއްސަށް ދަންދެން ގަންނާނެއެވެ. ޙައިދަރަށް އެއީ މައްސަލަޔަކަށް ނުވާއިރު ، އަނީސާ އެކަމާ ކަންބޮޑުވެގެން އުޅެނީ ކީއްވެކަމެއް ޢާފިޔާއަކަށް ނޭނގެއެވެ. ކުލްސޫމްވެސް އަބަދު އުޅޭނީ ، ދިލްނަޝީން ބާޒާރަށް ފޮނުވަން ވެގެންނެވެ. ހިތްފުރޭވަރަށް ލާރިލިބުނަސް ، އެއީ އިސްރާފުކުރަން ލިބޭ އެއްޗެއްނޫނެވެ. ޢާފިޔާވެސް ހުރީ ދިލްނަޝީނާއެކީ ބޭރަށްދާން ބޭނުންވެފައެވެ. އެދެފަހަރިން ދިމާނުވާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. އެންމެފަހުން ، ދިލްނަޝީން ހިތަށްއެރިހާ އެއްޗެއް ގަތަނުދޭށޭ ބުނެ ، ޢާފިޔާ ފޮނުވަން އަނީސާ އެއްބަސްވިއެވެ.

ބާޒާރުކޮށްނިމިގެން ، މެންދުރާ ކައިރިވެފައިހުރީމަ ، ޢާފިޔާވެސް ހުރީ ބަނޑުހައިވެފައެވެ. ރެސްޓޯރެންޓަކަށްގޮސް ކައިގެން ގެޔަށް ދިއުމަށް ދެމީހުންވެސް ނިންމިއެވެ. ދިލްނަޝީން ބޭނުންވީ ، ފަސްތަރީގެ ހޮޓަލަކަށްގޮސް ، ހިތްފުރޭވަރަށް ކައިގެން ގެޔަށް ދާށެވެ. ނަމަވެސް ޢާފިޔާ އެކަން މަނާކުރިއެވެ. އަދި ލާރި އިސްރާފު ނުކޮށް ، ރެސްޓޯރެންޓަކަށް ގޮސް ކާން ބާރުއެޅިއެވެ.

ކާރު ދުއްވައިލުމާއެކީ ، ފުޑްކޯޓަކަށްގޮސް ކައިފިނަމަ ، ޙައިދަރު ހިތްހަމަ ނުޖެހޭނެކަމަށް ދިލްނަޝީން ބުންޏެވެ. އަމިއްލަ ބަނޑަށް އަޅާ އެއްޗިއްސަކީ އިސްރާފެއްނޫނެވެ. މީރު އެއްޗެއް ކައިލުމުން ހިތަށް އެލިބޭ އަރާމަކީވެސް ފައިސާއިން ގަނެވޭ އެއްޗެކެވެ. އެންމެ ކައިރިންޖެހޭ ފަސްތަރީގެ ހޮޓަލަކަށް އެމީހުން ބާލައިދިނުމަށް ޑްރައިވަރުގާތު ދިލްނަޝީން އެދުނެވެ. ދިލްނަޝީން ބޭނުންވިގޮތަށް ދޫކޮށްލުންނޫން ގޮތެއް ޢާފިޔާއަކަށް ނުފެނުނެވެ.

މެހެމަލްހުންނަ ހޮޓަލުގެ ރެސްޓޯރެންޓްގައި ، ޙައިދަރާއި މެހެމަލް މެންދުރު ކާން ތިއްބެވެ. މެހެމަލްއަކަށް ކެވޭގޮތެއް ނުވެއެވެ. ޙައިދަރު ފެންނަ ހިސާބުގައި ހުރިއްޔާ ، މެހެމަލް އެހެން އެއްޗަކަށް ބޭނުންނުވާކަމަށް މެހެމަލް ބުންޏެވެ.

މެހެމަލްއާއި ޙައިދަރު ކައިނިމިގެން ރެސްޓޯރެންޓުން ނުކުމެގެން ދިޔައީ ، ދިލްނަޝީންމެންގެ ކުރިމަތިން ލާފައެވެ. އެމީހުން ފެނުމާއެކީ ، ދިލްނަޝީނަށް ލިބުނު ޙައިރާންކަމުން އޭނާ ގަބުކޮށްލިއެވެ. ޢާފިޔާ އެތައް ވާހަކައެއް ދެއްކިއިރުވެސް ، ދިލްނަޝީނަކަށް އަޑެއް ނީވުނެވެ.

ދިލްނަޝީންގާތަށް އައިރުޅީގައި ޙައިދަރުމެންގެ ފަހަތުން ދާން ހިނގައިގަތްތަނުން ، ޢާފިޔާ އޭނާ ހުށްޓުވިއެވެ. އަދި ، ދިލްނަޝީން ކުރަން އެއުޅޭކަމެއް ވަރަށް ވިސްނައިގެން ކުރުމަށް އެދުނެވެ. ފިރިހެނުންނަކީ ، ފާޑެއްގެ ބަޔެކެވެ. އަދި ، ފިރިހެނުންނަކީ އެއް އަނތްބަށްވުރެ ގިނައަނބިން ހުއްދަ ބަޔެކެވެ. ދިލްނަޝީން ކުރާކަމަކުން ، ޙައިދަރާއި ދިލްނަޝީންގެ އަގުވެއްޓުންނޫން އެހެންކަމެއް ނުވާނެކަމަށްބުނެ ، ޢާފިޔާ ނަޞޭޙަތް ދިނެވެ. އެހެނަސް ، ޢާފިޔާ ދެއްކި އެއްވެސް ވާހަކައެއް އަހާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. ރިސެޕްޝަނަށް ގޮސް ، ޙައިދަރުގެ ނަމުގައި އެހޮޓަލުން ކޮޓަރިޔެއް ހިފާފައި ހުރިތޯ ސުއާލު ކުރިއެވެ. އެކޮޓަރިޔެއް ހިފާފައިހުރީ ، ޙައިދަރުގެ ދެމަފިރިންގެ ނަމުގައިކަމަށް ރިސެޕްޝަނިސްޓް ބުނުމާއެކީ ، ދިލްނަޝީންގާތަށް އައިސްހުރި ރުޅިގަނޑު ވަކިން ގަދަވިއެވެ. އެހެންނަމަވެސް ، ޢާފިޔާ އެތައް މަސައްކަތެއް ކޮށްގެން ، އަތުލަފިކޮށްގެން ދިލްނަޝީން އެއްވެސްކަމެއް ކުރިޔަނުދީ ގެޔަށް ދިއުމަށްޓަކައި އެހޮޓަލުން ނުކުތެވެ.

ޙައިދަރު އެކޮށްދެމުންގެންދާ ކަންކަމަށް ، ޙައިދަރަށް މެހެމަލް ޝުކުރު އަދާކުރިއެވެ.

" މެހެމަލް އެވެ ! މިއީ މިކަމަށް އޮތް ދާއިމީ ޙައްލެއްނޫނެވެ. މިކަން ޙައްލުވާނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ، އަހަރެމެންގެ ގެޔަށް މެހެމަލް ގެންދަން މަންމަ އެއްބަސްވުމެވެ. އަނެއްގޮތަކީ ، އަންޞާބުގެ ގެޔަށް ދިއުމެވެ. މިދެގޮތްނޫން އެހެންގޮތެއް ނެތެވެ. އެކަމަކު ، މިގޮތަށް ހޮޓަލުގައި މެހެމަލް ހުރެގެން ، އަހަރެމެން ބައްދަލުކުރުމަކީ ، ކުރަން އެހާ ފަސޭހަކަމެއްނޫނެވެ. " ޙައިދަރު ބުންޏެވެ.

އޭނާ ޤަބޫލުކޮށް ، ބަލައިގަނެ ކައިވެނިކުރަން  ، ޙައިދަރު އެއްބަސްވުމަށް މެހެމަލް އެދުނެވެ. އެހެނަސް ، އެއީ ޙައިދަރަށް ކުރެވެން އޮތްކަމެއްނޫންކަމަށް ޙައިދަރު ބުންޏެވެ.

" ބޭވަފާތެރިވީ އަހަރެން އެކަންޏެއްނޫނެވެ. ޙައިދަރުވެސް ތިހުރީ ބޭވަފާތެރިވެފައެވެ. " މެހެމަލް ބުންޏެވެ.

ދިލްނަޝީނަކީ އޭނާއަށްވުރެ ރީތިމީހެއްތޯ މެހެމަލް ސުއާލު ކުރިއެވެ. އަދި ، ޙައިދަރުގެ ގާތަށްޖެހިލިއެވެ. ދިލްނަޝީނަކީ ، އޭނާގެ އަންހެނުންކަމަށް ޙައިދަރު ބުންޏެވެ. މެހެމަލް ، އިތުރަށް ޙައިދަރާ ގާތަށް ޖެހިލިއެވެ. އަދި ، އޭނާއަކީ ، ޙައިދަރުގެ ލޯބިކަމަށް ބުންޏެވެ. މެހެމަލްގެ އަތް އޭނާގެ ގައިން ދުރުކޮށްލައި ، ޙަޤީޤަތާ ކުރިމަތިލުމަށް މެހެމަލްގާތު ޙައިދަރު ބުންޏެވެ. އޭނާދާން އެބަޖެހޭކަމަށްބުނެ އަވަސްއަވަހަށް އެތަނުން ޙައިދަރު ނުކުތެވެ.

ދިލްނަޝީންގެޔަށްގޮސް ، މައްޗަށް އަރައިގެންދަނިކޮށް ، ކުލްސޫމްގެ ގައިގާ އަޅައިގަތެވެ. ދިލްނަޝީން ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާއަކަށް އެރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ކުލްސޫމަށް ސަލާމްވެސް ކޮށްނުލައި ، ސިޑިން އަރައިގެން ކޮޓަރިޔަށް ދިޔައެވެ. ދިލްނަޝީންގެ ޙަރަކާތްތައް ހުރިގޮތުން ، ކޮންމެވެސް ކަމެއްވެއްޖެކަން ކުމްސޫމް ދެނެގަތެވެ. އެވާނީ ، ޙައިދަރުގެ ފަރާތުން ހިނގި ކަމަކަށެވެ. އެހެންނޫންނަމަ ، ދިލްނަޝީން އެހާބޮޑަކަށް ރުޅިއެއް ނާންނާނެއެވެ.

ދިލްނަޝީން ، ކޮޓަރިޔަށް ވަދެގެން ދިޔަގޮތަށްގޮސް ، ފޮށްޓެއްނަގައި އޭނާގެ ހެދުންތައް ޕެކްކުރަން ފެށިތަނާ ، ކުލްސޫމަށް އެތަނަށް އާދެވުނެވެ. ދިލްނަޝީން އެކުރަނީ ކީއްތޯ ކުލްސޫމް ސުއާލު ކުރިއެވެ.

" އަހަރެން މިދަނީ މަންމަގެ ގެޔަށެވެ. މިގޭގައި ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. " ރޮމުންރޮމުން ، ދިލްނަޝީން ބުންޏެވެ.

ކުޑަކުދިން ދައްކާކަހަލަ ވާހަކަ ނުދެއްކުމަށާއި ، ވެގެންއުޅޭގޮތެއް އޭނާގާތު ބުނުމަށް ، ކުލްސޫމް އެދުނެވެ.

" މިގޭގައި އަހަރެންކުރަން އޮތީ ކޮންކަމެއް ހެއްޔެވެ ؟ މިގެޔަކަށް އަހަރެންގެ ބޭނުމެއް ނެތެވެ. އަހަރެންގެ ފިރިމީހާގެ ހިތުގައި އަހަރެންގެ މައްޗަށް އެއްވެސް ޤަދަރެއް އިޙްތިރާމެއް ނެތި އަހަރެން މިގޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންނަށް ވާންއޮތް ވަރަކަށް މަސައްކަތް ކޮށްފީމެވެ. ހުރިހާކަމެއް ހަނދާން ނައްތައިލާފައެވެ. އަހަރެންގެ ފިރިމީހާގެ ހިތުގައި އަހަރެންގެ މައްޗަކަށް އެއްވެސް ޖާގައެއް ނެތެވެ. އަނބިމީހާއަކީ ، ފިރިމީހާ ހިތްއެދޭ މީހާއެވެ. އެކަމަކު ، ޙައިދަރުގެ ހިތުގައި އޮތީ ، ހަމައެކަނި މެހެމަލް އެވެ. އަހަރެންނަކަށް ޙައިދަރުގެ ހިތުން އެއްވެސް ޖާގަޔެއް ނުދޭނެއެވެ.  " ދިލްނަޝީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޙައިދަރު އެއްޗެކޭ ބުނީތޯ ، ކުލްސޫމް ސުއާލުކުރިއެވެ. ޙައިދަރު ބުނާނީ ކީކޭ ހެއްޔެވެ ؟ އިއްޔެވެސް މެހެމަލްގާތު އެތައް ވަޢުދެއްވިއެވެ. އެކަމަކު ، އެއީ އެއްވެސް އަގެއްނެތް ވަޢުދެއްކަން މިއަދު ، އޭނާއަށް އެނގިއްޖެކަމަށް ދިލްނަޝީން ބުންޏެވެ. މަންމަޔަށް އެނގޭ ހެއްޔެވެ ؟ މެހެމަލް އޭނާގެ ގެޔަކަށް ނުދެއެވެ. މެހެމަލް އެހުންނަނީ ފަސްތަރީގެ ހޮޓަލެއްގައެވެ. އެކަން ހަމަޖައްސައިދިނީ ޙައިދަރެވެ. ހޮޓަލުގެ ރަޖިސްޓަރީގައި އޮތީ ޙައިދަރާއި މެހެމަލްއަކީ ދެމަފިރިން ކަމުގައި ލިޔެފައެވެ. ކޮޓަރި ހިފާފައިހުރީ އެދެމީހުންގެ ނަމުގައެވެ. ޙައިދަރު މިއަދު އޮފީހަކަށްވެސް ނުދެއެވެ. ދުވާލުހަތަރުދަމު އެއުޅުނީ މެހެމަލްއާ އެކީގައެވެ.

ދިލްނަޝީން އެގެއިން ނުކުމެގެން ނުދިއުމަށް ކުލްސޫމް އެދުނެވެ. ޙައިދަރުގެ ކަންތައް ހަމަޖައްސާނީ އޭނާކަމަށްވެސް ބުންޏެވެ. ކަންފަތުގައިވެސް ހިފާނެއެވެ.

ޙައިދަރުގެ ކަންފަތުގައި ހިފުމުން ފުރިހަމަވާނީ ކޮންކަމެއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ކަންފަތުގައި ހިފައިގެން އޭނާއާ ދިމާލަށް ޙައިދަރު އަނބުރައިލެވިދާނެތޯ އެހިއެވެ. މެހެމަލްއާ ދިމާލަށް ކުރިމަތިލައިގެން ހުއްޓާ ، ދިލްނަޝީނާ ދިމާލަށް ޙައިދަރު އަނބުރައިލެވިދާނެ ހެއްޔެވެ ؟ ޙައިދަރު އެހުރީ މެހެމަލްގެ ދަޅައިގާޖެހި ހަފުސް ވެފައެވެ. މެހެމަލްގެ ކިބައިން ޙައިދަރަކަށް ސަލާމަތެއް ނުވެވޭނެއެވެ. މެހެމަލްއާ ދުރަށްދާކަށް ޙައިދަރު ބޭނުމެއް ނޫނެވެ. އޭނާއަށް ދެން ކެތްނުކުރެވޭނެކަމަށް ބުނެ ، އޭނާ ނުހުއްޓުވުމަށް އެދި ކުލްސޫމަށް ، ދިލްނަޝީން އާދޭސްކުރަމުން ގެންދިޔައެވެ. އަދި ބާބަރާއަށް ގޮވައިގެން ގެނެސް އޭނާގެ ފޮށި ، ކާރަށް ލައިދިނުމަށް ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ވަރިކުރިޔަސް ހައިދަރު އުޅޭހާގޮތަކަށް އާދެ! މަސާހިބުކިޔާލަ
    ކިޔާލާ ކީއްކުރަން ތިގޭގައި ހުންނާކަށް ފިރިހެނުން ހީކުރާކަހަލައޮތަ އެމީހުންހެދިހާއެއްޗެއް ބެދިގެން އުޅޭނެކަމަށް!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.