ވިހަ ތީރު (44)

(26 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ދިލްނަޝީންގެ ހިތުގައި އުފެދިފައި އެއޮތީ ބޭކާރު އިޙްސާސްތަކެއްކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީން ދާންއޮތް މަގުން ، ކުލްސޫމް އެވަނީ މެހެމަލް ފޮނުވައިލާފައެވެ. އެމަގަށް އަލުން މެހެމަލް ނުކުމެއްޖެނަމަ ، މަގުގެ އެއްފަރާތަށް މެހެމަލް ޖައްސައިލާފައި ، ކުރިޔަށް ހިނގައިދިއުމަކީ ، ދިލްނަޝީންކުރަންޖެހޭނެ ކަމެކެވެ.)

ޙައިދަރު މިއަދު އޮފީހުންއައީ ، އިރުއޮއްސުނު ފަހުންނެވެ. ގެޔަށް އައިސް ވަނުމާއެކީ ، ދިލްނަޝީނާއި ކުލްސޫމާ ދެމައިން ސިޓިންގރޫމުގައި ތިއްބާ ފެނުމާއެކު ދެމައިންނަށް ސަލާމް ގޮވައިލިއެވެ. ދިލްނަޝީން ކޮޅަށްތެދުވެ ، ޙައިދަރުގެ އަތުގައި އޮތް ދަބަސް އަތުލިއެވެ. ގޮނޑީގައި އިށީނދެ އެތާ އިންއިރު ، ޙައިދަރު އިނީ ކޮޅުނެތްކޮޅަށް ކަންބޮޑުވެފައެވެ. މޫނުމަތީގައިވަނީ ހާސްކަމެވެ. ޙައިދަރަށްވެފައި އެއިނީ ކިހިނެއްތޯ ، ކުލްސޫމް ސުއާލުކުރިއެވެ. މަންމަޔާވެސް ވާހަކައެއް ދައްކައިލީކީ ނޫނެވެ. އަންހެނުންނަކާވެސް އަނގަޔަކުން ނުބުނެއެވެ. މެހެމަލްއާ ބެހޭގޮތުންވެސް އެއްޗެކޭ ނުބުނެއެވެ.

" މެހެމަލްއާބެހޭ ވާހަކައެއް މަންމަކުރެން އަހާކަށް ، މަންމަ ހިތްހަމައެއް ނުޖެހޭނޫން ހެއްޔެވެ ؟ މެހެމަލްއާ ބެހޭވާހަކައެއް ދައްކާކަށް ދިލްނަޝީންވެސް ހިތްހަމައެއް ނުޖެހޭނެ ނޫންހެއްޔެވެ ؟ ދިލްނަޝީނާ ދިމާލަށް ބަލައިލަމުން އެންމެފަހުން ، ޙައިދަރު އަނގައިން ބުންޏެވެ.

އެއީ ވެދާނެގޮތެއްކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ އަނބިމީހާއެވެ. މެހެމަލް އެގޭތެރޭގައި އެއުޅެނީއަކީ ، މީހަކަށް އެއްޗެކޭ ނުބުނެ ހުރެވޭގޮތަކަށް ނޫނެވެ. ޙައިދަރުވެސް މެހެމަލްގެ ކަންކަމަށް ސަމާލުކަން ދެނީ ، އަނތްބަކަށް އަނގަހިމޭނުންލައިގެން ހުރެވޭ ވަރަށްވުރެ ބޮޑަށެވެ. ދިލްނަޝީންގެ ޅަކަމުން ނުވިސްނުނު ނަމަވެސް ، އަނގައިން ނުބުނެ ހުރެވެނީއެވެ. ފިރިމީހާގެ ހިތުގައި އެހެން އަންހެނަކު އޮންނައިރު ، އަނބިމީހާއަށް އެކަމުގެ ތަކުލީފު ނުލިބިއެއް ނުހުންނާނެއެވެ. ޙައިދަރުގެ ވާހަކަތަކަށް ހިތްހަމަ ނުޖެހިގެން ، ދިލްނަޝީން ތެދުވެ އޭނާގެ ކޮޓަރިޔަށް ދިޔައެވެ.

" އަހަރެންގެ ހިތުގައި މެހެމަލް އޮތުމަކީ އާކަމެއްނޫނެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ހިތުގައި މެހެމަލް އޮތީކީ އަދަކު މިއަދަކު ނޫނެވެ. އެއީ ކިތަންމެ ދުވަހެއްވެފައި އޮތް ކަމެކެވެ. މިހާރު އޮންނަންޖެހޭނީ ހިރަފުސް އަރައި ބޭނުންނުކުރެވޭވަރަށް ޚަރާބުވެފައެވެ. މެހެމަލް އެގެޔަށް އެއައީ އެހިތް ސާފުކޮށް ، ޙައިދަރުގެ ހިތުތެރެޔަށް އަލުން ވަނުމަށްކަމުގައި ކުލްސޫމް ބުންޏެވެ. މެހެމަލް އެގެއިން ފޮނުވައިލީ އެހެންވެގެންނެވެ. އޭނާގެ ޅީދަރިފުޅަށް މެހެމަލްގެ ފަރާތުން ކުރިމަތިވާ ކަންކަމަށް ކެތްކޮށްގެންނެއް ކުލްސޫމަކަށް ނުހުރެވޭނެއެވެ. މެހެމަލް ޖަހާހާ ސަކަރާތެއްޖަހަން ދޫކޮށްލައިގެން ހުރެއްޖެނަމަ ، ހަލާކުވެގެންދާނީ ޙައިދަރުގެ ދިރިއުޅުމެވެ.

ޙައިދަރު ، އޭނާގެ މަންމަޔާދިމާލަށް ބަލައިލިއެވެ. މެހެމަލް ، ގެއިން ބޭރުކޮށްލާފައި ފޮނުވައިލީ ކޮންތާކަށްތޯ ޙައިދަރު ސުއާލުކުރިއެވެ. އެގެއިން ބޭރުކޮށްލީމަ ، މެހެމަލްދާނީ ކޮންތާކަށް ހެއްޔެވެ ؟ މެހެމަލްއަށް އަޅައިލާނެ އެއްވެސްމީހަކު ، ޙައިދަރުމެންނޫނީ މިދުނިޔޭގައި ނެތްކަން ، ކުލްސޫމަށްވެސް އެނގޭނެ އެވެ.

" އެއީ ކީއްވެ ހެއްޔެވެ ؟ މެހެމަލް ގެ ފިރިޔަކު އަދިވެސް އެބަހުށްޓެވެ. އަންޞާބުގާތުން ، މެހެމަލް އަދި ވަރިއެއް ނުވެއެވެ. އެގެ ، މެހެމަލްއަށް ކުޑަހެއްޔެވެ ؟ މެހެމަލްއަކީ ، އަންޞާބުގެ ދަރިއެއްގެ މައިމީހާއެވެ. ޢީޝަލްއަށް ނޫންކަމަށްވަންޏާ ، ދަރިފުޅުގެ މައިމީހާއަށް ބޯހިޔާވަހިކަމެއް ދިނުމަކީ ، އަނޞާބުގެ ވާޖިބެކެވެ. އެގެއިން ނުކުމެގެން އަޔަސް ، މިހާރުވެސް މެހެމަލްއަކީ ، އަންޞާބުގެ އަނބިމީހާއެވެ. އަންހެނަކަށް ލިބިގެންވާ ޙިމާޔަތަކީ އޭނާގެ ފިރިމީހާއެވެ. އެކަން ، ޙައިދަރު ހަނދާން ނެތުނީ ހެއްޔެވެ ؟ ރޮމުންރޮމުން އައިސް ، އެހެންމީހުންގެ ކޮނޑުގައި ބޯއެޅުމަކީ ، ވަރަށް ގޮތްކުޑަ އަންހެނުން ކުރާކަމެކެވެ. އަދި ، އެހެން ފިރިހެނުންގެ އަނބިންގެ ލޮލުންފައިބާ ކަރުނަ ފުހުމަކީ ، ޤަދަރުވެރި ފިރިހެނުންކުރާނެ ކަމެއްނޫނެވެ. އަމްދުން ، އެހެން ފިރިހެނުންގެ އަނބިންގެ ލޮލުން ފައިބާ ކަރުނަ ފުހެދީގެން ، ތިމާގެ އަމިއްލަ އަނބިމީހާ ރޮއްވުމަކީ ، އިޙްސާންތެރިންގެ ކަމެއްވެސް ނޫނެވެ. " ކުލްސޫމް ބުންޏެވެ.

މެހެމަލް މިހާރު އެ ގެންދަނީ ، އޭނާގެ އަމިއްލަ އަތުން ، އަމިއްލަ ދިރިއުޅުން ހަލާކުކުރަމުންނެވެ. އެހެނަސް ، ޙައިދަރުވެސް ، ރަނޑާލި އަންހެނެއްހެން މެހެމަލް އެހިނގާމަގުން ހިނގައި އަމިއްލަ ދިރިއުޅުން ބަރުބާދުކުރަމުން ގެންދަންވީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެނގިއްޖެ ހެއްޔޭބުނެ ، ކުލްސޫމް އަޑުލައިގަތީމަ ، މަންމަޔަށް ފެންނަގޮތެކޭބުނެ އެހިސާބުން ، ޙައިދަރު އެކަން ނިންމާލައި ކޮޓަރިޔަށްދާން ތެދުވިއެވެ.

މޭޒުމަތީ ބޯއަޅާލައިގެން އޮއްވައި މެހެމަލްއަށް ކުއްލިޔަކަށް ހޭލެވުނެވެ. ފޯނަށްބަލައިލިއިރު ، ޙައިދަރުގެ ކޯލެއް އައިއްސައެއް ނެތެވެ. އެހެންކަމުން ، ޙައިދަރަށް ގުޅިއެވެ. އެކަމަކު ، ޙައިދަރުގެ ފޯނުއޮތީ ، އޭނާގެ މޯބައިލް ފޯނަށް އަންނަ ކޯލްތައް އޮފީހަށް ބަދަލުވާގޮތަށް ހަދާފައެވެ. ޗޮކެއްކަނޑައި ، ފޯނު އެއްލައިލުމަށްފަހު ، މެހެމަލް ބޯހޫރައިލިއެވެ. އައިއްސަހުރި ރުޅިގަނޑު ، އޭނާގެ އެތެރެހަށީގައި އިތުރަށް އަނދައިގަތެވެ.

ޙައިދަރު ކޮޓަރިޔަށް ވަނުމާއެކީ ، ދިލްނަޝީން އޭނާއަށް ސަލާމް ގޮވައިލިއެވެ. ޙައިދަރުގެ ސިކުނޑިޔަށް ލިބިފައިވާ ހާސްކަން އަދިވެސް ކަނޑައިގެން ނުދެއެވެ. ދެފަރާތަށް ހޫރެމުންއައިސް ، އެނދުގައި ޖައްސައިލިއެވެ. ދިލްނަޝީނަށް ގޮވައިލުމަށްފަހު ، ވާހަކައެއް ބުނަން ފެއްޓުމާއެކީ ، ދިލްނަޝީން އިށީނދެއިންތަނުން ތެދުވެގެން އައިސް ޙައިދަރުގާތުގައި އިށީނދެލިއެވެ. ވާހަކަ ދައްކާލަންވީމަ ، ދިލްނަޝީން ޢާންމުކޮށް ހަދާގޮތަށް ، އަތުގައި އަޅާފައި އޮންނަ ތަނޑިތައް ތަޅުވައިލިއެވެ. ޙައިދަރުގެ އަތްމަތީ ދިލްނަޝީން ، އޭނާގެއަތް ބާއްވާލިއެވެ.

އެވަގުތު ، ޙައިދަރަށް އެ ލިބިގެންދިޔަ އިޙްސާސުން ، އޭނާ ދިލްނަޝީންގާތު ބުނަން އުޅުނުވާހަކަ ހުށްޓުނެވެ. ދިލްނަޝީންގެ އަތުގެ ފޮނި އިޙްސާސް ، އެންމެ ހިމަ ނާރުގެ ތެރެއިންލާފައި އޭނާގެ ހިތަށް ފޯރާވަރަށް އިޙްސާސްކޮށްލިއެވެ. ފުންނޭވާޔަކާއެކީ ، ދެލޯމަރައި ލެވުނެވެ. ނާރުތަކުގައި ހިނގަމުންއައި ލޭ ހޫނުވެ ކޮޅުކޮޅަށް ދުއްވައިގަތެވެ. އެހެންޏާ ނުތެޅޭވަރަށް ހިތްތެޅިގަތެވެ. ވިންދަކަށްފަހު ވިންދެއް އަވަސްވަމުންގޮސް ނޭވާ ކުރުވަމުންދިޔައެވެ.

އޭނާގެ އަތްމަތީ ބާއްވާލެވިފައިއޮތް ދިލްނަޝީންގެ އަތަށް ، ޙައިދަރަށް ބަލައިލެވުނެވެ. ހަމައެއާއެކީ ، އިސްއުފުލާލައި ، ދިލްނަޝީނާ ހަތަރުކަޅި ހަމަކޮށްލިއެވެ. ދިލްނަޝީންގެ ހިތުގައި ޙައިދަރުގެ މައްޗަށް އުފެދިފައިއޮތް ލޯބި ، ފުރަތަމަފަހަރަށް ، ދިލްނަޝީންގެ ލޮލުތެރެއިން ޙައިދަރަށް ފެނުނެވެ. ދިލްނަޝީން ، ލަދުންގޮސް އިސްދަށަށްޖަހައިލިއެވެ. އެހެނަސް ، ދިލްނަޝީންގެ މޫނުމަތިން ޙައިދަރުގެ ލޯ ދުރުކޮށެއް ނުލެވުނެވެ. އެތައްއިރެއްވަންދެން ބަލަހައްޓައިގެން އިނުމަށްފަހު ، ހިތްހަމަޖެހުމާއެކީ ، އުފާވެރިކަމުގެ ހިނިތުންވުމަކުން ، ޙައިދަރުގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ދިލްނަޝީންގާތު އޭނާ ބުނާނީ ކީކޭކަމެއް ނުވިސްނުނެވެ. ބުނަންވެފައި އެތައްވާހަކައެއް އެބަހުށްޓެވެ.

" އަހަރެންގާތަށް އައިސް ، ދިލްނަޝީން ތިގޮތަށް އަހަރެންގާތު އިށީނދެލުމުގެ މާނަޔަކީ ، އަހަރެންގެ ހިތުގައި ދިލްނަޝީންގެ މައްޗަށް އޮތްލޯތްބާއި މިގޭގެމައްޗަށް ދިލްނަޝީންގެ ހިތުގައި އުފެދިފައިވާ ޤަދަރު ދިލްނަޝީނަށް ޤަބޫލުކުރެވުނީކަން ، އަހަރެންނަށް ޔަޤީނެވެ. ހަމައެގޮތަށް ، އަހަރެންނާއެކީ ދިރިއުޅެން ދިލްނަޝީންގެ ހިތްއެދިއްޖެކަންވެސް އަހަރެންނަށް ޔަޤީނެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ މައްޗަށް މެހެމަލްގެ ހިތުގައި އޮތްލޯބި ، ދިލްނަޝީންގާތު އޮތީ ބުނެ އަންގައިދީފައެވެ. ދިލްނަޝީނަށް ނޭނގޭކަމަކީ ، ދިލްނަޝީނާއި ޙައިދަރާ ދެމެދުގައި އޮތް ދުރުކަން މެހެމަލްއަށް އެނގުނު ގޮތެކެވެ. އެދެމަފިރިންގެ މެދުގައި ދެމަފިރިއެއްގެ ދެމެދުގައި އޮންނަންޖެހޭ ގުޅުންނެތްކަން އެނގޭނީ ، ހަމައެކަނި އެދެމީހުންނަށެވެ. މެހެމަލްއަކަށް އެކަމެއް ނޭނގޭނެއެވެ. މެހެމަލްއަށް އެކަން އެނގުނުގޮތެއް ސާފުކުރުމަށް ދިލްނަޝީން ބޭނުންވިއެވެ. މެހެމަލްއަކީ ، ޙައިދަރުގެ ގާތްތިމާގެ މީހެކެވެ. ފަހަރެއްގައި އެކަން މެހެމަލްއަށް އެނގުމަކީ ، މައްސަލައެއްނޫންކަމަށް ދިލްނަޝީން ބުންޏެވެ. ޙައިދަރަށް ލިބުނު ސިހުމުގައި ދިލްނަޝީނާގާތަށް ޖެހިލެވުނެވެ.

" އަހަރެން ، ﷲ ގަންދީހުވާކޮށްފައި ބުނަމެވެ. އެކަހަލަ އެއްވެސް ވާހަކައެއް މެހެމަލްގާތަކު ނުދައްކަމެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. މަންމަގާތުވެސް ، އަހަރެމެންގެ އެކަހަލަ ވާހަކައެއް އަހަރެންނެއް ނުދައްކަމެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަޔަކީ ، މެހެމަލްއަކީ ، ކުޑައިރުއްސުރެ ، ޙައިދަރުމެންގެ ޒިންމާގެ ދަށަށް އައިސްހުރި މީހަކަށްވުމެވެ. ޙައިދަރާއި މެހެމަލް ބޮޑުވެގެން އައީ އެއްގެޔެއްގެ ތެރޭގައި އެކީގައި ކުޅެމުން އުޅެމުންނެވެ. މެހެމަލްގެ ބައްޕަ ނިޔާވީ ، ޙައިދަރުގެ ބައްޕަޔާ މެހެމަލްގެ ޒިންމާ ޙަވާލުކޮށްފައެވެ. ޙައިދަރު މިހާރު އުފުއްލަމުން އެގެންދަނީ ، ޢާއިލީގޮތުން ޙައިދަރަށް ވާރުތަވި ޒިންމާއެކެވެ.

ދިލްނަޝީންގެ މައްޗަށް ޙައިދަރަށް އޮތް ޒިންމާ ފުރިހަމަކުރިންތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. އެއީ ޖަވާބުދޭން ޙައިދަރަށް އުނދަގޫވި ސުއާލެކެވެ. އެހެންނަމަވެސް ، ޙައިދަރުގެ ފަރާތުން ، އެކަމަށް އިސްނެގީ މަންމަކަމުގައި ޙައިދަރު ބުންޏެވެ. އެންމެފަހުން ، އެދެމީހުން އެއްގަލަކަށް އަރައި ، އެކީގައި ގައިގާ ޖެހިލައިގެންތިބެ ވާހަކަ ދައްކައިލަން ފުރުޞަތު ލިބުނުގޮތަކާމެދު ޙައިދަރުއިނީ ޙައިރާންވެފައެވެ. އެ ފުރުޞަތުގައި އެދެމަފިރިންގެ ދެމެދަށް ތިންވަނަމީހަކު ވަންނަން ފުރުޞަތު ދޭންވީ ކީއްވެތޯ ޙައިދަރު ސުއާލުކުރިއެވެ. އެދެމީހުންނަށް ، އެކަކު އަނެކަކު ނުފުދެނީ ހެއްޔެވެ ؟ މިހާރު ދެން އޮތީ ، އެދެމީހުން އެކަކުއަނެކަކަށް ދަސްކުރުމެވެ. އެކެއްގެ ވާހަކަ އަނެކަކަށް ކިޔައިދިނުމެވެ. ދިލްނަޝީންގެ ވާހަކަ ކިޔައިދިނުމަށް ޙައިދަރު އެދުނެވެ. ދިލްނަޝީން ބޭނުންވާ އެއްޗަކާ ބޭނުންނުވާ ތަކެތި ދެނެގަތުމަށް ޙައިދަރު ބޭނުންވިއެވެ.

އިންސާނެއްގެ ޙަޔާތުގައި ކޮންމެ މީހަކުވެސް ކައިވެންޏެއްކުރަން ބޭނުންވާނެއެވެ. ދިލްނަޝީންގެ ހިތުގައިވެސް ކައިވެންޏަކާމެދު ޚިޔާލުތަކެއް ކުރެވިފައި ހުންނާނެއެވެ. އުއްމީދުތަކެއްވެސް އޮންނާނެއެވެ. ދިލްނަޝީނަށް ލިބޭ ފިރިމީހާއަކީ ކޮންކަހަލަ މީހެއްކަމާމެދު ކުރެވުނު އުއްމީދުތަކެއްވެސް ނޯވެއެއް ނުދާނެއެވެ. ޙައިދަރުގެ ވާހަކަ އެހިސާބަށް ދިޔަތަނުން ، ދިލްނަޝީންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. އެއީ އޭނާގެ މާޒީގެ ޞަފުޙާތަކުން ހިތަށްލިބުނު ހާސްކަމެކެވެ. ޙައިދަރު ދައްކަމުން ގެންދިޔަ ވާހަކަތައް ދޭހަނުވާވަރަށް ދިލްނަޝީންގެ ކަންބޮޑުވުން އިތުރުވިއެވެ. އޭނާގާތު ޙައިދަރު އިންކަން ނޭނގޭވަރަށް ، އެތަނުން ދިލްނަޝީން ދުރަށް ގެންދިޔައެވެ. އެހެނަސް ، ހިތްވަރުކޮށްފައި ، ދިލްނަޝީން އެނބުރި އައިސް ޙައިދަރުގެ ސުއާލަށް ޖަވާބު ދެވޭތޯ މަސައްކަތް ކުރިއެވެ. އޭނާބޭނުންވާ ފިރިޔެއްގެ ތަޞައްވުރު ޙައިދަރުގާތު ބުނެދެވޭތޯ މަސައްކަތް ކުރިއެވެ.

ދިލްނަޝީންގެ ފިރިމީހާ ، މީހުންނަށް ހެޔޮވާނެއެވެ. އަޅައިލާނެއެވެ. އޭނާއަށް ކުރެވޭ ހުރިހާ ކުށެއް މާފުކުރާނެއެވެ. ކުށަށް މާފުކުރުމަކީ ، ޙައިދަރަށް މައްސަލައެއް ނޫނެވެ. އެހެނަސް ، އެކުށަކީ ކޮންބާވަތެއްގެ ކުށެއްކަން އެނގެން ޙައިދަރު ބޭނުންވިއެވެ.

މެހެމަލް އިނީ ޙައިދަރުގެ ޚަބަރެއް ނުވެގެން ހާސްވެފައެވެ. ޙައިދަރާ އޭނާގެ ފޯނުންގުޅޭނެ ހުރިހާ ދޮރެއް ޙައިދަރު އޮތީ ބަންދު ކޮށްފައެވެ.

ޙައިދަރުގެ ސުއާލަށް އޭނާއިނީ އިންތިޒާރު ކޮށްގެންނެވެ. ކޮންކަހަލަ ކުށެއްތޯ ތަކުރާރުކޮށް ދިލްނަޝީންގާތު އަހަމުން ގެންދިޔައެވެ. ދިލްނަޝީން ބުނަން ބޭނުންވީ ، އޭނާގެ މާޒީގެ ވާހަކައެވެ. އެކަމަކު ، ޙައިދަރުގާތު އެވާހަކަ ބުނާނީ ކިހިނެއްކަމެއް ނޭނގެއެވެ. ޙައިދަރަކީ ، މީހުން ބޭނުންކޮށްފައި ދޫކޮށްލާ އެއްޗެތި ބޭނުންކުރާނެ މީހެއްނޫންކަން ޙައިދަރުގެ މަންމަގެ ފަރާތުން ދިލްނަޝީނަށް އޮތީ އެނގިފައެވެ. އެހެންވީމާ ، ޙަމްޒާގެ ވާހަކަ ބުނެފިއްޔާ އެހިސާބުން އޭނާގެ ދުވަސް އެދިޔައީއެވެ.

" މިސާލަކަށް ޙައިދަރުގެވެސް މާޒީއެއް އެބައޮތެވެ. ހަމައެގޮތަށް އަހަރެންގެ މާޒީއޮތްނަމަ ......... "

ދިލްނަޝީންގެ ވާހަކަ ނުނިމެނިސް ، ދިލްނަޝީންގެ އެފަދަ މާޒީއެއް އެބައޮތްތޯ ، ޙައިދަރު ސުއާލު ކުރިއެވެ. ކައިވެނީގެ ކުރިން ، ދިލްނަޝީންގެ ޙަޔާތުގައި އެއްވެސްމީހަކު ހުރިތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީންގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. ޙައިދަރުގެ އެސުއާލަށް ދޭނީ ކޮންޖަވާބެއްކަމާމެދު ވިސްނާކަށް އިތުރު ފުރުޞަތެއް ނެތެވެ. އެސުއާލަށް ޖަވާބުދިނުމަށް ، ތަކުރާރުކޮށް ޙައިދަރު އެދެމުން ގެންދިޔައެވެ. ދިލްނަޝީންގެ ނިތްކުރިޔަށް އަރައިފާހުރި ރޫތައްފެނި ، ޙައިދަރު އިތުރަށް ކަންބޮޑުވިއެވެ.

ޙައިދަރު އެންމެފަހުން އޭނާއާ ވަކިވެގެން އެދިޔައީ ސަހަލުގޮތަކަށް ނޫނެވެ. އެކަން ރަނގަޅުކުރަން މެހެމަލްއަށް ޖެހެއެވެ. އެހެންނޫންކަމަށް ވަންޏާ ، އޭނާގެ އަތުން ޙައިދަރު ބީވެގެން ހިނގައިދާނެއެވެ. އޭނާއަށްވެސް ޙައިދަރަށްވެސް ބޭނުންވެފައިހުރި ކަމަކަށް ، މެހެމަލް އެދުމުން ، ޙައިދަރު ނުކުމެގެން ދިޔައީ އެކަމަށް އިންކާރުކޮށްފައެވެ. އޭނާއާ އެހާދުރަށް ޙައިދަރު ފޮނުވައިލާކަށް މެހެމަލް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންނަމަވެސް ، ޙައިދަރާ ވާހަކަ ދައްކަން މެހެމަލް ނިންމިއެވެ. ޙައިދަރުގެ އޮފީސް މީހަކާ ގުޅައިގެން ކޮންފަރެންސް ކޯލްހަދައިގެންކަމަށްވިޔަސް ، ޙައިދަރާ ވާހަކަ ދައްކަން މެހެމަލް ނިންމިއެވެ.

ޙައިދަރަށް ދޭނެ ޖަވާބަކަށް ދިލްނަޝީން ވިސްނަމުންގޮސް އެންމެފަހުން އޭނާގެ ސިނކުޑީގައި އެކަން ރާވައިލިއެވެ.

" އަހަރެން ، ޙައިދަރު ތަޅުވައިލީއެވެ. އަހަރެން ސަމާސާ ކޮށްލީއެވެ. " ދިލްނަޝީން ބުންޏެވެ.

ކުއްލިޔަކަށް ޙައިދަރަށް ފޯނެއް އައެވެ. ޙައިދަރުގެ ފޯނުއޮތީ ދިލްނަޝިނާ ކައިރީގައެވެ. އެއީ މުނީރު ކިޔާމީހެއްގެ ކޯލެކޭ ބުނެ ، ޙައިދަރަށް ފޯނުދިއްކޮށްލިއެވެ.

ފޯނުން ވާހަކަދެއްކީ މެހެމަލް އެވެ. އޭނާއެހުރީ ވަރަށް ބިރުގެންފައިކަމަށް މެހެމަލް ބުންޏެވެ. ހުރިހާކަމެއް ރަނގަޅުވާނެކަމަށާއި ކޮންކަމެއް ގޯސްވެގެންތޯ އެއުޅެނީ ޙައިދަރު ސުއާލު ކުރިއެވެ. މެހެމަލްގެ ނަންގަންނާކަށް ޙައިދަރު ބޭނުމެއްނޫނެވެ.

މެހެމަލްގެ ޖަޒުބާތުތަކާއި އިޙްސާސްތައް ޙައިދަރަށް އިޙްސާސް ނުކުރެވޭނެކަމަށް މެހެމަލް ބުންޏެވެ. އެފޯނުގައި އެހާ ގިނައިރުކުރާކަށް ޙައިދަރު ބޭނުމެއްނޫނެވެ. އޭނާ މާދަމާ ހެނދުނު އޮފީހަށްގޮސް ، ހުރިހާކަމެއް ނިންމާނެކަމަށް ބުނަމުން ، މެހެމަލް ޙައިދަރަށް ގޮވަގޮވާ އޮއްވާ ، ޙައިދަރު އެފޯނު  ކަނޑައިލިއެވެ. އެއީ މެހެމަލްގެ ފޯނެއްކަން ދިލްނަޝީނަށް އެނގޭކަށް ޙައިދަރު ބޭނުމެއް ނުވިއެވެ. އޮފީސްމީހުން ކޮންމެ ގަޑިއެއްގައިވެސް ގުޅާފާނެކަމަށާއި ފޯނު ކަނޑައިލަނީކަމަށް ބުނެ ، ޙައިދަރު އޭނާގެ ފޯނު ނިއްވައިލިއެވެ. އޭރު ، ދިލްނަޝީންވެސް ޙައިދަރަށް ދޭނެޖަވާބެއް ސިކުޑީގައި ރާވަމުން ގެންދިޔައެވެ.

އެމީހުން އެންމެފަހުން ދެއްކީ ކޮންވާހަކައެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ. އެދެމީހުން އެކަކު އަނެކަކަށް ސަމާސާކުރަނީކަމަށް ދިލްނަޝީން ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ދިލްނަޝީންގެ އިސްނެގުމަށް އައްސަރިބަހާއި ސާބަސް. ތި ދެމަފިރިންގެ ދެމެދުގައި އަދި އެތައް ކަމެއް ހިނގައިގެން މެހެމަލް މައިތިރި ކުރެވޭނީ. ހީވާގޮތުން ޙައިދަރުވެސް ދިލްނަޝީނަށް ވަރަށް ހިތްކިޔާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.