މަސައްކަތު މާޙައުލުގައި އުފެދޭ ކަންބޮޑުވުން

ވަޒީފާގެ މާޙައުލުގެ ކަންބޮޑުވުމަކީ ، އެތައްގޮތަކަށް މުއައްޒަފުންނާ ކުރިމަތިވާ ޙާލަތެކެވެ. އަދި ، އެފަދަ ޙާލަތެއްކުރިމަތި ވެއްޖެނަމަ ، ބަލިމަޑުކަމަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިޒަމާނުގައި ސިޔާސީ ކަންކަމަކީ ، އެއާނުލައި ދިރިއުޅެވެން ނެތް ކަންތައްތަކެކެވެ. ސަރުކާރުގެ އޮފީހެއްގައިކަމަށް ވިޔަސް ، ސަރުކާރުގެ ކުންފުންޏެއްގައިކަމަށް ވިޔަސް ، އަދި އަމިއްލަ ކުންފުންޏެއްގެ ނުވަތަ މީހެއްގެ ވަޒީފާގައި އުޅުނުކަމަށް ވިޔަސް ، އެމީހަކު އަދާކުރާ މަސައްކަތަކަށް ސިޔާސީ ކަންކަމުގެ އަސަރު ނުކޮށެއް ނުހުންނާނެއެވެ.

ބައެއްފަހަރަށް މަސައްކަތް ބޮޑުވެދާނެއެވެ. އަނެއްބައި ފަހަރަށް ، ވަޒީފާގައި ކުރާނެ މަސައްކަތެއް ނެތިދާނެއެވެ. އަދި ކިތަންމެ ރަނގަޅަކަށް ކަމެއްކުރިޔަސް އެކުރާ މަސައްކަތެއް ކަމުނުގޮސްފާނެއެވެ. މަސައްކަތް ކުރެވޭނެ މާޙައުލެއް ނެތިދާނެއެވެ. މަސައްކަތް ކުރަން ދަތިވެދާނެއެވެ. އެކުރާ މަސައްކަތެއް ކުރިޔަށް ނުގެންދެވޭފަދަ ގޮތަކަށް މަސައްކަތް ހުއްޓިދާނެއެވެ. ކުރިޔަށްދެވޭނެ އެއްވެސް މަގެއް ނުފެނި ގިނަވެދާނެއެވެ. އިށީންނާނެ ގޮނޑިއެއްވެސް އޮފީހުގައި ނެތި ހިނގައިދާނެއެވެ. ވަޞީލަތްތައް ނެތިދާނެއެވެ. އަމިއްލަ ވިޔަފާރިއެއްނަމަ ، ބިލްކޮށްފައިވާ މަސައްކަތުގެ ފައިސާ ނުލިބި ތާށިވެގެން ، މަސައްކަތައިގެން ކުރިޔަށްދާން ދަތިވެދާނެއެވެ. ސަރުކާރުގެ އޮފީހެއްނަމަ ، އެކުގައި ދަށުން މަސައްކަތްކުރަންތިބޭ ބަޔެއްގެ އެހީތެރިކަން ނުލިބިދާނެއެވެ. ކުރިޔަށް ގެންދަން ބޭނުންވާ ބާރުމިނުގައި މަސައްކަތް ނުކުރެވިދާނެއެވެ. ލަފަޔާއި އިރުޝާދު ބޭނުންވާ ބަޔެއްގެ އެހީތެރިކަމެއް ނުލިބި ހިނގައިދާނެއެވެ. މިހުރިހާ ކަންކަމަކީވެސް ، ވަޒީފާގެ މާޙައުލުގެ ހާސްކަން އިތުރުކޮށްދޭނެ ކަންކަމެވެ. މިފަދަ މާޙައުލެއްގައި ސިކުނޑި ގޮއްވައިނުލާ ހިފަހައްޓައިލެވޭނީ މަދުމީހަކަށެވެ. ވަޒީފާގެ ހާސްކަން ކުރިމަތިވާހިނދު ، ތިރީގައިވާ ސުއާލުތައް ، އަމިއްލަ ނަފުސާކޮށްލާށެވެ.

  • ކުރާމަސައްކަތުގެ އަގު ، އަމިއްލަ ނަފުސަށް ވަޒަންކޮށްލެވޭ ހެއްޔެވެ ؟
  • ތިބާ ތިހުރީ ، ކުރިންކުރި މަސައްކަތުން އެއްކިބާ ކުރެވިފަ ، އަލަށް ޙަވާލުވި މަސައްކަތްފަށަން ދަތިވެފައި ހެއްޔެވެ؟
  • ތިބާއާ އެއްކޮށް މަސައްކަތްކުރި މީހުންނާ ވަކިކުރެވި ، ކުރިންކުރި މަސައްކަތުން ބޭރުކުރެވިފައިހުރިކަމުގެ އިޙްސާސްވޭ ހެއްޔެވެ ؟
  • އެކުގައި މަސައްކަތްކުރާ މީހުންނާއެކީ ނުވަތަ ކަސްޓަމަރުންނާއެކީ ، އެކުގައި މަސައްކަތްކުރަން އުނދަގޫ ހެއްޔެވެ ؟
  • އެންމެ ރަނގަޅަށް މަސައްކަތްކުރުމުގެ ހިތްވަރު ނެތީ ހެއްޔެވެ ؟
  • މަސައްކަތަށް ސަމާލުކަން ދޭން އުނދަގޫ ހެއްޔެވެ ؟
  • ކުރާމަސައްކަތުން އަމިއްލަ ނަފުސަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެނީ ހެއްޔެވެ ؟
  • މިސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގައި ، މުސާރައިން ބައެއް އުނިވީ ހެއްޔެވެ ؟
  • މަސައްކަތުގެ ޤާބިލްކަމާމެދު އަމިއްލަ ނަފުސަށް ޝައްކު ކުރެވެނީ ހެއްޔެވެ ؟
  • މަސައްކަތުގެ މާޙައުލުންލިބޭ ހިތްހަމަނުޖެހުން ކުޑަކުރުމަށްޓަކައި ކުރާހިތްވަރު އެލެނީ ހެއްޔެވެ ؟
  • ނިދުމުގެ ވައްޓަފާޅިއަށް ބަދަލެއް އައީ ހެއްޔެވެ ؟
  • ބޮލަށާއި ބަނޑަށް ތަދުވުންފަދަ ކަމެއް ނުވަތަ ގޮތްނޭނގޭ ގޮތްތަކެއް ހަށިގަނޑަށް ވޭ ހެއްޔެވެ ؟
  • ފަރުވާކުޑަކޮށް މަސައްކަތްކުރާ އެހެންމީހުން އުޅޭގޮތަށް އުޅެން ބޭނުންވޭ ހެއްޔެވެ ؟

ވަޒީފާގެ މާޙައުލުގައި ދިމާވާ ހިތްހަމަ ނުޖެހުންތަކަކީ ، ޞިއްޙަތަށް ގެއްލުންވާފަދަ އަސަރުތަކެއް ހަށިގަނޑާއި ނަފުސަށް ކުރާ ކަމެކެވެ. އެފަދަ ހިތްހަމަ ނުޖެހުމާ ގުޅިގެން ، އެކުގައި މަސައްކަތްކުރާ މީހުންދެކެ ފޫހިވާނެއެވެ. ތިމާއަށްވުރެ ރަނގަޅަށް މަސައްކަތްކުރާ އެހެންމީހުންނަކީ ޢަދާވާތްތެރިންކަމުގައި ބެލެވޭނެއެވެ. ތިބާއަށް ރަނގަޅަކަށޭ ހިތައި އެއިންމީހަކަށް އެއްވެސްކަމެއް ކޮށެއް ނުދެވޭނެއެވެ. ކިތަންމެ ރަނގަޅުކަމެއް ކޮށްދިނަސް ، އެކަމެއް ބަލައެއް ނުގަނެވޭނެއެވެ. ތިމާއަކީ ، ދުނިޔެއަށް ބޭނުންނުވާ އިންސާނެއްގެ އިޙްސާސް ކުރެވޭނެއެވެ. ބާރެއްނެތް ހުސްތޮށިގަނޑަކަށް މީހާ ހަދަިލާނެއވެ.

ވަޒީފާގެ މާޙައުލުން ކުރިމަތިވާ ހިތްހަމަނުޖެހުމާއި ހާސްކަމަކީ ، ޑޮކްޓަރީ ބޭހަކުން ރަނގަޅުވާނެ ކަމެއްނޫނެވެ. ވަޒީފާގެ މާޙައުލުން އުފެދޭ ހާސްކަމާއި ހިތްހަމަ ނުޖެހުމަކީ ، ބައެއްފަހަރަށް އެންޒައިޓީއާ ގުޅުންހުރި ކަމެކެވެ. ޑިޕްރެޝަންއަށްވެސް ހިނގައިދާނެއެވެ. އެހެންނަމަވެސް ، ޑިޕްރެޝަނާ ނުވަތަ އެންޒަޓީއަކީ ، ވަޒީފާގެ މާޙަލުން އުފެދޭ ހިތްހަމަނުޖެހުމާ ވަރަށް ތަފާތު ދެކަމެކެވެ. ވަޒީފާގެ މާޙައުލުން އުފެދޭ ހިތްހަމަ ނުޖެހުން އެއީ މީހާ ޑިޕްރެޝަނަށް ހިނގައިދާނެ ކަމެކެވެ. އެހެނަސް ، ވަޒީފާގެ މާޙައުލުން އުފެދޭ ހިތްހަމަނުޖެހުމުގެ ބަލިމަޑުކަމާއި ، ޑިޕްރެޝަންއަށް ފަރުވާ ބޭނުންވާނީ ތަފާތު ދެގޮތަކަށެވެ.

އެއްމަސައްކަތެއްކުރާ ދެމީހެއްގެ ތެރެއިން އެކަކަށް ، ވަޒީފާގެ މާޙައުލުގެ މައްސަލަ ކުރިމަތިވެފައި އަނެކަކަށް އެއީ މައްސަލަޔަކަށް ނުވެހިނގައިދާނެއެވެ. ކުރިން އަދާކުރި ވަޒީފާއަކާއި އެވަގުތު އަދާކުރަމުންގެންދާ ވަޒީފާގެ މަސައްކަތް ހުންނަގޮތަކުންވެސް ، ވަޒީފާގެ މާޙައުލުން އުފެދޭ ހާސްކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

ކޮންމެ ސަބަބަކާހެދި އުފެދޭ ކަމެއްކަމަށްވިޔަސް ، ވަޒީފާގެ މާޙައުލުގެ ކަންބޮޑުވުމަކީ ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ، އިންސާނާ ބަލިކޮށްލާނެ ކަމެކެވެ. ސިކުނޑިޔަށްވެސް އޭގެ އަސަރު ކުރާނެއެވެ.

ކުރަންޖެހޭ މަސައްކަތަށް ބަސްނުވިކޭނަމަ އެއީ މަސައްކަތުގެ މާޙައުލުގައި ލިބޭނެ ތަކުލީފެކެވެ. މަސައްކަތު ތާވަލާއި ، ކުރަންޖެހޭ މަސައްކަތާ އަދި މަސައްކަތްބުރަވުމުގެ ސަބަބުންވެސް ، ކަންބޮޑުވުން އުފެދިގެން ދާނެއެވެ. ކުރަންއުޅޭ ކަމެއް ނުކުރެވުމަކީވެސް މަސައްކަތުގެ މާޙައުލުގައި ، ހާސްކަން ބޮޑުވެގެންދާނެ ސަބަބެކެވެ.

މަސައްކަތެއްކުރާއިރު ، އެމަސައްކަތަކަށް އަހުލުވެރި ނުވެވި ، ވެރިން ބޭނުންވާގޮތަކަށް މަސައްކަތް ނުކުރެވުމަކީވެސް ކަންބޮޑުވާނެ ކަމެކެވެ. ރަނގަޅަށް މަސައްކަތް ނުކުރެވޭކަމުގެ އިޙްސާސް ކުރެވޭނެއެވެ. އެކަމާގުޅިގެން އެކުގައިއުޅޭމީހުންގެ ފާޑުކިޔުންވެސް އަމާޒުވާނެއެވެ. އެކުގައި މަސައްކަތްކުރާމީހުންނަކީ ، ދެކޮޅުވެރިންކަމަށް ބެލެވިދާނެއެވެ. ވެރިންވެސް ، ތިބެނީ އެހެންމީހުންނާ ބައިވެރިވެގެންކަމަށްވެސް ބެލެވިދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އިތުރު ހާސްކަމެކެވެ.

މަސައްކަތް ބުރަވުމާއި މަސައްކަތެއް ނެތުމަކީވެސް މައްސަލައެކެވެ. އަދާކުރާ ވަޒީފާގެމަތިން ފޫހިވުންވެސް އެއީ ހިތަށްލިބޭ ނުތަނަވަސް ކަމެކެވެ. މިފަދަ ޙާލަތެއްގައި ، މީހާ ސާބިތުވެހުރެ ، ހިތްވަރުކުރުން އެއީ ވަރަށްމުހިންމު ކަމެކެވެ. މަސައްކަތް ބުރަނަމަ ، ހަށްޓަށް ގެއްލުމެއްނުލިބޭގޮތަށް މަސައްކަތް ތަރުތީބުކޮށް އިސްފަސް ކޮށްލެވިދާނެއެވެ. މަސައްކަތެއް ނެތްނަމަ ، މަސައްކަތް ހޯދައި ނުވަތަ މަސައްކަތެއް އުފެއްދިދާނެކަމުގެ އުއްމީދުގައި ހުރެވިދާނެއެވެ. ހުހަށްލިބޭ ވަގުތުތަކުގައި ފައިދާހުރި އެހެން މަސައްކަތެއްގައި މަސްޣޫލުވެގެން އުޅެވިދާނެއެވެ. ނުވަތަ ، އެކުގައިއުޅޭ އެހެންމީހެއްގެ މަސައްކަތަށް އެހީތެރިވެދީގެން ، މަސައްކަތު މާޙައުލުގައި އުފެދިފައި އޮންނަ ފޫހިކަން ފިލުވައި ލެވިދާނެއެވެ.

އަދާކުރާ ވަޒީފާގައި އެހީތެރިވާނެ މީހަކުނެތި ، ހުރިހާކަމެއް އެކަނި ކުރަންޖެހުމަކީވެސް ، ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ހަމައެފަދައިން ، މަސައްކަތަށްގޮސް މީހާ ހުސްވެ ، އަމިއްލަ ދިރިއުޅުމުގެ ކަންކަން ފަސްކުރެވި ، ރައްޓެހިންނާއެކީ ބާއްވަންޖެހޭ ގުޅުމަށް ނޭދެވޭ އަސަރު ފޯރުމަކީވެސް ، މަސައްކަތު މާޙައުލުން އުފެދޭނެ ހާސްކަމެވެ. އޮފީސް ވަގުތާއި އަމިއްލަ ދިރިއުޅުމަށް ދޭންޖެހޭ ވަގުތު ހަމަހަމަކުރުމަކީ ، ވަރަށް މުހިންމު ކަމެކެވެ. އެކަން ނުކުރެވިއްޖެނަމަ ، ކޮންމެވެސް އެއްކޮޅަކުން ހިތްހަމަ ނުޖެހޭފަދަ ޙަލަތުތައް އުފަންވެގެން ދާނެއެވެ. އެއީ ފޫބައްދަން އެހާ ފަސޭހަކަމަކަށް ނުވެހިނގައިދާނެއެވެ. އަމިއްލަ ދިރިއުޅުމެއްގައި ޙަޔާތުގެ ބައިވެރިޔާއަށްވެސް ، ދޫކުރެވޭނީ ވަކިވަރަކަށެވެ. އަދި އޮފީސް މާޙައުލުގައި އެކުގައި މަސައްކަތް ކުރާމީހުންވެސް ގޮތްދޫކުރާނީ ވަކިމިންވަރަކަށެވެ. ރަސްމީއާއި ނުރަސްމީ ވާޖިބު އެއީ އެއްވަރަކަށް އަދާކުރަންޖެހޭ އެއްޗެކެވެ. އެހެންނޫންކަމަށް ވަންޏާ އެކަމުގެ އަގުއަދާކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ، މީހާގެ މިޒާޖު ބަދަލުވެގެން ދާނެއެވެ. ސިނގުރުޅި އައިސް އެއްވެސް ކަމަކާނުލައި އެހެންމީހުން ކުށްވެރި ކުރެވޭނެއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލޭނެއެވެ. އަތުންފައިން ގޯސް ހެދޭނެއެވެ. މަޖަލަކަށް ކޮށްލާ ކަންކަން ވިހަވާނެއެވެ. އެކުގައި މަސައްކަތްކުރާ މީހުންގެ މެދުގައި ތިމާގެ އަގުވެއްޓި އިޙްތިރާމް ގެއްލިގެން ދާނެއެވެ. އިތުބާރެއް ނުކުރެވޭނެއެވެ. ނިދިނައިސް ، ގިނައިރު އެނދުމަތީ ފުރޮޅެން އޮންނަން ޖެހޭނެއެވެ. މީހުންނަކާ އަޅައެއް ނުލެވޭނެއެވެ. މީހުންނާ އަޅައިނުލެވޭތާނގައި ، ތިމާގެ އަމިއްލަ ނަފްސަކާވެސް އަޅައެއް ނުލެވޭނެއެވެ. އަވަސް އަވަހަށް ބަނޑުހައިވާނެއެވެ. އިރުއިރުކޮޅުން ކޮފީއަށްދާން ބޭނުންވާނެއެވެ. ދުންފަތުގެ އިސްތިޢުމާލްކުރަން ޖެހޭލެއް އިތުރުވާނެއެވެ. އެންމެފަހުން ، ނޭނގޭ ބާވަތްތަކުގެ ބަލިތައް ޖެހޭނެއެވެ. ބަނޑުގައި ރިއްސާނެއެވެ. ބޮލުގައި ރިއްސާނެއެވެ. ސަލާމްބުނުން ގިނަވެގެންދާނެއެވެ. ލޭ މައްޗަށް ދާނެއެވެ. ކުރެވޭ ނުކުރެވޭކަމެއް ނޭނގޭވަރަށް މީހާ މާޔޫސް ކޮށްލާނެއެވެ.

މަސައްކަތު މާޙައުލުން އުފެދޭ ހާސްކަމާއި ކަންބޮޑުވުމަކީ ، މާބޮޑު ބަދަލެއް ގެނެވިދާނެ ކަންކަމެއް ނޫނެވެ. އެއީ ، ސަލާމަތްވާން އުނދަގޫ ކަމެކެވެ. އެހެނަސް ، ހާސްކަމާއި ކަންބޮޑުވުން ކުޑަކުރުމަށްޓަކައި ، ކެތްތެރިކަމާއެކީ ، ވިސްނުން ބަހައްޓައިގެން ކަންތައްތަކެއް ކުރެވިދާނެއެވެ.

އެފަދަ ޙާލަތެއްގައި ، ވެރިންނާ މަޝްވަރާ ކުރާށެވެ. އެކުގައި މަސައްކަތް ކުރުމުން ވަރަށްގިނަ ކަންކަން ޙައްލުވާނެއެވެ. ލަނޑުދަނޑިތަކެއް ކަނޑައަޅައި ، އެކަންކަން ޙާޞިލްކުރުމަށް އާ ޢަޒުމަކާއެކީ މަސައްކަތް ފެށިދާނެއެވެ. ދުވަސްކޮޅަކު މަސައްކަތްކޮށް ، ނަތީޖާއެއް ނުފެނިއްޖެނަމަ ، އެހެން ތާކަށް ނުވަތަ އެހެން ވަޒީފާއަކަށް ބަދަލުވުމަށް މަސައްކަތް ކުރެވިދާނެއެވެ. އެހެނަސް ، ބަދަލުވާ ވަޒީފާގެ ޒިންމާއާއި މަސްއޫލިއްޔަތަކީ ، ކުރާހިތްވާ ކަހަލަ ކަންތައްތަކަކަށް ވާނެ ޖެހޭނެއެވެ. އެހެންނޫނީ ޖެހޭނީ ، ހަމަ ފުރިތަނުގައެވެ. އިތުރު ބަދަލެއް ނާންނާނެއެވެ.

އެކުގައި މަސައްކަތްކުރާ ގާތްމީހުންނާއި ރައްޓެހިންގެ އެހީތެރިކަން ހޯދާށެވެ. ކުރިމަތިވެފައިހުރި މައްސަލަތަކުގެ ވާހަކަ އެމީހުންގާތުވެސް ބުނާށެވެ. އެކަން ބަދަލުކުރެވިދާނެ ފުރުޞަތެއް ، އެއިންމީހެއްގެ ފަރާތުންވެސް ލިބިދާނެއެވެ. މަސައްކަތް ބުރަނުވާގޮތަށް ، ހުސްވަގުތު ހޯދައިގެން މަސައްކަތް ތާވަލްކުރާށެވެ. މަސައްކަތެއް ނެތްނަމަ ، ވަޒީފާއާ ގުޅުންހުރި މަސައްކަތެއް ހޯދާށެވެ. ނުވަތަ އުފައްދާށެވެ. މަސައްކަތަކީ ހޯދީމަ ހުންނަ އެއްޗެކެވެ. ނަމާދަކީ މުހިންމު ފަރުޟެކެވެ. ފަރުޟެއް އަދާކުރުމަށް ނަމާދަށް ދިއުމުގެ ބަދަލުގައި ، ޚާއްޞަކޮށް ޖަމާޢަތަށް މިސްކިތަށްދާން އާދަކޮށް ، އެއީ ކުރާހިތުންކުރާ އަޅުކަމަކަށް ހަދާށެވެ. ގޭގައި ލިބޭ ހުސްވަގުތު ، ކޮންމެ ދުވަހަކުވެސް ، ކީރިތި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔަވާށެވެ. ބޭނުންޖެހިފައިވާ އެހެން މީހުންނަށް އެހީތެރިވާށެވެ. އެހެންމީހުންނަށް އެހީތެރިވުމަކީ ، ތިމާގެ ޙާލަތަށް ހެޔޮބަދަލު އަންނާނެ ކަމެކެވެ.

ކަސްރަތުކުރުމަށް އާދަކުރާށެވެ. ހަށިގަނޑަށް ލިބޭ ފަރުވާގެ އިތުރަށް ކަސްރަތަކީ ، ހިތާއި ނަފްސަށްވެސް ލިބޭ ފަރުވާއެކެވެ. ފައިމަގުގައި ވީވަރަކުން ހިނގައި އުޅޭށެވެ. މާދުރަށް ދާން ނުޖެހޭ ޙާލަތެއްގައި ސައިކަލަށް ނާރާށެވެ.

ކަސްރަތާއެކީ ، ރޭގަނޑު އަވަހަށް ނިދާފައި ފަތިހު ހޭލަން އާދަކުރާށެވެ. ފާޑުފާޑުގެ ޑްރާމާ ބަލަން ގިނައިރު ނުނިދާ މަޑުނުކޮށް ، އަދި ކޮފީގައި ރޭގަނޑުގެ ވަގުތު ހޭދަނުކޮށް ، އިރާކޮޅު ވީއެންމެ އަވަހަކަށް ނިދާށެވެ.

މިފަދަ ގޮތަކަށް ޢަމަލުތައް ބަހައްޓައި ، ސިކުނޑި ހުޅުވާލައިގެން ، ތިމާގެ ހަށިގަނޑާއި ނަފްސަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާށެވެ. އޭރުން ، އަމިއްލަޔަށް ވިސްނައިގެން ، ދިރިއުޅުމަށާއި މަސައްކަތުގެ މާޙައުލުގައި ހިނގާ ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ވަކިކޮށް ދަސްކުރެވޭނެއެވެ. ބުއްދީގެ ބޭނުން ހިފާށެވެ. ކޮންމެ ކަމަކީވެސް ރަނގަޅަކަށްވާ ކަމެއްކަމުގައި ދެކޭށެވެ. އުއްމީދު ނަގައިނުލައި ، ދިރުންހުރި އުއްމީދެއްގައި ދިރިހުންނާށެވެ. އިރާދަ ކުރެއްވިއްޔާ ، ދެރަގޮތެއް ނުވާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.