ވިހަ ތީރު (41)

(17 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ހޭލައިގެން ރީތިވެގެން ، މެހެމަލްގެ ކޮޓަރިޔަށް ދިލްނަޝީން އައިސް އެކޮޓަރިޔަށް ވަނުމުގެ އިޒުނަޔަށް މެހެމަލްގެ ކިބައިން އެދުނެވެ. އޭރު ، ދިލްނަޝީންހުރީ ކޮޓަރިތެރެޔަށް ވަދެއެވެ. ވަންނާށޭ ބުނަމުން ، ދިލްނަޝީން އެހުރީ ކޮޓަރިތެރެޔަށްވަދެކަން ، މެހެމަލް ހަނދާންކޮށްދިނެވެ. މެހެމަލްގެ ވާހަކަ ނުނިމެނިސް ، އެގެޔަކީ އޭނާގެ ގެ ކަމަށާއި ، އޭނާ ބޭނުންކޮންމެ އިރަކު ކޮންމެތާކަށްވެސް ވަދެނުކުމެ އުޅުމުގެ ޙައްޤު އޭނާއަށް އޮންނާނެކަން ދިލްނަޝީންވެސް މެހެމަލްއަށް ހަނދާންކޮށްދިނެވެ.)

އޭނާ އެއައީ ، މެހެމަލްގެ ޙާލުބަލައިލަންކަމުގައި ދިލްނަޝީން ބުންޏެވެ. އެހާމަތިން ވެއްޓުނީމަ ވަރަށް އަނިޔާވެސް ވާނެއެވެ. ދިލްނަޝީންހުރީ މަލާމާތުގެ ހިނިތުންވުމެއްގައެވެ.

" ޙައިދަރަށް ވެގެންވިއްޔާ އަހަރެންނަށް އެއްވެސް އަނިޔާއެއް ލިބުނަކަ ނުދޭނެއެވެ. އެހެން ނޫނަސް ، ޙައިދަރު އަހަރެންގާތު ހުރިއްޔާ އަހަރެންނަކަށް ތަދެއްވެސް ނުވާނެއެވެ. އެއީ ، އަހަރެންގެ ހިތްކަމަށްވިޔަސް ، ހަށިގަނޑުކަމަށްވިޔަސް އަދި ފުރާނަޔަށްކަމަށްވިޔަސް އެކަން އޮންނާނީ އެގޮތުގައެވެ. އައްޑަނައެއްހެން އަހަރެންނާއެކީ ، އަހަރެންނަށް ރައްކާތެރިކަންދޭން ޙައިދަރު އަހަރެންނާއެކީ ހުންނާނެއެވެ. " މެހެމަލް ބުންޏެވެ.

އެއީ ، މެހެމަލްއަށް އަރާފައިވާ އޮޅުމެއްކަމަށް ދިލްނަޝީން ބުންޏެވެ. މެހެމަލްއާއި ޙައިދަރާދެމެދު އެކަހަލަ ގުޅުމެއް އޮތްކަމަކަށް ދިލްނަޝީނަކަށް ނުފެނެއެވެ. އެކަމަކު ، މެހެމަލްގެ ހިތުގައި ޙައިދަރުގެ މައްޗަށް ލޯތްބެއް އުފެދިފައި އޮވެދާނެއެވެ. އެއީ ދުނިޔެ ބަލައިގަންނަ ގުޅުމެއްނޫނެވެ. ޙައިދަރުގެ ހިތުގައި މެހެމަލްގެ މައްޗަކަށް އެކަހަލަ އެއްވެސް އިޙްސާސެއް ނެތެވެ. ޙައިދަރުގެ ހިތްއޮތީ އޭނާގެ މައްޗަށް ޚާއްޞަވެފައިކަމަށް ދިލްނަޝީން ބުންޏެވެ. ދުނިޔެ ކޮންމެގޮތަކަށް ދުށްކަމަށްވިޔަސް މެހެމަލްއަށް އެއީ މައްސަލައެއްނޫނެވެ. އެއީ މެހެމަލްއަށް މައްސަލަޔަކަށް ނުވިޔަސް ، އޭނާގެފިރިމީހާއަށް އެއީ މައްސަލައެއްކަމަށް ދިލްނަޝީން ބުންޏެވެ. ދުނިޔޭގައި އަދި މުޖްތަމަޢުގައި ޤަދަރުވެރި އިންސާނަކަށް އެއީ ، މައްސަލަޔަކަށް ނުވާނެތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

" ދުނިޔެ ޤަބޫލުކުރާފަދަ ގުޅުމަކަށް ، އަހަރެންނާއި ޙައިދަރުގެ ގުޅުން ބަދަލުކޮށްލާނަމެވެ. މާލަހެއްނުވާނެއެވެ. " މެހެމަލް ބުންޏެވެ.

މެހެމަލް އެބުނި ވާހަކަޔަކުން ދިލްނަޝީންގެ މޫނުމަތި ތަޣައްޔަރުވެގެން ދިޔައެވެ. އެވަގުތު ، ނޯކަރަކު އައިސް ، އޭނާއަށް ކުލްސޫމް އެބަގޮވާކަމުގައި ދިލްނަޝީންގާތު ބުންޏެވެ. ރަނގަޅަށް ކައިގެން ބޭސްކާށޭ ބުނެ ، ދިލްނަޝީން ކޮޓަރިން ނުކުތެވެ.

ދިލްނަޝީނަށް ، ކުލްސޫމް ގޮވީ ، އަނީސާ އައިސްގެންނެވެ. އަނީސާގޮވައިގެން ދިލްނަޝީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިޔަށް ވަނުމާއެކީ ، ކިހިނެއްވީތޯ އަނީސާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ މޫނުމަތީގައިހުރި ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ، އަނީސާއަށް ފާހަގަ ކުރެވުނެވެ.

" ފިރިމީހާގެ ހިތުގައި އެހެން އަންހެނެއްގެ މައްޗަށް ލޯތްބެއް އޮތް ފިރިހެނަކު ، ފިރިއެއްގެ ގޮތުގައި ބަލައިގަނެވިއްޖެނަމަ ، އަހަރެންގެ މޫނުމަތިން ތިފެންނަނީ އެފަދަ އަންހެނެއްގެ މޫނުމަތިން ފެންނާނެ އަސަރުތަކެވެ. އަހަރެން މީހަކާ ރައްޓެހިވެގެން ، އެކަމުން ސަލާމަތްނުވެވިގެން އުޅޭނެވާހަކަ ދައްކައި ، އެގުޅުމުގެ މަތިން ހަނދާން ނައްތައިލުމަށް ނަޞޭޙަތް ދިނީމެއްނޫން ހެއްޔެވެ ؟ އެވާހަކަ ދައްކައި އަހަރެން ބިރުގެންނެވީމެއްނޫން ހެއްޔެވެ ؟ އަހަރެންނަށް އެހާ ތަކުލީފުވެސް ދިނީމެއްނޫން ހެއްޔެވެ ؟ މިގޭގައި ، އަހަރެންގެ ލޯމަތީ ފެންނަމުން އެދަނީ ހަމަ އެކަންތަކެވެ. އަހަރެންގެ ފިރިމީހާގެ ކުރީގެ ލޯބިވެރިޔާ ، އަހަރެންގެ ފިރިމީހާގެ ވަށައިގެން އެނބުރެމުން ތުއިދައްކަމުން އެގެންދަނީ ރޯމާދުވާލު ، އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. އެއީ ، އެއްވެސްކަމެއް ނޫންދޯއެވެ ؟ " ރުޅިއައިސްހުރެ ، މަންމަޔާ ދިމާލަށް ދިލްނަޝީން އަޑުގަދަކުރަމުން ގެންދިޔައެވެ.

ދިލްނަޝީން ވާހަކަ ދެއްކިދެއްކިހެން ، އަނީސާއަށް ލިބެމުންދިޔަ ޙައިރާންކަން އިތުރުވަމުން ދިޔައެވެ. ދިލްނަޝީންގެ ވާހަކަތައް ކޮޓަރީގެ ބޭރަށްވެސް އިވޭނެއެވެ. ކުލްސޫމްވެސް ، އެކޮޓަރިޔާ ދިމާލަށް އެވަގުތު އަންނަމުން ދިޔައެވެ.

އެއީ ، ދިލްނަޝީންގެ ކުށުންވީގޮތެއްކަމަށް އަނީސާ ބުންޏެވެ. އަނބިމީހާގެ ލޯބި ނުލިބޭނަމަ ، ފިރިހެނުން އެހެން އަންހެނުންގެ ގާތަށްގޮސްގެންވިޔަސް ، އެމީހުންގެ ހިތްހަމަ ޖައްސާނެއެވެ. އެހެން އެކަން ދިމާވެއްޖެނަމަ ، އަނބީހާގެ ކުރިމަތީގައި ހިނގާ އެއްވެސްކަމަކަށް ފިރިހެނުން އަޅައިނުލާނެކަމަށް އަނީސާ ބުންޏެވެ. އެކަން އެހެން ދިމާވާނީ ، ފިރިހެނާގެ ހިތުގައި އޭނާގެ އަނބިމީހާގެ މައްޗަށް އެއްވެސް މިންވަރެއްގެ ލޯތްބެއް އުފެދިފައި އޮތިއްޔާކަމަށް ، ދިލްނަޝީން ބުންޏެވެ. ދިލްނަޝީންވެސް ، މިހާރު އެހުރީ އެކަމުގައި އޭނާގެ މަންމަޔަށް ދޫކުރާގޮތަކަށް ނޫނެވެ.

" މިހާރުވެސް ޙައިދަރުގެ ހިތުގައި އޮތީ ، އެއަންހެނާގެ ލޯތްބެވެ. އެއަންހެނާ މިގޭގައި އެއިންނަނީ ، އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ، ޙައިދަރުގެ ކޮންޓްރޯލް އޭނާގެ އަތްމައްޗަށް ހޯދައިގެންނެވެ. އަހަރެން ކުރާ ކޮންމެކަމެއް އެނބުރި އަންނަނީ އަހަރެންނާ ދިމާލަށެވެ. ޙައިދަރަކަށް އެއިން އެއްވެސްކަމަކުން އަސަރެއް ނުކުރެއެވެ. މިއަދު ހަތަރުދަމު ، އަހަރެން ބަދިގޭގައި އުޅެ ކެއްކި އެއްޗަކުން އެންމެ އެތިފުކެއްވެސް ، ދެމީހުން އެކުގައި އެއްމޭޒުދޮށުގައިތިބެ ، އެންމެ ދެރަވެގެން ރަހަވެސް ބަލައިލެވިފައެއް ނުވެއެވެ. މެންދަމު 12 ޖަހަންދެން ، ޙައިދަރުގެ އިންތިޒާރުގައި ކާމޭޒުދޮށުގައި އަހަރެން އިނީމެވެ. ޙައިދަރު ކެއީ ، އެއަންހެންމީހާއާއެކީގައެވެ. އަހަރެން މިހުރީ ، އިއްޔެ މެންދުރުން ފެށިގެން އަރުތެރެޔަށް އެއްވެސް އެއްޗެއް ނުލައެވެ. ދެން ، މިކައިވެނި ދެމެހެއްޓުމަށް އަހަރެން ކުރަންވީކަމެއް ބުނެބަލާށެވެ ! " ދިލްނަޝީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޙައިދަރު ދިރިއުޅެމުން އެގެންދަނީ މެހެމަލްއާއެކީ ، މެހެމަލްގެ ލޯބީގައި ހިތްހަމަޖެހުން ހޯދައިގެންކަމަށް ދިލްނަޝީން ބުންޏެވެ. އަދި ، އަނތްބެއްގެ ގޮތުގައި ދިލްނަޝީން އެގެންގުޅެނީ ، ކައިވެނީގެ ވަޢުދާއި ޢަހުދު ފުއްދަން ވެގެންނެވެ.

" ހިތުގައި އުފެދިފައިއޮތް ލޯބީގެ ކުރިމަތީ ، ކައިވެނީގެ ވަޢުދާއި ޢަހުދުގެ އަގެއްނެތްނަމަ ، ދެންވާނެގޮތެއް ނިކަން ވިސްނާލަ ބަލާށެވެ. އެކަން ރަނގަޅުކުރަން އަހަރެން ކުރަން އޮތީ ކޮންކަމެއްކަން ބުނެދީ ބަލާށެވެ ! " ދިލްނަޝީން ބުންޏެވެ.

އެކޮޓަރިތެރޭ ، ދިލްނަޝީނާއި އަނީސާއާ ދެމައިން ދެއްކި ވާހަކަ އަޑުއަހަން ހުރެފައި ، ކުލްސޫމް އެތަނުން ދުރަށް ދިޔައެވެ. ސިޑިން ފައިބައިގެން ކުލްސޫމް އައީ ގޭގެ އިސް ނޯކަރު ބާބަރާއަށް ގޮވަމުންނެވެ. ބާބަރާ އައުމާއެކީ ، ކާރު ބޭރަށްނެރެން ޑްރައިވަރުގާތު ބުނުމަށް ކުލްސޫމް  އަމުރުކުރިއެވެ. މެހެމަލް ، އޭނާގެ ގެޔަށް ގެންގޮސްލާފައި އައުމަށްވެސް ޑްރައިވަރުގާތު ބުނެދޭން ކުލްސޫމް ބުންޏެވެ. އެއަށްފަހު ، މެހެމަލް ހުންނަ ކޮޓަރިޔާދިމާލަށް ކުލްސޫމް މިސްރާބު ޖެހިއެވެ.

ކުލްސޫމް ވަނުމާއެކު ، ކޮޓަރިޔަށް ވަންނާށޭ ، ބޮޑުދައިތަ އިށީންނަން އަންނާށޭބުނެ މެހެމަލް ކޮޅަށް ތެދުވިއެވެ.

" ފަހަރެއްގައި މެހެމަލް ހަނދާންނެތުނީކަމަށް ވެދާނެއެވެ. އެކަމަކު ، މުސްކުޅި ޢުމުރުގައިވެސް އަހަރެންގެ ހަނދާން މާގަދައެވެ. މިއީ ، އަހަރެންގެ ދަރިފުޅުގެ ގެކަން މެހެމަލްއަށް ހަނދާންކޮށްދޭން ޖެހޭ ހެއްޔެވެ ؟ މިތަނަށް ވަންނަން އެއްވެސްމީހެއްގެ ހުއްދަ ހޯދާކަށް އަހަރެންނަކަށް ނުޖެހޭނެއެވެ. " ކުލްސޫމް ބުންޏެވެ.

މެހެމަލްގެ މަޤްޞަދަކީ އެއީ ނޫންކަމަށާއި އެގޮތަށް އޭނާއާ އެވާހަކަ ދައްކަނީ ކީއްވެގެންތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލްގެ މަޤްޞަދަކީ ކޮބައިކަން ނިކަން ރަނގަޅަށް އެނގޭކަމަށް ކުލްސޫމް ބުންޏެވެ. ފިރިމީހާއާ ޒުވާބުކޮށްފައި އެގެޔަށް މެހެމަލް އައިމަވެސް ، ކުލްސޫމް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެކަމަކު ދެނެއް ، އަނގައިން ނުބުނެ ، ކުލްސޫމަކަށްވެސް ކެތެއް ނުވާނެއެވެ. އެއީ ، އޭނާގެ ދަރިފުޅާއި އެދަރިފުޅުގެ އަންހެނުންނާ ދެމެދަށް މައްސަލައެއްގެ ގޮތުގައި މެހެމަލް ވަދެއްޖެކަމަށް ކުލްސޫމް ބުންޏެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާ ހުއްދަކުރާނެކަމެއްނޫނެވެ. ދިލްނަޝީނާއި ޙައިދަރާ ދެމެދުގައި މައްސަލަ އުފައްދަން ، މެހެމަލްއަކަށް ފުރުޞަތެއް ނުދޭނެއެވެ. އޭނާކުރީ ކީއްތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލްގެ ސުއާލު ނުނިމެނިސް ، ކުލްސޫމް ޖަވާބުދިނެވެ.

" މެހެމަލް ކުރީ ކޮންކަމެއްތޯ ނުވަތަ ނުކުރަނީ ކޮންކަމެއްތޯ ބަލާކަށް އަހަރެން ބޭނުމެއްނޫނެވެ. ހަމަ މިހާރުން މިހާރަށް ، ފިރިމީހާގެ ގެޔަށް މެހެމަލް ދާންވީއެވެ. ބޭރުގައި ކާރުއެއޮތީ ޑްރައިވަރާއެކު ތައްޔާރަށެވެ. މެހެމަލްގެ ގެޔަށް ، މެހެމަލް ގެންގޮސް ޑްރައިވަރު ލައިދޭނެއެވެ. އޭގެފަހުން ދެން މެހެމަލް ކުރާނެކަމަކާމެދު އަމިއްލަޔަށް ވިސްނާށެވެ. " ކުލްސޫމް ބުންޏެވެ.

ފިރިމީހާގެ ގެޔަށް ދާކަށް މެހެމަލް އެއްބަހެއް ނުވިއެވެ. އެއީ އޭނާއަށް އުޅެވޭނެ މާޙައުލެއްނޫނެވެ. ކުލްސޫމް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ގޭގައި މެހެމަލް ހުރުމަށް އެންމެ ސިކުންތެއްވެސް އިތުރަށް ނުދޭނެކަމަށް ކުލްސޫމް ބުންޏެވެ. އޭނާ ދާނީ ކޮންތާކަށްތޯ މެހެމަލް ، އަނެއްކާވެސް ސުއާލު ކުރިއެވެ. މެހެމަލް ދާންވީ ފިރިމީހާގެ ގެޔަށެވެ. ކުލްސޫމް ޖަވާބު ދިނެވެ. އަންހެނުންގެ އަޞްލު މަންޒިލަކަށްވާނީ ، އެއަންހެނާގެ ފިރިމީހާގެ ގެޔެވެ.

" އަހަރެންނަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. މަންމަގެ ފިރިމީހާގެ ގެ ދޫކޮށްލާފައި އަހަރެންގެ މަންމަ އެގެއިން ނުކުތީ ، ޙައިދަރުގެ ބައްޕަ ނިޔާވީމަ ، ބޮޑުދައިތައާއި ޙައިދަރާ ދެމައިން އެކަނިވި ވަގުތު ، ތި ދެމައިންނަށް އެހީތެރިވުމަށްޓަކައެވެ. އަހަރެންގެ މަންމަގެ ގެ ދޫކޮށްލީ ، ބޮޑުދައިތަމެންނަށް ބެލެހެއްޓުމަށްޓަކައެވެ. ބޮޑުދައިތަޔަށްޓަކައެވެ. މިއަދު ، އަހަރެންގެ މަންމަ ވީ ޤުރުބާނީގެ މަތިން ހަނދާން ނައްތައިލާފައި ، އެއަންހެނާގެ ދަރިފުޅުގާތު ތިބުނަނީ ، ބޮޑުދައިތަގެ ގެއިން ނުކުންނާށޭ ހެއްޔެވެ ؟ މަންމަޔަށް ތިދިނީ ކޮންފަދަ އަގުހުރި އިނާމެއް ހެއްޔެވެ ؟ އެހެންކަމަކަށް ރިޢާޔަތްނުކޮށް ، ހަމައެކަނި ބޮޑުދައިތަގެ ބޭބެގެ ، ޔަތީމު ކުއްޖާއާމެދު ވިސްނައިލިއްޔާ ވާނީ ކީއްހެއްޔެވެ ؟ އަހަރެންގެ މަޖުބޫރީ ޙާލަތަށް ނިކަން ވިސްނައިލާށެވެ. ޢީޝަލްއަށްޓަކައިވެސް އަހަރެން މިގެއިން ނެރެ ނުލާށެވެ. އަހަރެމެން ދެމައިންނަށް ބޯހިޔާވަހިކަމެއް ދޭށެވެ ! " ރޮވިފައިހުރެ ކުލްސޫމް ބުނަމުން ގެންދިޔައެވެ.

މެހެމަލްއަށް ބޯހިޔާވަހިކަމެއް ދޭނެކަމަށް ކުލްސޫމް އެއްބަސްވިއެވެ. މެހެމަލްއަށް ނިކަމެތިކަމެއް ލިބޭހިނދު އެހީތެރިވެސް ވާނެއެވެ. އެހެނަސް ، އޭނާގެ ގެޔަކުންނޫނެވެ. އެގޭގައި މެހެމަލް ހުރެގެން ، އެގެ އެދަނީ އެކޮޅުކޮޅުން ޖެހެމުންނެވެ. ބަރުބާދުވެ ، ގޭގެ ކަރާމާތާއި ގެވެހިކަން ގެއްލެމުންނެވެ. ބޮޑުދައިތަ އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ މެހެމަލް ސުއާލު ކުރިއެވެ. އޭނާއަށް އެވަރުގެ އަދަބެއްދޭއިރު ، މެހެމަލްގެ ކުށަކީ ކޮބައިތޯ ސުއާލު ކުރިއެވެ.

" ދެން ހެވެވެ. ކުޅަދުރު ހަތަޔަށް ގާ ނުއުކާށެވެ ! ނޭނގޭކަމަށް ހަދައިގެން މަކަރާއި ޙީލަތުން ، މެހެމަލްގެ ޢަމަލުތައް ބަށްޓަން ކުރަމުން ތިގެންދަނީ ކޮންގޮތަކަށް ކޮން މަޤްޞަދެއްގައިކަން ، އެހެންމީހަކަށް ނޭނގުނަސް ، އަހަރެންނަށް އެނގެއެވެ. އަހަރެންގެ ދަރިފުޅު ، ހިތާމައާއި ހިތްދަތިކަމުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެއީ އޭނާގެ އެންމެ ޒުވާން ޢުމުރެވެ. މެހެމަލްގެ ޚިޔާލަކަށް އެދުވަހެއް ނުގެންނާނަން ހެއްޔެވެ ؟ މިހާރު ، ތި މަސައްކަތްކުރަމުން ގެންދަނީ ، އެތައް އުނދަގުލެއް އުފުއްލައިގެން ހިތްވަރުކޮށްފައި ، އަހަރެންގެ ދަރިފުޅު ކައިވެންޏެއްކުރި ހިނދު ، އެކއިވެނި ބަރުބާދުކޮށްލަން ނޫންހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.

އެކަހަލަ އެއްވެސްކަމެއް ، އޭނާގެ ހިތުގައި ނެތްކަމަށް މެހެމަލް ބުންޏެވެ. ޙީލަތްތެރިކަމާއެކީ ، މެހެމަލްގެ ހިތުގައިވާ އަމިއްލައެދުން ފޮރުވަމުން ގެންދިޔައެވެ. ލޮލުން ކަރުނަ ބާލަމުން ، އިންތިހާއަށް ދެރަވެފައި އިނދެ ، އެގެއިން އޭނާ ނެރެނުލުމަށް ، ކުލްސޫމަށް އާދޭސް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ކުލްސޫމަކީވެސް ދުނިޔޭގައި ދިރިއުޅެ އެތައްކަމެއް ފެނި މުސްކުޅިވެފައި އިން އަންހެނެކެވެ. އޭނާގެ ކުރިމަތީ ، ހިނގަމުންދާ ކަންކަން ފެނެއެވެ. އަދި އެކަންކަމުގެ މަޤްޞަދަކީ ކޮބައިކަންވެސް ކުލްސޫމަށް އެނގެއެވެ. އޭނާގެ އަނގަބައްދައިގެން އެހުންނަނީ ، އެގޭގެ މާޙައުލު ހަލަބޮލލި ނުކުރަން ވެގެންނެވެ. އެކަމަކު ، މެހެމަލް އެގެޔަށް އެއައީ ، އަމިއްލަ އެދުމުންފުރިގެންވާ ، ނުބައި މަޤްޞަދެއް ޙާޞިލްކުރަން ނިޔަތްގަނެގެންކަން ، އެނގޭކަމަށް ކުލްސޫމް ބުންޏެވެ.

" ނޫނެކެވެ ! އެވަރުގެ ޙަމްދަރުދީއެއް އަހަރެންނަށް މެހެމަލްއަށް ދެވޭކަށް ނެތެވެ. މެހެމަލްގެ އަމިއްލަ ގެޔަށް އެނބުރި ދާށެވެ ! " ކުލްސޫމް އިތުރަށް ބުންޏެވެ.

ކުލްސޫމް އެހާސާފުކޮށް އެވާހަކަ ދެއްކީމަވެސް ، އެގެއިން ނުކުމެގެންދާކަށް މެހެމަލް އެއްބަހެއް ނުވިއެވެ. މެހެމަލްއަށް އޭނާ ދޫކޮށްލާފައި އެއައި ގެޔަކީ ބޯހިޔާވަހިކަމެއް ނޫނެވެ. ދުނިޔެމަތީގެ ނަރަކައެކެވެ. އޭނާ އެގޭގައި އުޅެންޖެހޭ ޙާލު އެއްވެސްމީހަކަށް ވަޒަނެއް ނުކުރެވޭނެއެވެ. އެއީ ، މެހެމަލް އަމިއްލަޔަށް ބިނާކުރި ނަރަކަޔެއްކަމަށް ކުލްސޫމް ބުންޏެވެ. އެކަން މެހެމަލްއަށް ރަނގަޅަށް އެނގޭނެއެވެ. އެ ނަރަކަޔަށް ނުވަދެ ، ހަމަޖެހިލައިގެން ދިރިއުޅެވެން އޮއްވައި ، ޙައިދަރުގެ ނިކަމެތިކަމާއި ފަޤީރުކަމަށް މަލާމާތްކޮށް ، އުފަލުންގޮސް އެތަނަށް ވަތްދުވަހު ، އެކަން މެހެމަލް ހަނދާންކުރަންޖެހޭނެކަމަށް ކުލްސޫމް ބުނަމުން ގެންދިޔައެވެ. ކުލްސޫމްގެ ގޭގައި ހުރެގެން ، މެހެމަލްއަށް ޙާޞިލްކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ، މެހެމަލްއަށް ކުލްސޫމް ވިސްނައިދިނެވެ. އެގޭގައި ހުރެގެން ، މެހެމަލް ބޭނުންހާގޮތަކަށް ، އޭނާގެ ޅީދަރިފުޅާ ހަނގުރާމަކުރަން ދޫކޮށްނުލާނެކަމަށް ބުނެ މެހެމަލްއަށް އިންޒާރު ދިނެވެ. ޙައިދަރު އެހުރީ ، އޭނާބޭނުންވާފަދަ އަންހެންކުއްޖަކާ ކައިވެނި ކޮށްގެންނެވެ. ޙައިދަރުގެ ސަމާލުކަން ގެނައުމަށްޓަކައި ، ދެން އިތުރަށް އެ ސަކަރާތްޖަހަން ، މެހެމަލްއަކަށް އެގެޔަކުން ފުރުޞަތެއް ނުލިބޭނެއެވެ. ކުލްސޫމްގެ ހަށީގައި ފުރާނަ ހުއްޓައި ، އެކަން އެހެންވިޔަކަ ނުދޭނެއެވެ.

އޭނާއަށް ކުރެވުނު ކުށަށް މައާފުދީ ، އޭނާ ބަލައިގަތުމަށް ކުލްސޫމްގެ ކިބައިން މެހެމަލް އެދުނެވެ. އެހެނަސް އޭނާގެ އާދޭސްތަކުގައި މިހާރު އަގެއްނެތެވެ. އެއީ ، ކުލްސޫމުމެންގެ ޢާއިލާގެ ކުއްޖެއްނޫނެވެ. އެޢާއިލާއަށް ނިސްބަތްވާ ކުއްޖެއްނަމަ ، އެޢާއިލާގެ ދިރިއުޅުން ބަރުބާދުކޮށްލުން އެއީ މަޤްޞަދަކަށް ހަދައިގެން އެގެޔަކަށް މެހެމަލްއެއް ނުއަންނާނެއެވެ. މެހެމަލްގެ އަމިއްލަ މީހެއްގެ ގޮތުގައި މިހާރު ހުރި ހަމައެކަނި މީހަކީ އަންޞާބެވެ.

" އުޅެންޖެހުނު ޙާލެއްގައި އުޅެން ، އަންޞާބުގެ ގެޔަށްގޮސް ، ތިބުނާ ނަރަކައިގައި ދިރިއުޅެން މިގެއިން ނުކުމެގެން ދާށެވެ ! އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރުން ހުއްޓައިލާށެވެ ! " ހަރުއަޑުން ކުލްސޫމް މެހެމަލްއަށް އިންޒާރު ދިނެވެ.

މެހެމަލްއާ އެކަމާބެހޭގޮތުން ، އިތުރަށް ވާހަކަ ދައްކާކަށް ކުލްސޫމް ބޭނުމެއް ނުވިއެވެ. އެކޮޓަރީގައި އަޑުގަދަވުމުން ، ނޯކަރަކު އައިސް ބިރުން އެއްކަނެއްގައި މަޑުކޮށްލައިގެން ހުއްޓެވެ. ނޯކަރަށް ގޮވައިލުމަށްފަހު ، މެހެމަލްމެންގެ ފޮށި ތިރިޔަށް ގެންގޮސް ކާރަށް އަރުވައި އެގެއިން މެހެމަލް ނުކުތީމަ އޭނާއަށް އަންގައިލާށޭ ބުނެ ، ކުލްސޫމް އެކޮޓަރިން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ރީތިވަރަށް މިބާހަކަ. ކުލްސޫމާ ދިލްނަޝީނާ ދެމައިން ވިސްނައިގެންތިބޭތި. ދެން މެހެމަލް އަންނާނީ މާގަދަކޮށް. ބަލަން ތިބޭތި. ޝުކުރިއްޔާ ލިޔުންތެރިޔާ / ތަރުޖަމާނު

  2. ދިލްނަޝީންވެސް ހައިދަރު އެހަދާގޮތަށް ހިތުގައި ހަމްޒާގެ ލޯބި ފޮރުވައިގެން އުޅެންވީ ހައިދަރު މިއީ ކޮންޒާތަކަށް އުޅޭ ފިރިހެނެއްތަ. ކުލްސޫމް އެވަރަށް ނަޞޭޙަތްދޭއިރުވެސް މަންމަގެ ބަހެއްވެސް ނާހާ. މެހެމަލްގެ ހީލަތްތެރިކަން ގަދަވީމަ ވާނީވެސް އެހެން. ދިލްނަޝީންވެސް އެންމެ ތަންފުކެއްވެސް މެހެމަލްއަށް ދޫނުކުރާތި. ގެއިން ބޭރުކޮށްލިޔަސް ތި މެހެމަލްގެ ނުފޮރުއްޕާން ދިލްނަޝީނަށް ޖެހޭނެކަން ޔަޤީން.

  3. ދިލްނަޝީންގެ ހިތްވަރަށް ސާބަސްދޭވަރުވޭ. އަދި ކުލްސޫމް ދިލްނަޝީނާއި ޙައިދަރުގެ ކައިވެނި ދެމެހެއްޓުމަށް އެކުރާ ހިތްވަރަކީވެސް ، މަންމައެއްގެ ވަރަށްބޮޑު ޤުރުބާނީއެއް. އެހުރިާކަމަކާއެކުވެސް ޙައިދަރުގެ ހިތުގައި އެއޮންނަ މެހެމަލްގެ ލޯތްބަށް އަސަރެއްކުރާހެންނެއް ހިއެއް ނުވޭ. މެހެމަލް އެއުޅެނީ ޖާދޫއެއް ހަދައިގެން ކަންނޭނގެ. ކުރިޔަށް އަންނަންއޮތީ ކޮންފަދަ ތޫފާނެއްކަމެއްވެސް ނޭނގޭ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.