ވިހަ ތީރު (39)

(11 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ޙައިދަރު އެދިޔައީ ، އެދުވަހު ހަތަރުދަމު ބަދިގޭގައި އުޅެ ، އޭނާ ޙައިދަރަށް ކައްކައިދިން އެއްވެސް އެއްޗެއްގެ ރަހަވެސް ބަލައި ނުލައެވެ. ކުރި ހުރިހާ މަސައްކަތެއް އެވީ ބޭކާރެވެ. އެއީ އިއްތިފާޤެއް ބާވައެވެ ؟ ނުވަތަ މެހެމަލްގެ މަކަރުވެރި ރޭވުމުން އުފެއްދި ޑްރާމާއެއް ބާވައެވެ ؟ ދިލްނަޝީންގެ ހިތުގައި ، އެކަހަލަ ވަސްވާސްތަކެއް އުފެދިގެން ދިޔައެވެ.)

ހޮސްޕިޓަލަށް ދިޔަމަގުމަތީގައި ، މެހެމަލްގެ ފަޔަށްވީ ތަދަށްވުރެ އޭނާގެ ހިތަށްލިބިފައިވާ ތަދު އެއީ ، ބޮޑުކަމަކަށް ވެގެން މެހެމަލް ވާހަކަ ދެއްކިއެވެ. ހޮސްޕިޓަލަށްދިޔައިރުވެސް ، މެހެމަލް ބޭނުންވީ ތަންކޮޅެއް ދުރުމަގަކުން ދިއުމަށެވެ. އެހާ އަވަހަށް ހޮސްޕިޓަލާހަމަޔަށް ދާކަށް މެހެމަލް ބޭނުމެއްނޫނެވެ. އޭނާއަށް އިތުރަށް ތަދުނުކުރުމަށް މެހެމަލް އެދުނެވެ. މެހެމަލް އެބުނި ވާހަކައެއްގެ މުރާދު ޙައިދަރަށްވެސް ވިސްނުނެވެ. ހުއްޓާނުލައި މެހެމަލް އެދައްކަނީ ، ކޮންވާހަކައެއްތޯ ޙައިދަރު ސުއާލުކުރިއެވެ.

" ޙައިދަރު ތިއުޅެނީ ކޮންގޮތަކަށް ހެއްޔެވެ ؟ ކުޑަކުދިން އުޅޭގޮތަށް ނޫޅޭށެވެ ! އަމިއްލަ ނަފްސާ ތިހެން ހަނގުރާމަކުރާނީ ކިހާ ދުވަހަކު ހެއްޔެވެ ؟ ވަރުބައްޔެއްވެސް ނުވޭ ހެއްޔެވެ ؟ " މެހެމަލް ބުންޏެވެ.

ޙައިދަރު ވަރުބަލިވާންވީ ކޮންކަމަކާ ހެއްޔެވެ ؟ ކޮން ޙައިޞިއްޔަތަކުން ހެއްޔެވެ ؟ ނަމަކަށް މީހަކާ އިނދެގެން ޙައިދަރު އެއުފުއްލާ ތަކުލީފުތަކާ ކުރިމަތިލައި ، އެކަމުގައި ޙައިދަރު ވަރުބަލިވަމުންދާކަން ، އޭނާއަށް އިޙްސާސް ވާކަމުގައި މެހެމަލް ބުންޏެވެ. ކޮންމެ ގޮތަކަށް އޭނާ އުޅުނަސް ، އެކަމާމެދު މެހެމަލް ވިސްނައި ފިކުރުކުރުމަށް ، މާލަސްވެއްޖެކަމުގައި ޙައިދަރު ބުންޏެވެ.

" އަދި އެހާ ލަހެއް ނުވެއެވެ. ނިކަން ، އަހަރެންނާމެދު ވިސްނާލަ ބަލާށެވެ ! މީހަކާ އިނދެގެން ކުއްޖަކުވެސް ލިބިއްޖެއެވެ. އެކުއްޖާ ގޮވައިގެން ޙައިދަރުގާތަށް އައިސް ، މިއުޅެނީ އެއްގެޔެއްގައެވެ. އަހަރެންވެސް ޤަބޫލު ކުރަމެވެ. ވިސްނައިނުލައި ، އަހަރެންނަށް ގޯހެއް ހެދުނީއެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ ؟ އަހަރެންނަށް އެވަގުތު ބޭނުންވެފައި އޮތްގޮތަށް ، އަހަރެންގެ ހިތްއެދުނުގޮތަށް ޢަމަލު ކުރެވުނީއެވެ. " މެހެމަލް ބުންޏެވެ.

މެހެމަލްގެ ފަޔަށް ތަދުވާކަމަކަށް މިހާރަކު ނުވެއެވެ. ތަދަކާ ތެދެކެވެ. މެހެމަލްއަށް އެދެއްކެނީ އެހެން ވާހަކަ އެކެވެ. އޭނާ ދެން ، ހަދަންވީ ކިހިނެއްހޭ ބުނެ ، ޙައިދަރުގެ އަޑަށް ބާރުލާފައި މެހެމަލްއާ ސުއާލު ކުރިއެވެ.

ކައިވެނި ކުރަންވީއެވެ. އޭނާއާ ޙައިދަރު ކައިވެނިކުރަންވީކަމުގައި މެހެމަލް ބުންޏެވެ. މެހެމަލް އެބުނި ވާހަކަޔަކުން ، ޙައިދަރުގެހިތްހަމަނުޖެހުން ވަކިން ބޮޑުވިއެވެ.

" މެހެމަލް އެވެ! އަހަރެންގެ ލޯބީގައި ކޮޅުފައިންޖަހާފައި ، އަންޞާބާ ކައިވެނިކުރިއިރު ، މިހާރުތިދައްކާ ވާހަކަތައް ނުދެއްކީ ކީއްވެ ހެއްޔެވެ؟ ހަމަ އެގޮތަށް ، ބޮޑާހާކައިގެން އަހަރެންނާ ގަދަކަމުން ކައިވެނި ކުރެވިދާނެކަމަށް ހީކުރަނީ ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

އަންޞާބާ ، މެހެމަލް ކައިވެނިކުރީ ، ބޮޑާހާކައިގެންނެއްނޫނެވެ. މެހެމަލްއަށް އެކައިވެނި ކުރަން މަޖްބޫރުވީ ، ޙައިދަރު އޭރުއުޅުނު ޙާލަތުންނެވެ. ޙައިދަރުގެ ދިރިއުޅުމުގެ ފެންވަރަށް މެހެމަލްއަށް ނުރުހެވުނީއެވެ. މިހާރު އެވަނީ ، ޙާލަތު ބަދަލުވެފައެވެ. ޙައިދަރުގެ ކައިވެންޏަށް އާދޭސްކުރަމުންގޮސް ، އޭނާ މަރުވިޔަސް ، ޙައިދަރާ ނުއިނދެ އޭނާގެ ބޮޑާހޭކުން ހުއްޓާނުލާނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލްގެ ޙާލަތު ޙައިދަރަށް ނުވިސްނިގެން އެއުޅެނީ ކީއްވެގެންކަމެއް މެހެމަލްއަކަށް ނޭނގެއެވެ. ދިލްނަޝީނާއެކީ ޙައިދަރު އުޅޭތަން ފެނުމަކީ ، މެހެމަލްއަށް ބަރުދާސްތު ކުރެވޭވަރުގެ ކަމެއްނޫނެވެ. މެހެމަލް މިހާތަނަށްވެސް ދިރިއެހުރީ ، ޙައިދަރުގެ ލޯބިން ދިރުން ލިބިގެންނެވެ. ޙައިދަރު ފެންނަ ހިސާބުގައި އުޅުމަށް ލިބުނު ފުރުޞަތާއެކީ ، ޙައިދަރުގެ ވަސް ، ކާނާއެއްގެ ގޮތުގައި އޭނާގެ ފުރާނަޔަށް ލިބުމުން ، އެލިބޭ ތާޒާކަމުގެ ސަބަބުންނެވެ. އެހެންނޫންނަމަ ، އޭނާ މިދުނިޔެއާ ވަކިވެގެން ހިނގައިދާނެތާ އެތައް ދުވަހެކެވެ.

އެއީ ، އެއްދުވަހެކެވެ. ފިރިހެނެއްގެ ލޯތްބަކީ ނިކަމެތި އެއްޗެއްގެ ގޮތުގައި ބަލާފައި ، އަންހެނަކު އެފިރިހެނާ ދޫކޮށްލައިފާ ދިޔައެވެ. ހަމަ އެއަންހެނާ ، އެތައްދުވަހެއްގެ ފަހުން ، އެވަގުތަށް އޭނާއަށް ތަނަވަސްވެފައި އޮތް ހުރިހާ އެއްޗެއް ހިފައިގެން ، އޭނާދޫކޮށްދިޔަ ފިރިހެނާގެ ގާތަށް އައެވެ. އޭނާ އެނބުރިއައީ ، އޭނާގެ ކުރީގެ ރީތިކަމާއި ރުޅިއާއި ކޮށިވިސްނުމާއި ނޭދެވޭ ހުރިހާ އާދަތަކެއް ހިފައިގެންނެވެ.

" ﷲ އަށްޓަކައި އާދޭސްކޮށްފައި ބުނަމެވެ. އަހަރެން ، އަހަރެންގެ ޙާލަށް ދޫކޮށްލަދީބަލާށެވެ ! އިތުރު މައްސަލަތަކެއްގެ ތެރެޔަށް ވަނުމަށް އަހަރެންނަށް ދަޢުވަތު ނުދޭށެވެ ! ޙަޤީޤަތުގައި މެހެމަލްއަކީ ، އަހަރެންގެ ނަޞީބުގައި ނެތް އަންހެނެކެވެ. އަހަރެންގެ ނަޞީބުގައި ލިޔެވިފައިވާ އަންހެނާ ، މިހާރު އެހުރީ އަހަރެންގެ ގެޔަށް އައިހެވެ. އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރަމުން އެބަގެންދެއެވެ. މިހާރުވެސް އެއިނީ އަހަރެންގެ އިންތިޒާރުގައި މޭޒުކައިރީގައެވެ. " ރުޅިއައިސް އިނދެ ، ޙައިދަރު ބުންޏެވެ.

މެހެމަލްއިނީ ، ޙައިދަރުގެ ވާހަކަތަކުން ފެންކަޅިވެފައެވެ. އެއްފަހަރުނަމަވެސް ، ދިލްނަޝީނާ އެވާހަކަ ދައްކައިލުމަށް މެހެމަލް އެދުނެވެ. އޭނާ ދެން އިތުރަށް އެޒަހަރު ނުބޯނެކަމަށް ޙައިދަރު ބުންޏެވެ. ދިރިއުޅުމުގައި އެއްފަހަރަކު ޒަހަރު ބޮއިލުމަކުން އަދި މަރެއްނުވާނެކަމަށް މެހެމަލް ބުނުމާއެކު ، ޙައިދަރަށް ކާރުގެ ބުރަކީގައި ހިފައިލެވުނެވެ. ފަހަރެއްގައި އާ ދިރުމަކާއެކީ ، އާފެށުމަކުން ދިރިއުޅުން ބާއްޖަވެރިވެގެންވެސް ހިނގައިދާނެއެވެ. އެ ޒަހަރު ، ޙައިދަރުވެސް ބޯލިއްޔާވާނީ ކީއްހެއްޔެވެ ؟ މެހެމަލް ، ޙައިދަރަށް އާދޭސްކުރަމުން ގެންދިޔައެވެ. އެމީހުންގެ ވާހަކަ އެހިސާބަށް ދިޔައިރު ، ހޮސްޕިޓަލަށްވެސް އާދެވިއްޖެއެވެ.

ދިލްނަޝީން ، އޭރުވެސް އިނީ އޭނާގެ އަތުގައިއޮތް އޫ އަނބުރާލަ އަނބުރާލައި ، ފުންވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. މީހަކާ އިނދެގެން ދިރިއުޅުމެއް ފެށުނުއިރު ، އެދިރިއުޅުމުގައި ކުރިމަތިވަމުން އެދަނީ ، ދިލްނަޝީން ކުރިން ޚިޔާލުކޮށްލާފައިވެސް ނުވާފަދަ ކަންކަމެވެ. އެކަންކަމުގެ ޙައްލުހޯދަން އޭނާގެ ވިސްނުން ނުފޯރާވަރުގެ އުނދަގޫ ކަންކަމެވެ. ގަޑިން އޭރު ރޭގަނޑު 10 ޖަހަނީއެވެ. ދިލްނަޝީން އިނީ ، އެދުވަހު ބަދިގޭގައި އެހާގިނައިރު އުޅެންޖެހުމުން ވަރުބަލިވެ ، ނިދިވެސް އައިއްސައެވެ.

މެހެމަލްގެ ފައި އެކިގޮތްގޮތަށް އަނބުރަމުން ޑޮކްޓަރ ބަލަމުންގެންދިޔައިރު ، ތަދުވާތީ އިރުއިރުކޮޅުން ، މެހެމަލްއަށް ހަޅޭއްލަވައިގަނެވެއެވެ. ތަދުވިލެއް ބޮޑުކަމުން ، ޙައިދަރުގެ އަތުގައި މެހެމަލް ހިފައިލިއެވެ. އަދި ، ހިފިގޮތަށް ދޫކޮށްލާކަށެއް ނޫޅެއެވެ. ޙައިދަރުހުރީ މެހެމަލްއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު ހުރުމަށްފަހު ، ބޯ ހޫރައިލަމުން ޙައިދަރު އޭނާގެ އަތްފޮޅުވައިލިއެވެ. އަދި ، މެހެމަލްގެ ލޮލުން ފާއްދާލައިފާހުރި ކަރުނަތައް ފުހެލުމަށް ޓިޝޫއެއް ދިއްކޮށްލިއެވެ.

ޙައިދަރުގެ އަންހެނުންނަށް ތަދުވުން ކަނޑުވައިލުމަށްޓަކައި ، ވަގުތު އޮތިއްޔާ ޑެކްސްޓްރޯސް އެއްގުޅައި ތަދުކަނޑުވާބޭހެއް އޭގެތެރެޔަށް ދޫކޮށްލެވިދާނެކަމަށް ޑޮކްޓަރ ބުންޏެވެ. އޭރަށް ވަރަށް އަވަހަށް ތަދުކެނޑިގެންދާނެއެވެ. ޑޮކްޓަރުގެ ވާހަކަ ނުނިމެނިސް ، އޭނާއަށް ވަރަށް ތަދުވާކަމަށާއި ، ޑެކްސްޓްރޯސްއެއް ގުޅައިދޭށޭ މެހެމަލް ބުންޏެވެ. މެހެމަލް ބޭނުންވީ ، ވީހާ ގިނައިރަކު އޭނާއާއެކީ ޙައިދަރު ހިފެހެއްޓުމަށެވެ. ދިލްނަޝީނާ އެއްމޭޒެއްގައި ޙައިދަރުގެ ގާތުގައި ދިލްނަޝީން އިނދެ ، ދިލްނަޝީން ކެއްކި އެއްޗެތި ކެއުމަކީ ،މެހެމަލް ބޭނުންވާކަމެއްނޫނެވެ. އެވަގުތުވެސް ، މެހެމަލް އެ ބޭނުންކުރީ އޭނާގެ ސިކުނޑިކަން ޙައިދަރަށް އެނގުނެވެ. އަދި ގަޑިޔަށް ބަލައިލިއެވެ. އޭރު ، 10:30 ވަނީއެވެ. ދިލްނަޝީން ކޭކަމެއް އަދި ނުކާކަމެއްވެސް ޙައިދަރަކަށް ނޭނގެއެވެ. އެކަމާވެސް ޙައިދަރުހުރީ ކަންބޮޑުވެފައެވެ. އެކަން އެނގުމާއެކީ ، ޙައިދަރުގެ ސަމާލުކަން ހޯދުމަށް މެހެމަލް ނިންމިއެވެ.

މެހެމަލް ، ޙައިދަރަށް ގޮވައިލިއެވެ. އަދި ، ޙައިދަރު ގެޔަށް ދިއުމަށް މެހެމަލް ބުންޏެވެ. އެމީހުން ތިބޭނީ ޙައިދަރު ނުގޮސްގެން ލަސްވެފައެވެ. އެހެނަސް ، އެޙާލުގައި މެހެމަލް އޮއްވައި އޭނާ ދޫކޮށްލާފައި ޙައިދަރުދާނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އެއީ ހަމަ ، ޙައިދަރު ދޭނެކަމަށް މެހެމަލްގެ ހިތުގައިވެސް އޮތް ޖަވާބެކެވެ. ޙައިދަރު ގެޔަށްދާން މެހެމަލް އެބުނީ ، ޙައިދަރު ގެޔަށްނުދާނެކަން އޭނާއަށް ޔަޤީންވާތީއެވެ. މެހެމަލް ހިނިތުންވެލިއެވެ.

" ކުރިންވެސް އަހަރެންނަށް އެނގެއެވެ. އަހަރެންނަށް ލިބޭ އެއްވެސް ތަކުލީފަކަށް ، ޙައިދަރަށް ކެތްނުކުރެވޭނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން ދޫކޮށްލާފައިދާކަށް ޙައިދަރަކަށް ނުކެރޭނެއެވެ. " މެހެމަލް ބުންޏެވެ.

ދިލްނަޝީން އަދިވެސް އިނީ ކާމޭޒުގައި ބޯއަޅައިލައިގެންނެވެ. މިހާރު މާލަސްވެއްޖެ ކަމަށާއި ބަނޑުހައިވެގެންގޮސް ހަލާކުވެދާނެކަމަށް ، ނޯކަރަކު އައިސް ދިލްނަޝީންގާތު ބުންޏެވެ. ދިލްނަޝީން ކާނީ ޙައިދަރު އައިއިރަކުންކަމަށް ދިލްނަޝީން ބުންޏެވެ. ގަޑިޔަށް ބަލައިލުމަށްފަހު ، އެވާހަކަ ދިލްނަޝީނާ އިތުރަށް ދައްކާކަށް ނޯކަރަކަށް ނުކެރުނެވެ. މައްޗަށްގޮސް ، ކުލްސޫމް ފެންނަހިސާބުގައި ނޯކަރު މަޑުކޮށްލިއެވެ.

ވޯރޑްތެރޭ ދެކޮޅަށް ޙައިދަރު ހިނގަމުންދަނިކޮށް ، އަނެއްކާވެސް ޙައިދަރުގެ އަތުގައި މެހެމަލް ހިފައިލިއެވެ. ޙައިދަރުގެ ހިތުގައި ބިންވަޅުނެގިފައިވާ އޭނާގެ ލޯތްބަށް ، ކުޑަވެސް ބަދަލެއް ނާންނަކަމަށް މެހެމަލް ބުންޏެވެ. ކައިވެންޏެއްކުރިޔަސް ، ޙައިދަރުގެ ހިތުގައި އަޅާފައިވާ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އޭނާއަށް ޙައިދަރު ކާމިޔާބު ކުރެވިދާނެކަމުގެ ހުރިހާ ނިޝާނެއް ، ޙައިދަރުގެ މޫނުމަތިން މެހެމަލްއަށް އެބަ ފާހަގަ ކުރެވެއެވެ. ޙައިދަރުގެ އަތުގައި ހިފައިލައި ، ގައިގޯޅިވެލުމަށްޓަކައި ، މިއަދު ވެއްޓުނުގޮތަށް ، އެތައްފަހަރަކު ސިޑިން ވެއްޓުމަށް މެހެމަލް އެހުރީ ތައްޔާރަށެވެ. އޭނާގެ ހަށްޓަށްލިބޭ ގެއްލުމަކަށް ބަލާކަށް މެހެމަލް ބޭނުމެއްނޫނެވެ. ޙައިދަރުގެ ގާތުގައި ހުރުމަށްޓަކައި އަދި ޙައިދަރުގެ ލޯބި ޙާޞިލްކުރުމަށްޓަކައި ، އޭނާގެ ހަށިގަނޑުގައި ކިތަންމެގަދަ ވޭނެއް އެޅިޔަސް އެވޭންތަކަށް މެހެމަލް ކެތްކުރާނެއެވެ. އެއީ މެހެމަލްގެ ހިތަށްލިބޭ އުފަލެކެވެ.

" މިއަދުވެސް އަހަރެންނަށް ހުންނަން މިޖެހެނީ ، ހިތްނޭދޭ ޖަޒުބާތީ އިޙްސާސްތަކެއްގައި ހައްޔަރު ވެފައެވެ. މިއަދުވެސް ، އަހަރެންގެ ހިތަށް އަރާމެއް ލިބެނީ މެހެމަލްގެ ލޯބީގެ ފޮނިކަން އިޙްސާސް ކުރެވިގެންނެވެ. އެހެނަސް ، އަހަރެންކުރާނީ ކީއްހެއްޔެވެ ؟ އަހަރެންގެ ހިތަކީ މިހާރު ހުސްކޮށް އޮތް އެއްޗެއްނޫނެވެ. އަހަރެން މިހުރީ ، އެހެންމީހަކަށް އެހިތް ދޫކޮށްލައިގެންނެވެ. އޭނާ އެހުރީ ، އަހަރެން ހަދިޔާކުރި ހިތުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުއްލަން ތައްޔާރަށެވެ. އެއީ އަހަރެންގެ ހިތުގެ ރާނީއެވެ. އަހަރެންނަކީ ، ކުރީގެ ޙައިދަރެއްނޫނެވެ. އަހަރެން މިހުރީ ބަދަލުވެފައެވެ. އަހަރެން ، އިތުރަށް ޓެސްޓްކުރަން ނުހަދާށެވެ ! " ޙައިދަރު އޭނާގެ ހިތާހިތާ ކިޔާލަމުން ގެންދިޔައެވެ.

ޙައިދަރުގެ އަތް އަނެއްކާވެސް މެހެމަލްގެ މުށުތެރެއިން ދަމައިގަތެވެ. ޙައިދަރުގެ ލޮލުން ފެންނަނީ ނަފުރަތެވެ. މެހެމަލް އެ އެދޭފަދަ މަންޒަރެއްނޫނެވެ. މެހެމަލްގެ އަތް އެނދުމަތީ ބާއްވާލައި ، ނޫނެކޭބުނުމަށް ޙައިދަރު އޭނާގެ ބޯ ހޫރައިލަމުން ގެންދިޔައެވެ.

ޙައިދަރު ގެޔަށްއައުން ލަސްވެގެން ، ކުލްސޫމްވެސް ހުރީ ކޮޓަރިތެރޭ ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލައެވެ. ނޯކަރާދިމާލަށް ބަލައިލުމަށްފަހު ، ދިލްނަޝީން ކައިފިތޯ ކުލްސޫމް ސުއާލު ކުރިއެވެ. ނޯކަރު ބުނީ ، ދިލްނަޝީން އަދިވެސް އިނީ ޙައިދަރުގެ އިންތިޒާރުގައި ނުކައި ކަމުގައެވެ. ޙައިދަރު ގެޔަށް އައިއިރަކުންނޫނީ ދިލްނަޝީން ނުކާނެކަމަށް ބުނިވާހަކައެވެ.

ޙައިދަރު އޭނާގެ އަންހެނުންގެމަތިންވެސް އެހުންނަނީ ހަނދާން ނެތިފައެވެ. އެއީ މެހެމަލްގެ ޖާދޫއެވެ. ނޯކަރު ފޮނުވައިލުމަށްފަހު ، ކުލްސޫމް ފޯނުނަގައި ޙައިދަރާ ގުޅިއެވެ. ޙައިދަރުގެ ފޯނު ، ރިންގްވުމާއެކީ ، އެއީ ދިލްނަޝީންގެ ފޯނެއްތޯ މެހެމަލް ސުއާލު ކުރިއެވެ. އެއީ ޙައިދަރުގެ މަންމަގެ ފޯނެކެވެ. އެހެންކަމަށް ވަންޏާ ، މަންމަ އެގުޅީ ރުޅިއައިސްގެންކަމަށް މެހެމަލް ބުންޏެވެ. މެހެމަލް ބުނިއެއްޗަކަށް ނުބަލައި ޙައިދަރު ފޯނުނެގިއެވެ. ޙައިދަރު އެއުޅެނީ ކޮންތާކުތޯ ކުލްސޫމް ސުއާލު ކުރިއެވެ. ގޭގައި ޙައިދަރަށް މަޑުކޮށްގެން މީހަކު އެބައިންކަމުގައި ކުލްސޫމް ބުންޏެވެ. އެކަން ޙައިދަރަށް އިޙްސާސް ކުރެވޭތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެކަން އޭނާއަށް އިޙްސާސް ކުރެވޭކަމަށް ޙައިދަރު ބުންޏެވެ. މެހެމަލްއަށް ޑެކްސްޓްރޯސް އެއް ގުޅާފަ އޮތީމަ ހުސްވަންދެން މަޑުކުރަން ޖެހުނީއެވެ. އެ ހާލުގައި މެހެމަލް ދޫކޮށްލާފައި އޭނާ ގެޔަށްދާނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ލަހެއްނުވެ ، އޭނާ ގެޔަށްދާނެކަމަށް ޙައިދަރު ބުންޏެވެ.

އެއްވެސް އިރެއްގައި އެއްވެސްތާކަށް މެހެމަލް ދޫކޮށްލާފައި ޙައިދަރަކަށް ނުދެވޭނެއެވެ. އެކަން ، ކުލްސޫމަށްވެސް އެނގެއެވެ. ދޫކޮށްލުމުގެ ފަލްސަފާއަކީ ، މާކުރިން މެހެމަލް ކޮށްފައިވާކަމެއްކަން ޙައިދަރަށް ނުވިސްނެނީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ. ފަހަރެއްގައި ޙައިދަރުގެ ހަނދާން ބަލީއެވެ. މެހެމަލް އެޖަހާހާ ބެރަކަށް ޙައިދަރު ނަށަމުން އެގެންދަނީ އެހެންވެގެންކަމަށް ކުލްސޫމް ބުންޏެވެ. އޭނާ އެއްވެސްކަމެއް ހަނދާން ނުނެތޭކަމަށް ޙައިދަރު ބުންޏެވެ. އަދި ކުލްސޫމަށް އިތުރު ވާހަކައެއް ބުނުމަށް ފުރުޞާތުނުދީ ފޯނުކަނޑައިލިއެވެ. މެހެމަލްގެ އެދަންތުރައިގާ ޙައިދަރު އެހުރީ ރަނގަޅަށް ޖެހިފައެވެ. ވަމުންއެދާ ހުރިހާކަމެއްވެސް އެދަނީ މެހެމަލް ބޭނުންވާ ގޮތަށެވެ. ކެހިވެރި ހިނިތުންވުމަކުން މެހެމަލް ހީލައި ، ފުންނޭވާއެއްލިއެވެ.

ދެގަޑިބައިވީއިރުވެސް ، ދިލްނަޝީން އިނީ ކާމޭޒުދޮށުގައެވެ. އޭނާއަށް އޮތީ ، މޭޒުމަތީ ބޯއަޅައިލައިގެން އޮވެ ނިދިފައެވެ. އެހެން އޮއްވައި ، ޙައިދަރުމެންގެ ކާރުގެ ބަރުގޮނުގެ އަޑަށް ސިއްސައިގެންގޮސް ، ދިލްނަޝީނަށް ހޭލެވުނެވެ. ދެލޯބޮޑުކޮށްގެން އިންދާ ، މެހެމަލް އަތުލަފިކުރަމުން ، ޙައިދަރު އައިސްގެޔަށްވަނެވެ. މެހެމަލް ގޭތެރެޔަށް ވަދެގެންދިޔައީ ، ޙައިދަރުގެ އަތުގައި ހިފަހައްޓައިލައިގެން ހުރެ ، ކޮރުޖަހަމުންނެވެ. ކާމޭޒުދޮށުގައި މެހެމަލް އިންކަމެއް ޙައިދަރަކަށް ނޭނގެއެވެ. މެހެމަލް ގޮވައިގެން އޭނާހުންނަ ކޮޓަރިޔަށް ޙައިދަރު ދިޔައީ ދިލްނަޝީންގެ ކުރިމަތިންލާފައެވެ. އެމަންޒަރު ބަލަންއިނުމަކީ ދިލްނަޝީނަށްވެސް އެހާ ފަސޭހަކަމަކަށް ނުވިއެވެ. ކަންފަތުގައި ލާފައިހުރި މުދިތައް އެއްފަހަރު ނަގައި މޭޒުމަތީ ބާއްވާނެއެވެ. އިރުކޮޅަކުން ނަގައި އެއެއްޗެތި ކަންފަތުގައި ހަރުކުރާނެއެވެ. ދިލްނަޝީން އިންތިޒާރު ކޮށްގެން އެއިނީ ޙައިދަރު ދިޔަމަގުން އެނބުރި އަންނާނެ ވަގުތަކަށެވެ. މެހެމަލް ކޮޓަރިޔަށްލާފައި ، އޭނާއާއެކީ ކާން ، ޙައިދަރު އަންނާނެއެވެ. ޙައިދަރުވެސް މިހާރު ހުންނާނީ ބަނޑުހައިވެގެންގޮސް އަވަދިވެފައެވެ.

ނޯކަރު އައިސް ، މެހެމަލްގެ އަތުގައި ހިފަން އުޅުމުން އެކަން މެހެމަލް މަނާކުރިއެވެ. ޙައިދަރު ހުއްޓައި އެހެންމީހެއްގެ އެހީތެރިކަމެއް އޭނާއަށް ބޭނުންނުވާނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލް އެނދުގައި ބޭންދުމަށްފަހު ، މެހެމަލްއަށް ކާއެއްޗެތި ގެނެސްދިނުމަށް ނޯކަރުގާތު ޙައިދަރު ބުންޏެވެ. އެހެނަސް ، އޭނާ އެކަނި ނުކާނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލް ކާނީ ، ޙައިދަރުވެސް ، މެހެމަލްއާއެކީ ކަންޏާކަމުގައި މެހެމަލް ބުންޏެވެ. އެހެންނޫނީ މެހެމަލްއެއްވެސް ނުކާނެއެވެ. ޙައިދަރު ކުޑަކޮށް ހުއްޓިލިއެވެ. މެހެމަލްގެ ގޮތްދޫނުކުރުން އެންމެ ބޮޑަށް އެނގޭނީ ޙައިދަރަށެވެ. ޙައިދަރަށްވެސް އެތަނަށް ކާންގެންނަން ނޯކަރުގާތު ، ޙައިދަރު ބުންޏެވެ.

" އިންސާނުންނަކީ ހާދަފާޑެއްގެ ބަޔެއްދޯއެވެ ؟ ލިބޭގެއްލުމުގެ އިޙްސާސް ، އިންސާނުންނަށް ލިބެނީ އެ ގެއްލުމެއްލިބި ، ހުރިހާކަމެއް ނިމުނީމައެވެ. އޭގެކުރިން ، އެކަން އިންސާނުންނަކަށް އިޙްސާސެއް ނުވެއެވެ. " މެހެމަލް ބުންޏެވެ.

ދިރިއުޅުމަކީ ، ގެއްލުމާއެކީ އުޅެން އޮންނަ އެއްޗެކެވެ. ގެއްލުމާއެކީވެސް ދިރިއުޅެން ، އިންސާނާއަށް މަޖުބޫރުވާނެކަމަށް ޙައިދަރު ބުންޏެވެ. ބައެއްކަހަލަ ގެއްލުމަކީ ، ދުވަހަކުވެސް އޭގެ ބަދަލުލިބޭނެ އެއްޗެއްނޫންކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރުގެ ވާހަކައިން މެހެމަލް ދެރައެއް ނުވެއެވެ. ޙައިދަރުގެ ލޯތްބަކީ ، އޭނާއަށް ދުވަހަކުވެސް ގެއްލުމެއްލިބޭނެ އެއްޗެއްނޫންކަމަށް ބުންޏެވެ.

ނޯކަރުއައިސް ، ކޮޓަރިޔަށް ކާއެއްޗެތި ގެންގޮސްދިނުމަށް ޙައިދަރު ބުނިވާހަކަ ދިލްނަޝީންގާތު ބުންޏެވެ. އަދި ، ޙައިދަރުކާނީ މެހެމަލްއާއެކީގައިކަމަށްވެސް ބުންޏެވެ. ދިލްނަޝީންވެސް ލަސްނުކޮށް ކެއުމަށް ނޯކަރު އެދުނެވެ. ދިލްނަޝީން އެދުނީ ، ޙައިދަރުގެ ކާނާވެސް އަވަހަށް ގެންގޮސްދިނުމަށެވެ. ޙައިދަރުގެ އިންތިޒާރަށް ލަސްނުކޮށް ނިމުން ގެނެސްދިނުމަށެވެ. ދިލްނަޝީން ކާކަށް ބޭނުމެއް ނުވިއެވެ. އެވަގުތު އޭނާގެ ހިތަށްވީ ތަދު އިޙްސާސްކޮށްލުމަށްޓަކައި ، ކާމޭޒުދޮށުގައި އިރުކޮޅަކު މަޑުކޮށްލިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. މެހެމަލް މީ ހާދަ ޒާތަކަށް އުޅޭމީހެކޭ ދޯ. މީހަކާ އިންތަނުން އައިގޮތަށް އައިސް ޙައިދަރަށް ދެން ކޮން އުނދަގުލެއް ކުރާކަށް. ޙައިދަރުވެސް ދީގެން ހުންނާތީ ވާގޮތެއް އެއީ. ޙައިދަރާ ދިލްނަޝީންގެ ދިރިއުޅުމަށް އަނދިރި ނޭޅިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.