(29 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)
(އޭނާގެ ޅީދަރިއެއްގެ ގޮތުގައި އަބަދުވެސް ބަލާނީ ދިލްނަޝީންކަމަށް ކުލްސޫމް ބުންޏެވެ. އެއީ ، ދެވަނަ މީހަކަށް ޙައްޤު ފުރުޞަތެއްނޫނެވެ. އެކަންކުރަން ކުލްސޫމަށް ފަސޭހަވާނީ ، ދިލްނަޝީންގެ ޢަމަލުތައްވެސް ރަނގަޅުކޮށްގެންނެވެ.)
މެހެމަލްގެ ޢަމަލުތައްހުރިގޮތުން ، ޙައިދަރުގެ ދިރިއުޅުމަށް ނުރައްކާވަމުންދާކަމުގެ އިޙްސާސް ކުލްސޫމަށް ކުރެވެއެވެ. އަދި ، އެއީ ކުލްސޫމަށް ބަރުދާސްތު ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެންމެފަހުން ، އެހެންގޮތެއް ނެތިގެން ، ދިލްނަޝީނާ ކުލްސޫމް އެވާހަކަ ދައްކަން މަޖުބޫރު ވިއެވެ.
ދިލްނަޝީންގެ ފިރިމީހާ ޙައިދަރަށް ސަމާލުކަންދީ ، ވަގުތުހުސްކޮށްގެން ، ޙައިދަރަށް އަޅައިލުމަށް ދިލްނަޝީންގެ ކިބައިން ކުލްސޫމް އެދުނެވެ. އެވާހަކަ ދެއްކުމަކީ ، ކުލްސޫމަށް އެހާ ފަސޭހަކަމެއްވެސް ނޫނެވެ. އޭރުވެސް ޙައިދަރު އިނީ ، ފަތާފެންގަނޑަށް ޢީޝަލް ލައިގެން ޢީޝަލްއާއެކީ ކުޅޭށެވެ. އެއީ ، ދިލްނަޝީނަށް މައްސަލައަކަށް ނުވިއެވެ. ވަމުންދާ ކަންކަމުގެ އިޙްސާސް ދިލްނަޝީނަށް ނުކުރެވެނީކަމަށް ވެދާނެއެވެ. ދިލްނަޝީނަށް އެފެންނަނީ ، ޢީޝަލްއާއެކީ ޙައިދަރުކުޅެން އިން މަންޒަރު ނޫންކަމަށް ކުލްސޫމް ބުންޏެވެ. އެއީ މެހެމަލް ކުޅޭ ކުޅިވަރެކެވެ. ޢީޝަލްއަކީ ހަތިޔާރަކަށް ހަދައިގެން ، ޙައިދަރާއެކީ ވަގުތު އެހޭދަކުރަނީ މެހެމަލްކަން ދިލްނަޝީނަށް ވިސްނައިދެވޭތޯ ، ކުލްސޫމް މަސައްކަތް ކުރިއެވެ.
" މެހެމަލްއެވެ ! އަހަރެން މިހާރު މިހުރީ މީހަކާ އިނދެގެންނެވެ. އަހަރެންނަކީ މިހާރު ، މެހެމަލްގެ ލޯތްބަށްޓަކައި ފެންބޮވައިގެންފައިހުރި ، ކުރީގެ ޙައިދަރެއްނޫނެވެ. " ޙައިދަރު ބުންޏެވެ.
ޙައިދަރުގެ ހިތުގެއަޑީގައި އަދިވެސް ފޮރުވިފައިވަނީ މެހެމަލްގެ ލޯބިކަމަށް މެހެމަލް ބުންޏެވެ. އެޙަޤީޤަތަކާ ޙައިދަރަކަށް ދުރެއްނުވެވޭނެއެވެ. ޙައިދަރު އަދިވެސް ދިރިއެހުންނަނީ ، މެހެމަލްގެ ލޯބިން ހަކަތަ ލިބިގެންނެވެ. ޙައިދަރުގެ ސްޓަޑީރޫމުގައި ހުންނަ އަޅިކެނޑި ، މެހެމަލްއަށް ފެނިއްޖެކަމަށް މެހެމަލް ބުންޏެވެ. އެ އަޅިކެނޑި އަބަދުވެސް އެހުންނަނީ ފުރިފައެވެ. އޭގެމާނަޔަކީ ، ޙައިދަރުގެ ދިރިއުޅުމުގައި އޮތް ހާސްކަން އަދިވެސް ފިލައިނުދާކަމެވެ. ޙައިދަރުގެ ހިތުގެ ކެކުޅުންތައްވަނީ ، ބޮމުންގެންދާ ސިނގިރެޓްގެ ދުމާއެކުވެފައެވެ.
" ޙައިދަރެވެ ! ޙައިދަރުގެ ހުރިހާ ހިތާމަތަކާއި ތަކުލީފުތަކެއް ، އަހަރެން ދުރުކޮށްދޭނަމެވެ. އަހަރެންނަށް އެންމެ ފުރުޞަތެއް ދޭށެވެ ! ހުރިހާކަމެއް އަހަރެން ރަނގަޅުކުރާނަމެވެ. " ޙައިދަރާގާތަށްޖެހިލައި ، މެހެމަލް ބުންޏެވެ.
މެހެމަލްއަށް ޖަވާބުދޭކަށް ޙައިދަރު ބޭނުމެއްނޫނެވެ. ޢީޝަލްއަށް ގޮވައިލުމަށްފަހު ، ދެންދަމާހިނގާށޭ ބުނެ އެހިސާބުން ނިނމައިލިއެވެ.
އޭރުވެސް ކުލްސޫމު ގެންދިޔައީ ދިލްނަޝީނަށް ނަޞޭޙަތް ދެމުންނެވެ. ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ގޯސްހެދޭނެއެވެ. އަމިއްލަ ސިއްރުތަކެއްވެސް ހުންނާނެއެވެ. އެއީ ދިރިއުޅުން އާބާދުކުރުމަށް ލިބޭ ފިލާވަޅެވެ. ދުނިޔެ ފެންނާނީ ދުނިޔެހިނގާގޮތް ދަސްކޮށް އެގޮތްތަކަށް ވިސްނުން ބަދަލުކޮށްގެންނެވެ. ބައެއްމީހުންނަށް ހެދޭގޯހުން ، އެމީހުންގެ ޙަޔާތުގެ ނިމުން އަމިއްލައަތުން ގެންނައިރުވެސް ނޭނގެއެވެ. ދިލްނަޝީންގެ ފިރިމީހާއާ ވަކިވުމަކީ ދިރިއުޅުމުގައި ހެދޭނެ އެންމެ ބޮޑު ގޯސްކަން ކުލްސޫމް ވިސްނައިދެމުން ގެންދިޔައެވެ. އެހެންމީހެއްގެ ނުފޫޒަށް ފިރިމީހާ ހެއްލިގެން ހިނގައްޖެނަމަ ، އެހިސާބުން އެދިރިއުޅުމެއް އެނިމުނީއެވެ. އަނބުރާ ހޭރިޔާކޮށްގެންވެސް ، އޭގެފަހުން އެދިރިއުޅުމެއް އަތަކު ނުވާނެއެވެ. ފިރިމީހާއަކީ ، އަންހެނެއްގެ ޙަޔާތުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. އެއީ ، އެހެންމީހުންނަށް ފެންނަން އެންމެންނަށް ހުޅުވައިލާފައި އޮންނަންޖެހޭނެ އެއްޗެއްނޫނެވެ. ފިރިމީހާ ހުންނަންޖެހޭނީ އެހެން އަންހެނުންގެ ކިބައިން ސަލާމަތްކުރެވޭފަދަ ގޮތަކަށް ، އަނބިމީހާގެ ކޮންޓްރޯލްގެ ދަށުގައެވެ.
ކުލްސޫމް އެދައްކަމުންގެންދާ އެއްވެސް ވާހަކައެއް ދިލްނަޝީނަކަށް ނުވިސްނުނެވެ. އެއީ ، މީގެކުރިން އެއްވެސްމީހަކު އެކަހަލަ ވާހަކައެއް އޭނާގާތު ދައްކާފައެއް ނުވެއެވެ. ކުލްސޫމް އެދައްކަމުންގެންދިޔާ ވާހަކަތައް ތިލަކޮށްލައިގެންނޫނީ ، ދިލްނަޝީނަށް އެއްޗެއް ވިސްނޭނެކަމަކަށް ކުލްސޫމަކަށް ނުފެނުނެވެ.
" އެއްވެސްތާކު ޙައިދަރު އެކަނި ހުރިޔަ ނުދޭށެވެ ! ޚާއްޞަކޮށް ޙައިދަރުގާތު މެހެމަލް އެކަނިހުންނަން ދޫކޮށްނުލާށެވެ ! " ކުލްސޫމް ބުންޏެވެ.
ކުލްސޫމުގެ ވާހަކަތައް ނިމުމާއެކީ ، ހިނިތުންވެލުމަށްފަހު ، ދިލްނަޝީން ހިނގައިގަތެވެ. ކުލްސޫމު އެދެއްކި ވާހަކަތަކުން ދިލްނަޝީނަށް އެއްޗެއް ވިސްނުނުކަމެއް ނުވަތަ ނުވިސްނޭކަމެއް ކުލްސޫމަކަށް ނޭނގެއެވެ.
**************************************
ކޮޓަރިތެރޭ ފޮތެއްކިޔަން ދިލްނަޝީން އިނެވެ. ޙައިދަރު އައިސް ކޮޓަރިޔަށްވަދެ ، އެނދުގައި ޖައްސައިލިއެވެ. ދިލްނަޝީން ކަރުކެހިލިއެވެ. އެއަޑު ޙައިދަރަށް އިވުނެވެ. އެކަމަކު އަޅައެއް ނުލައެވެ. އެއަޑަށް ޙައިދަރުގެ ސަމާލުކަން ނުލިބުމާއެކު ، އަތުގައިވާ ތަނޑުތައް ތަޅުވައިލިއެވެ. ދިލްނަޝީން އެއުޅެނީ ވާހަކައެއް ބުނަންކަން ޙައިދަރަށް އެނގުނެވެ. އަދި ، އެހުރިހާ ކަންކަމެއް ނުކުރިޔަސް ، ދިލްނަޝީން ބޭނުންވާ ވާހަކައެއް އޭނާގާތު ބުނެވިދާނެކަމުގައި ޙައިދަރު ބުންޏެވެ.
" މެހެމަލްއާއެކީ ، ޝޮޕިންގއަށް ޖައްސާލަން ބޭނުންވެގެންނެވެ. ކޮންމެވެސް ވަރެއްގެ ލާރިކޮޅެއްދީފިއްޔާ ވަރަށް ރަނގަޅެވެ. " ދިލްނަޝީން ބުންޏެވެ.
އެއީ ޙައިދަރަށް އެއްވެސް މައްސަލައެއްނޫނެވެ. ޙައިދަރާއެކީ މާދަމާ ޝޮޕިންގއަށް ދެވިދާނެކަމަށް ޙައިދަރު ބުންޏެވެ. މެހެމަލްއާއެކީ ދާންވީ ކީއްކުރަން ހެއްޔެވެ؟ އެހެނަސް ، ދިލްނަޝީން ދާންބޭނުންވީ މެހެމަލްއާއެކީގައެވެ. ޙައިދަރު ކުޑަކޮށް ވިސްނައިލިއެވެ. ދިލްނަޝީން ބޭނުންވާކަމެއް ކޮށްނުދީ އޭނާކުރާނެ އެހެންކަމެއް ނޯންނާނެއެވެ. ވޮލެޓުން އޭނާގެ ކްރެޑިޓް ކާރޑްނަގައި ދިލްނަޝީނަށް ދިއްކޮށްލިއެވެ. އެކާރޑަކީ ޕާސްވޯޑް ބޭނުންކުރަންޖެހޭ ކާރޑެއްކަމަށް ޙައިދަރު ބުންޏެވެ. ކާރޑްގެ ޕާސްވޯޑަކީ ދިލްނަޝީންގެ ބާރތުޑޭޓް އެވެ. ކާރޑްގައި ހިފުމަށްފަހު ، އޭނާ ބޭނުންވާވަރަކަށް ޝޮޕިންގ ކުރަންވީތޯ ޙައިދަރާ ސުއާލުކުރިއެވެ. ދިލްނަޝީންގެ ހިތްއެދޭވަރަކަށް ޝޮޕިންގކޮށްލަންވީކަމަށް ޙައިދަރު ބުންޏެވެ. އަދި ދިލްނަޝީނާ ސުއާލެއްކޮށްލަންތޯ ބުންޏެވެ. އޭނާއާއެކީ ، ޝޮޕިންގއަށް ނުދާންވީ ކީއްވެ ހެއްޔެވެ ؟
" އެހެންދުވަހަކުން ، ޙައިދަރާއެކީ ޝޮޕިންގއަށް ދާނަމެވެ. އެނގޭ ހެއްޔެވެ ؟ ކައިވެނީގެ ކުރިން އަހަރެން ޝޮޕިންގއަށްދަނީ ، އަހަރެންގެ ފަހަރި ރާފިޔާއާއެކީގައެވެ. ފިހާރަތަކުގައި ހުންނަ އެއްޗެތި ފެނުނީމަ ވަރަށް ހިތްކިޔައެވެ. އެކަމަކު ، ބޭނުންވާ އެންމެ މުހިންމު އެއްޗެއް ގަންނާކަށް އަހަރެމެންގެ އަތަކު ރުފިޔާއެއް ނުހުރެއެވެ. މަންމައެއް އެހާގިނައިން އަހަންނަކަށް ލާރިއެއް ނުދެއެވެ. ކައިވެންޏެއް ކުރުމަށްފަހު ، ހިތްއެދޭވަރަކަށް ޝޮޕިންގެއަށްގޮސް އެއްޗެތި ގަންނާނަމޭ އޭރުވެސް އަހަރެންގެ ހިތަށް އަރައެވެ.
އެއީ ، މައްސަލައެއް ނޫނެވެ. ދިލްނަޝީން ހިތްއެދޭވަރަކަށް އެއްޗެތި ގަންނަންވީއެވެ. ޙައިދަރު އޮފީހަށްދަމުން ، އެމީހުން ޝޮޕިންގމޯލަކަށް ގެންގޮސްދޭނެކަމަށް ޙައިދަރު ބުންޏެވެ.
ދިލްނަޝީންގެ މޫނުމަތިން ޙައިދަރު ހިތްހަމަޖެހޭވަރަށް ހިނިތުންވުން ފެނުނު އެއީ އެންމެ ފުރަތަމަ ފަހަރެވެ. އެހިނިތުންވުން ދިލްނަޝީންގެ މޫނުމަތިން އަބަދުވެސް ފެންނަން ހުރުމަކީ ޙައިދަރުގެ އެދުމެއްކަމަށް ބުންޏެވެ. އެއީ ހާދަ މައުޞޫމު ހިނިތުންވުމެކެވެ.
****************************
ދިލްނަޝީން މިހާރު ގެންދަނީ ، ކުރިން ނިދަމުންއައި ޑޭބެޑް ދޫކޮށް ، ޙައިދަރާ އެއް އެނދެއްގައި ނިދަމުންނެވެ. މާދަމާއަކީ ދިލްނަޝީން ، ޝޮޕިންގއަށް ދާން އޮތްދުވަހެވެ. އެހެންކަމުން ، ތަންކޮޅެއް އަވަހަށް ނިދައިފިއެވެ. ޙައިދަރުގާތަށް ނިދިނައިސްގެން ތެދުވެ ، ބެލްކަންޏަށް ނުކުތެވެ. ބަގީޗާތެރޭ ހުރި ތަނބެއްގައި ލެނގިލައިގެންހުރި މެހެމަލް ، ޙައިދަރުގެ ލޮލުގައިއަޅައިގަތެވެ. އޭރު މެންދަމު ،ގަޑިން ބާރަޖަހަނީއެވެ. މެހެމަލް އެހުރީ ، ހިތަށް ތަދުވެގެން ނުނިދިގެން ބޭރަށް ނުކުމެއެވެ. މެހެމަލްގާތަށް ތިރިޔަށް ނުގޮސް ޙައިދަރަކަށް ނުހުރެވުނެވެ. ގަދަނިދީގައި އޮތް ދިލްނަޝީނާދިމާލަށް ބަލައިލުމަށްފަހު ، ތިރިޔަށްދާން ، ޙައިދަރު ހިނގައިގަތެވެ. ކޮޓަރީގެ ދޮރުލެއްޕުނު އަޑަށް ދިލްނަޝީނަށް ސިއްސައިގެންގޮސް ހޭލެވުނެވެ. އެގަޑީގައި ޙައިދަރު ބޭރަށް ނުކުންނަން ޖެހިދާނެ ސަބަބަކާމެދު ، ދިލްނަޝީން ވިސްނައިލިއެވެ. އަދި ، ޙައިދަރު އަންނަންދެން ނުނިދާ ހުންނަންބޭނުންވެ ، ބެލްކަންޏަށް ނުކުމެ މަޑުކޮށްލަން ނިންމިއެވެ.
" މެހެމަލް ރޮނީހެއްޔެވެ ؟ " ޙައިދަރު ސުއާލު ކުރިއެވެ.
ރޮއެ ހިތާމަކުރުންނޫންކަމެއް އޭނާއަށް އެބައޮތްތޯ ، މެހެމަލް ސުއާލުކުރިއެވެ. މިގަޑީގައި ޙައިދަރު އެތަނަށް އަންނަންވީ ކީއްކުރަން ހެއްޔެވެ ؟ މެހެމަލް އެހުރީ ، އޮޅުމަކުންނަމަވެސް ، ޙައިދަރު ބެލްކަންޏަށް ނުކުމެއްޖެނަމަ ، މެހެމަލް ފެނިގެން އަންނާނެކަމަށް ބަލައިގެންނެވެ. އެކަން މެހެމަލްކުރާތާ ދެތިން ރެޔެއް ވެއްޖެއެވެ.
ރޭގަނޑުގެ އެހާލަސްގަޑިއެއްގައި ، އެގޮތަށް ނުނިދާ ބޭރުގައި ހުރުމަކީ ޙައިދަރަށް އަސަރުކުރާނެ ކަމެކެވެ. ޢީޝަލް އޮންނާނީ ކޮޓަރީގައި އެކަންޏެވެ. ކޮޓަރިޔަށް ދިއުމަށް ބުނަމުން ، ޙައިދަރުވެސް އެނބުރި ގެޔާދިމާލަށް ހިނގައިގަތެވެ.
" ޤަބޫލު ނުކުރަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ޙައިދަރު އަދިވެސް ލޯބިވަނީ އަހަރެންދެކެކަން ޤަބޫލުނުކުރަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ އަހަރެންގެ ހިތަށް އުނދަގޫވާތަން ފެންނަން ޙައިދަރުގެ ހިތްނޭދޭއިރު ، ޙައިދަރުގެ ހިތުގައި ބިންވަޅު ނެގިފައިވާ އަހަރެންގެ ލޯބި ، އެހިތުގައި އޮތްކަމަށް ޤަބޫލު ނުކުރަން ތިއުޅެނީ ކީއްވެހެއްޔެވެ ؟ ދިލްނަޝީންގެ ފަރާތަކުން ޙައިދަރަކަށް ލޯތްބެއް ނުލިބޭނެއެވެ. ދިލްނަޝީންގެ ހިތުގައި ޙައިދަރުގެ މައްޗަށް ލޯބި އުފެދުނަސް ، ޙައިދަރުގެ ހިތުގައި އުފެދިފައިވާ އަހަރެންގެ ލޯބި ފަނޑުކޮށްލާކަށް ، ދިލްނަޝީންގެ ލޯތްބަކަށް ކުޅަދާނައެއް ނުވާނެއެވެ. " ޙައިދަރާދިމާލަށް އެނބުރިލަމުން މެހެމަލް ބުންޏެވެ.
ބެލްކަންޏަށް ނުކުމެ އެމީހުންނާދިމާލަށް ބަލަހައްޓައިގެންހުރި ދިލްނަޝީން ، މެހެމަލްއަށް ފެނުނެވެ. އެއައީ ، މެހެމަލް އިންތިޒާރުކުރަމުން އައި ވަގުތެވެ. ފުރުޞަތުގެބޭނުން ، އެންމެ ފުރިހަމަގޮތުގައި ހިފުމަށް މެހެމަލް ވިސްނިއެވެ.
މެހެމަލްގެ ހިތުގައި އުފެދިފައިވާ އެ ޖަޒުބާތުތަކުން ކުރާނެފައިދާއެއް ، މިހާރު ނެތްކަމުގައި ޙައިދަރު ބުންޏެވެ. މެހެމަލް ކުރަމުން އެގެންދަނީ ބޭކާރު ކަމެކެވެ.
ދިލްނަޝީނަށް އަސްލުމަންޒަރު ސިފަކޮށްދިނުމަށްޓަކައި ، ޙައިދަރާގާތަށް މެހެމަލް ޖެހިލިއެވެ. ޙައިދަރުހުރީ ، ދިލްނަޝީނާ ވީފަރާތަށް ފުރަގަސްދީގެންނެވެ. ދިލްނަޝީން ފެންނާނީ ހަމައެކަނި މެހެމަލްއަށެވެ. އެއްވެސްކަމަކީ ، ނުވާނެކަމެއްނޫންކަމަށް މެހެމަލް ބުންޏެވެ. މެހެމަލްގެ ހިތުގައިވެސް އޮތީ ޙައިދަރުގެ ލޯތްބެވެ. މެހެމަލް އެއައީ އޭނާއަށް ކުރެވުނު ކުށަށް ، އަންޞާބުގެ ޙަޔާތުން އަދަބު ލިބިގެން ، ޙައިދަރާއެކު އާ ދިރިއުޅުމެއް ފެށުމަށެވެ. އެ ފުރުޞަތު މެހެމަލްއަށް ލިބެން ޖެހޭނެއެވެ.
ކަންކަން ނިމެން އޮތް ފުރުޞަތު ނިމިހިނގައްޖެކަމަށް ، ޙައިދަރު ބުންޏެވެ. އެދުވަހު ، މެހެމަލް އެބުނާ ލޯބިއޮތީ ކޮންތާކުތޯ ޙައިދަރު ސުއާލުކުރިއެވެ. މެހެމަލްގެ ވާހަކަތަކުން ޙައިދަރުހުރީ ހިތްހަމަ ނުޖެހިފައެވެ. މެހެމަލް އެކުޅޭކުޅިވަރުން ، ދިލްނަޝީންގެ ހިތަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސްކަމެއް ވިޔަނުދޭނެކަމަށް ޙައިދަރު ބުންޏެވެ.
އެލޯބި އޭރުވެސް އަދި މިހާރުވެސް އޮތީ މިތާނގައިކަމަށްބުނެ ، މެހެމަލްގެ ހިތުގައި އަތްބާއްވައިލިއެވެ. އަދި ދެން އެލޯބިއޮތީ މިތާނގައިކަމަށްބުނެ ، ޙައިދަރުގެ މޭމަތީ އަތް އަޅައިލައި ، ޙައިދަރުގެ ގައިގައި ބައްދައިލިއެވެ. މެހެމަލްގެ ބޭނުމަކީ ، އެމަންޒަރު ދިލްނަޝީނަށް ދައްކައިލުމެވެ.
" އަހަރެން މިހާރު މިހުރީ ޙައިދަރާހުރެ މޮޔަވެފައެވެ. ޙައިދަރުގެ ލޯބި އޭރު އަހަރެންނަށް އިޙްސާސްނުވީއެވެ. އަހަރެންގެ ހިތުގައި އޭރުވެސް ޙައިދަރުގެ މައްޗަށް ލޯބި އޮތެވެ. އެކަމަށް އެއްބަސްނުވެވުނުކަން އެއީ ، ޅަކަމުން އަހަރެންނަށް ނުވިސްނުނު ޙަޤީޤަތެކެވެ. މިހާރު ، ހުރިހާކަމެއް ވިސްނިގެން ، އަހަރެން މިހުރީ ޙައިދަރުގެ ގާތަށް އައިހެވެ. ރަނގަޅުނޫން ވަގުތެއްގައި ގޯސް ބައިވެރިޔަކު އަހަރެންނަށް އިޚްތިޔާރު ކުރެވުނީއެވެ. " ތަންކޮޅެއް ބާރަށް މެހެމަލް ބުންޏެވެ.
އަޑުހަރުކޮށްލުމުގައި މެހެމަލްގެ މަޤްޞަދަކީ ، އޭނާ ކިޔާނުކިޔާ އެއްޗެއް ނޭނގޭވަރަށް ، ލޯބީގެ ނަން ދިލްނަޝީނަށް އިއްވައިލުމެވެ. ލޮލަށް ފެންނަމުންދިޔަ އެމަންޒަރު ބަލަހައްޓައިގެން ހުންނަން ދިލްނަޝީނަށް އުނދަގޫވިއެވެ. އަދި ، އަވަސް އަވަހަށް ކޮޓަރިތެރެޔަށް ވަނެވެ. މެހެމަލް ހިނިތުންވެލިއެވެ. ދިލްނަޝީންގެ ހިތަށް ހަރައިލަން އޭނާބޭނުންވި " ވިހަތީރު " ، ވަރަށް ފުނަށް ހަރައިލެވިއްޖެކަމުގެ އިޙްސާސް މެހެމަލްއަށް ކުރެވުނެވެ. އެއީ ފެށުމެކެވެ. އެންމެ ގަދަތަޅައިލުންގަނޑު ، ކުރިޔަށް އަދި އޮތީއެވެ. ( ނުނިމޭ )
މެހެމަލް މިދޭތެެރެއިން ދުރުކުރަން ހަދާނެ ފަންޑިތަޔަކީ
ކޮބާބާ؟ ދިލްނަޝީނަށް ނުވިސްނެނީތާ އޭނާ ހައިދަރުދެކެ
ލޯބިނުވާތީ ޢާއިލީ މަޖުބޫރީގާހުންނާތީ ކޮންމެ ގޮތެއްވެސް
ބޮޑުވަރިހަމަކޮށްގެން އަޅާނުލާ ހުންނަނީބާ؟
ހާދަ ކުރޭ..އެހާ ގިނަ ދުވަސް ފަހުން ކިޔާލަން ލިބޭ އިރު ތަންކޮޅެއް ދިގުކޮށްލަދިނުން އެދެން