އަހަރެއްވީ ހަނގުރާމައިގައި ޔަހޫދީންގެ ނާކާމިޔާބީ

އިޒްރޭލުގެ ޤައުމިއްޔަތު ބަށްޓަންކުރަމުން ގެންދަނީ ، ދުނިޔޭގެ އެތަންމިތަނުން އެތަނަށް އައިސް ވަޒަންވެރިވެގެން ތިބި ޔަހޫދީންނެވެ. އިޒްރޭލު ސަރުކާރުގެ ގިނަކަންކަމަށް ، އެމީހުން ތާއީދު ކުރެއެވެ. އެހެންނަމަވެސް ، ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫއަކީ ، ދައްޖާލެއްފަދަ ޚާޞީލަތްނުބައި އަނިޔާވެރިއެކެވެ. ރައްޔިތުންގެ ކަންކަމާ އުޅޭނެވަގުތެއް ނަތަންޔާހޫއަކަށް ނުލިބެއެވެ. ހަނގުރާމައިގެ ކަންކަމުގައި އަވަދިނެތި އުޅެން ހަދައިގެންނެވެ.

ޢަރަބީންނާ ކުރަމުންގެންދާ ހަނގުރާމައިގައި ، ޒަޔަނިސްޓް އިޒްރޭލުން ޙަމަލާދެމުން އެގެންދަނީ ހަނގުރާމަ ރާވާމީހުންނާއި ހަނގުރާމަވެރިންނަށް ބުރަބޮޑުވާ ގޮތަށެވެ. ޣައްޒާއާއި ލުބްނާން އަދި ސޫރިޔާއާއި އީރާންވެސް އެއީ އިޒްރޭލުގެ އަމާޒުތަކެވެ. ޣައްޒާގައި ހަނގުރާމަކުރަމުން ގެންދަނީ ، ހަމައެކަނި ބަޑިން އެކަންޏެއްނޫނެވެ. ރޮކެޓުންނާއި ބަޑިންނާއި ޓޭންކްތަކުންވެސް އެއްފަހަރާ ޙަމަލާ ދެމުން ގެންދެއެވެ. މިފަދަ ޙާލަތެއްގައި އިޒްރޭލުގެ އާބާދީގެ ގިނަބަޔަކަށް ނުރައްކާ ވަމުންދާކަން ޚުދު އެމީހުންނަށް އެބަ އިޙްސާސް ކުރެވެއެވެ. ޚާއްޞަކޮށް ، އީރާނުން ދީފައިވާ ކުއްލި ރޮކެޓް ޙަމަލާއާއި ޙިޒްބުﷲ އިން މިހާރު ދެމުންގެންދާ ރޮކެޓް ޙަމަލާތައް އެއީ އިޒްރޭލުގެ ރައްޔިތުންގެ ފުރާނަޔަށް ރައްކާތެރިކަމެއްނެތް ކަމެއްގެ ގޮތުގައި ސިފަކުރަމުން އެބަގެންދެއެވެ. އިޒްރޭލުގެ އެތަންމިތަނަށް އެފަދަ ޙަމަލާތައް އަމާޒުވެފައި އެބައޮތެވެ. މިއީ އިޒްރޭލުގެ ޢާންމު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިގެންދާ ސަބަބެކެވެ.

މުޅިދުނިޔެއާ ދެކޮޅަށް ކަހަލަގޮތަކަށް ، އިޒްރޭލުން ޣައްޒާއާއި ލުބުނާނަށް ދެމުންގެންދާ ޙަމަލާތައް ، ދުނިޔޭގެ އެތައް ޤައުމަކުން ކުށްވެރިކުރާއިރުވެސް ، އދ ގެ އަމުރުތަކަށްވެސް އިޒްރޭލުން ކިޔަމަނެއް ނުވެއެވެ. އދ އިން ޢަމަލުކުރަން ޖެހެނީ އިޒްރޭލުން ބުނާ ގޮތަކަށެވެ. އދ މަޖިލީހުގެ އަމުރުތަކެއް އިޒްރޭލުގެ މައްޗަކަށް ނުހިނގައެވެ. އެކަމަށް އިޒްރޭލަށް ހިތްވަރުދެނީ އެމެރިކާ ސަރުކާރުންނެވެ. އެކަމުގައި އެމެރިކާގެވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމެއް މިހާރަކު ނެތެވެ.

ޢަރަބީންނާ ދެކޮޅަށް ، އިޒްރޭލު ކުރަމުންގެންދާ ހަނގުރާމައިގައި އިޒްރޭލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ، އެތެރޭގައި އުފެދިފައި އޮތް ބައިބައިވުންތަކެވެ. މި ހަނގުރާމަތަކަށް ، އިޒްރޭލު ސަރުކާރުން ގޮތްދޫނުކުރިޔަސް ، އިޒްރޭލުގެ ރައްޔިތުންގެ ގިނަބަޔަކު ދެކޮޅު ހަދައެވެ. އެމެރިކާ ސަރުކާރުން ގޮތްދޫނުކޮށް ، އިޒްރޭލަށް ވާގިވެރިވިޔަސް ، އެމެރިކާގެ ރައްޔިތުންގެ ގިނަބަޔަކު ، އެކަމަށް ދެކޮޅު ހަދައެވެ. އެކި ޤައުމުތަކުން އިޒްރޭލަށް އައިސް ވަޒަންވެރިވެތިބި ޔަހޫދީންގެ ގިނަބަޔަކު ، ޞުލްޙަވެރި ދިރިއުޅުމަކަށް ކުރާ އުއްމީދު ، އިޒްރޭލު ސަރުކާރުން އެގެންދަނީ ފުނޑައިލަމުންނެވެ. އެއީ ، އިޒްރޭލު ނެތިދިއުމަށް ނުވަތަ އިޒްރޭލާމެދު ދުނިޔޭގެ ގިނަބަޔަކު ނުރުހުންތެރިވާފަދަ ނުރައްކާތެރި ޢަމަލެކެވެ. އިޒްރޭލުގެ ކަނާތުފިޔައިގެ ސަރުކާރުން ، މިހިސާބަށް މި ހަނގުރާމަ ގެންގޮސްފާނެކަމަކަށް އެކަކުވެސް ހިއެއް ނުކުރެއެވެ. އަދި އެއީ އެމީހުން ބޭނުންވާ ގޮތެއްވެސް ނޫނެވެ. އެއީ އިޒްރޭލުގެ ނެތިދިއުންކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ، ޢަރަބީންގެ ލެޔަށް ފެންބޮވައިގެންފައިތިބި ، ނަތަންޔާހޫއާއި އޭނާގެ ވާގިވެރިން ޤަބޫލުކުރަން ބޭނުންވާ ޙަޤީޤަތެއް ނޫނެވެ.

ހަނގުރާމައިގެ އިސްސަފަށް ނެރެފައިތިބި ޔަހޫދީން ، ހަނގުރާމައިގެ މައިދާންދޫކޮށް ފިލަންވެސް ފަށައިފިއެވެ. އިޒްރޭލުން ހަތިޔާރުވެސް ހުސްވާން ފަށައިފިއެވެ. އެކަމަކު ، އެމެރިކާއިން ގެންދަނީ ، ހުސްނުވާވަރަށް ނުވަތަ ހުސްވާވަރަކަށް ، އިޒްރޭލަށް ހަތިޔާރު ދެމުންނެވެ.

އިޒްރޭލުގެ ޢުދުވާނަށް ދެކޮޅުހަދައި ، ހަޅުތާލުކުރަމުންގެންދާ ޔަހޫދީންގެ އެކިއެކި ޖަމާޢަތްތައް އިޒްރޭލުގައިވެސް ދަނީ އިތުރުވަމުންނެވެ. މުޅި އިޒްރޭލު ބައިބައިވެފައިވާކަމުގެ ހެކިތައް ރައްޔިތުންގެ ފަރާތުންނާއި ، ޚަބަރުފަތުރާ ގިނަ ވަޞީލަތްތަކުން ހާމަކުރަމުން އެބަގެންދެއެވެ. ހަމައެކަނި ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމަޔަށް އެކަނި ބަލައިލިޔަސް ، އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެއެވެ.  ބައިބައިވުމުގެ އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ، އިޒްރޭލުގައި ދިރިއުޅޭ ޢަރަބީންގެ މެދުގައެވެ. އެއީ ޔަހޫދީން އިޒްރޭލަށް އައިއިރުވެސް ފަލަސްތީނުގައި ދިރިއުޅެމުން އައި ބަޔެކެވެ. އިޒްރޭލުގެ އާބާދީގެ ކޮންމެ ފަސްމީހަކުން އެކަކީ ޢަރަތްބެކެވެ. އެއީ ޔަހޫދީންނެއްނޫނެވެ.

އިޒްރޭލުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުން ، ނަތަންޔާހޫގެ ވެރިކަމާ ދެކޮޅެވެ. އަދި އިޒްރޭލުގެ ސިފައިންނާ އެއްކޮޅެވެ. ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ، ސިފައިން ލައްވާ ހުރިހާ ގޯހެއްހަދަނީ ނަތަންޔާހޫއެވެ. އިޒްރޭލުސިފައިން ހަނގުރާމައިގައި މަރުވަމުން ދިއުމާއި ، ރައްޔިތުންގެ ނުރުހުން އެކަމަށް އަމާޒުވެފައި އޮތުމާއެކު ، ދުނިޔޭގެ އެތަންމިތަނުން ކުލީސިފައިން ގެންނަން ފަށައިފިއެވެ.

ފަލަސްތީނުގެ ޢަރަބީންނާ ދެކޮޅަށް އިޒްރޭލު ހަނގުރާމަފަށާފައިވަނީ މިއަދަކު ނޫނެވެ. އެއީ 1948 ގައި ފެއްޓި ހަނގުރާމައެކެވެ. މިހާރު ހިނގަމުން އެދަނީ ، އިޒްރޭލުގެ ހޮސްޓެޖުންތަކެއް ހަމާޝްއިން ހިފަހައްޓާފައި އޮވެގެން ކުރާ ހަނގުރާމައެއް ނޫނެވެ. އެއީ ކުރިންވެސް ، ފަލަސްތީނުން ޢަރަބީންގެ ނަސްލު ނައްތައިލުމަށް އިޒްރޭލުން ހިފައިފައި އޮތް އަމާޒެކެވެ.

" އޮޕަރޭޝަން އަލްއަޤްޞާ ފްލަޑް " ގެ އަހަރީ ދުވަސް ފާހަގަކުރުމަށް ދާދިމިދާކަށްދުވަހު ، ރަސްމިއްޔާތެއް ބޭއްވިފައި ވެއެވެ. އެއީ ޤުދްސްގެ މައްޗަށް ވެރިވެގަނެ ، ފަލަސްތީނުގެ ރައްޔިތުން ޤައުމުން ބޭރުކުރުމަށް އިޒްރޭލުން ހިންގަމުންގެންދާ ހަނގުރާމައިގެ ޙަރަކާތެކެވެ. އެ ހަނގުރާމައިގެ ނަން ، " ރެޒަރެކްޝަން ވޯރ " އަށް ބަދަލުކުރުމަށް ، ނަތަންޔާހޫ ބޭނުންވިއެވެ. މިވޭތުވެދިޔަ އަހަރެއްހައި ދުވަސްވަންދެން ، ޣައްޒާ ސުންނާފަތިކޮށް ސާފުކުރަމުން ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ޤަތުލުކޮށް ، އަނިޔާވެރިކަން ޙައްދު ފަހަނަޅައި ގޮސް ، ދުނިޔޭގެ ޤާނޫނުތައް މުގުރަމުން ، ކުރަމުން އެގެންދަނީ ، " އޮޕަރޭޝަން އަލްއަޤްޞާ ފްލަޑް " ގެ ނަމުގައި ހިންގާ ، އެ ހަނގުރާމައެވެ. މީންޒަމާނަކު ދުނިޔެ ދެކެފައިނުވާފަދަ ޢުދުވާނެކެވެ.

ޢައްޒާގެ ހަނގުރާމަޔަށް ނަތަންޔާހޫ އެދިނީ ޚިޔާލީ ނަމެކެވެ. އެކަލޭގެޔަށް އެއުޅެވެނީ ހުވަފެނެއްގައެވެ. ޙަޤީޤަތަކީ ، މިހާރު އެ ހިންގަމުންގެންދާ ހަނގުރާމައިގައި ، މީންދުވަހަކު އިޒްރޭލަށް ނުލިބޭވަރަށް ގެއްލުންވަމުން އެބަދެއެވެ. އެއްވެސްވަރެއްގެ ކާމިޔާބީއެއް އިޒްރޭލަކަށް ނުލިބެއެވެ. ބަތަލެއްގެ ގޮތަށް ސިފަކުރާ ނަތަންޔާހޫއަކީ ، ދައްޖާލެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރުމެވެ. ގިނަބަޔެއްގެ ބަދުދުޢާ ، ނަތަންޔާހޫއަށް ރައްދުވުމެވެ.

މިދިޔައަހަރުގެ އޮކްޓޯބަރމަހު ، ހަމާސްއިން ރަހީނުކުރި 101 މީހުންނަކީ ، ދާދިފަސޭހައިން ސަލާމަތްކުރެވެން އޮތް ބަޔެކެވެ. އިޒްރޭލުގެ ސަތޭކަވަރަކަށް ރަހީނުންނަކީ 40 ހާސް ފަލަސްތީނުމީހުންގެ އަގަކަށް ވެގެންދަނީ ، ނަތަންޔާހޫގެ ގޮތްދޫނުކުރާ އަނިޔާވެރި ވިސްނުމުގެ ސަބަބުންނެވެ. އިޒްރޭލުގެ ރަހީނުން ސަލާމަތް ނުކުރެވޭހާ ހިނދެއްގައި ، ޣައްޒާ ހަނގުރާމައިގައި އިޒްރޭލަށް ލިބުނު ކާމިޔާބީއެއް ނެތެވެ.

ހަމާސް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ކުރިޔަށްގެންދާ ޢުދުވާނުގައި ، އެއީ ކުރެވިދާނެކަމެއްތޯ ، އިޒްރޭލުގެ ހަނގުރާމަމަތީ ލަސްކަރުތަކުން ސުއާލު އުފައްދައެވެ. އޭގެ މާނަޔަކީ ، ހަނގުރާމަވެރިންނަށް ޣައްޒާގެ ހަނގުރާމައިގައި ކާމިޔާބީއެއް ލިބޭކަމުގެ އިޙްސާސް އެމީހުންނަށް ނުކުރެވުމެވެ. ހަމާސް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ފެށި ޢުދުވާން ، މިހާރުވަނީ ލުބުނާނަށް ފޯރާފައެވެ. ލުބްނާނަށް އިޒްރޭލުން ޙަމަލާ ދެމުން އެގެންދަނީ ޙިޒްބުﷲ ނައްތައިލުމުގެ ނަމުގައެވެ.

ޣައްޒާގެ ހަނގުރާމަޔަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށް ، ހަނގުރާމަފެށި މަޤްޞަދު ޙާޞިލް ނުވަނިސް ، އިޒްރޭލަށް މަޖުބޫރުވީ ލުބުނާނާ ދިމާކުރާށެވެ. ރިހޭފައިމައްޗަށް ފޮއެ ވެއްޓުނީއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ޢުދުވާނުގައި ، އިޒްރޭލުގެ 700 އަށްވުރެ ގިނަ ސިފައިންވަނީ މަރުވެފައެވެ. ގުނަން ނޭނގޭ ޢަދަދެއްގެ ސިފައިންވަނީ ޒަޚަމް ވެފައެވެ. ބޮޑަށް ބެލެވޭގޮތުގައި ، 11 ހާހަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައި ވެއެވެ. މިޢަދަދުތައް އިޒްރޭލުގެ ޢަސްކަރިއަޔާއިންދަނީ ހމަނުކޮށް ، ސިއްރުކުރަމުންނެވެ. އެހެންނަމަވެސް ، އިޒްރޭލުގެ ހަނގުރާމަމަތީ ލަސްކަރަށް މިމަޢުލޫމާތު އެނގެއެވެ. އިޒްރޭލުގެ މިނިސްޓްރީ އޮފް ޑިފެންސްގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓްގެ ހިސާބުތަކަށްބަލާއިރު ، މަހެއްގެ މައްޗަށް ހާހެއްހައި ސިފައިންނަށް ޒަޚަމްވެ ގެއްލުން ވެއެވެ. މިއީ މިހާތަނަށް ، އިޒްރޭލުންކުރި ހަނގުރާމައެއްގައި އެންމެ ގިނައިން ސިފައިން ޒަޚަމްވީ ހަނގުރާމައެވެ. ކޮޅެއް މެދެއް ، އަދި ވާއެއް ނުވާއެއް ނޭނގޭ މި ހަނގުރާމައިގައި ، ސިފައިންނަށް ލިބެމުންދާ ގެއްލުންތަކުން ، އެމީހުންގެ މެދުގައި މާޔޫސްކަންވަނީ ފެތުރިފައެވެ.

އެމެރިކާއާއި އިޒްރޭލު ސަރުކާރާ ދެމެދުގައިވެސް ، މިހާރުވަނީ ޚިލާފުތައް އުފެދިފައެވެ. އިޒްރޭލުން ޣައްޒާގެ ހަނގުރާމަ ކުރިޔަށް ގެންދާ ގޮތާއި ވާނުވާ ، އެމެރިކާއަކަށް ސާފުކޮށެއް ނުއަންގައެވެ. އީރާނުން ދާދި މިދާކަށްދުވަހު ، އިޒްރޭލަށް ދިން ޙަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ނިންމާފައިވާއިރު ، އެކަމަށް އެމެރިކާއަކުން ދެކޮޅެއް ނުހަދައެވެ. އެހެނަސް ، އެމެރިކާއިން ބުނެފައިވާގޮތުގައި ، އެފަދަ ޙަމަލާއެއް އިޒްރޭލުން ދޭނަމަ ، ދޭންވާނީ އިޒްރޭލުން ދޭ ޙަމަލާއެއްގެ ތަފްޞީލު އެމރިކާއަށް ދިނުމަށްފަހުގައެވެ.

" އަހަރެމެންނަށް އިޒްރޭލަށް ކުރެވޭ އިތުބާރު މިވަގުތު ވަރަށް ކުޑައެވެ. އެކަމުގައި ސަބަބުތަކެއްވެސް އެބަހުށްޓެވެ. " އެމެރިކާގެ އޮފިޝަލަކު ބުނެފައި ވެއެވެ.

ޙިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމަކީ ، އެމެރިކާއިން އެހާ ގަޔާވިކަމަކަށް ނުވެއެވެ. ނަޞްރުﷲ އަވަހާރަކޮށްލި ޚަބަރު ، އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ، ޔޫއެސް ޑިފެންސް ސެކްރެޓަރީއަށް ދިނުމުން ، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ރުޅިއައިކަމަށް ، ވޮޝިންގޓަންގެ އޮފިޝަލުން ބުނެފައި ވެއެވެ. އެއީ އެމެރިކާއަށް ކުރިން އެނގުމަކައިނުލާ އެފަދަ ޙަމަލާއެއް ދިނުމަކީ ، އިތުބާރުގެއްލޭކަމެއްގެ ގޮތުގައި އެމެރިކާއިން ބަލައެވެ. ސަބަބަކީ ، އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ، ޕެންޓަގަންއަށް ފުރުޞަތު ލިބިފައި ނެތުމެވެ.

ނަޞްރުﷲ އަވަހާރަކޮށްލުމުގެ ކުރިން ، އެ މަޢުލޫމާތު އެމެރިކާއަށް ނުދިނުމަށް ، އިޒްރޭލުގެ ޑިފެންސް މިނިސްޓަރަށް ނަތަންޔާހޫ އަންގާފައި އޮތްވާހަކަ ، އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ވަނީ ޔޫއެސް ޑިފެންސް ސެކްރެޓަރީގާތު ބުނެފައެވެ.

އެމެރިކާއިން އިސްނަގައިގެން އިންތިޒާމްކުރަން މަސައްކަތްކުރި 21 ދުވަހަށް ހަނގުރާމަ ހުއްޓައިލުމުގެ މައްސަލައިގައިވެސް ، އިޒްރޭލުން އެމެރިކާއާ ޚިޔާލުތަފާތުވިއެވެ. އެމެރިކާއަށް ހީވެފައި އޮތީ ، އިޒްރޭލުން ބޭނުންވީ ، 21 ދުވަހަށް ހަނގުރާމަ ހުއްޓައިލުމަށްކަމުގައެވެ. ފަހުން އެނގުނުގޮތުގައި އިޒްރޭލުން ބޭނުންވީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދިއުން ކަމަށެވެ.

ޣައްޒާގެ އުތުރު ސަރަޙައްދު ، އިޒްރޭލުން ބަންދު  ކުރުމަކީވެސް އެމެރިކާ ހިތްހަމަ ނުޖެހުނު ކަމެކެވެ. އިޒްރޭލުން ބޭނުންވަނީ ، އެމީހުންގެ ފަރާތުން އަޑުއަހަން ބޭނުންވާ ގޮތަކަށް ވަކިގޮތަކަށް ބުނެފައި ، އެހެންގޮތްގޮތަށް ޢަމަލު ކުރުމަށެވެ. އެއީ ، ދެ ޤައުމުގެ ދެމެދުގައި އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު ސަބަބެވެ.

އީރާނަށް ޙަމަލާދިނުމަށް އިޒްރޭލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެނެއެވެ. އެމެރިކާއިން އިޒްރޭލަށް ކުރަމުންގެންދިޔަ އިތުބާރަށް ހީނަރުކަމެއް އައިސްފައިވާކަން އިޒްރޭލަށްވެސް އެނގެއެވެ. އެހެންކަމުން ، އީރާނަށް ޙަމަލާ ދިނުމުގެ ކުރިން ، އެމެރިކާއާ ވާހަކަ ދައްކަން އިޒްރޭލުގެ އޮފިޝަލުން މިހާރުވަނީ ވޮޝިންޓަނަށް ގޮހެވެ. އީރާނަށް ޙަމަލާ ދިނުމަށް ބޭނުންވާ ހަތިޔާރުވެސް ޖެހެނީ ، އެމެރިކާއިން ގެންނާށެވެ. އެތަކެތި އިޒްރޭލަށް ލިބޭނީ ، އެމެރިކާގެ ހިތްހަމަ ޖައްސައިދީގެންނެވެ. އިޒްރޭލުން އީރާނަށް ދޭ ޙަމަލާއަކާ ގުޅިގެން ، އެ ހަނގުރާމަ އެ ސަރަޙައްދަށް ފެތުރިގެންދާކަށް އެމެރިކާއިން ބޭނުމެއް ނުވެއެވެ.  އީރާނާއެކު ، ދިގުދެމިގެންދާ ހަނގުރާމައެއް ފެށުމަކީ ، އިޒްރޭލުންވެސް ބޭނުންވާ ކަމެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.