18 October 2024 (Friday) - 21:24

ސިޔާސީ މަގާމުތަކުގައި ތިބި 228 މީހުން ވަކިކުރަން ރައީސް ނިންމަވައިފި

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުލަވާލާފައިވާ "އިކޮނޮމިކް ރީފޯމް އެޖެންޑާ"ގެ ދަށުން އެކި މިނިސްޓްރީތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި 228 މުވައްޒަފުން މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މަޤާމުން ވަކިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަޅާއެކު، ސަރުކާރުގެ ޚަރަދުތަކުން، މަހަކު 5.714 (ފަހެއް ޕޮއިންޓް ހަތެއް އެކެއް ހަތަރެއް މިލިޔަން) ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބެލެވެއެވެ.

މިފަފަ ބޮޑު ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ޚަރަދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.