ވިހަ ތީރު (20)

( 3 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ކައިވެނީގެ ކުރިން ދެމީހުން ވަކިން ބައްދަލުކޮށްލައި ، އެކަކު އަނެކަކަށް ދަސްވެލުމަށްވެސް ، އޭރަށް ފުރުޞަތު ލިބޭނެއެވެ. ސާރާގެ ވިސްނުން ކުލްސޫމަށް ވަރަށް ކަމުދިޔައެވެ. އެކަމަކު ، އަނީސާ އެކަމަށް ހުއްދަ ދޭނެކަމާމެދު އެދެމައިންނަށްވެސް ޝައްކެވެ.)

އެކަމާބެހޭގޮތުން ، ސާރާ ވާހަކަ ދައްކާނީ ، ޢާފިޔާއާ ކަމުގައި އޭނާ ނިންމިއެވެ. ޙައިދަރާ ވާހަކަ ދައްކާނީ މަންމައެވެ. ޢާފިޔާއާ ވާހަކަ ދައްކަން ސާރާ ނިންމީ ، ކުލްސޫމް ، ޙައިދަރާ ވާހަކަ ދައްކައިގެން ،  ދިލްނަޝީނާއެކު ބާޒާރަށްދާން އެއްބަސްވީމައެވެ.

***************************

 

މެހެމަލްއަށް ހެނދުނު ހޭލެވިގެން ބަލައިލިއިރު ، އެނދުގައި އަންސާބެއް ނެތެވެ. އެރޭ އެހިނގި ހުރިހާ ކަމަކުން ، މެހެމަލްގެ ބޮލުގައި އުފެދުނު ރިހުން އަދިވެސް ނުފިލައެވެ. ކޮފީތަށި ހިފައިގެން ، ކޮޓަރިޔަށް ވަތް ނޯކަރު ކުރެން އަންސާބު ކޮބައިތޯ އަހައިލުމުން ، ސާހިބުމީހާ ސައިބޯން އެބައިންކަމުގައި ބުނެ ، އެކުއްޖާ ޖަވާބު ދިނެވެ. ސާހިބުމީހާގެ މެހެމާން ކޮބައިތޯވެސް މެހެމަލްއަށް އަހައިލެވުނެވެ. ޖެހިލުންވެ ނުބުނަން ހުރެފައި ، އެ އަންހެންކުއްޖާ ދެންމެއަކު ހިނގައްޖޭ ބުނެ ނޯކަރު ، ޖަވާބު ދިނެވެ.

ފުންމައިގެން އެނދުން ތެދުވެ ، ތައްޔާރުވެލައިގެން މެހެމަލް ތިރިޔަށް ދިޔައިރު ، އަންސާބު ސައިބޯން އިނެވެ. އޭނާއިނީ ފޯނަށް އައިސްހުރި މެސެޖްތަކެއް ކިޔާށެވެ. މެހެމަލް އައިނަމަވެސް ، އަންސާބުގެ އެއްވެސް ސަމާލުކަމެއް މެހެމަލްއަކަށް ނުދެއެވެ. އިސްއުފުލައި ބަލައިވެސް ނުލައެވެ. މެހެމަލް އައިސް ، އަންސާބުގާތަށް ހުއްޓިލައި ، ހިނިތުންވެލުމަށްފަހު ސަލާމް ގޮވައިލިއެވެ. މެހެމަލްގެ ސަލާމަށްވެސް އަންސާބު ޖަވާބެއް ނުދެއެވެ. އެ މަންޒަރު ބަލަން ގޭގެ ދެނޯކަރުން ދުރުގައި ތިއްބެވެ. މެހެމަލްގާތަށް އައި ރުޅީގައި ، ގޮނޑި ދަމައިގަތުމަށްފަހު ގޮނޑީގައި ބާރަށް އިށީނދެލިއެވެ. އަދި ، ކައިރީގައިހުރި ބިއްލޫރިތަށި ނަގައި ، މޭޒުމަތީ ބާރަށް ބެހެއްޓިއެވެ. މެހެމަލްގެ މަޤްޞަދު ކާމިޔާބު ވިއެވެ. އަންސާބަށް އުނދަގޫ ވެގެން ، ތިކުރަނީ ކޮން އުނދަގުލެއްތޯ ސުއާލުކޮށް މެހެމަލްއާ ދިމާލަށް ލޯއަޅައިގަތެވެ.

" އަންސާބު އަހަރެންނަށް ތިކުރަނީ ކޮން ޖެއްސުމެއް ހެއްޔެވެ ؟ އެއީ ކުރަން އެންމެ ރަނގަޅު ކަމެއް ހެއްޔެވެ ؟ " މެހެމަލް ސުއާލުކުރިއެވެ.

އޭނާކުރާ ކަމަކުން މެހެމަލްއަށް ކުރާނެ އަސަރަކަށް އަންސާބު ވިސްނައެއް ނުލައެވެ. އެއީ އޭނާ ސަމާލުކަންދޭ ކަމެއްނޫނެވެ. މެހެމަލްއަކީ ، އޭނާގެ ވަށައިގެން އެނބުރޭ މާބުރެކެވެ. ލައްވާ ބޫންއަޑުން އުނދަގޫވުން ފިޔަވައި ، އެހެންކަމެއް އޭނާއަކަށް އިޙްސާސެއް ނުވާނެއެވެ. އެގޭގައި މެހެމަލް އުޅުނަސް އަދި ނޫޅުނަސް ، އަންސާބަށް އެއީ ތަފާތެއް އަންނާނެކަމެއް ނޫނެވެ.

" އަހަރެންނާމެދު ވިސްނަން އަންސާބަށް ޖެހޭނެއެވެ. އެއީ އަންސާބުގެ ވާޖިބެކެވެ. އަހަރެންނަށް މިލިބޭ ތަކުލީފާއި ހިތަށްލިބޭ ވޭނުގެ އެއްވެސް އިޙްސާސެއް އަންސާބަކަށް ނުވޭ ހެއްޔެވެ ؟ މެހެމަލް ސުއާލު ކުރިއެވެ.

އެއީ ، އަންސާބު ޖަވާބުދޭންޖެހޭނެ ސުއާލެއްކަމަކަށް އޭނާއަކަށް ނުފެނެއެވެ. އިރުއިރުކޮޅުން އެވާހަކަތައް ދައްކައިގެން ، އަންސާބަށް އަންނާނެ ބަދަލެއް އަދި މެހެމަލްއާމެދު އަންސާބުގެ ހިތުގައި އުފެދޭނެ ހަމްދަރުދީއެއް ނޯންނާނެކަން ވިސްނޭވަރަށް ، އެދެމީހުންގެ މެދުގައި  އެތައް ފަހަރަކު އެވާހަކަ ދެކެވިއްޖެއެވެ. އެއީ ، ކައިވެނީގެކުރިންވެސް ، އެދެމީހުންގެ މެދުގައި ދެކެވިފައި އޮތް ވާހަކަ އެކެވެ. އެކަން ބަދަލުކުރާކަށް އަންސާބު ބޭނުމެއް ނޫނެވެ. މެހެމަލްއަކީ ދުވަހަކުވެސް ، އޭނާގެ ޙަޔާތުގައި ބައިވެރިކުރާނެ މީހެއްނޫންކަން ،  ކައިވެނީގެ ކުރިން ، އަންސާބު އޮތީ މެހެމަލްއަށް ސާފުކޮށް އަންގައިދީފައެވެ. އެމިނިވަންކަން ، އަބަދުވެސް މެހެމަލްއަށް އޮންނާނެއެވެ. ކައިވެންޏާ ގުޅިގެން މެހެމަލް ބޭނުންވީ ހަމައެކަނި އުފަލާއި އަރާމާ އަދި މުއްސަނދި ދިރިއުޅުމެކެވެ. ކައިވެންޏާ ގުޅިގެން ، އަންސާބުވަނީ މެހެމަލްއަށް އެ ވަޞީލަތްތައް ހަމަޖައްސައިދީފައެވެ. އެހެނަސް ، އޭނާގެ ހިތުންނާއި ދިރިއުޅުމުން ، ރެވިއޮށްޓަރެއްގެ މިންވަރުވެސް މެހެމަލްއަކަށް ނުލިބޭނެއެވެ. އެކަންވެސް ވަނީ ސާފުކޮށްދީފައެވެ.

" އަންސާބުއެވެ ! އަހަރެންގެ ހިތަށް ތަދުވެއެވެ. ތަކުލީފާއި އަނިޔާ އެބަ ލިބެއެވެ. އަހަރެންނާއެކީ އަންސާބު ، ވަގުތުކޮޅެއް ހޭދަކުރަން އަހަރެންނަށް ބޭނުންވެއެވެ. އަހަރެން މިއުޅެނީ ވަރަށް ހިތްދަތި ، އެކަނިވެރި ޙާލަތެއްގައެވެ. އަންސބުގެ ލޯބި އަހަރެންނަށް ބޭނުން ވެއެވެ. " އަންސާބުގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ ، މެހެމަލް ބުނަމުން ގެންދިޔައެވެ.

ޙަޤީޤަތް ޤަބޫލުކުރަން ، މެހެމަލްއަށް ނޭނގިގެން އެއުޅެނީ ކީއްވެގެންކަމެއް ، އަންސާބަކަށް ނޭނގެއެވެ. އަންހެންކުދިން ފެނުމުން ، އަންސާބުގެ ހިތް އެކުދިންގެ މައްޗަށް ލެބިގެންދެއެވެ. އެކުދިންނާ ގަޔާވާގޮތް ވެއެވެ. އެކަމަކު އެއީ ވަކި ފެންވަރެއްގެ ކުދިންނަށް ވާން ޖެހެއެވެ. ނަސީބު ދެރަކަމުން ، އޭނާގެ ވަށައިގެން ކިތަންމެ ވަރަކަށް އެނބުރުނަސް ، މެހެމަލްގެ މައްޗަކަށް އޭނާގެ ހިތެއް ނުލެނބެއެވެ. މީހަކު އުޅޭހެންވެސް ހީއެއް ނުވެއެވެ. ހތްކިޔާގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި ، މެހެމަލް ފެނުމުން ވަނީ ފޫއްސެވެ. ލޯތްބަކީ ގަދަކަމުން ވެވޭ އެއްޗެއްނޫނެވެ. ހިތްކިޔުމަކީވެސް ގަދަބާރުން އުފެއްދޭނެ އިޙްސާސެއްނޫނެވެ. އެއީ އަންސާބުގެ ހިތުގައި މެހެމަލްއާއި އެހެން އަންހެންކުދިންނާމެދު އޮންނަ އިޙްސާސްތަކެވެ.

އަންހެންކުއްޖެއްފެނުމުން ހިތްކިޔައިފިނަމަ ، އެކުއްޖަކު އަންސާބަކަށް ދޫކޮށެއް ނުލެވޭނެއެވެ. އެކުއްޖާގެ މައްޗަށް ހިތް އެނބުރިގެން ދާނެއެވެ. މެހެމަލްގެ ޢަމަލުތައް ހުރިގޮތުން ، ސިކުނޑިއަށް ގެއްލުންވެފައިހުރި މީހެއްކަމަށް ފެންނާތީ ، ނަފްސާނީ ފަރުވާދޭ ޑޮކްޓަރަކަށް ދެއްކުމަށް ފެންނަކަމަށް ބުނަމުން ، އަންސާބު އޮފީހަށްދާން ތެދުވިއެވެ.

މެހެމަލްގެ އަތުގައި އޮތް ބިއްލޫރިތަށި ތަޅުންގަނޑުމައްޗަށް އެއްލައި ތަޅައިލިއެވެ. ތެދުވެގެންގޮސް ، އަންސާބުގާތަށް ހުށްޓުނެވެ. އަދި ، މިއަދުންފެށިގެން އޭނާގެ ގެޔަށް އެއްވެސް އަންހެންކުއްޖަކު ގެނެސްގެންނުވާނެކަމަށް ބުނެ ، އަންސާބަށް އިންޒާރު ދިނެވެ. އަންސާބު ، އޭނާގެ ޖަވާބު ވަގުތުން ދިނެވެ. އޭނާގެ ގެޔަށް ، އެކުދިން އަންނާނެކަމަށް ބުނަމުންނެވެ. އޭނާ އެ ދިރިއުޅެނީ އޭނާގެ ގޭގައި ކަމުގައި ، މެހެމަލްއަށް ސާފުކޮށްދެމުންނެވެ. އެގެޔަށް އެއަންނަނީ ، އާދައިގެ ކުދިންނެއް ނޫނެވެ. އެއިން ކޮންމެ ކުއްޖަކީ މަތީ މަޤާމްތަކުގައި ވަޒީފާ އަދާކުރާ ، އަދި މުޖުތަމަޢުގައި ޤަދަރުވެރި ، މޮޅެތި ކުދިންނެވެ. އެކުދިންނަކާ ، މެހެމަލްއަކަށް ފައިހަމަކޮށެއް ނުލެވޭނެއެވެ. އެގެޔަށް އެކުދިން އެ އަންނަނީ ، އެކުދިންނަށް ރައްކާތެރިކަން ލިބިފައި އޮންނާނެކަން ޔަޤީންވާތީއެވެ.

" މިގޭގައި އަހަރެމެން މިގެންގުޅޭ ނޯކަރުން ، ހީކުރާނީ ކީކޭކަމާމެދު ، އަންސާބު ވިސްނައިލިން ހެއްޔެވެ ؟ އަންސާބުގެ އަބުރާއި ޤަދަރަކަށްވެސް ވިސްނައިލާކަށް ބޭނުމެއް ނޫންހެއްޔެވެ ؟ " މެހެމަލް ބުންޏެވެ.

އެގެޔަށް އެ އަންނަ ކުދިންނާމެދު އެއްވެސް އެއްޗެއް ބުނުމުގެ ޙައްޤެއް އެގޭގައި އުޅޭ އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. އެއީ ، އަންސާބުގެ އަމިއްލަ ގެޔެވެ. އެގޭގައި އުޅެވޭނީ ، އަންސާބު ހުއްދަދިން މީހަކަށެވެ. އޭނާގެ އަމިއްލަ ގޭގައި އުޅޭ އެއްވެސް މީހަކަށް ، އަންސާބުގެ އެއްވެސް ޢަމަލަކަށް އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެއެވެ. އެއްޗެއް ބުނަން ބޭނުންކަމަށް ވަންޏާ ، އެގެއިން ނުކުމެގެން ދާންވީކަން ، އަންސާބު ސާފުކޮށްދިނެވެ. އެހެންކަމަށް ވަންޏާ ، އަންސާބު އެކުރަމުންގެންދާ ކަހަލަ ކަންކަން މެހެމަލް ކުރާނަމަ ، އަންސާބުގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެތޯ މެހެމަލް ސުއާލު ކުރިއެވެ.

އެއީ އަންސާބުގެ ހިތަށް އަދި މާބޮޑަށް ތަސައްލީ ލިބިގެންދާނެ ކަމެކެވެ. އެގޭގައި އެފަދަ ހުރިހާކަމެއް ކުރުމުގެ ޙައްޤު ، މެހެމަލްއަށްވެސް ލިބިގެން ވެއެވެ. އެހެނަސް ، އެކަހަލަ އެއްވެސްކަމެއް ކުރާކަށް މެހެމަލްއަށް ނުކެރޭނެއެވެ. އެއީ ، މެހެމަލްގެ ނަމާ ގުޅިފައި އޮތީ އަންސާބުގެ ނަންކަމަށްވާތީއެވެ. އެކަމުން ، އަންސާބުގެ ތަޞައްވުރަށް ގެއްލުން ލިބޭނެތީއެވެ. އެއްވެސް އަޚުލާޤެއްނެތް އަންހެނަކާ އަންސާބުގެ ނަން ގުޅިފައި އޮތުމަށް ، އޭނާ ހުއްދައެއް ނުދޭނެއެވެ.

ފިރިހެނަކަށްވީތީ ، އަންސާބަށް އެފަދަ ހަޑި މުޑުދާރު ކަންކަން ކުރެވެންވީ ކީއްވެތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލްގެ އެ ސުއާލަކީ ، އަންސާބަށް ޖަވާބުދޭން އުނދަގޫ ސުއާލަކަށް ނުވިއެވެ. ފިރިހެނުންނަކީ ފިރިހެނުންނެވެ. ފިރިހެނުންނަކީ ، އަބުރާއި ޢިއްޒަތް ރައްކާތެރި ކުރެވިގެންވާ ބަޔެކެވެ. ފިރިހެނަކަށްވީތީ ، ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެކަމަކު ، އެމީހުންކުރާ ކަންކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ދުވަހެއް އަތުވެދާނެއެވެ. އެކަމަކު ، އެކަމެއް އަބަދަކަށް ނޯންނާނެއެވެ. އެއީ ، މެހެމަލްއަށް ޤަބޫލުކުރެވޭކަމެއް ނޫންކަމަށްވަންޏާ ، މެހެމަލްއަށް އޭނާއާ ވަކިވެވިދާނެކަމަށް އަންސާބު ބުންޏެވެ. އެކަމަކަށް އެއްވެސް ވަރަކަށް އަންސާބު ، ދެކޮޅެއް ނުހަދާނެއެވެ. އެހިސާބުން ، މެހެމަލްއަށްވެސް ފިރިހެނުންނަށް ލިބިގެންވާފަދަ މިނިވަންކަމެއް ލިބިގެންދާނެއެވެ. މެހެމަލް ބޭނުންވާ ކޮންމެ ތާކަށްގޮސް ، ބޭނުން ކޮންމެ ކަމެއް ކުރުމަށް މަގުފަހި ވާނެއެވެ.

އެހެންނަމަވެސް ، އެފަދަ އަގުހުރި މުދަލާއެކު ، މުއްސަނދި ދިރިއުޅުމެއް ދޫކޮށްލާފައި ، މެހެމަލްއަށް އެގެއިން ނުކުމެގެން ދާކަށް ނުކެރޭނެކަމަށްބުނެ ، އަންސާބު ، މެހެމަލްއަށް ގޮންޖެހިއެވެ. އެފަދަ މުއްސަނދިކަމަކާ ނުލައި މެހެމަލްއަށް ދުނިޔޭގައި ނޫޅެވޭނެކަން އަންސާބަށް އެނގެއެވެ. އެއީ ކައިވެނި ކުރުމުގެ ކުރިންވެސް ، އަންސާބަށް އެނގިފައި އޮތް އެއްޗެކެވެ. މެހެމަލްއާ އަންސާބު ކައިވެނިކުރީ އެކަން ރަނގަޅަށް އެނގި ހުރެއެވެ. އެކަމާ ފުންކޮށް ވިސްނާށޭ ބުނަމުން ، އޮފީހަށްދާން އަންސާބު ނުކުތެވެ.

މެހެމަލް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަންސާބުގެ އަނގައިން ބޭރުވި އެ ޙަޤީޤަތްތަކަކީ ، މެހެމަލްއަށް ދެކޮޅުހެދެން ހުރި ކަންކަމެއްނޫނެވެ. އެއަށްވުރެ ، އޭނާގެ އަމިއްލަ އެދުން މާބޮޑެވެ. އެހެނަސް ، އޭނާގެ އަމިއްލަ އެދުންތައް ފުއްދުމަށްޓަކައި ޤުރުބާންކުރަން ޖެހިފައި އެވަނީ ، އޭނާގެ އަނދިރި އަދި ތަކުލީފުތަކުން ފުރިގެންވާ ޙަޔާތެވެ.

***************************

 

ކައިވެނީގެ ރަސްމިއްޔާތުގައި ދިލްނަޝީންލާނެ ހެދުމަކާބެހޭގޮތުން ، ކުލްސޫމާއި ޙައިދަރާ ދެމައިން މަޝްވަރާ ކުރަމުން ގެންދިޔައެވެ. ކުލްސޫމް އެ އިޚްތިޔާރުކުރި ހެދުމަކީ ، ދިލްނަޝީނާ ވަރަށް ގުޅޭނެ ހެދުމެކެވެ. އެ ހެދުމުގައި ، އޭނާގެ ޅީދަރިފުޅުގެ ފުރިހަމަކަން އެތައް ގުނަޔަކަށް އިތުރުވެގެންދާނެއެވެ. ރީތިޕަރީއެއްފަދައިން ، ފުރިހަމަ ނަލަކަމެއް ލިބިގެންދާނެއެވެ. އެއިން ހެދުމަކާނުލައިވެސް ، ދިލްނަޝީނަކީ އެހާ ރީތި ކުއްޖެކެވެ. އެކަހަލަ ހެދުމެއް ލައިފިނަމަ ، އޭނާގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެންދާނެއެވެ. މީސްތަކުންގެ ކަޅި ، ދިލްނަޝީންގެ މައްޗަށް ހުއްޓި އާގަމަވާނެކަމަށް ބުނަމުން ، އޭނާއަށް އެންމެ ރީތިވި ހެދުމުގެ ޑިޒައިން ، ޙައިދަރަށް ދައްކަމުން ގެންދިޔައެވެ.

އެދެމައިން ހެދުމުގެ ޑިޒައިންތައް ބަލަމުން ވާހަކަ ދައްކަމުން ގެންދަނިކޮށް ، ކުއްލިޔަކަށް މެހެމަލް އައިސް ވަދެ ސަލާމް ގޮވައިލިއެވެ. މެހެމަލްގެ ސަލާމް ، ކުލްސޫމް ބަލައިގަތީ ލޯއަޅައިގެން އިނދެއެވެ. މެހެމަލްހުރީ ހިނިތުންވެފައެވެ. އެހާ ހެނދުނާ މެހެމަލް އެގެޔަށް އައުމުން ، ޙައިދަރުވެސްހުރީ ޙައިރާން ވެފައެވެ. އެގަޑީގައި މެހެމަލް އެގެޔަށް އަންނަންޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. އެހެނަސް ، މެހެމަލް ފެނުމާއެކު ، ޙައިދަރުގެ ހިތް ތެޅިލިއެވެ.

" ގޭގައި އިނދެއިނދެ ފޫހިވީއެވެ. އެހެންވެ ، މިގެޔަށް އަންނަން ހިތް އެދުނީއެވެ. ކައިވެންޏެއް ކުރެވޭ ގެޔެއްކަމަށްވާތީ ، ކުރަންވެފައި އެތައް ކަމެއް ހުންނާނެ ނޫންހެއްޔެވެ ؟ އަހަރެންނަށްވެސް ކަމެއް ކޮށްދެވެން އޮތިއްޔާ އެކަމެއް ކޮށްލަދޭން ބޭނުމެވެ. ކައިވެނީގެ ތާރީޚުވެސް މިހާރު އެއޮތީ ކަނޑައެޅި ނިމިފައެވެ. " މެހެމަލް ބުންޏެވެ.

އިށިނދެލުމަށް އިޝާރާތް ކުރަމުން ، ޙައިދަރު މެހެމަލްއާ ދިމާލަށް ބަލައިލިއެވެ. އެހެނަސް ، މެހެމަލް އައުމުން ހިތްނުތަނަވަސް ވެފައިއިން ކުލްސޫމަކަށް ، މެހެމަލްގެ އެއައުން ޤަބޫލެއް ނުކުރެވުނެވެ. ކައިވެނީގެ ރަސްމިއްޔާތާ ގުޅޭ ހުރިހާކަމެއް މިހާރު އޮތީ ނިމިފައެވެ. ކުރާކަށް އިތުރުކަމެއް ނެތެވެ. އެހެންނޫނަސް ، މެހެމަލް ލައްވާ އޭނާގެ ދަރިފުޅުގެ ކައިވެނީގެ އެއްވެސްކަމެއް ކުރުމަކީ ، ކުލްސޫމް އެއްވެސް ވަރަކަށް ވިސްނާނެކަމެއްނޫނެވެ. މެހެމަލްއަކީ ކިހާވަރެއްގެ ކާކުކަން ކުލްސޫމަށް އެނގެއެވެ. މިހާރު ހަމައެކަނި އޮތްކަމަކީ ، ދިލްނަޝީނަށް ދައްކާފައި ހުރިހާކަމެއް މުޅިން ނިންމުމެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ދިލްނަޝީންލާނެ ހެދުން ، މެހެމަލްއަށް ނުދައްކާ ނިންމީހޭ އަހައި އޭގެތެރެޔަށް މެހެމަލް އަނގަ ބޭނިއެވެ. އެއީ ، ކުލްސޫމް އެހާ ހިތްހަމަ ޖެހުނު ކަމަކަށް ނުވިއެވެ.

" އަހަރެންގެ ޅީދަރިފުޅަކީ ، ވަރަށް މަޢުޞޫމް އަދި ސީދާސާދާ އަންހެންކުއްޖެކެވެ. އަހަރެމެން އިޚްތިޔާރުކުރާ ކޮންމެ އެއްޗެއް އޭނާއަށް ރީތިވާނެއެވެ. އަހަރެމެން ދޭ ކޮންމެ އެއްޗެއް އޭނާ ޤަބޫލު ކުރާނެއެވެ. އަމިއްލަ އެއްވެސް އެދުމެއް އޭނާގެ ނުއޮންނާނެއެވެ. އޭނާއަކީ ރީތި އަޚުލާޤެއްގެ މަޔަކު ، ތަރުބިއްޔަތުކޮށް ބަލައި ބޮޑުކޮށްފައިހުރި އަންހެން ކުއްޖެކެވެ. އަހަރެން ހާދަ އުފަލެއް އެބަ ވެއެވެ. " ކުލްސޫމް ބުންޏެވެ.

ދިލްނަޝީންމެންގެ ގެޔަށްގޮސް ، ހެދުންތައް ދައްކާފައި ، ދިލްނަޝީން ބޭނުންވާ ހެދުމެއް ވަގުތުން އޯޑަރުކުރުމަށް ، ޙައިދަރަށް ކުލްސޫމް އެންގިއެވެ. ވަކި ހެދުމެއް ޙައިދަރަށް ރީތިވިޔަސް ، އެވާހަކަ ނުބުނެ ، ދިލްނަޝީން ބޭނުންވާ ހެދުމަކަށް އިސްކަން ދިނުމަށް ، ޙައިދަރުގެ ކިބައިން ކުލްސޫމް އެދުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.