ވިހަތީރު (9)

( 28 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙަމްޒާ ވަޢުދުވިގޮތަށް ، އޭނާގެ މައިންބަފައިން ، ދިލްނަޝީންގެ ގެޔަށް އެ ފޮނުވީއެވެ. ދިލްނަޝީންގެ ބެސްޓް ފްރެންޑް ، ރިދާވެސް ޙަމްޒާގެ މައިންބަފައިންނާއެކީ އައިމަ ވަކިން ބޮޑަށް އޭނާހުރީ އުފާވެފައެވެ. އަލްޙަމްދު ލިﷲ އޭ ބުނެ ދިލްނަޝީން ، އޭނާގެ ދެއަތް މައްޗަށް އުފުލައިލިއެވެ. )

" އަހަރެން މިބުނި ވާހަކައެއް ކަލޭމެންނަކަށް ސާފުކޮށް އަޑެއް ނީވުނުދޯއެވެ ! އަހަރެން މިބުނަނީ ، އަހަރެންގެ ދަރިފުޅު ، އަހަރެންނަށް ދޭށޭއެވެ ! އަހަރެން ބޭނުމީ ، އަހަރެންގެ ދަރިފުޅެވެ. ސަޔާއި ކޮފީއެއްނޫނެވެ. " ޞާދިޤް އަމީންގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

އެމީހުންގެ ދަރިފުޅު އެމީހުންނަށް ދޭށޭބުނެ ، އަނެއްކާވެސް ޞާދިޤް ހަޅޭއްލަވައިގަތެވެ. އަދި ، އަހަރެންގެ ދަރިފުޅު މިވަގުތުވީ ކޮންތަނެއްގައިތޯ ، އައްވަލްގެ ކޮއްކޮ ކުރެން އެހުމަށް އެދުނެވެ. ޞާދިޤް އެވާހަކަ ބުނީ ، އައްވަލަށް އިޝާރާތް ކޮށްފައެވެ.

އަހަރެންގެ ކޮއްކޮއަށް ، ޙަމްޒާ ވީތަނެއް އެނގެންވީ ކީއްވެތޯ ، އައްވަލް ސުއާލު ކުރިއެވެ. އެއީ ، އައްވަލްގެ ކޮއްކޮ ، އަހަރެންގެ ދަރިފުޅު ހައްލާލައިގެން ، އެއުޅެނީ އޭނާއާ ހިތާވެގެންކަމަށްބުނެ . އެ ސުއާލަށް ޖަވާބު ދިނީ ބުޝްރާއެވެ.

އެމީހުންނަށް އެކަން އެނގެންވީ ކީއްވެތޯ ، އަނެއްކާވެސް އައްވަލް ސުއާލު ކުރިއެވެ. ހުރިހާ ސުއާލަކަށް ޖަވާބު ދެމުން ގެންދިޔައީ ބުޝްރާއެވެ. އެމީހުންގެ މަޤްޞަދާއި ނިޔަތް އެނގޭނީ އެމީހުންނަށް ކަމަށް ބުނެ ، ބުޝްރާ މަލާމާތް ކޮށްލިއެވެ.

ބުޝްރާމެން އެދައްކާ ވާހަކައިގެ މާނައެއް އެމީހުންނަށް އޮޅުމެއް ނުފިލައޭ ބުނެ ، އައްވަލްގެ ކަންބޮޑުވުން ހާމަކުރިއެވެ.

" އަހަރެމެން މިބުނާ ވާހަކަޔަކީ ، އަހަރެމެންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ، ކަލޭމެންގެ އަންހެންދަރިއާ ކައިވެނިކުރަން ، އަހަރެމެން އެއްބަސް ނުވާނެ ވާހަކައެވެ. އެހެންވީމާ ، އަހަރެމެންގެ ދަރިފުޅާ އަޅައިގަނެގެން ނޫޅުމަށް ، އައްވަލްގެ ކޮއްކޮ ގާތުގައި ބުނާށެވެ ! މި އަންހެންކުއްޖާ އެއުޅެނީ ، އަހަރެމެންގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލާށެވެ. އަހަރެންގެ ދަރިފުޅަކީ ފިރިހެނެކެވެ. ފިރިހެނަކަށް ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. ފިރިހެންކުދިން އޮޔާގޮސް އަންހެންކުދިންގެ އަވާގައި ޖެހުމުން ސަލާމަތް ކުރުމަކީ ، މުއްސަނދި ޢާއިލާތަކުގެ ޒިންމާއެކެވެ. މުއްސަނދި ޢާއިލާތަކުން ބޭނުންވާނީ ، އެމީހުންނާ އެއް ފެންވަރެއްގެ ޢާއިލާއެއްގެ އަންހެންކުއްޖަކާ ، އެބައިމީހުންގެ ފިރިހެންދަރިން ދެވުމެވެ. ފަޤީރު ޢާއިލާތަކުގެ އަންހެންކުދިން ، މުއްސަނދި ޢާއިލާތަކުގެ ފިރިހެންދަރިން ހައްލައި އެކުދިންގެ ބޯކާން ދޫކޮށްނުލައި ، އެކުދިން ބެލެހެއްޓުމަކީ ، ފަޤީރު ޢާއިލާތަކުގެ ޒިންމާއެކެވެ. " ޞާދިޤްގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

އައްވަލަށް އިރުއިރުކޮޅުން ، ދިލްނަޝީނާ ދިމާއަށް އަދި އޭނާގެ މަންމައާ ދިމާއަށް ބަލައި ލެވެއެވެ. އޭނާއަކަށް އެވެގެންއުޅޭގޮތެއް ނުވިސްނުނެވެ. އޭނާގެ ކޮއްކޮއާ ބެހޭގޮތުން ، އެމީހުން އެދައްކާ ވާހަކަތަކުން ، އައްވަލް އިނީ ޢަޖައިބު ވެފައެވެ.

" ދިލްނަޝީނާ ކައިވެނިކުރަން ބޭނުންކަމަށާއި ، އޭނާގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން އަހަރެމެން މިގެޔަށް އައުމަށް އެދި ، އަހަރެންގެ ދަރިފުޅު މިއަދު ހެނދުނު ވާހަކަ ދެއްކިއެވެ. އެކަމަށް އަހަރެމެން އިންކާރު ކުރީމާ ، އެކަމާ ރުޅިއައިސްގެން ، ހެނދުނު ގެއިން ނުކުމެގެން ދިޔަގޮތަށް އަދިވެސް ، އޭނާގެ ޚަބަރެއް ނުވެއެވެ. އޭނާގެ ކާރު ފެނުނީ ، ގޮނޑުދޮށުގެ އެއްފަރާތެއްގައި ބާއްވާފައި އޮއްވައެވެ. ކަނޑަށް އެރި މަރުވީ ނޫންކަމެއްވެސް ނޭނގެއެވެ. އަހަރެމެން މިއައީ ، އެދެމީހުން އެންމެފަހުން ދެއްކީ ކޮންވާހަކައެއްތޯ ، އައްވަލްގެ ކޮއްކޮކުރެން އަހާށެވެ. ޙަމްޒާވީތަނެއް މި އަންހެންކުއްޖާއަށް އެނގޭނެއެވެ. އަހަރެމެން މިތިބީ ވަރަށް ކަންބޮޑުވެފައެވެ. އަހަރެމެންގެ މުއްސަނދިކަމަށް ލޯއަޅައި އަހަރެމެންނާ ޙަސަދަވެރިވާ އެތައްބަޔަކު ތިބޭނެއެވެ. މި މައްސަލަ އަހަރެމެން ފުލުހުންނަށް އަންގައިފިނަމަ ، ކަލޭމެންގެ ނަމާއި އަބުރާ ޢިއްޒަތްވެސް ގެއްލިގެން ދާނެއެވެ. އަހަރެންގެ މުއްސަނދިކަން ބޭނުންކޮށްގެން ، އަހަރެންނަށް ނުކުރެވޭނެކަމެއް މިޤައުމުގައި ނޯންނާނެކަން ، ކަލޭމެން ހަނދާން ބަހައްޓަން ވާނެއެވެ. އެހެންވީމާ ، ސާފުކޮށް މިބުނަނީއެވެ. އަހަރެމެންގެ ދަރިފުޅުވީ ކޮންތާކުތޯ މި އަންހެންކުއްޖާގާތު އަހައިދޭށެވެ ! " ޞާދިޤްގެ އަޑު ބާރުވަމުން ، ރުޅިގަދަވަމުން ދިޔައެވެ.

ދިލްނަޝީނަށް ހުރީ ، ރޮވިފައެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭނަކީ ، އެތާތިބި އެއްވެސް މީހަކަށް އިޙްސާސް ކުރެވޭނެ ކަމެއްނޫނެވެ. ޙަމްޒާ ދެއްކި ވާހަކަޔަކާއި ، ޙަމްޒާގެ މައިންބަފައިން އެގެޔަށް އައިސް އެދައްކާ ވާހަކަ ދިމަލެއް ނުވެއެވެ. އެމީހުން އެއުޅެނީ ، ހެނދުނުއްސުރެ ، ޙަމްޒާ ގެއްލިގެންނެވެ. ދިޔަތަނެއް ނޭނގިގެންނެވެ.

ޙަމްޒާވީ ކޮންތާކުތޯ ، ބުޝްރާވެސް ދިލްނަޝީނާ ސުއާލު ކުރިއެވެ. އެސުއާލަށް ޖަވާބުދިނީ ، ދިލްނަޝީނުގެ ފަހަރި ، ޢާފިޔާއެވެ. އެމީހުންނަށް އެއުޅެނީ އޮޅިގެންކަމަށް ބުނެ ، ދިލްނަޝީންގެ ދިފާޢުގައި ޢާފިޔާ ވާހަކަ ދައްކަން ފެއްޓިއެވެ.

ދިލްނަޝީން ކަންތައްތަކެއް ފޮރުވަން މަސައްކަތްކުރާކަމަށް ފެނިގެން ، ފުން ނަޒަރަކުން ، ދިލްނަޝީނާ ދިމާއަށް ބުޝްރާ ބަލައިލިއެވެ. ދިލްނަޝީންގެ އަތުގައި އަޅާފައި އޮތް ގަޑިއަށް ، ބުޝްރާގެ ނަޒަރު ހުށްޓުނެވެ. އަދި ، އެ ގަޑި ދިލްނަޝީނަށް ލިބުނީ ކިހިނެއްތޯ ، ބުޝްރާ ސުއާލު ކުރިއެވެ. އެވަގުތު ، ދޯޕައްޓާއިން އެގަޑި ފޮރުވުމަށް ދިލްނަޝީން މަސައްކަތް ކުރިއެވެ.

އެއީ ، ދިލްނަޝީނަށް ބުޝްރާ ހަދިޔާކުރި ގަޑިއެއް ނޫންހޭ ބުނެ ، ދިލްނަޝީން ދިފާޢުކުރުމަށް ، ސާރާ މަސައްކަތް ކުރިއެވެ. އެގަޑިޔަކީ އޭނާ ދިން އެއްޗެއް ނޫންކަމަށާއި ، މިހާރު އޭނާއަށްވެސް އިތުރު ކަންތައްތަކެއް އެބަ ވިސްނޭކަމަށް ބުނަމުން ބުޝްރާ ތެދުވިއެވެ.

އެގަޑިޔަކީ އޭނާގެ ފިރިހެންދަރިފުޅުގެ ގަޑިއެވެ. މިހާތަނަށް ބުޝްރާއަށް ހީވެފައި އޮތީ ، ދިލްނަޝީނަށް ބޭނުންވާ އެއްޗެތި އަތުލަނީ ހަމައެކަނި ރިދާއަތުން ކަމަށެވެ. ޙަމްޒާ އަތުންވެސް ، އެހާ އަގުބޮޑު އެއްޗެތި ، ދިލްނަޝީން އަތުލާކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ. ދިލްނަޝީނަށް ރޮވުނެވެ. އެއީ ، ޙަމްޒާ އޭނާއަށް ދިން ފުރަތަމަ ހަދިޔާ އެވެ. ޙަމްޒާ އަތުން އެއްވެސް އެއްޗެއް އޭނާ އަތެއް ނުލައެވެ. އެ ގަޑި އޭނާ ޤަބޫލުކުރީވެސް ، ޙަމްޒާ އެތައް ވަރަކަށް އާދޭސްކުރީމައެވެ.

" ދިލްނަޝީނެވެ ! އެއްވެސް އަންހެންކުއްޖަކަށް ، ޅީދަރިޔަކަށްވެގެން އެހެންމީހެއްގެ ގެޔަކަށް ގަދަކަމަކުން ނުދެވޭނެއެވެ. އަހަރެމެންގެ ޅީދަރިޔަކަށްވެގެން ، އަހަރެމެންގެ މުއްސަނދި ދިރިއުޅުމުގެ ތެރެޔަށް ވަންނަން ތިކުރާ މަސައްކަތް ދޫކޮށްލާށެވެ. އެއީ ނުވާނެ ކަމެއްކަމަށް ބަލާފައި ، އަހަރެމެންގެ ދަރިފުޅު ވީތަނެއް ބުނެދޭށެވެ. " ދިލްނަޝީނަށް ގޮވައިލަމުން ޞާދިޤް ބުންޏެވެ.

ޙަމްޒާ  ވީތަނެއް އޭނާޔަށް ނޭނގޭކަމަށް ރޮމުންރޮމުން ، ދިލްނަޝީނަށް ބުނެވުނެވެ. އޭނާގެ އަޑުގައިވަނީ ވޭނާއި ކެކުޅުމެވެ.

އެމީހުން ބްލެކްމެއިލްކޮށްގެން ، ދިލްނަޝީން ބޭނުންވާ ކަމެއް ޙާޞިލްކުރުމަށް ވިސްނާނަމަ ، އެއީ މޮޔަކަމެއްކަން ހަނދާންކުރުމަށް ބުނެ ، ބުޝްރާ ހަޅޭއްލަވައިގަތެވެ. ޙަމްޒާއާއި ދިލްނަޝީންގެ ކައިވެންޏަށް ، އެމީހުން ދުވަހަކުވެސް ނޭދޭނެއެވެ. ޙަމްޒާ ހައްލާލައިގެން ، ދިލްނަޝީނާއި ޙަމްޒާ ގުޅިގެން ، އެމީހުންނަށް މަޖުބޫރު ކުރުވައިގެން އެކައިވެނި ނުކުރެވޭނެކަން ، ބުޝްރާ ހާމަކުރިއެވެ.

" އަހަރެންގެ ދަރިފުޅު ރިދާގެ އެކުވެރިޔެއްކަމަށް ވާތީ ، ރިދާދެކެވާ ލޯބި ، އަހަރެމެން ދިލްނަޝީނަށްވެސް ދިނީމެވެ. އޭގެ ބަދަލުގައި އަހަރެމެންނަށް މިފަދަ މުޞީބާތެއް ތި ޖައްސަނީ ކީއްކުރަން ހެއްޔެވެ ؟ " ބުޝްރާ ބުންޏެވެ.

ރޮވިފައިހުރެ ، ދިލްނަޝީން ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާއަކަށް ، ޙަމްޒާވީތަނެއް ނޭނގެއެވެ. އޭނާ އެހަދަނީ ތެދެވެ. ރެއިން ފެށިގެން ، އޭނާގެ ފޯނު އޮތީ މަންމަ އަތުގައެވެ. އެއްވެސް މީހަކާ އޭނާ ފޯނަކުންވެސް ވާހަކައެއް ނުދައްކައެވެ. ޙަމްޒާއަކާވެސް ވާހަކައެއް ނުދައްކައެވެ.

ބުޝްރާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ. ހުރިހާކަމެއް ދިލްނަޝީނަށް އެނގޭނެއެވެ. ހުރިހާކަމެއްވެސް ރާވައި އެހަދަނީ ، ޙަމްޒާގެ ބޮލަށް ސަވާރުވެގެން ، ދިލްނަޝީންގެ މަކަރުވެރިކަމުން ، އެދެމީހުން ގުޅިގެންކަމުގައި ބުޝްރާ ނިންމިއެވެ.

" އަހަރެންގާތު އެންމެފަހުން ޙަމްޒާ ބުނިވާހަކަޔަކީ ، އަހަރެމެންގެ ކައިވެންޏަށް ޙަމްޒާގެ މައިންބަފައިން އެއްބަސް ނުވި ވާހަކައެވެ. އަދި ، ޙަމްޒާ ފަހުން ފޯނުކުރާނަމޭ ބުނެ ފޯނު ކަނޑައިލިފަހުން އިތުރު ފޯނެއް ނާދެއެވެ. އަހަރެންގެ ފޯނުވެސް ، މަންމަ އޮތީ އަތުލާފައެވެ. ޙަމްޒާ ފޯނުކުރިޔަސް އަހަރެންނަކަށް ނޭނގޭނެއެވެ. މިއީ ﷲ ގަންދީ އަހަރެން ހަދާ ތެދެވެ. " އަޅައަޅައިގަންނަމުން ރޮމުންރޮމުން ދިލްނަޝީން ބުންޏެވެ.

އައްވަލްވެސް އިނީ ދެރަވެފައެވެ. އޭނާގެ ލޮލުންވެސް ކަރުނަ އައެވެ. އަނީސާ އިނީ ، ލަދުންގޮސް އިސް އުފުލައިލަން ނުކެރި ބޮލުގައި ދެއަތް އަޅައިގެން އިސްދަށަށް ޖަހައިގެންނެވެ. ވީދެރަޔާ އެއްވަރަށް ، ދިލްނަޝީންދެކެ އޭނާ ރުޅިވެސް އައެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ، އައްވަލް ތެދުވެ ވާހަކަ ދައްކަން ފެއްޓިއެވެ.

" އަހަރެންނަށް ހީވާގޮތުގައި ، ކަލޭމެން ކުރަން އައި ސުއާލުގެ ޖަވާބު މިހާރު  އެއޮތީ ލިބިފައެވެ. ކަލޭމެންގެ ދަރިފުޅު ވީތަނެއް އަހަރެންގެ ކޮއްކޮއަކަށް ނޭނގެއެވެ. އަހަރެންނަކަށް އިތުރަކަށް ބަރުދާސްތެއް ނުކުރެވޭނެއެވެ. ދެން އެންމެ ރަނގަޅުވާނީ ، އަހަރެމެން އިތުރަށް ލަދުގަންނުވަން ނުހަދާ ، މިގެއިން ދިޔައްޔާއެވެ. " ދޮރާ ދިމާއަށް ޢިޝާރާތްކުރަމުން އައްވަލް ބުންޏެވެ.

ޞާދިޤް އަމީންވެސް ކުއްލިޔަކަށް ކޮޅަށް ތެދުވިއެވެ. އޭނާވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ. އަންހެންދަރިންނަށް ރަނގަޅު ތަރުބިއްޔަތުދީ ، ރަނގަޅާއި ނުބައި ދަސްކޮށްދީގެން ބޮޑުކުރެވޭނަމަ ، މިކަހަލަ ލަދުވެތިކަމާ ކުރިމަތިލާން ނުޖެހޭނެކަމަށް ބުނެ އައްވަލާ ގާތަށް ޞާދިޤް ޖެހިލިއެވެ. އެކަހަލަ ގޮތަކަށް އެއްވެސްމީހެއްގެ ގެޔަށް އަންނާކަށް ޞާދިޤްވެސް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ފެންވަރާވެސް ގުޅޭކަމެއްނޫނެވެ.

" އެކަމަކު އެއްކަމެއް ހަނދާން ކުރާށެވެ ! އަހަރެންގެ ދަރިފުޅަކީ ، އަހަރެންގެ އެންމެ އަގުބޮޑު ރައުސްމާލެވެ. އަހަރެންގެ ދަރިފުޅަށް ދެރަ އެއްވެސްކަމެއް މެދުވެރިވެއްޖެނަމަ ، އަހަރެން ނުކުރާނެކަމެއް ނޯންނާނެއެވެ. ޙަމްޒާއަށް ދެރަގޮތެއް ނުވުން އެދި ﷲ އަށް ދުޢާކުރާށެވެ ! އެފަދަކަމެއް ދިމާވެއްޖެނަމަ އަލުން ބައްދަލު ކުރާނަމެވެ. ދެން ، ކަންވާނެގޮތަކާމެދު ޚުދު އަހަރެންވެސް ކަންބޮޑުވަމެވެ. " އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތުމަށްފަހު ، ޞާދިޤް އޭނާގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން އެގެއިން ނުކުތެވެ.

އެމީހުން ދިއުމާއެކު އަޑުގެ ނެތްތަނަށް ދިލްނަޝީން ރޯން ފެށްޓިއެވެ.  އޭނާގެ ކޮނޑުގައި ބޯއަޅައިގެން ރޯން އޮތް ދިލްނަޝީން ހަމަޖައްސައިލެވޭތޯ ، ޢާފިޔާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އައްވަލް އައިގޮތަށް އައިސް ، ދިލްނަޝީންގެ މޫނުމަތީ އަތުގައި ނެތްބާރުލާފައި ޖެހިއެވެ. ދިލްނަޝީން ދިޔައީ ވިއްސައިގެންނެވެ. ޢާފިޔާ ނުހިފެހެއްޓިނަމަ ، ދިލްނަޝީން ބިންމައްޗަށް ވެއްޓޭނެއެވެ.

އައްވަލް އޭނާގެ މަންމަ އަނީސާއާ ދިމާލަށް ބަލައިލިއެވެ. ޙައިދަރުގެ މަންމަޔަށް ފޯނުކޮށްފައި ، އެމީހުންގެ ފަރާތުން ، ޙައިދަރާއި ދިލްނަޝީންގެ ކައިވެންޏަށް އާނއެކޭ ބުނުމަށް އެދުނެވެ. އައްވަލް ބޭނުންވީ ، ވީ އެންމެ އަވަހަކަށް އެކައިވެނި ކުރުވުމަށެވެ.

އަނީސާވެސް ތެދުވެ ، ދެލޯ ފުހެލިއެވެ. އޭނާގެ ފިރިމީހާގެގާތަށް ކޮޓަރިޔަށް ދިއުމަށް ޢާފިޔާއަށް އެންގިއެވެ. ކޮންމެހެން ، ދިލްނަޝީން ރޯތީ ، އެކަމާ ކަންބޮޑުވާނެކަމެއް ނެތެވެ. ދިލްނަޝީން އެކަންޏަށް ދޫކޮށްލުމަށްވެސް އަނީސާ އެދުނެވެ. އަނީސާވެސް ، ޑިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، އޭނާގެ ކޮޓަރިޔަށް ދިޔައެވެ. ދިލްނަޝީން ބަޑިފަޅައިގެން ދިޔައެވެ. ހުރިތަނަށް ބިންމައްޗަށް ތިރިވެ ، އިށީނދެ އިދެގެން ، އަޑުގެ ނެތްތަނަށް ރޮމުން ގެންދިޔައެވެ.

 

" މަންމާއެވެ ! އަހަރެންނަށް ޔަޤީނެވެ. މަންމަމެން ޙަމްޒާގެ ކައިވެންޏަށް ރުއްސުމަށްޓަކައި ، ކޮންމެވެސް ތާކު ، ޙަމްޒާ ފިލައިހުރީކަން ، އަހަރެންނަށް ޔަޤީނެވެ. އޭނާގެ ނަފްސަކަށް ، ޙަމްޒާ އެއްވެސް ގެއްލުމެއް ނުދޭނެއެވެ. " ސާރާ ބުންޏެވެ.

އެކަން އެހެންވުމަށް އެދި ، ބުޝްރާ ދުޢާ ކުރިއެވެ. އެކުއްޖާއަށް ޙަމްޒާގެ އެއްވެސް ޚަބަރެއް ވެފައި އޮތްނަމަ ، ޙަމްޒާވީތަނެއް އެމީހުންނަށް ހޯދޭނެކަމުގައި ޞާދިޤްވެސް ޤަބޫލު ކުރިއެވެ. ބުޝްރާ ބުނިގޮތުގައި ، އެކުއްޖާއަށް ހުރިހާކަމެއް އެނގޭނެއެވެ. ދިލްނަޝީނަށް އެނގޭ ހުރިހާކަމެއް އެމީހުންނަށް ފޮރުވަނީއެވެ. ޙަމްޒާ އެކުރާކަމެއް އެކުރަނީ އެދެމީހުން ރާވައިގެންނެވެ. އެމީހު އެކަމަށް އެއްބަސްވާނީ ، އެގޮތަށް ހަދައިގެންކަމަށް ، ޙަމްޒާ އެއޮތީ ، އެކުއްޖާގާތު ބުނެފައެވެ. އެއީ އެމީހުންގެ ބަލިފައިކަން ، ޙަމްޒާއަށް އެނގޭނެއެވެ. އެމީހުން ، އެކައިވެންޏަށް އެއްބަސްވެ ، އެކަން އިޢުލާން ނުކުރަނިސް ، އެމީހުންނަށް ހުރިހާކަމެއް ފޮރުވައިގެން ތިބުމަށް ، އެދެމީހުން އެއޮތީ ރާވާފައެވެ.

ދިލްނަޝީންގެ ޢާއިލާއަކީ ، ރަނގަޅު ބައެއްކަމަށް ޞާދިޤް އަމީން ޤަބޫލުކުރެއެވެ. އެމީހުންގެ ޢަމަލުތައް ހުރިގޮތުން ، ޞާދިޤް އެކަން ދެނެގަތެވެ. އެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ، އެކުއްޖާ ، ޙަމްޒާ ބުނާގޮތެއް ނުހަދާނެކަމުގައި ، ޞާދިޤް ނިންމިއެވެ. އެހެނޭ ކިޔާފައި ، އެމީހުންގެ ދަރިފުޅު ، ބޭނުންގޮތަކަށް އުޅެން ދޫކޮށްލާކަށްވެސް ޞާދިޤްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ، އެކަމުގައި ، އިންސްޕެކްޓަރ ޖެނެރަލްގެ އެހީތެރިކަން ހޯދުމަށް ، ޞާދިޤް ނިންމިއެވެ. އިންސްޕެކްޓަރ ޖެނެރަލްއަކީ ، ޞާދިޤްގެ ކުޑައިރުގެ ރަޙުމަތްތެރިޔެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. މިއީ ވަރަށް ސަޅިވާނެ ވާހަކައެއް. ފެށުނީއްސުރެ އެބަ ކިޔަން. ޙަމްޒާއާއި ދިލްނަޝީން އަދި ހައިދަރާއި މެހެމަލްގެ ގުޅުމުގެ ތެރެއިން އުފެދިގެން އަންނާނެ އަސަރުގަދަ އެތައް ކަމެއް މިހާރުވެސް އެބަ އިޙްސާސް ކުރެވޭ. ޝުކުރިއަޔާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.