ޕާކިސްތާނުން ދިވެހި ބަހުގެ އެކެޑަމީ އަށް 10،000 ޑޮލަރު ހަދިޔާކޮށްފި

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޔޫއެސް ޑޮލަރު ހަދިޔާކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. އަދި ބަހުގެ އެކެޑަމީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީ ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގައި ވެސް ޕާކިސްތާނުގެ އެހީތެރިކަމާއެކު ކުރެވިފައިވާ އަދި ކުރެވެމުންދާ ކަންކަން ފެންނަން އެބަހުރި ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެކެޑަމީއަށް ދެވުނު އެހީއަކީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ވެދެވޭ އެހީއެއްކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮތް ގުޅުން ގިނަ ދާއިރާތަކަކުން އިތުރަށް ހަރުދަނާވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.