( 21 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ފާޚާނާއަށްވަދެ ، ލޯގަނޑުން ބަލައިލިއިރު ، އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. އެހާ ބޮޑަށް ލޯ ރަތްވެފައި އެހުރީ ، އޭނާ އެރޭ ނުނިދާ އޮވެގެންކަން މަންމަމެންނަށް އެނގޭނެއެވެ. އެކަމުން ސަލާމަތްވާނެ ގޮތެއްވެސް ހޯދަން ޖެހޭނެއެވެ. ލޯކަހަނީކަމަށް ހަދައި ، ހެނދުނު ތެދުވެ ، ރަތްވާވަރަށް ދެ ލޯކަހާނީކަމަށް ދިލްނަޝީން ނިންމިއެވެ.)
ހެނދުނުގެ ނާސްތާއަށް ، ރިދާ ތިރިޔަށް އައިއިރު ، ބައްޕައާއި މަންމަ ކާމޭޒުދޮށުގައި ތިއްބެވެ. ޙަމްޒާވެސް އިރުކޮޅަކުން އަތުވެއްޖެއެވެ. ޙަމްޒާއަކީ އެހާ އަވަހަށް ހޭލާމީހެއްވެސް ނޫނެވެ. އެކަމަކު ، މިއަދު އެންމެންނާ އެއްގަޑިއެއްގައި ، ހަމްޒާ ތެދުވެގެން އައުމުން އެންމެންވެސް ތިބީ ޙައިރާން ވެފައެވެ. ޙަމްޒާހުރީ ކަންބޮޑުވެފައެވެ. ގޮނޑީގައި އިށިންނާކަށްވެސް ނޫޅެއެވެ. ޙަމްޒާ އެހާ ހިމޭންކޮށް ހުރުމުން ، ބުޝްރާވެސް އެކަމާ ސުއާލު ކުރިއެވެ. ޙަމްޒާ އެވާހަކަ ދެއްކުމަށް ރިދާގެ ލޮލުން އަންގައިލިއެވެ. ޙަމްޒާވެސް ބައްޕަމެންނާ ވާހަކައެއް ދައްކައިލުމަށް އެދިހުރިކަން ހާމަކުރިއެވެ. ވާހަކަ ދެއްކުމުގެ ކުރިން ބައްޕަގެ އިޒުނަ ހޯދުމަށްފަހު ، ޙަމްޒާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
" އަހަރެންނަށް އަންހެންކުއްޖަކާ ގަޔާ ވެވިއްޖެއެވެ. އަހަރެން ނިންމައިގެންހުރީ ، ކިޔެވުން އެއްކޮށް ނިންމާފައި ބައްޕަމެންނާ އެވާހަކަ ދައްކާށެވެ. އެކަމަކު ، މިހާރު މިއޮތީ ތަންކޮޅެއް އަވަހަށް އެކަން ކުރަން މަޖުބޫރު ވެފައެވެ. "
ތިވާނީ އަންހެންކުއްޖާގެ ކައިވެންޏަށް އެހެންމީހަކު އެދުނީ ކަމަށްބުނެ ، ޙަމްޒާ ބޭނުންވަނީ ، ބައްޕަމެން އެކުއްޖާގެ ގެޔަށްގޮސް ޙަމްޒާގެ ކައިވެނި ހުށަހަޅަންކަމަށް ބުނެ ، ޞާދިޤް އަމީން އޭނާގެ ދަރިފުޅާ ސަމާސާ ކޮށްލިއެވެ. ޞާދިޤް އަމީން އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން އެގެޔަކަށް ހިނގައްޖެއްޔާ ، އެކަން މަނާކުރާނެ މީހަކު އުޑުދަށުގައި ނުހުންނާނެކަމަށާއި ، އޭރަށް ޙަމްޒާގެ މައްސަލަ އެހިސާބުން ޙައްލުވީކަމަށްވެސް ޞާދިޤް އަމީންގެ ސަމާސާގައި އޭނާގެ ދަރަޖައާއި ބާރުވެރިކަން ހާމަކުރިއެވެ.
ޙަމްޒާގެ ހިތުގައި އޮންނަ ކޮންމެ ކަމެއްވެސް ދާދިފަސޭހައިން ޞާދިޤް އަމީން ނަގައިގަނެއެވެ. މިފަހަރުވެސް އެވީ އެހެންނެވެ. ޙަމްޒާގެ ކިޔެވުން ނުނިމެނިސް ކައިވެނީގެ ވާހަކަ ދެއްކީމަ ، ބުޝްރާ އިނީ ކުޑަކޮށް ކަންބޮޑުވެފައެވެ. އެހެނަސް ، ޞާދިޤް އަމީނަށް އެއީ މައްސަލައެއް ނޫނެވެ. ކިޔެވުން ކުރިޔަށް ގެންދަމުން ، ކައިވެންޏެއްކުރުމަކީ ، އެ ޢުމުރުގައި މައްސަލައެއް ކަމަކަށް ޞާދިޤް އަމީނަކަށް ނުފެނެއެވެ. ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. އެއީ ކޮން ފެންވަރެއްގެ ޢާއިލާއެއްގެ ކުއްޖެއްތޯ ބެލުމެވެ. އެންމެ ފުރަތަމަވެސް ، ސުއާލުކުރެވުނީ ، އެކުއްޖާގެ ބައްޕައަކީ ކޮބައިތޯއާއި ބައްޕަ ކުރަނީ ކޮންމަސައްކަތަކާ ބެހޭގޮތުންނެވެ.
ޖެހިލުންވެފައި އިނދެ ، ޙަމްޒާވެސް ބައްޕަގެ ސުއާލުތަކަށް ޖަވާބު ދެމުން ގެންދިޔައެވެ. އެކުއްޖާގެ ބައްޕަވަނީ ނިޔާވެފައެވެ. ދިރިއުޅެނީ މަންމަޔާއި ބޭބެއާ އެކީގައެވެ. ޞާދިޤް އަމީނަކީ ކަރާޗީގައި ނެތްފަދަ މުއްސަނދި މަހުޖަނެކެވެ. ކަރާޗީގައި އޭނާއާ އެއްފެންވަރެއްގެ އެއްވެސް މަހުޖަނެއް ، ޙަމްޒާ އެބުނާފަދައިން ނިޔާވެ ، ކުދިން މަންމަޔާއެކީ އުޅޭކަމެއް ، ޞާދިޤް އަމީންގެ ހަނދާނަކަށް ނައެވެ. އެންމެފަހުން ޙަމްޒާއަށް ބުނަންޖެހުނީ ، އެއީ އެމީހުންނާ އެއްވަރުގެ މުއްސަނދި ޢާއިލާއެއް ނޫންކަމުގައެވެ.
" ބައްޕަޔަށް އެ ކުއްޖާ އެނގޭނެއެވެ. " ރައިދާ އަނގަ ބޭނިއެވެ. އަދި އެ ކުއްޖާއަކީ ކާކުތޯ ބުނަންވީތޯ ޙަމްޒާކުރެން ، ރައިދާ ސުއާލު ކުރިއެވެ.
އެއީ ، ދިލްނަޝީން ކަމުގައި ވަރަށް ޖެހިލުންވެފައި އިނދެ ޙަމްޒާއަށް ބުނެވުމާއެކު ، ޞާދިޤް އަމީނާއި ބުޝްރާގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. ދިލްނަޝީނަކީ ކާކުކަން ބުޝްރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް ، ޞާދިޤް އަމީނަކަށް އެވަރަކުން އަދި އެއީ ކޮން ކުއްޖެއްކަމެއް ނޭނގެއެވެ. ނުވަތަ އެނގޭކަމަކަށް ނުހެދިއެވެ. އެއީ ކާކުކަން ބައްޕަޔަށް ސާފުކޮށްދިނީ ރިދާއެވެ.
އެއީ ރިދާގެ ބެސްޓް ފްރެންޑެވެ. ރޭގައި ބޭއްވުނު ، ރިދާގެ ކައިވެންޏާގުޅޭ ރަސްމިއްޔާތުގައި އޭނާއާއެކީ އެހުރީ ދިލްނަޝީނެވެ.
ދިލްނަޝީނުގެ ޢާއިލާގެ މީހުން ކުރަނީ ކޮން ވިޔަފާރިއެއްތޯ ޞާދިޤް އަމީން ސުއާލުކޮށްލިއެވެ. ބައްޕަގެ އެ ސުއާލާ ގުޅިގެން ، ޙަމްޒާ އޭނާގެ ބައްޕަޔާ ގާތަށް ޖެހިލިއެވެ.
" އެމީހުންކުރަނީ ކޮންކަމެއްކަމެއް އަހަރެމެންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟ " ބުޝްރާ އޭނާގެ ހިތުގައި އުފެދުނު ހިތްހަމަ ނުޖެހުން ބޭރުކޮށްލިއެވެ. އެހެންނަމަވެސް ، ރިދާ އަނެއްކާވެސް ، ދިލްނަޝީނުގެ ތަޢާރުފެއް ދޭން ފެށްޓިއެވެ.
އެއީ ޔުނިވަރސިޓީގައި ރިދާއާއެކީ ، އެއްކްލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ދިލްނަޝީނުގެ ބައްޕަ ނިޔާވީ ، ދިލްނަޝީން ވަރަށް ކުޑައިރުއެވެ. އެއީ ޑޮކްޓަރެކެވެ. ދިލްނަޝީނުގެ ބޭބެޔަކީ ، އެއަރޮނޮޓިކަލް އިންޖިނިއަރ އެކެވެ.
" އެހެން ހެއްޔެވެ ؟ ރިދާގެ ހެދުމާއި ގަހަނާޔާ ފައިވާނާ ދެންވެސް ހުރިއެއްޗަކަށް ދަންދެން ، ރިދާއަތުން ގެންގޮސްގެން ލައިއުޅޭ ކުއްޖެއްކަމަށްވެސް ބުނެލާށެވެ. " ބުޝްރާ ރުޅިއައިސް ހަޅޭއްލަވައިގަތެވެ.
ދިލްނަޝީނާމެދު މަންމަ ހިތްހަމަ ނުޖެހޭކަން ، ޙަމްޒާއަށް އެނގުނެވެ. ރިދާގެ ބެސްޓް ފްރެންޑް ، އޭނާއަތުން ހެދުމާއި ގަހަނާޔާ ފައިވާން ގެންގޮސްގެން ލުމަކީ ، މައްސަލައެއްނޫންކަން ޙަމްޒާ ސާފުކޮށްދިނެވެ. އެއީ މިޒަމާނުގެ ކުދިން ޢަންމުކޮށް ކޮށް އުޅޭ ކަމެކެވެ. އެއީ ކޮންތަފާތެއް އަންނާނެކަމެއްތޯ ޙަމްޒާ އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.
ޙަމްޒާގެ ކައިވެނީގެ ވާހަކަ އޭނާ ހީކުރިވަރަށްވުރެ ހޫނުވިއެވެ. ބުޝްރާ ޤަބޫލުކުރާގޮތުގައި އެއީ ތަފާތު އޮތް ކަމެކެވެ. ޙަމްޒާ ބުނިގޮތުގައި ، ކައިވެނި ކުރަނީ އޭނާއެވެ. މަންމައެއް ނޫނެވެ. އެހެންކަމަށް ވަންޏާ ، އެކަނި ގޮސް ކައިވެނިކުރާށޭ ބުނެ ، ޙަމްޒާއާ ދިމާލަށް ، ބުޝްރާ ހަޅޭއްލަވައިގަތެވެ. ބުޝްރާވެސް އަދި އެ ޢާއިލާގެ ފަރާތުން އެއްވެސް މީހަކު އެކައިވެންޏަކަށް ނުދާނެއެވެ. ކައިވެނި ކުރިޔަސް ޚުދު ، ރިދާވެސް އެކައިވެންޏަށް ދާކަށް ބުޝްރާ ޤަބޫލެއް ނޫނެވެ. ރަނގަޅު އެއްކަމެއްވެސް ދިލްނަޝީނުގެ ފަރާތުން ، ބުޝްރާއަކަށް ނުފެނެއެވެ. ރިދާ އިނީ ބުނާނެ އެއްޗެއް ނޭނގި ޙައިރާން ވެފައެވެ. މަންމަޔަށް އަންހެންކުއްޖަކު ރަނގަޅުވަނީ ކޮންކޮން ކަންތައްތަކެއް އެކުއްޖާގައި ހުރެގެންތޯ ، ޙަމްޒާ އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.
ޚާންދާނާއި ފައިސާ އަކީ، ދިލްނަޝީނުގެ ކިބައިން އުނިވާ ކަންކަންކަމުގައި ބުނެ ، ޙަމްޒާގެ ސުއާލަށް ބުޝްރާ ޖަވާބު ދިނެވެ. އެހެނަސް ، ފައިސާއަކީ ، ދިލްނަޝީންގެ ފަރާތުން ޙަމްޒާ ބޭނުންވާ އެއްޗެއްނޫނެވެ. ޚާންދާނާއި ނަމަށް ބަލާނަމަ ، ޙަމްޒާއާ ދިލްނަޝީން ކައިވެނިކުރުމުން ، ދިލްނަޝީންގެ ނަންވެސް އުފުލިގެންދާނެކަން މަންމަޔަށް ، ޙަމްޒާ ހަނދާން ކޮށްދިނެވެ. އެކަން ބުޝްރާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ޙަމްޒާގެ ނަމާއި ދިލްނަޝީންގެ ނަން ގުޅިއްޖެނަމަ ، ޙަމްޒާގެ ނަން ގެއްލިގެންދާނެއެވެ. އެއީ އެ ޢާއިލާއަށް ލިބޭނެ ބަދުނާމެކެވެ.
އެ ކައިވެންޏަށް ދެކޮޅުހަދާ ، ޙަމްޒާއާ ޒުވާބު ކުރަމުން ގެންދަނީ ހަމައެކަނި ޙަމްޒާގެ މަންމައެވެ. ޞާދިޤް އަމީން އިނީ އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުންނެވެ. އެމީހުން ، އޭނާގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން ، ދިލްނަޝީންގެ ގެޔަށް ދާނަންތޯ ނުވަތަ ނުދާނަންތޯ ޙަމްޒާ ސުއާލު ކުރިއެވެ. ބައްޕަ އެއްވެސް އެއްޗެކޭ ނުބުނާތީ ، ބައްޕަ ބުނަނީ ކީކޭތޯ ސާފުކުރުމަށް ޙަމްޒާ ބޭނުންވިއެވެ.
އެއީ ހަމްޒާގެ ދިރިހުރުމާ މަރާގުޅިފައިވާ ގުޅުމެކެވެ. އޭނާ އެދައްކަނީ ސަމާސާ ވާހަކައެއްނޫނެވެ. ދިލްނަޝީނާއި ޙަމްޒާއާ ދެމެދު އުފެދިފައި އޮތީ އާދައިގެ ގުޅުމެއްނޫނެވެ. އެއީ ލޯބީގެ އެންމެ މަތިވެރި އިޙްސާސެކެވެ. ދެމީހުން ރައްޓެހިވެގެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. ބައްޕަމެން މިއަދު އެގެޔަށް ނުގޮއްސިނަމަ ، އެއީ އެދެލޯބިވެރިންގެ އަމިއްލަ ނަފްސަށް ރައްކާތެރިކަން ހޯދޭވަރަށްވުރެ ، ސީރިއަސް މައްސަލައެކެވެ. ދިލްނަޝީނުގެ މަންމަ ، އެހެންމީހަކާ ދިލްނަޝީން ދެވާނެއެވެ. އެކަން އެހެން ވެއްޖެނަމަ ، އެއީ ، އެދެލޯބިވެރިންގެ ޢުމުރަށްވެސް ހިތާމައާއި ތަކުލީފުން ، އެ ދެމީހުން ދުނިޔެއިން ބާކީވެގެންދާނެ ކަމެކެވެ. ޙަމްޒާގެ ވާހަކަތަކަށް ޞާދިޤް އަމީން ، އެއްވެސް ޖަވާބެއް ނުދީ ހިމޭނުން އެއިނީ ކީއްވެގެންކަމެއް ނޭނގެއެވެ.
އަނެއްކާވެސް ވާހަކަ ދެއްކީ ބުޝްރާއެވެ. އެއީ ، ދިލްނަޝީން އެގެޔަށް އައިސް އުޅުމުގައި ، އެދެމީހުންގެ މެދުގައި އުފެދިގެން އުޅޭ ވަގުތީ ގުޅުމެކެވެ. އެހާ ސީރިއަސްކަމެއްނަމަ ، އެހާ މައްޗަށް އެކަން ނުދަނިސް ، ބުޝްރާމެންނަށްވެސް ، އެކަން އެނގޭނެއެވެ. އެކައިވެނި ނުކުރެވުނީމާ ، އެކަން އެހިސާބުން ނިމޭނެއެވެ. ޙަމްޒާގެ ކައިވެނި ކުރުމަށްޓަކައި ، މުއްސަނދި އެތައް ޢާއިލާއަކުން މިހާރުވެސް އެދެމުން އެބަ ދެއެވެ. އެކަމާނޫޅެ ، ބުޝްރާމެން މަޑުކުރަމުން އެގެންދަނީ ، ޙަމްޒާގެ ކިޔެވުން ނިމެންދެނެވެ.
އެއީ ވަގުތީ ގުޅުމެއްނޫންކަން ސާފުކޮށްދިނުމަށްޓަކައި އެތައް ވާހަކައެއް ދެއްކިނަމަވެސް ، އެކަން ޤަބޫލުކުރާކަށް ބުޝްރާ ބޭނުމެއް ނުވިއެވެ. އެންމެފަހުން ، ޞާދިޤް އަމީން އެއްޗެކޭ ބުނެފިއެވެ. ޞާދިޤަށް ޤަބޫލު ކުރެވުނު ގޮތުގައި ، މިހާތަނަށް ، އެކުއްޖާގެ ކައިވެންޏަށް އެދިގެން އެއައީ އާދައިގެ މީހުންނެވެ. އެކަމަށް ޢާއިލާއިން އިންކާރު ކުރަމުން އައީ އެއީ އާދައިގެ ޢާއިލާތަކުން އައި ހުށަހެޅުންކަމަށްވާތީއެވެ. އެއީ ޞާދިޤުމެންނާ އެއްފެންވަރެއްގެ މީހުންގެ ފަރާތުން އައި ހުށަހެޅުންތަކަކަށް ނުވެ ހިނގައިދާނެއެވެ.
ބައްޕަގެ ވާހަކަތަކުން ، ޙަމްޒާއަށް ލިބުނީ ނާއުއްމީދެވެ. އޭނާގެ ދިރިއުޅުން ބަރުބާދުވެގެން ދިއުމަށް ބައްޕަ ނޭދޭނަމަ ، އެ ކައިވެންޏަށް ރުހުމަށް ޙަމްޒާ އެދެމުން ދިޔައެވެ.
" އަހަރެމެން މިދައްކާ ވާހަކަ ޤަބޫލު ކުރާށެވެ. އެކުއްޖާ އެއުޅެނީ ، ޙަމްޒާ ހައްލާލައިގެން އަހަރެމެންގެ މުއްސަނދި ދިރިއުޅުމުގެ ތެރެޔަށް ވަންނާށެވެ. އެކަން ޙަމްޒާއަށް ނުވިސްނިގެން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ އެކަހަލަ ފަޤީރު ކުރިންގެ ވިސްނުމާއި ފިކުރު ހުންނާނެގޮތް ، އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. " ބުޝްރާގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ.
ޙަމްޒާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ކޮޅަށް ތެދުވެ ބައްޕަޔާ ގާތަށް ޖެހިލައި ، ބައްޕަ އެކަމުގައި ގޮތެއް ނިންމައިދިނުމަށް އެދުނެވެ. ރިދާ އިނީ އެ ޒުވާބުގަނޑުގެ ތެރެޔަށް ވަންނަން ނުކެރި ބިރުންނެވެ. ޙަމްޒާއާއި ދިލްނަޝީން ރައްޓެހިވެގެން އުޅޭކަން އޭނާއަށް އެނގޭކަން ، މަންމަމެންނަށް އެނގިއްޖެނަމަ ، އޭނާއަކީ ކުށްވެރިޔަކަށް ހަދާނެއެވެ. އެހިސާބުން އޭނާގެ ދުވަސް އެދިޔައީއެވެ.
" މިއީ ވަރަށް ސީރިއަސް ކަމެކެވެ. އަހަރެން ، ދިލްނަޝީންދެކެ އިންތިހާއަށް ލޯބި ވަމެވެ. ދިލްނަޝީންވެސް ، އަހަރެން ދެކެ އެހާވަރަށް ލޯބި ވެއެވެ. " ޙަމްޒާ ބުންޏެވެ.
ޞާދިޤް ، އޭނާގެ ގޮތް ނިންމިއެވެ. އެކުއްޖާއަށް ޙަމްޒާ ކަމުދިޔަގޮތާއި ލޯބިވީ ކީއްވެގެންކަން ، ޞާދިޤަށް ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. އަދި ، ޙަމްޒާ ، އެކުއްޖާދެކެ ލޯބިވީ ، ހަމައެކަނި އެކުއްޖާ ރީތިވެގެންނެވެ. އެއީ އަދި ލޯތްބެއް ނޫނެވެ.
ޙަމްޒާ ، ރިދާއާ ދިމާއަށް އެނބުރުނެވެ. މަންމަމެންނާ އެކަމުގައި ވާހަކަ ދައްކާނެގޮތް އޭނާއަކަށް ނޭނގުނެވެ. އެހެންވީމާ ، އެކަމުގައި އޭނާއަށް އެހީތެރިވެ ދިނުމަށް ރިދާގެ ކިބައިން އެދުނެވެ. ޙަމްޒާގެ ޙަޔާތުން ދިލްނަޝީން ދުރަށްގޮސް އެހެން މީހަކާ ކައިވެނިކޮށްފިނަމަ ، ހުރިހާކަމެއް އެހިސާބުން އެ ނިމުނީއެވެ. ބައްޕަމެންނަށް ، އެމީހުންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ގެއްލޭނެއެވެ. ޙަމްޒާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ އެންމެފަހުން އޭނާ ބުނަން އޮތް ވާހަކައެވެ. އެކަން އެހެންވާކަށް ބައްޕައެއް ނޭދޭނެއެވެ. އެހެންކަމަށް ވަންޏާ ، އޭނާގެ ކައިވެންޏަށް ބައްޕަމެން ރުހެންވީއެވެ. އެކަން އެގޮތަށް ނުވެއްޖެ ޙާލަތެއްގައި ، ޞާދިޤް އަމީންގެ ފިރިހެންދަރިޔަކު ދުނިޔޭގައި ހުރިކަން ހަނދާން ނައްތައިލަންވީއެވެ. ޙަމްޒާ އެބުނާ ވާހަކައެއް ބައްޕަމެންނަށް ޤަބޫލުކުރެވިއްޖެކަމަށް އޭނާ ހީކުރިއެވެ. އެހެންވީމާ ، ބައްޕަ އޮފީސް ނިންމާފައި އެގެޔަށް ދާނީއެވެ. ބައްޕަ އެގެޔަށް ދާންވާއިރަށް ، ޙަމްޒާވެސް އެގެޔަށް ދާނެއެވެ. ޙަމްޒާ ، އޭނާގެ ގޮތް ނިންމިއެވެ.
" އަހަރެން ބައްޕަ ގާތު މިބުނަނީ ވަރަށްގިނަ ވާހަކައެވެ. އަހަރެންނަށް ޖަވާބެއް ދޭށެވެ. ބައްޕަމެން އެގެޔަށް ދާނަމެއް ނޫން ހެއްޔެވެ ؟ " ޙަމްޒާގެ ވާހަކަ ކުރުކޮށްލިއެވެ.
ޞާދިޤް އަމީން ކޮޅަށް ތެދުވިއެވެ. އެކުއްޖާގެ ގެޔަށް އޭނާ ނުދާނެކަން ހާމަ ކުރިއެވެ. އަދި ، އޮފީހަށްދާން ގެއިން ނުކުމެގެން ދިޔައެވެ.
ޞާދިޤް ގެއިން ނުކުމެގެން ދިއުމުން ، މަންމަގާތަށް އައިސް ، ރޮމުންރޮމުން ޙަމްޒާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ރިދާވެސް މަންމަޔަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ޙަމްޒާ ރޯތަން ދެކޭކަށް ރިދާއަކަށް ކެތެއް ނުކުރެވުނެވެ.
ޙަމްޒާއަކަށް ރޭގައި ނުވެސް ނިދެއެވެ. އެއްވެސް އެއްޗެއް ނުވެސް ކެވެއެވެ. އޭނާގެ ހިތްވަނީ ހަލާކު ވެފައެވެ. އެކައިވެންޏަށް މަންމަމެން އެދުވަހު ގޮތެއް ނުނިންމައިފިނަމަ ، ހުރިހާކަމެއް ނިމޭނެއެވެ. ޙަމްޒާއާއި ރިދާގެ އެއްވެސް ވާހަކަޔަކުން ، ބުޝްރާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ބުޝްރާއަށް ވިސްނުނުގޮތުގައި ، ޒުވާން ޢުމުރުގައި ފިރިހެން ކުދިންނަށް އެހެން ވެދާނެއެވެ. ރީތި ކުއްޖަކު ފެނިއްޖިއްޔާ އަޅައިގަންނާނެއެވެ. އެއީ އަދި ލޯތްބެއްނޫނެވެ. ހިތްކިޔައިފާނެއެވެ. އެކަމުގެ އާޚިރުނަތީޖާއަކަށް އެ ޢުމުރުގައި ޒުވާނުންނެއް ނުވިސްނާނެއެވެ. އެކުއްޖެއްގެ އަވާގައި ޖެހި ކުރެވޭ ނުކުރެވޭކަމެއްވެސް ނޭނގޭނެއެވެ. ކައިވެންޏަކާ ހަމަޔަށްދާއިރު ، ވިސްނަންޖެހޭ ކަންކަމާ ކުރިމަތިލާންޖެހޭނީ ފަހުންނެވެ. އޭރު އޮންނާނީ ވާނެއެއްޗެއް ވެ ނިމިފައެވެ. އެއީ ޒުވާން ޢުމުރުގައި ހިތުގައި އުފެދޭ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވިގެން ހެދޭ ގޯހެވެ. ބުޝްރާ މަސައްކަތް ކުރަމުން އެގެންދަނީ ، އަދި އެކައިވެންޏަށް އެއްބަސް ނުވެވިގެން އެއުޅެނީ ، އެކަހަލަ އެތައް ތަޖުރިބާއެއް އޭނާއަށް ކުރވިފައި އޮތީމައެވެ. ދުނިޔެ ދައްކާފައިވާ މިސާލުތަކުން ފިލާވަޅު ލިބިގަނެގެންނެވެ. އެހުރިހާ މުޞީބާތަކުން އޭނާގެ ދަރިފުޅު ސަލާމަތް ކުރުމަކީ ބުޝްރާގެ ވާޖިބެކެވެ.
އެހެންވިއްޔާ ދެން ، މަންމަގެ ފިރިހެންދަރިޔަކު ހުރިކަން ހަނދާންނައްތައިލާށޭ ބުނެ ، ދެންކުރިމަތިވެދާނެ ކަންކަމަށް ޒިންމާވާން ބުނަމުން ޙަމްޒާ ގެއިން ނުކުމެގެން ކާރަށް އަރައިގެން ދިޔައެވެ. ޙަމްޒާ ހުއްޓުވޭތޯ އެތައް މަސައްކަތެއް ، ރިދާ ކުރިއެވެ. ޙަމްޒާ ދިއުމުން ، ގެޔަށްވަދެ ، ރިދާވެސް މަންމަޔަށް އެތައް އާދޭހެއް ކުރިއެވެ. ކޮންމެފަދަ ކަމެއްވެސް ، ޙަމްޒާ ކޮށްފާނެއެވެ. އެހެންނަމަވެސް ، ބުޝްރާ އޭނާގެ ގޮތެއް ދުލެއް ނުކުރުއެވެ. ޙަމްޒާގެ ކައިވެންޏަށް ، އެޢާއިލާއިން އެއްބަސްވާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ، ބުޝްރާ ނިންމިއެވެ. ( ނުނިމޭ )
ރީތި
ބައެއް މީސްމީހުނަށް ދިވެހިބަސް ބަހަކަށްނުފުދޭ ދިވެހި
ބަހުން ވާހަކަދައްކަން ފަކުރުވެސްގަނޭ އެއީ ހަމަނޭގޭތީ
އެކަން އެނގެނީ ދިވެހި އަދީބުންގެ ލިޔުއްވުންތައް
ބަލާ އެ ބޭފުޅުން ޢިބާރާތްކޮށްފާހުންނަ ފޫހިކަމެއްނެތި
ކިޔާހިތްވާ ބަސްމަގުތަކަށް ބަލާލީމާއެކަން ވަރަށް ރަނގަޅަށް
އެނގޭނެ ވަރަށްރީތި މިތަރުޖަމާކުރުން ވެސް
ރަނގަޅު ވާހަކައެއް " ވިސްނާ " ތިވިދާޅުވީ. އެކަމަކުު ، ފާރޫޤުފަދަ އަދީބުންގެ ލިޔުއްވުންތައް ކިޔާހަދަނީ ކޮންބައެއްތޯ ؟ އެބޭފުޅާގެ ލިޔުއްވުންތަކުގައި ގެނެސްދީފައި އެހުންނަ ފަށުވި ޢިބާރާތްތަކާއި އެ ޢިބާރާތްތައް އަތުރާފައި އެހުންނަ ގޮތަކީ ، ކިޔާމީހާ ކިޔާހިތުން އިންދާ ނިމޭ ޢިބާރާތް ތަކެއް. އެބުނާ އެއްޗެއް އެހާ ފަސޭހައިން ދޭހަވެ ، ކިޔާލާހިތްވާ ކަހަލަ ގޮތަކަށް އެ ހުންނަނީ. ގިނައީ އަދީބުންގެ އެ ހުނަރާއި ފަންނު ނޭނގޭ މީހުން. އެމީހުންނަށް ދިވެހިބަސް ކޮށިވާނެ. ދިވެހިބަހުގެފޮނިމީރުކަން އެނގޭބަޔަކަށް ނޫންތޯ އެބަހުގެ ފުރިހަމަކަން އެނގޭނީ. ހަމަ ޚިޔާލެއް.
ވަރަށް ރީތި ޝުކުރަން