ރައީސް ޑރ. މުއިއްޒުގެ ތައުޒިޔާ ރައީސް ސާލިހުއާއި އާއިލާ އަށް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ޙިއްޞާ ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމުގައި ވިދާޅުވެފައެވެ.

ހަމައެއާއެކު، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވައި، ‏މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމާ ލެހެއްޓެވުމަށްއެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ވަނީ އެޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ރައީސް ޞާލިހަށާއި އެމަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.