ސަލާހުއްދީން ސްކޫލަށް ޕާކިސްތާން ސަރުކާރުން 32 ޓީވީ ހަދިޔާކޮށްފިއެވެ.
ޕާކިސްތާން އެމްބަސީން ބުނީ މި 32 ސްމާޓޫ ޓީވީ އަކީ އެ ސްކޫލުން ފަށާފައިވާ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމަށް ވެދިން އެހީތެރިކަމެއް ކަމަށެވެ.
އެ ސްކޫލަށް މި ތަކެތި ހަވާލުކޮށްދެއްވީ ޕާކިސްތާން ސަރުކާރުގެ ފަރާތުން ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ރިޓެއަރޑް މުހައްމަދު ފައްޔާޒު ގިލާނީ އެވެ. މި ތަކެއްޗާއި އެ ސްކޫލުގެ ފަރާތުން ހަވާލުވެލެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުހައްމަދާއި އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސްއެވެ.
ސަފީރު ވިދާޅުވީ މިއީ ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޕާކިސްތާނުގެ ސަރުކާރުން ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އަދި މިފަދަ އެހީތައް ކުރިއަށް އޮތް ތަނުގައި ވެސް ވެދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވަނީ ޕާކިސްތާނުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިފަދަ ކަންކަމަކީ ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްގެގޮތުގައި ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ޑިޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަހްމަދާއި ސަލާހުުއްދީން ސްކޫލުގެ ދަރިވަރުންނާއި ބެެނިވެރިން އަދި މުދައްރިސުން ވަނީ ބައިވެރިވެފައެވެ.