އިރު ކޮލަމް: މިސްކިތަށް ނާންނާށޭ ބުނަނީ ހެއްޔެވެ؟

ދިވެހި ރާއްޖޭގެ ދިވެހީން އެހެން ބުނެފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ނުބުނާނެއެވެ. ދިވެހީންނަކީ ދީނީ ކަންކަމަށް ލޯބިކުރާ ބަޔެކެވެ. ދިވެހީންގެ ހުންނަނީ މިސްކިތް ފުރިހަމަ ކުރުމުގެ ވިސްނުމެވެ.

ހުކުރު މިސްކިތް ހެދި ދުވަސްވަރު އެއީ ފައިވާނަށް އެރުން މަނާ ދުވަސްވަރެއް ކަމަށް މީހުން ބުނާތީ އަޑުއެހީމެވެ. އޭރު މިސްކިތަށް ދާ މީހުން މިސްކިތަށް ގޮސް ވަންނަނީ މިސްކިތުގެ ވަޅުން ދާނިން ފެންނަގައިގެން ފައިދޮވެގެންނެވެ. ބަހައްޓާފައި ހުންނަ ގާތަކުގެ މަތިން ހިނގާފަ ގޮހެވެ. ގިނަމީހުން ވުޟޫ ކުރަނީ ވެސް އެ ފެން ބޭނުންކޮށްގެންނެވެ. މިއަދު މިކަންކަން ބަދަލު ވެއްޖެއެވެ. ވުޟޫ ކުރާނީ މިސްކިތުގެ ބޭރުގައި ނުވަތަ އެއްފަރާތެއްގައި ހުންނަ އިސްކުރުތަކުންނެވެ. ދެރަކަމަކި ގިނަ މިސްކިތްތަކުގައި ހުންނަ އިސްކުރުތަކުން ވުޟޫކޮށްގެން ވާރޭވެހޭ ދުވަސް ދުވަހު މިސްކިތަށްވަދެވޭނީ ކުޑަކޮށް ތެމިގެންނެވެ. ފައިވާން، ބޫޓު ފަދަތަކެތި ހުންނާނީ ވާރޭ ވެހުނަސް ގަދަޔަށް އަވި ދިނަސް ބޭރުގައެވެ. ތެދެކެވެ. މިސްކިތްތަކުގެ ބޭރުގައި  ފައިވާނާއި ބޫޓު ބަހައްޓަން ދޮޅު ފޫޓެއްހާ ފުޅާ މިނުގެ ހަރު ބަހައްޓާފަ ހުރެއެވެ. ރަނގަޅަށް ވެހިގެންފިނަމަ ރީތި އަގު ބޮޑު ބޫޓުތަކާއި ފައިވާންތައް ތެމޭނެއެވެ. އެހެން ވެއްޖެނަމަ އެތަކެތި ހަލާކުވީއެވެ.

މިއީ ވަރަށް ދެރަކަމެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ރަށް ރަށުގައި ހަދާފައި ހުންނަ ގިނަ މިސްކިތްތަކުގައި ވެސް މިކަން އޮންނަނީ މި ގޮތަށެވެ. މާލެއަށް ބަލާލާއިރު މިސާލަކަށް އިބްރާހިމީ މިސްކިތް ފުދެއެވެ. މި ކަންކަން މިހެން ހުރި އެތައް މިސްކިތެކެވެ.

ދާދިފަހުން ފުއައްމުލަކުގައި ވަރަށް ރީތި މިސްކިތެއް ބިނާކޮށް ހުޅުވައިފިއެވެ. ފޮޓޯތަކުން ފެންނަނީ ހުރިހާ މީހުންގެ ބޫޓާއި ފައިވާންތައް ހުރީ މިސްކިތުގެ ކައިރީ ބޭރުގައެވެ. ކުރިން ވެސް ދެންނެވިހެން ވާރެޔާ ގަދަ އަވިން ސަލާމަތްކުރާނެ ތަނެއް ނެތެވެ.

 މިސްކިތް އަޅާއިރު ކުރެހުން ފާސްކުރާ މުއައްސަސާއެއް ވެސް ހުންނާނެ ކަމަށް ދެކެމެވެ. ދެން މިކަމުގެ ޙައްލަކާ މެދު ވިސްނާލާ އިރު ގޮތެއް ބުނާނަމޭ ހިތަށް އަރައެވެ. އެގޮތުން ބުނާނީ، މިސްކިތް ޑިޒައިން ކުރާ މީހެއްގެ ގާތުގައި އެ ވާހަކަ ބުނާނީއެވެ. ހުސްޖާގަ ދައްކާފަ މިސްކިތުގެ މޫނުމަތި ހުތުރު ނުވާ ގޮތަށް ޑިޒައިން ކޮށްލަދޭށޭ ބުނާނީއެވެ. ޑިޒައިނަރު އެފަދަ ތަނެއް ފިނިފެންމަލެއް ހެން ވެސްް ޑިޒައިން ކޮށްލާނެއެވެ.

މިއަދު މިސްކިތް ރީތިކޮށް ބިނާކޮށްފައި އިރު މިއަދު މިސްކިތަށް ނާރާށޭ ބުނަނީ ހެއްޔެވެ؟

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.