ވިހަ ތީރު (2)

( 7 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ހަމްޒާވެސް ، އޭނާގެ މައިންބަފައިންގާތު ، ދިލްނަޝީންގެ ވާހަކަ ނުބުނެ މަޑުކޮށްގެން އެހުންނަނީ ، ދިލްނަޝީން ކިޔަވައި ނިމޭނެ ދުވަހަކަށެވެ. ކުރުނަމަވެސް ، އެ ދިގު އިންތިޒާރަށް ދެމީހުންވެސް އެތިބެނީ ކެތްމަދުވެފައެވެ. )

 

ދިލްނަޝީންގެ ބައްޕަވަނީ ، އޭނާ ކުޑައިރު ނިޔާވެފައެވެ. އޭނާގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދަނީ މަންމައާއި ބޭބެއެވެ. ހަމްޒާއާ ބެހޭ އެއްވެސް ވާހަކައެއް ، ދިލްނަޝީންވެސް ، އޭނާގެ މަންމަގާތަކު އަދި ނުބުނެއެވެ. އެހެންނަމަވެސް ، ރިދާގެ ގެއިން އަންނައިރު ، ދިލްނަޝީން އެގެންނަ ހަދިޔާއަކީ ، އަނީސާއަށް މައްސަލައެކެވެ. އެކަން މައްސަލަޔަކަށްވަނީ ، މާގިނައިން ހަދިޔާ ގެންނާތީއެވެ. އެހަދިޔާގެ އަގުބޮޑުކަމުންނެވެ. ރިދާގެ ގެޔަށްގޮސް ، އެހާ ގިނައިރު ދިލްނަޝީން އުޅޭކަމެއް އަނީސާއަކަށް ނޭނގެއެވެ. އޭގެތެރެއިން ގިނަ ހަދިޔާއަކީ ، ރިދާއާއެކީ ނުވަތަ ހަމްޒާއާއެކީ ބާޒާރަށްގޮސް ، ހަމްޒާ ގަނެދީގެން ގެޔަށް ގެންނަ ހަދިޔާކަން ، އަނީސާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އެއީ އަނީސާއާއި ދިލްނަޝީނާ ދެމައިންގެ މެދުގައި އަބަދުވެސްޖެހޭ މައްސަލައެކެވެ. އެފަދަ މައްސަލަތައް ގިނަފަހަރަށް ޙައްލުކޮށްދެނީވެސް ރިދާއެވެ.

މިއަދުވެސް ، ރޭގަނޑު ލަސްވިފަހުން ، ދިލްނަޝީން އައީ ، ތިންހަތަރު ކޮތަޅުހިފައިގެންނެވެ. ގެޔަށް ވަތްތަނުން ދިލްނަޝީނަށް ކުރިމަތިލާންޖެހުނީ ، ޢާންމު ގޮތެއްގައި މަންމަގެފަރާތުން ކުރިމަތިވާ ސުއާލުތަކެވެ. އެއީ ކޮންތާކުން ކާކުދީގެން ގެނައި ސާމާނުތަކެއްކަން ސާފުކޮށްދޭން ޖެހުނެވެ. ދިލްނަޝީންގެ އަތުގައި ރުފިޔާއެއް ނުހުންނާނެއެވެ. އެހާ ގިނަ ސާމާނު ގަނެގެން އެއައީ ކާކުދިން ރުފިޔާއަކަށްތޯ އަނީސާ ސުއާލު ކުރިއެވެ.

ދިލްނަޝީން އެގެނައި އެއްޗެއް އެގެނައީ ތަނަކުން ވަގަށް ނަގައިގެންނެއް ނޫނެވެ. އެއީ ، ރިދާއާއި ރިދާގެ މަންމަ ކުލްސޫމް ، ހަދިޔާކުރި ހެދުންތަކެކެވެ. ދިލްނަޝީން ރިދާގާތު ބުނިހާވެސް ވާހަކަޔަކީ ، މާދަމާ ޕާޓީއަކަށް ދާން އޮތްވާހަކައެވެ. އެވާހަކަޔަކީ ، ހަމަ އެއްވާހަކައެއްކަމަށް އަނިސާއަށް ޤަބޫލުކުރެވުނެވެ. އެއްޗެއްދޭށޭ މީހެއްގެ ގާތުގައި ބުނެވޭނެ އެތައް ގޮތެއް ހުންނާނެއެވެ. ދިލްނަޝީނަށް ރިދާގާތު އެބުނެވުނީ ހެދުންކޮޅެއް ދޭށޭ އެވެ. ރިދާ މިއަދު އެކުރި ކަމަކީ ، މުއްސަނދި މަހުޖަނުން ، ނިކަމެތި ފަޤީރުން އަޅުވެތިކުރުމަށް އެންމެ ފުރަތަމަވެސް ކުރާނެކަންތަކެވެ.

މަންމަ ހަމަޖައްސައިލާނެ އެއްވެސް ގޮތެއް ، ދިލްނަޝީނަކަށް ނުފެނުނެވެ. އޭނާ ބަނޑުހައިވެފަހުރި ވާހަކަ ބުނެފިނަމަ އެކަން ހަމަޖެހޭނެކަމަށް ބަލާފައި ، އެވާހަކަ މަންމަގާތު ބުންޏެވެ. އެކަމަކު ، އެކަމެއްވެސް ނުވިއެވެ. އެގެއިން ކާއެއްޗެއް ދޭށެކޭ ނުބުނަންތޯ އަނީސާ ސުއާލު ކުރިއެވެ. ދިލްނަޝީނު ނުކައި އެގެއިން ނާންނާނެކަން އަނީސާއަށް އެނގެއެވެ. އެއީ ދުވަހަކުވެސް ވެފައޮތްކަމެއްނޫނެވެ. ދިލްނަޝީން ނުބުންޏަސް ، އޭނާއަށް ކާންނުދީ އެމީހުން ފޮނުވައިނުލާނެކަން އަނީސާއަށް އެނގެއެވެ.

ރިދާމެންފަދަ މުއްސަނދި ރައްޓެހިން ހޯދައިގެން ، އިރުއިރުކޮޅުން އެމީހުންއަތުން އެއްޗެތި އަތުލައިގެން ، ދިލްނަޝީނު އައުމަކީ އަނީސާގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. އެއްފުރައިގެ ދެކުދިންވީމަ ، ރިދާއާ ރައްޓެހިކަން ކަނޑައިލަން ބުނުމަކީވެސް އެހާ މުނާސަބު ކަމަކަށް ނުވާނެއެވެ. ޔުނިވަރސިޓީގައި ކިޔަވަމުން ގެންދަނީވެސް އެއްކްލާހެއްގައެވެ. ދިލްނަޝީންގެ ޅަ ޢުމުރުގައި ، އެފުރައިގެ އެހެން ކުދިންނެކޭ އެއްގޮތަށް ، ދިލްނަޝީންވެސް ބޭނުންވާނެ އެތައް ކަމެއް ހުންނާނެއެވެ. ބޭނުންވާނެ އެތައް އެއްޗެއް ހުންނާނެއެވެ. އެއިން އެއްވެސް ކަމަކީ ، އަނީސާއަށް ފުރިހަމަކޮށްދެވެން އޮތް ކަންކަމެއްނޫނެވެ. އެކަންކަން ފުރިހަމަވަމުން އެދަނީ ރިދާއާ ، ދިލްނަޝީނާ ދެމެދު އޮންނަ ގާތް ރައްޓެހިކަމެއްގެ ސަބަބުންނެވެ. އެކަމާމެދު ވިސްނައިލަން އަނީސާއަށް އެތައް އިރަކު އިނދެވުނެވެ. މަޖުބޫރީ ޙާލަތެއްގައި ނަމަވެސް ، އަނީސާމެންގެ ފަޤީރު ޙާލަތުގެ ސަބަބުން ދިލްނަޝީނަށް އުނިވާކަންކަން ، ފުރިހަމަވަމުން އެދަނީ ރިދާގެ ސަބަބުންނެވެ. ކިތަންމެ ބޭނުން ނުވިޔަސް ، އެކަމުގައި އަނީސާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ.

 

ހައިދަރަކީ ، ލޯބީގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ ، މުއްސަނދި މަހުޖަނެކެވެ. ހައިދަރާއި މެހެމަލްއާ ދެމީހުންގެ އެންމެ ޒުވާން ޢުމުރު ހޭދަކޮށްފައިވަނީ ، ލޯބީގެ މާބަގީޗާ ތަކުގައެވެ. އެ ބަގީޗާއަށް ހޫނުމޫސުން އައިސް ގަސްތައް މިލާ މޯޅިވެ ،ގަސްތައް ނެތިދިޔައީ ކުއްލިޔަކަށް ނޫނެވެ. އެއީ އެތައް ދުވަހަކުން ކުރިމަތިވި ކާރިސާއެކެވެ. މާމަލުގެ ފިޔަތައް އެއްފިޔައަށްފަހު އަނެއް ފިޔައެއް ނެއްޓި ، މަލަކަށްފަހު މަލެއް ވެއްޓިދިޔައީ ، ހައިދަރާއި މެހެމަލްގެ ގުޅުން އެއޮތްގޮތަކަށް އޮއްވައި ، އެދެމީހުންގެ ކުރިމަތީގައެވެ. ހައިދަރުގެ ވިޔަފާރިއަށް ، އޭނާއަށް މާބޮޑަށް ސަމާލުކަން ދެވި ، ކައިވެންޏަށް ވިސްނައިލާނެ ވަގުތެއް ނެތުމުގެ ނަތީޖާ ، އެހާ ހިތިވެދާނެކަމަށް ، ހައިދަރަށް ވިސްނައި ނުލެވުނީއެވެ. އޭނާ ހީކުރިވަރަށްވުރެ އެ ތަޖުރިބާ ހިއްޗެވެ. މެހެމަލްގެ މައިންބަފައިންނަށް އެއީ މައްސަލަޔަކަށް ވެ ، އެންމެފަހުން ، އެހެންމީހަކާ މެހެމަލް ދެވަން މަޖުބޫރުވީއެވެ. ކައިވެންޏަކީވެސް ވަކި ޢުމުރަކަށް ފައްތަންޖެހޭ ގުޅުމެކެވެ. ވަގުތު ފާއިތުވާފަހުން ، އެކަން ކުރަން އުޅެވިއްޖެނަމަ ، ބޭނުންވާ ނަތީޖާ އެންމެ ފުރިހަމައެއް ނުވާނެއެވެ. ޒުވާން ޢުމުރުން ކައިވެނި ކަޓައިފިނަމަ ، މީހަކާ ނީނދެ ހުންނަންވެސް ޖެހިދާނެއެވެ.

ހައިދަރުގެ މައްސަލަޔަކީ އެއީއެވެ. މެހެމަލްގެ ލޯބި ހިތުން ފިލުވައިލުމަކީ ، އޭނާއަށް ކުރެވިދާނެކަމެއްނޫނެވެ. މެހެމަލް އެހެންމީހަކާ އިނަސް ، ހައިދަރު އެހެންމީހަކާ އިންނާކަށް ބޭނުމެއްނޫނެވެ. އޭނާގެ އަތުގައި މުދަލާއި ފައިސާ އެބަހުށްޓެވެ. އެހުރިހާ މުއްސަނދިކަމަކާއެކީ ، ޙަޔާތުގެ ބައިވެރިޔަކު ނެތިއްޖެނަމަ ، އެއީ ބޭކާރު އެއްޗެކެވެ. ހައިދަރުގެ ޙަޔާތަށް އުނިވާ ހަމައެކަނި އެއްޗަކީ އެއީއެވެ.

ހައިދަރުގެ މަންމަ ، ކުލްސޫމުގެ ޢުމުރުގައި މާގިނަދުވަހެއް ދެން ނެތްކަން ކުލްސޫމަށް އިޙްސާސް ކުރެވެއެވެ. ކުލްސޫމުގެ އެދުމަކީ ، އޭނާ ދުނިޔެއަޅައިދާ ދުވަހެއް އަންނައިރު ޅީދަރިއަކު އޭނާއާއެކީގައި ހުރުމެވެ. ރީތި އެތައް އަންހެންކުދިންނެއްގެ ފޮޓޯ ، ހައިދަރަށް މިހާރު ދައްކައިފިއެވެ. އެއިން އެއްވެސް ކުއްޖެއްގައި ހައިދަރު އަޅައިގަންނަ ގޮތެއް ނުވިއެވެ. ހައިދަރުގެ ރައްޓެހިން ލައްވާވެސް ، ހައިދަރު ހައްލައިލައިގެން ، އަންހެންކުއްޖެއްގެ އަވާގައި ޖެއްސޭތޯ މަސައްކަތް ކޮށްފިއެވެ. އެއްވެސްވަރެއްގެ ކާމިޔާބީއެއް ނުލިބުނެވެ.

މެހެމަލްއަށް އަންސަރާ ކައިވެނިކުރަން ޖެހުނީ ކުއްލިޔަކަށެވެ. އެއީ ، މެހެމަލްގެ މަންމައާއި ބައްޕަ ހޯދި ފިރިހެނެކެވެ. މުއްސަންޖެކެވެ. މެހެމަލްއަށްވުރެ ޢުމުރުން ދޮށިނަމަވެސް ، އެއީ މެހެމަލްއަށް މައްސަލައެއްނޫނެވެ. މެހެމަލްގެ މައްސަލަޔަކަށްވަނީ ، އަންސަރަކީވެސް ، އޭނާ ނުހަނު ލޯބިވާ އަންހެންކުއްޖަކާ ރައްޓެހިވެގެން އުޅެނިކޮށް އޭނާއަށް ލިބުނު މީހަކަށްވުމެވެ. އަންސަރަކީ ހުހަށްހުރި މީހެއްނޫނެވެ. އެކައިވެންޏަށް ، އަންސަރު އެހާ ހިތްހަމައެއް ނުޖެހެވެ. އެހެނަސް ، މައިންބަފައިންގެ އެދުން އެމީހުންގެ ބޮލާލައި ނުޖަހަންވެގެން މެހެމަލްއާ ކައިވެނި ކުރީއެވެ. މަޖުބޫރުވެގެންނެވެ. ދެމީހުންގެ ހިތާދެކޮޅަށް ، މަޖުބޫރުވެގެންކުރެވުނު ކައިވެންޏަކުން އުފަންވާނެ ހުރިހާ މައްސަލަޔަކާއި ތަކުލީފެއް ، އެދެމީހުންވެސް ދަނީ ތަޙައްމަލު ކުރަމުންނެވެ. އެކައިވެނި ދެމެހެއްޓޭތޯ މެހެމަލް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނަސް ، އެއީ އަންސަރަށް އެހާ މުހިންމުކަމެއްނޫނެވެ. އެންމެ ދެރަވެގެން ، މެހެމަލްގެ އުފަންދުވަސްވެސް އަންސަރު ހަނދާނެއް ނުހުރެއެވެ. އެދުވަސް ، އަންސަރަށް ހަނދާންކޮށްދެނީވެސް ، އަންސަރުގެ ކުރީގެ ލޯބިވެރިޔާއެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. މެހެމަލްގެ ކުރިމަތީގައިވެސް ، ހީސަމާސާކޮށް ލޯބީގެ ވާހަކަތައްވެސް ، ޢާފިޔާއަށް ފޯނުކޮށްގެން ހައިދަރު ދައްކައެވެ. މެހެމަލްއަށް އަންސަރުގެ ލޯބިނުލިބޭނެކަމަށް ، އެތައްފަހަރަކު އަންސަރު ބުނެފައި ވެއެވެ. މަޖުބޫރަކުން ކުރެވުނު ކައިވެންޏަށް ، ހައިދަރާއި އަންސަރަށް ، ލޯބިލޯބި އަންހެންކުއްޖަކު ލިބިފައި ވެއެވެ. އެކަމަކު ، އެދެމީހުންގެ ގުޅުމުގައި އަޅާފައިވާ ރެނދުން އެކުއްޖާފުޅުވެސް ހުންނަނީ ދެމީހުންނާވެސް އެހާ ދުރުގައެވެ. ބޮޑު މުސާރަދީފައި ގެންގުޅޭމީހަކު ގެނެސް އެކުއްޖާފުޅުގެ ކަންކަން ބަލަހައްޓަން ބަހައްޓައިފާ ހުއްޓަސް ، ޚުދު މެހެމަލްވެސް އޭނާގެ ދަރިފުޅާ އެހާ ގާތެއްނޫނެވެ.

އަންސަރަކީ ، އަންހެނުން ހިތިމީހެކެވެ. ދޭތެރެ ދޭތެރެއިން ، ކޮންމެވެސް އާ ކުއްޖަކާ ވާހަކަ ދައްކާނެއެވެ. އެއީ މެހެމަލްއަށް ބަރުދާސްތު ކުރެވޭފަދަ ކަމެއްނޫނެވެ. އެހެނަސް ، އަންސަރާއެކީ ފެށި ދިރިއުޅުމަކީ ، މެހެމަލްގެ ރުހުމާއެކީ ފެށި ދިރިއުޅުމެކެވެ. މައިންބަފައިންގެ ޙައްޤުގައެވެ. މެހެމަލް އޭނާއާ ދެވަން ، އަންސަރުގެ ބައްޕައާއި މަންމަ ނިންމުމާއެކީ ، މެހެމަލްގާތަށް ، އަންސަރު ދިޔައެވެ. އަދި ، އެކައިވެންޏަށް އެއްބަސްނުވުމަށް އަންސަރު އެދުނެވެ. ސަބަބަކީ ، މެހެމަލްއާމެދު ، އޭނާގެ ހިތުގައި އެއްވެސް ޝަޢުޤުވެރިކަމެއް ނެތުމެވެ.

ކައިވެނި ކުރެވުނީ ދެމީހުންގެވެސް އާނބަހާއެކީގައެވެ. އެކަކުގެ ހިތުގައިވެސް އެކައިވެންޏާމެދު ހިތްހަމަޖެހުމެއް ނެތެވެ. އަމާބުނީތީ ދެމީހުންވެސް ފަރަށް ދިޔައީއެވެ. ކައިވެންޏަށްފަހުވެސް ، އެދެމީހުންގެ ގުޅުން ރަނގަޅެއް ނުވިއެވެ. މެހެމަލްގެ ހިތުގައި އުފެދެމުންދިޔަ ތަކުލީފުތަކަށް ކެތްކުރަން އުނދަގޫ ދުވަސްތައްވެސް ދިޔައެވެ. އެހެނަސް ، އެދުވަސްތައް އަނބުރާ ގެނެސް ، އޭނާގެ ހިތަށް އުނދަގޫކުރާކަށް މެހެމަލް ބޭނުމެއްނޫނެވެ. ބޮޑެތި ކަންތައްވާނީ ލަހުންނެވެ. ގެއްލުމާވެސް ކުރިމަތިލައިގެންނެވެ. ކޮންމެފަދަ ގެއްލުމެއް ލިބުނަސް ، މެހެމަލް މިހާރު އެހުރީ ، އެ ގޮންޖެހުމަށް ތައްޔާރުގައެވެ. އޭނާގެ ދަތުރު ނިންމާނީ ، އަންސަރުގެ ހިތް ، އޭނާގެމައްޗަށް ލަންބުވާފައި ކަމަށް މެހެމަލް އެހުރީ ނިންމައިގެންނެވެ.

އަންސަރު ފަހަތުން ، އޭނާގެ ހިތްހޯދަން ދުވެދުވެ ، ވަރުބަލިވެދާނެކަމެއް މެހެމަލްއަކަށް ނޭނގެއެވެ. މެހެމަލްއަކީ ، އަންސަރުގެ ދަރިއެއްގެ މަންމައެވެ. އެއީ ، އަންސަރުގެ ހިތުގައި މެހެމަލްގެ މައްޗަށް ހަމްދަރުދީ އުފެދެންޖެހޭ ސަބަބެއް ނޫނެވެ. އަންސަރުގެ މުއްސަނދި ދިރިއުޅުމަކީ ، ހުރިހާކަމެއްގެ ބަދަލުގައި ، ހުރިހާ ޤުރުބާނީއަކަށް ދެވޭ އިނާމެކެވެ. އަތްމަތި ތަނަވަހެވެ. ގަނޑުވަރެއްފަދަ ބޮޑު އަދި އެހާމެ ރީތިގެޔެއް އެބަހުށްޓެވެ. މެހެމަލްގެ ޤުރުބާނީއަށް ޙައްޤު އިނާމަކީ އެއީއެވެ. އެހެނަސް ، މެހެމަލް ބޭނުންވާ އިނާމަކީ އެއީއެއްނޫނެވެ. މެހެމަލް ބޭނުންވަނީ ، އަންސަރުގެ ލޯތްބެވެ. އެއީ ، އަންސަރުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްޗެއް ނޫނެވެ. އެއީ މެހެމަލްއަށް ނުލިބޭނެ އެއްޗެއްކަން މެހެމަލްގާތުގައި ، ކިތަންމެ ފަހަރަކު އަންސަރު ބުނެފިއެވެ.

 

ހައިދަރުގެ މަންމަ ، ކުލްސޫމަކީ ލޭމައްޗަށްދާ މީހެކެވެ. ކުލްސޫމުގެ އަންހެންދަރިފުޅު ސާރާއަށް ގެޔަށް އާދެވުނުއިރު ، މަންމަ އޮތީ އެނދުމައްޗަށް  ވެއްޓިފައެވެ. ޑޮކްޓަރަށް ފޯނުކޮށްގެން ގެނެސް ފަރުވާދެމުން ގެންދަނިކޮށް ، ނަސީބަކުން ހޭއަރައިފިއެވެ. ކުލްސޫމުގެ މައްސަލަޔަކީ ކަންބޮޑުވުމެވެ. އެކަން އެގޮތަށް ނުކުރުމަށް ޑޮކްޓަރ ލަފާދިނެވެ. ޑޮކްޓަރ ޝާހިދަކީ ހައިދަރުގެ ގާތް ރައްޓެއްސަކަށްވާތީ ، ކުލްސޫމަށް ފަރުވާދިނުމުގައި އެއްވެސް ވަރަކަށް ، ޝާހިދު ފަރުވާކުޑަކޮށެއް ނުލައެވެ.

" ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ، ކަންބޮޑުވާންޖެހޭ ކަމެއް ނެތެވެ. އަހަރެން ދެރަވާ ކަންތައް ޝާހިދަށްވެސް އެނގޭނެއެވެ. ޝާހިދަކީ ، ހައިދަރުގެ ރައްޓެއްސެއް ނޫންހެއްޔެވެ ؟ އޭނާއާ ވާހަކަ ދައްކައިގެން ހައިދަރު މީހަކާ ދެވުމަށް މަސައްކަތް ކޮށްދީ ބަލާށެވެ ! " ކުލްސޫމް ބުންޏެވެ.

ހައިދަރު މީހަކާ ދެވަން ، އޭނާގެ ރަޙުމަތްތެރިޔާ ، ޑޮކްޓަރ ޝާހިދަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އެއަށްވުރެ ހައިދަރުގެ ބޯހަރެވެ. ހައިދަރުގެ ކޮއްކޮވެސް ، ޝާހިދުގެ ކިބައިން އެކަމަށް އެދުނެވެ. މެހެމަލް މިހާރު އެހުންނަނީ ، މީހަކާ އިނދެގެން ދިރިއުޅުމެއް ފަށައިގެންނެވެ. ހައިދަރު އަދިވެސް އެ ހުންނަނީ ، ހިތް ހަރުކޮށް ، އެހިތަށް އަނިޔާދެމުން ، އަންހެންކުއްޖަކާ ދިމާލަށް ބަލައިވެސް ނުލައެވެ. މެހެމަލް ހަނދާން ނައްތައިލެވޭނެ އެއްވެސް ކަމެއް ހައިދަރަކަށް އަދި ދިމަލެއް ނުވެއެވެ.

ކުލްސޫމަށް ފަރުވާ ދިނުމަށްފަހު ، ޝާހިދު ނުކުމެގެންދަނިކޮށް ، ހައިދަރާ ދިމާވިއެވެ. ހައިދަރު ހުސްހަށިބަޔަށް ހުންނަ ވާހަކައިން ފެށިގެން ، އޭނާގެ މުއްސަނދިކަމުގެ މަޤްޞަދާހަމަޔަށް އެދެމީހުންގެ ބަހުސް ދިޔައެވެ. ހުސްހަށިބަޔަށް ހުރެ ، އެހުރިހާ މުދަލެއް އެއްކުރަނީ ، ކަށްވަޅަށް ގެންދަންތޯބުނެ ސަމާސާކޮށް އެދެ ރައްޓެހިންގެ މެދުގައި އެކަމާބެހޭ އެތައް ވާހަކައެއް ދެކެވުނެވެ. އެންމެފަހުން ، ޑޮކްޓަރ ޝާހިދު އެބުނި ވާހަކަޔަކަށް ހައިދަރުގެ ވިސްނުން ހުށްޓުނެވެ.

" ގަޔާވާ އަންހެންކުއްޖަކާ ދިމާވެއްޖިއްޔާ ، އެކަން ނުކޮށް ނުހުންނާށެވެ. ދުނިޔޭގައި ދެމަފިރިންގެ ގޮތުގައި މިއުޅޭ ކޮންމެ ދެމީހަކީ ، ލޯބިވެގެން އިނދެގެންއުޅޭމީހުންނަކަށް ނުވާނެއެވެ. ލޯބި ގެއްލި ، އެލޯތްބާ ވަކިވެ ، އެހެންމީހަކާ އިނދެގެން އުޅޭ އެތައްބަޔަކު އެބަ އުޅެއެވެ. ހައިދަރަށްވެސް އޮތްގޮތަކީ އެއީއެވެ. ތިހެންހުރެ ޒުވާންކަމުން ބާކީއޮތް ތަންކޮޅު ބޭކާރު ކޮށްނުލާށެވެ. " އެގެއިން ނުކުމެގެން ދަމުން ޝާހިދު ބުނެލިއެވެ.

މަންމަގާތަށް ދިޔައިމަވެސް ހައިދަރަށް ކުރިމަތިލާންޖެހުނީ ހަމަ އެ ޝަކުވާތަކާއެވެ. އެންމެންވެގެން ، އެކަމުގައި ހައިދަރާ ދެކޮޅަށް އެއޮތީ ޓީމެއް އުފައްދާފައެވެ. މެހެމަލް ކިޔާ އަންހެންކުއްޖެއްގެ ހަނދާންތަކުގައި ، މަންމައާއި ކޮއްކޮ އަދި ތިމާގެ އެންމެންގެ މަތިން ހައިދަރު އެހުރީ ހަނދާން ނައްތައިލައިގެންނެވެ. އޭގެއިތުރަށް ، އޭނާގެ އަމިއްލަ އެކަނިވެރިކަންވެސް ހައިދަރު އެހުންނަނީ ހަނދާން ނައްތައިލައިގެންނެވެ.

އެންމެފަހުން ، ހައިދަރަށް ކުލްސޫމް ހޯދައިދިން އަފްޝޫނަކީވެސް ، ރަނގަޅު ޚާންދާނެއްގެ ރީތި ނަލަ ، އެހާމެ ލޯބި އަންހެން ކުއްޖެކެވެ. އެކަމާ ހައިދަރަށް ނޫޅެވިގެންގޮސް ، އެކުއްޖާވެސް މިހާރު މީހަކާ އިނދެފިއެވެ. މަންމަގެ  ލޭމައްޗަށް މިއަދު އެދިޔައީ ، ސާރާގެ ފަހަރީގެ ކައިވެނީގެ ރަސްމިއްޔާތަށް ދާން ހަދައިގެންކަން ހައިދަރަށް އެނގުނެވެ.

 

ގޭތެރެއިން ހިތަށް އުނދަގޫވި އެތައްކަމަކާއެކު ، ހައިދަރުގެ މަންމައަށް ޒިޔާރަތްކޮށްލުމަށް މެހެމަލް ނިންމިއެވެ. މެހެމަލްއަށް އެގެޔަށް އާދެވުނުއިރު ، ހައިދަރުގެ މަންމަ ، ހައިދަރުގެ ކައިވެންޏާބެހޭ ޝަކުވާތައް ކުރަމުން ގެންދިޔައެވެ. އެވާހަކަތައް އަޑުއަހައިލުމަށްޓަކައި ، އިރުކޮޅެއް ވަންދެން ، ދޮރުކައިރީ ބޭރުގައި މެހެމަލް މަޑުކޮށްލިއެވެ.  މެހެމަލްގެ ވާހަކަވެސް އޭގެތެރޭގައި އާދެއެވެ.

ހައިދަރުގެ މަންމަގެ މައްސަލަޔަކީ ، ކައިވެނީގެ ޢުމުރު ކަޓައިގެންދާއިރުވެސް ، ކައިވެންޏަކަށް ހައިދަރު އެއްބަސް ނުވުމެވެ. އެގެޔަށް ދެން ، މެހެމަލް އައިއްސިއްޔާ ވަގުތުން ބޭރުކުރާނެކަމަށް ، ހައިދަރުގެ މަންމަ ބުނިއަޑު މެހެމަލްއަށް އިވުނެވެ. ހައިދަރާ ގުޅުމަށް މެހެމަލް އިންކާރުކުރާއިރުވެސް ، މެހެމަލް އެގެޔަށް އައުން ހައިދަރު މަނާނުކުރާތީ ، ކުލްސޫމް ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އެއީ ، މެހެމަލް އެގެޔަށް އައިމަ ، ހައިދަރަށްކުރާ އަސަރު ބަލައިލުމަށްކަމަށްވެސް ވެދާނެއެވެ. ހައިދަރުގެ ހިތް އިތުރަށް ތަޅުވައިލުމަކީ ، މެހެމަލްގެ ބޭނުމަކަށް ވުން ވަރަށްގާތެވެ. މެހެމަލް އެގެޔަށް އެއަންނަނީ ، ހައިދަރުގެ ހިތުން މެހެމަލް ފިލައިގެން ހިނގައިދާނެތީ ، އެކަމަށް ހުރަސްއަޅައި ، ހައިދަރުގެ ހިތަށް އަނިޔާ ދިނުމަށްކަމަށް ކުލްސޫމް ޤަބޫލު ކުރެއެވެ.  އެކަމަކުވެސް ، ދޭތެރެޔަކުން މެހެމަލް ،  އެގެޔަށް އެބަ އާދެއެވެ. މެހެމަލް އެގެޔަށް އައުމަކީ ، އެއްގޮތަކަށްވެސް ކުލްސޫމް އެދޭކަމެއް ނޫނެވެ. މެހެމަލް އެގެޔަށް ނުވައްދައިފިއްޔާ ، ބޭރުންވެސް އެދެމީހުންނަށް ބައްދަލު ކުރެވިދާނެކަން ، ކުލްސޫމުގެ ވިސްނުމަކަށް ނާދެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.