ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާހޯދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެގޮތުން، ކޮރަޕްޝަންގެ ޢަމަލު ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ހަޤީޤީ އިޚްލާސްތެރި ގޮތެއްގައި ބަލައި އެ އެސެޓްތައް ރިކަވަރ ކުރެވެންޖެހޭކަމުގައެވެ. އަދި އެކަމަށްޓަކައި އެސެޓް ރިކަވަރީ ޤާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ފާހަގަކުރެއްވިއެވެ.
މިހުރިހާ ކަމަކުން ރާއްޖޭގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރެވި، އެކަމުގެ އުފާ ފާގަތިކަން ރައްޔިތުންނަށް ލިބޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޤައުމަށް ތަކާވަރަށް ނުވަތަ މި ޤައުމަށް ހެޔޮވަރުވަރަށް ޤައުމުގެ ނިޒާމު ބައްޓަންކުރަންޖެހޭކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ދުސްތޫރީ ނިޒާމް ބައްޓަންވެފައި އޮންނަގޮތުން ވަރަށް ގިނަ އިންތިޚާބުތައް ރާއްޖޭގައި އޮންނަކަމަށެވެ. އަދި އިންތިޚާބުތަކަކީ ޚަރަދު ބޮޑުކަމެއްކަމުގައި ފާހަގަކުރައްވައި، އެކަން ރައްޔިތުންނަށް އެންމެ ފައިދާހުރި، ފަސޭހަ، އަދި އެންމެ ދެކޮޅުޖެހޭނެ ގޮތެއްގައި ޒިންމާދާރުކޮށް ކުރިއަށް ގެންދެވޭނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ކުރިއަށް ގެންދިއުމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެކުގައި ބޭއްވުމުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމުގައި ވިދާޅުވެ، އެކަން ކުރުމަށްޓަކައި ޤާނޫނަށް ގެންނަށްޖެހޭ އިސްލާޙުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނު ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި މުޅި ޤައުމުގެ ކަންކަން ހިންގުމަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހޮވަނީ އެންމެ މީހެއް ކަމަށެވެ.
އެހެންކަމުން ރަށެއްގެ ރައްޔިތުންގެ ކަންކަން ހުށަހެޅުމަށްވެސް ކައުންސިލްތަކުގައި މާގިނަ މީހުން ތިބުމަކީ ވަރަށް ޚަރަދު ބޮޑުކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ފަރާތުން ކަންކަން ހުށަހެޅުމަށް ކައުންސިލްގެ ރައީސްއަކާއި ނައިބު ރައީސްއެއް ތިބުމުން އާބާދީގެ ގޮތުން ކުޑަ ރަށްތަކަށް ފުދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު އާބާދީ ގޮތުން އެއަށް ވުރެ ބޮޑު ރަށްރަށަށާއި ސިޓީ ކައުންސިލް ތަކަށް އެއަށްވުރެ ގިނަ މެންބަރުން ހަމަޖެއްސުމުން ރައްޔިތުންގެ ވިންދާއި އެންމެ ގުޅޭ އެކަށީގެންވާ އަދި ސައިޒުންވެސް އެންމެ ރަނގަޅު މިންވަރަކަށް ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލްތަކަށް މި އިސްލާހު ގެނައުމަށްވެސް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުންވެސް އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެކަމުގައި ފާހަގަކުރައްވައި އެ ފައިސާއިން ރައްޔިތުންނަށް ހަޤީޤީ މާނާގައި ތަރައްޤީގެނައުމަށް މަގުފަހިކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލް އުފައްދާ ގޮތްވެސް ބަދަލުކޮށް އެކަންވެސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކުރުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.