އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމުގެ ޕްރޮގްރާމެއް ކުޑަފަރީގަ

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން، ނ. ކުޑަފަރީ ސްކޫލު މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެންޓަރާއި ނ. ކުޑަފަރީ ޕޮލިސް ޕޯސްޓު ގުޅިގެން ޖޫން 30 އިން ޖުލައި 1 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ފުރާވަރު ކުދިންނަށް އަމާޒުކޮށް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވެތިބުމަށް މަސައްކަތްކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުގައި އާންމުކޮށްގެން ނުވާނެ މައުލޫމާތަކީ ކޮބައިކަން ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ގަނާކުރުމާއި އެކަމުގެ ޝިކާރައަށްވާ މީހުންނަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ އިތުރުން އެފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

ބެލެނިވެރިންނާއި ސްކޫލު މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގައި ބޭނުންކުރަމުން ގެންދާ އެންމެ ފަހުގެ އުކުޅުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާނުކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން، ދަރިން ގެންގުޅޭ މޮބައިލްފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރ ކުރެވޭނެގޮތްތައް ވެސް ކިޔައިދީފައިވެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދީފައިވަނީ ސައިބަރ ސެންޓަރުގެ ފުލުހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.