ފަލްސަފާ (104)

( 2 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

އެންމެ ފަހު ވަގުތުގައިނަމަވެސް ، މުރުތަޟާގެ ޙާލަތު ތަހުނިޔާއަށް އިޙްސާސްވީތީ ، ﷲ އަށް ޙަމްދު ކުރިއެވެ. އެ އެއްބާރުލުން ، ތަހުނިޔާގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ލިބޭނެ ދުވަހަކަށް ، މުރުތަޟާ އިންތިޒާރު ކުރަމުން ގެންދާތާ އެތައް ދުވަހެކެވެ. އެންމެފަހުން ، އެ މަޤްޞަދު އެ ޙާޞިލްވީ ، އެކަމަށް އެންމެ ބޭނުންވެފައި އޮތް ނާޒުކު ދަނޑިވަޅެއްގައެވެ.

 

ކުއްލިގޮތަކަށް ކަރާޗީއަށް އަންނަންޖެހިގެން ، ހާރިސް އައުމުން ރައިދާއަށްވެސް ޙައިރާންކަމެއް ލިބުނެވެ. ނޫރުއަށްވެސް ބޭބެ ފެނުމާއެކު ، ހިތުގެ ތަކުލީފުތައް ލުއިވެގެން ދިޔައެވެ. ތިންމީހުން ވާހަކަ ދައްކަމުންގޮސް ، ނޫރު މިހާރު ވަކިގޮތެއް ނިންމައިފިންތޯ ހާރިސް ސުއާލު ކުރިއެވެ. މިހާރު އެއީ ނޫރު ނިންމައިގެންހުރިގޮތް ، އެންމެންގާތު ބުނަންޖެހޭ ވަގުތުކަމަށް ނޫރުއަށް ފެނުނެވެ.

އިޙްސާނާއި އޭނާގެ ސެކްރެޓަރީ ގޭތެރޭގައި މަސައްކަތެއްކުރަން ތިއްބާ ، ނޫރު އެގެޔަށް ދިޔައެވެ. ނޫރު ވަނުމާއެކު ، އިޙްސާން އޭނާގެ ސެކްރެޓަރީ ފޮނުވައިލިއެވެ. އަދި ، ނޫރުއަށް ގޮވާލައި ، އިށީނުމަށް ބުންޏެވެ. ނޫރު އެގޭތެރެއިން ފެނުނީމާ ، އިޙްސާންގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުށްޓެވެ. ނޫރު އެގެޔަށް އައުމުގެ މާނަޔަކީ ، އެދެމީހުންގެ މެދުގައި އޮތް ހިތާހިތުގެގުޅުން އަދިވެސް އޮތްގޮތަށް އޮތީކަމަށް އިޙްސާނަށް ޤަބޫލު ކުރެވުނެވެ. އިތުބާރެއްނެތް ގުޅުމެއްގައި ، ހިތާހިތުގެ ޖަޒުބާތެއް ނޯންނާނެކަމުގައި ނޫރު ބުންޏެވެ. އިޙްސާންގެ ހިތުގައި ނޫރުގެ މައްޗަށް އޮތް އިތުބާރު އޮތީ ގެއްލިފައެވެ. އެހެނަސް ، އިޙްސާންގެ ހިތް ، އަދިވެސް ނޫރުއަށް އެދެއެވެ. އިތުބާރު އުފެއްދުމަށްޓަކައި ، ނޫރުގެ ކިބައިން އިޙްސާން އެދުނީ ކުޑަމިންވަރެއްކަމުގައި އިޙްސާން ބުންޏެވެ. ނޫރުދޭން އޮތީ ހަމަ އެއް ޖަވާބެކެވެ.

" އަހަރެންގެ ކުރިއެރުން ހުއްޓުވައި ، ތަޞައްވުރު ކިލަނބުކޮށް ، ގޭގައި ބަންދުކޮށް ހެދުމަށްފަހު ތިޔަބުނަނީ ، އަހަރެންނަށް މިނިވަންކަން ލިބިގެންވާ ވާހަކަ ހެއްޔެވެ ؟ އެއީ ، ކޮންކަހަލަ މިނިވަންކަމެއް ހެއްޔެވެ ؟ އިޙްސާންގެ ޙަޔާތުގެ އެހާބޮޑު ޙަޤީޤަތެއް ސިއްރުކޮށްގެންހުރެ ، އަހަރެންނާ ކައިވެނި ކުރުމަށްފަހު ، ތިޔަބުނަނީ ކޮން އިތުބާރެއްގެ ވާހަކަ ހެއްޔެވެ ؟ އަހަރެންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށްފަހު ، ތިޔަ އެދެނީ އިޙްސާންގެ ބަންދެއްގައި އަހަރެން ހުންނަން ހެއްޔެވެ ؟ ޝުކުރިއްޔާއެވެ ! އިޙްސާން އެވެ ! އެއީ އަހަރެންގެ މަންޒިލެއް ނޫނެވެ. " ނުރު ބުންޏެވެ.

އެހެންކަމަށް ވަންޏާ ، ނޫރުގެ މަންޒިލަކީ ކޮބައިތޯ އިޙްސާން ސުއާލު ކުރިއެވެ. ހުރިހާ އެއްޗެއް ނޫރުގެ ކުރިމަތީގައި އެހެރީއެވެ. މަދުވާޏެ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. ފައިސާ އާއި މުދަލުގެ ސުމާރެއް ނެތެވެ. އަންހެނަކު ، އޭނާގެ މުއްސަނދި  ގެ ދޫކޮށްފައި ، މަސައްކަތުގެ މާޙައުލަށް ނުކުންނަންވީ ކީއްކުރަން ހެއްޔެވެ. ފައިސާއަށް ޓަކައިކަމަށް އިޙްސާން ބުންޏެވެ. އެ ފައިސާ ނޫރުއަށް މަދެއް ނުވާނެއެވެ. އުފަލާއި އަރާމުގެ ކޮޅެއް ނެތެވެ. އިނގިއްޔަކަށް ނޯކަރަކު އެބަހުށްޓެވެ. ޖަވާހިރާއި ގަހަނާއާއި ، ހިތްއެދޭފަދަ ފިރިއަކު އެބަހުށްޓެވެ. އެހުރިހާ އެއްޗެއް ނޫރުއަށް އެއޮތީ ތަނަވަސް ވެފައެވެ. މަދީ ހަމަ އެންމެ އެންމެ އެއްޗެކެވެ. މުރުތަޟާ ޙަސަނެވެ.

އިޙްސާނަށް މިހާރު އެ އަރައިގަނެވެނީ ، އޭނާގެ އަބުރާއި ޢިއްޒަތަށްކަމުގައި ނޫރު ބުންޏެވެ. ކޮންމެ އެއްޗެކޭ އިޙްސާން ބުންޏަށް ނޫރުއަކަށް ތަފާތެއް ނެތެވެ. އިޙްސާން އޭނާއަށް އިތުރަށް ދޭނެ ތަކުލީފެއް ނެތެވެ. ޞަދަޤާތެއްގެ ގޮތުގައި ނޫރުއަށް ދޭން އިޙްސާން ބޭނުންވާ ހުރިހާ އެއްޗެއް ، އޭނާ އެހުރީ އަނބުރާ އިޙްސާނަށް ދޭ ގޮތަށެވެ. އިޙްސާންގެ އެއްވެސް އެއްޗެއް ނޫރު ، ބޭނުމެއްނޫނެވެ.

" މިއަދު ، މިގެޔަށް އަހަރެން އައިސް މިއިނީ އަހަރެންގެ ޙައްޤު ހޯދާށެވެ. " ނޫރު ބުންޏެވެ.

ނޫރު އެދައްކަނީ ކޮން ޙައްޤެއްގެ ވާހަކައެއްކަން ސާފުކުރުމަށް ، އިޙްސާން ބޭނުންވިއެވެ. ނޫރު ، ހޯދަން އެއައީ އޭނާކުރި ބުރަ މަސައްކަތުގެ ޙައްޤުކަމުގައި ނޫރު ބުންޏެވެ. އެއީ ، ދެމީހުން ބައިވެރިވެގެން ފެށި ވިޔަފާރީގައި ، ނޫރުއަށް ޙައްޤުވާ ޙިއްޞާ އެވެ. ނޫރުގެ ދިރިއުޅުމަށް ، އިޙްސާން އައުމުގެ ޙައްޤެވެ.

" އަހަރެން މިގެޔަށް އައިސް މިއަދު މިއިނީ ، އިޙްސާންގާތުން ވަރިވުމަށް ބޭނުންވާ ފޯމު ބަލައެވެ. " ނޫރު ބުންޏެވެ.

ނޫރު އެ އެދެނީ ކިހާވަރެއްގެ އެއްޗަކަށްކަން ނޫރުއަށް އިޙްސާސް ވޭތޯ ، އިޙްސާން ސުއާލު ކުރިއެވެ. ނޫރުއަށް އެކަން އެނގޭކަމަށް ހަރުއަޑުން ބުންޏެވެ. ނޫރު ބޭނުންވަނީ ، އޭނާގެ އަމިއްލަ ޙަޔާތް ، އޭނާގެ އަމިއްލަ ފަލްސަފާގައި ދެމިއޮތުމުގެ ޙައްޤެވެ. ﷲ ލެއްވި ހުރިހާ ރަޙުމަތަކާއި ، މުއްސަނދި ދިރިއުޅުމުގެ ނަސީބު ލިބުމަށްފަހުވެސް ، ނުރު އެދަނީ އެކަންކަމާ ދުރަށް ކަން ، އިޙްސާން ހަނދާން ކޮށްދިނެވެ. ވަރަށްބޮޑު ޢަޖައިބެކެވެ. ދިރިއުޅުމަކީ ދެއަތް ދެއަތަށް ޖެހޭ އަޑުން އާބާދުވާ އެއްޗެކެވެ. އެއްއަތް ހޫރައިގެން އެއަކުން އަޑެއް ނުނުކުންނާނެއެވެ. ނޫރު އެކަނިވެރިވާތަން ، ނޫރުއަށް ފެންނާނެއެވެ. ނޫރު ދޫކޮށްލަން ، އިޙްސާން ބޭނުންނުވާކަމުގައި ބުންޏެވެ.

" މި ޢުމުރަށް އިންސާނާ ދާއިރު ، މަދު ބަޔަކު ކައިރީގައި ތިބުމަކީ ، ކިތަންމެ ފައިސާ އަކާއި މުދަލެއް ހޯދިޔަސް ، އެ އިންސާނާ ދުނިޔެއަށް އުފަންވުމުގެ މަޤްޞަދާ ޚިލާފު ކަމެކެވެ. ލޭގެ ގުޅުމެއް ނެތްތާނގައި ، އަހަރެންގެ ހުރި ހަމައެކަނި އަންހެންދަރިފުޅާއެކީ ، ދެންހުރި މީހަކީ ނޫރުއެވެ. ނޫރުއާއެކީ ޤާއިމްކުރެވުނު ކައިވެނީގެ ގުޅުން ދަމަހައްޓަން އަހަރެން ބޭނުމެވެ. އަހަރެން ދޫކޮށްލާފައި ނޫރުލްޢައިނު ނުދާށެވެ ! ނޫރުވެސް ކޮންމެވެސް ވަރަކަށް ގޮތް ދޫކުރާށެވެ. އަހަރެންވެސް ބައެއްކަންކަން ދޫކޮށްލާނަމެވެ. " އިޙްސާން ބުންޏެވެ.

އިޙްސާން ބޭނުންވަނީ ކޮންކަމެއްތޯ ނޫރު ސުއާލު ކުރިއެވެ. އޭނާއަށް ނޫރު ހުއްޓުވޭނެކަމަށް ވަންޏާ ، އިޙްސާން ބޭނުންވަނީ ، ނޫރުއެވެ.

 

މުރުތަޟާގެ ޙާލަތު ތަހުނިޔާއަށް އެނގުމާއެކު ، އެވާހަކަތައް މަންމައާއި ދައްތަގާތު ނުދައްކާ ހުރުމަކީ ގޯހެއްކަމަށް މުރުތަޟާއަށް ފެނުނެވެ. އަދި ، ވަގުތުން ބޭރަށް ނުކުމެ މަންމައާއި ދައްތަ ، ސިޓިންރޫމަށްނެރެ ، ހުރިހާ ވާހަކައެއް އަކުރުން އަކުރަށް އެމީހުންނަށް މުރުތަޟާ ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހާފައި ، ޙަފުޞާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޠާހިރާވެސް ، އޭނާ އިށީނދެއިން ގޮނޑިޔަށް ފެތިލިއެވެ. އެހާ ގިނަ ޢަދަދެއްގެ ފައިސާ އެމީހުން ، އެހާ ކުއްލި ގޮތަކަށް ހޯދާނެގޮތެއް ޙަފުޞާއަކަށް ނޭނގެއެވެ. ހަމައެކަނި އޮތް ޙައްލެއްކަމަށް ޙަފުޞާއަށް ފެނުނީ އެ ގެ ވިއްކައިލުމެވެ. ގެ ވިއްކައިލުމަށްފަހު ، މުރުތަޟާ ދައްކަންޖެހޭ ހަލައްކަ ރުފިޔާ އަމީން އިޙްސާނަށް ދައްކާފައި ބާކީވާ ފައިސާއިން ، ތަންކޮޅެއް ކުޑަ ގެޔެއް ގަންނާނީއެވެ. އެހެނަސް ، އެއީ މުރުތަޟާ އެއްވެސް ޙާލެއްގައި ކުރާނެކަމެއްނޫނެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް މުރުތަޟާ ، އޭނާގެ މަންމަ ގާތު ބުންޏެވެ. ތިންމައިން ވާހަކަ ދައްކަން ތިއްބާ ، ކުޑަފޮށްޓެއް އަތަށްލައިގެން ތަހުނިޔާ އައިސް އެމީހުންގެ ކުރިމަތީގައި ހުށްޓުނެވެ. އެންމެން ތިބީ ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

 

" ނޫރުލްޢައިނު ޖާގަހޯދީ ހަމައެކަނި އަހަރެންގެ ކުންފުނިން އެކަންޏެއްނޫނެވެ. އަހަރެންގެ ހިތުންވެސް ، ނޫރުލްޢައިނު ޖާގަ ހޯދައިފީމުއެވެ. އެކަމަކު ، އަހަރެންގެ ފިކުރަށް ވަރަށް އަސަރުކޮށްފިއެވެ. މުރުތަޟާއާއި ނޫރުލްޢައިނުގެ ގުޅުމުގެ ވާހަކައިން ފެށިގެން ، ދެން އިވެންފެށި އަޑުތަކުން ، އަހަރެންނަށް ނޫރުލްޢައިނުއާމެދު ހަރުކަށިވާން މަޖުބޫރު ވީއެވެ. ރަމްޝާގެ އެދުމުގެ މަތިން ، ޕާކިސްތާނުގައި ހުރި އަހަރެންގެ ހުރިހާ ކުންފުނިތަކެއް އޭނާގެ ނަންމައްޗަށް މި ބަދަލު ކުރަނީއެވެ. އެއަށްފަހު އަހަރެން ބަދަލުވާނީ އެމެރިކާއަށެވެ. އަހަރެން ބޭނުމީ ، ނޫރު އަހަރެންނާއެކީ އެމެރިކާއަށް ދިއުމަށެވެ. އެމެރިކާއަށްގޮސް ، އެމެރިކާގައިހުރި އަހަރެންގެ ވިޔަފާރިތައް ހިންގަން ނޫރު ބޭނުންކަމަށް ވަންޏާ ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. " އިޙްސާން ބުންޏެވެ.

ފަޚުރުވެރިކަމާއެކީ ، އިޙްސާންގެ ދަރިފުޅުގެ ނަމަށް މިއަދު އެ ބަދަލުކުރާ ކުންފުނިތަކަކީ ، އިޙްސާން ހަނދާން ނެތުނަސް ، ނޫރުގެ ބުރަމަސައްކަތާއި ، ރެޔާއި ދުވާލު ދާ އޮހޮރުވައިގެން އުފައްދައި ކޮޅަށްޖަހާފައިހުރި ވިޔަފާރިތަކެއްކަމުގައި ނޫރު ބުންޏެވެ. އޭނާ އެމެރިކާގައި އުފަލާއެކީ ދިރިއުޅެމުން ގެންދަނިކޮށް ، ޕާކިސްތާނަށް ގެނައީ  އިޙްސާންކަން ނޫރު ، ހަނދާން ކޮށްދިނެވެ. ޕާކިސްތާނަށް އައިސް ހަމަޖެހިނުލެވި އުޅެނިކޮށް ، އަނެއްކާ އިޙްސާން އެ ބޭނުންވަނީ ، އެމެރިކާއަށް ނޫރު ބަދަލުވާށެވެ.

" ޙަޤީޤަތަށް ބަލާއިރު ، އިޙްސާން ބޭނުންވަނީ ، އިޙްސާން ކުޅެން ގެންގުޅޭ ބުދެއްހެން ، އިޙްސާނަށް އަޅުދާސްވެގެން ، އިޙްސާންގެ ބޭނުންތައް ފުއްދައިދީގެން ، އަހަރެން ގަނަތެޅުވުމެވެ. އެކަމަކު ، އަހަރެން އެކަމަކަށް ބޮލެއް ނުލަނބާނަމެވެ. އަހަރެންގެ މުޅި ޢުމުރު ، އިޙްސާން ބޭނުންވާހާ ގޮތަކަށް އެނބުރޭ ވަހުތާނެއްހެން ހުސްކޮށްލާކަށް އަހަރެން ތައްޔާރެއް ނޫނެވެ. އަހަރެން ބޭނުންވަނީ ، އަހަރެންގެ ޙަޔާތް އަހަރެން ބޭނުންވާގޮތަށް ގޮސް ނިމުމެވެ. އެހެންވީމާ ، އަހަރެން ބޭނުމީ އިޙްސާންގާތުން ވަރިވާށެވެ. " ނޫރު ބުންޏެވެ.

ނޫރު އެއައީ ، ވަކިގޮތަކަށް ނިންމައިގެންކަން އިޙްސާނަށް އެނގުނެވެ. އޭނާ އެއައީ ވާހަކަ ދައްކައިގެން ޙައްލެއް ހޯދާކަށްނޫނެވެ. އިޙްސާން ހީކުރަން ބޭނުންވާގޮތަކަށް ހީކުރަން ވީކަމަށް ނޫރު ބުންޏެވެ.

މުރުތަޟާއާ ވާހަކަ ދައްކައިފިންތޯ ، އިޙްސާން ސުއާލު ކުރިއެވެ. އިޙްސާން ބޭނުންވާ ނަތީޖާއަކާ ހަމަޔަށް ވާޞިލްވުމުގެ މިނިވަންކަން ، އިޙްސާނަށް އެބައޮތްކަމަށް ނޫރު ބުންޏެވެ. އެހެންކަމުން ، ނޫރުލްޢައިނުވެސް މިނިވަންކުރުމަށް ނޫރު އެދުނެވެ.

އިޙްސާން ބޭނުން އެއްވެސް ކަމަކަށް ނޫރު ، ފުރުސަތެއް ނުދިނެވެ. އެހެންކަމުން ، ނޫރު ބޭނުންވާގޮތެއް ހެދުންފިޔަވައި ، އިތުރުގޮތެއް އިޙްސާނަށް ނެތުނެވެ. އެއްވެސް ގުޅުމަކީ ، ގަދަބާރުން ދެމެހެއްޓޭނެ ގުޅުމެއްނޫނެވެ. އެއީ ގުޅުމުގެ ޚާލިސްކަމުން ހެތޮހިތުން ކުރިޔަށް ގެންދެވޭނެ އެއްޗެކެވެ. އިޙްސާން ، އޭނާގެ ހިތުގެ އިޚްލާޞްތެރިކަން ސާބިތުކޮށްދޭނެކަމަށް އިޙްސާން ބުންޏެވެ.

" ނޫރު ބޭނުންވާގޮތަށް ، ވަރީގެ ފޯމު ނޫރުއަށް ފޮނުވާނަމެވެ. ހަމައެއާއެކީ ، ޤާނޫނީގޮތުން ނޫރުއަށް ޙައްޤުވާ ފައިސާވެސް ފޮނުވާނަމެވެ. އެއަށްފަހު ، މުރުތަޟާ ނޫރުލްޢައިނުއާ ކައިވެނިކުރޭތޯވެސް އަހަރެން ބަލާނަމެވެ. " އިޙްސާން ބުންޏެވެ.

ނޫރު ހިނިތުން ވެލިއެވެ. އެއީ ފަހުގެ ކަމެއްތާއެވެ. މުރުތަޟާ ކޮށްފައިވާ ޖޫރިމަނާވެސް ، އިޙްސާނަށް ލިބޭނެއެވެ.

" އަހަރެން ބޭނުމީ ، ހަމައެކަނި އަހަރެން މިނިވަންކޮށްދޭކަށް ނޫނެވެ. މުރުތަޟާއަށްވެސް ، އިޙްސާންގެ ފަރާތުން މިނިވަންކަންލިބި ، އިޙްސާންގެ ކިބައިން ސަލާމަތް ވުމެވެ. " ނޫރު ބުންޏެވެ.

އެވާހަކަ ނޫރު ބުނީތީ އިޙްސާން ވަރަށް ގަޔާވިއެވެ. އިޙްސާންގެ ޙަޔާތުން ނޫރުލްޢައިނު ވަކިވުމުގެ ދެރައެއް އިޙްސާސްކުރާކަށް ނުޖެހޭނެކަމަށް އިޙްސާން ބުންޏެވެ. ވަރަށް ހިތްގައިމު ވަގުތުތަކަކާއި ދުވަސްތަކެއް ނޫރުލްޢައިނުއާއެކީ ، އިޙްސާންވަނީ ހޭދަކޮށްފައެވެ. އެހެން އެއްވެސް މީހެއްގެ ފަރާތުން ނުލިބޭފަދަ ހިތްހަމަ ޖެހުމާއި އުފާ ، ނޫރުގެ ފަރާތުން އިޙްސާނަށްވަނީ ލިބިފައެވެ.  ނޫރުއަށް އިޙްސާން އަލްވަދާޢު ކިޔެވެ. އެއާއެކު ، ނޫރު ތެދުވެގެން އެގެއިން ނުކުމެގެން ދިޔައެވެ. ނޫރު އެގެއިން ނުކުންނަންދެން ، އިޙްސާން ހުރީ ނޫރުއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

 

ތަހުނިޔާ ހިފައިގެން އައި ކުޑަފޮށްޓަށް ބަލައިލައި އެއީ ކޮންއެއްޗެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެއީ ، މުރުތަޟާއަށް ކުރިމަތިވެފައިވާ މައްސަލައިގެ ޙައްލުކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާ ހިފައިގެން އެއައީ ، ބައެއް ގަހަނާއާއި ތަހުނިޔާގެ ނަމުގައި އޮތް ގޯއްޗެއްގެ ފަތެވެ. އެ ގޯތި ވިއްކާލައިގެން އެކަނިވެސް ، މުރުތަޟާ ދައްކަންޖެހޭ ޖޫރިމަނާ ދައްކައި ޚަލާޞް ކުރެވޭނެއެވެ. ބާކީވާ ފައިސާއިން ކޮންމެވެސް ކަމެއް ކޮށްލެވިވެސް ދާނެއެވެ.

އެއީ ، ތަހުނިޔާކުރަން ކަމުދާކަމެއްނޫންކަމަށް ޙަފުޞާ ބުންޏެވެ. އެހެނަސް ، ތަހުނިޔާއަށްޓަކައި އެމީހުން ކޮށްދީފައިވާ ކަންކަމާ އަޅާކިޔާއިރު ، އެއީ އެއްވެސް އެއްޗެއްނޫނެވެ. އެހެންނޫނަސް ، ތަހުނިޔާއަކީ ، އެމީހުންގެ މީހެކެވެ. ދުރުމީހެއްނޫނެވެ. ތަހުނިޔާގެ އެ ހަދިޔާ ޤަބޫލުކުރުމުގެ ފަޚުރު އޭނާއަށް ދިނުމަށް ތަހުނިޔާ އެދުނެވެ. މުރުތަޟާ ، ތަހުނިޔާއަށް ޝުކުރު އަދާކުރިއެވެ. އެ ގަހަނާތައް އޭނާ ނުނަގާނެކަމަށާއި ، ގޯއްޗަކީ އޭނާގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ބެލުމަށް މުރުތަޟާ އެދުނެވެ. ކޮންމެވެސް ދުވަހަކުން ، އެ ގޯއްޗަށްވުރެ ބޮޑު ގޯއްޗެއް ، ތަހުނިޔާއަށް އޭނާ ހޯދައިދޭނެކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާ އެބުނި ބުނުން ތަހުނިޔާއަށް ފުދެއެވެ. އެއީ ބަދަލެއް ހޯދުމުގެ ބޭނުމުގައި ތަހުނިޔާ ދިން އެއްޗެއްނޫނެވެ.

" އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ ! މަންމަގާތުގައި އިށީނދެލުމަށް އައިސްބަލާށެވެ ! " ޙަފުޞާ ވަރަށް ލޯބިން ތަހުނިޔާއަށް ގޮވައިލިއެވެ.

މަންމައާއި އަހަރެން އެއްޗެއްދޭން ބުނީމަ ، މުރުތަޟާ ދެކޮޅުހަދައިފިކަމަށް ޠާހިރާ ބުންޏެވެ. އެކަމަކު ، ތަހުނިޔާ ގެނެސް އެދިން ހުރިހާ އެއްޗެއް އެއްފަހަރުން ބަލައިގެންފިއެވެ. މުރުތަޟާގެ ކަންފަތުގައި ހިފައިލަމުން ، ޠާހިރާ ބުންޏެވެ.

" އަވަހަށްގޮސް ، މުރުތަޟާގެ މައްޗަށް އޮތް ދަރަނި ޚަލާޞް ކޮށް އެކަމުން ސަލާމަތް ވާށެވެ. އަދި ، ނޫރުލްޢައިނުގެ ކިބައިންވެސް ސަލާމަތް ވާށެވެ. " ޙަފުޞާ ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ހާދަހާވާ ރީއްޗޭ މިބައި ވެސް. މީ ހަމަ އާދަޔާޚިލާފް ރީތިވާހަކައެއް.. ވާހަކަ ގެނެސްދޭ ފަރާތަށް ހަމަ ސާބަސް ތިޔަހާފުރިހަމަޔަށް ތަރުޖަމާކޮށްދޭތީވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.