ފަލްސަފާ (103)

( 30 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަޟާމެންގޭގެ ކާމޭޒުމަތީ ، އެންމެން ޖަމާވެ ކެއުމަށް އިންސާފުކުރަމުން ގެންދިޔައެވެ. އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަނޑުވައިލީ ޙަފުޞާއެވެ. ނޫރުގެ އެ ނިންމުމަކީ ރަނގަޅުނިންމުމެއް ނޫނެވެ. އަމީން އިޙްސާން އެއައީ ނޫރު ބަލައެވެ. ފިރިމީހާ ބަލައި އައިމަ ، އޭނާއާއެކީ ދާންވާނެއެވެ. އެހެން ނޫނީވާނީ މޮޔައަކަށެވެ. އެހެންނޫނަސް ، އެހާ ޒުވާން އަންހެންކުއްޖަކު ، ބައިވެރިޔަކާނުލައި އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ ؟ ޙަފުޞާ އަނގަތެޅުން ހުއްޓައެއް ނުލިއެވެ. ޠާޙިރާއަށް ނީދެވިގެން ވާހަކަ ދައްކަން ފެށްޓިއެވެ.

ރައިދާއާ ދިމާވެގެން އެވާހަކަ ދެއްކިކަމަށް ޠާހިރާ ބުންޏެވެ. ރައިދާ ބޭނުންވަނީ ، މިގޭގެ އެންމެންވެގެން ނޫރުއާ ވާހަކަ ދައްކައިގެން ، ނޫރުއަށް ވިސްނައިދިނުމަށެވެ. އެއީ ތަހުނިޔާއަށް ޤަބޫލުކުރެވޭ ކަމެއްނޫނެވެ. ނޫރުލްޢައިނަކީ ކުޑަކުއްޖެއްނޫނެވެ. ނޫރުލްޢައިނު ކުރަންވީކަމެއް ، އެމީހުން ކިޔައިދޭންވީ ކީއްކުރަން ހެއްޔެވެ ؟ އެއީ ހަމަ ބުއްދި ލިބިހުރި ބޮޑުމީހެކެވެ. ގޯސް ނިންމުންތަކެއް ނޫރު އަމިއްލަޔަށް ނިންމީމަ ، އެކަމުގެ ތެރެޔަށް އެހެންމީހުން ވަންނަންޖެހޭ ސަބަބެއް ތަހުނިޔާއަކަށް ނޭނގެއެވެ. ނޫރު ގޯސްކޮށްކުރާ ކަންކަމުގެ ޒިންމާ އުފުއްލަންޖެހޭނީ ޚުދު ނޫރުއެވެ. ނޫރުގެ ދިރިއުޅުމުގެ ކަންކަމާ އެމީހުން ނުބެހުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ތަހުނިޔާއަށް ފެނުނެވެ. އެންމެފަހުން ، މުރުތަޟާއަކަށްވެސް ނީނދެވުނެވެ.

ތަހުނިޔާ ، އަނގަހިމޭނުންލައިގެން އިނުމަށް މުރުތަޟާ ބުންޏެވެ. ނޫރުލްޢައިނު ، ކަންތައް އެކުރަނީ އޭނާއަށް އެންމެ ރަނގަޅުކަމަށް ފެންނަ ގޮތަކަށެވެ. މަންމަޔާ ދައްތަޔާ ދެމީހުން ނޫރުއާ ވާހަކަދައްކައިލަން ރައިދާ އެދޭކަމަށް ވަންޏާ ، އެކަން ނުކުރަންވީ ސަބަބެއް ނެތެވެ. އެކަމުގައި ، ތަހުނިޔާގެ މައްސަލައެއް އޮވެގެން ނުވާނެއެވެ. ނޫރުލްޢައިނު ، އަމީން އިޙްސާނާ އެކުގައި އުޅުނަސް ، އޭނާގެ އަމިއްލަގޭގައި އެކަނި އުޅުނަސް ، އެކަމުގައި އެމީހުންނަށް އޮތީ ކޮން ތަފާތެއްތޯ އަހައި ، މުރުތަޟާ ސުއާލު ކުރިއެވެ. ތަހުނިޔާވެސް އެދައްކަނީ ހަމަ އެވާހަކައެވެ. ނޫރުގެ ކަންކަމުގެ ތެރެޔަށް އެމީހުން ވަންނަން ނުޖެހޭ ވާހަކައެވެ.

އެންމެންގެ ވާހަކަތަކުން ، މައްސަލަ އެހެންގޮތަކަށް ބަދަލުވެގެންދާކަމުގެ އިޙްސާސް ކުރެވިގެން ، ޙަފުޞާ އަނެއްކާވެސް ވާހަކަ ދައްކަން ފެށްޓިއެވެ. ކޮންމެކަމެއް ކޮންމެ ގޮތަކަށް އޮތްނަމަވެސް ، ނޫރުލްޢައިނަކީ ޙަފުޞާގެ ބޮޑުބޭބެ ވަޞީމުގެ ދަރިއެކެވެ. ތިމާގެކަމުގެ ގުޅުން އެއީ ކަނޑައިލެވޭނެ ގުޅުމެއްނޫނެވެ. އެކަމަކު ، ތަހުނިޔާއާއި މުރުތަޟާއާ ދެމީހުން އެކަމާ ދެބަސްނުވެ ، އެކަކު އަނެކަކަށްކުރާ އިތުބާރު ދެމެހެއްޓުމަށް ޙަފުޞާ އެދުނެވެ.

 

ނޫރު އޭނާގެ ގޮތް ދޫކުރާކަށް ނޫޅުނެވެ. އެންމެފަހުން ، ހާރިސްވެސް ނޫރުގާތުގައި ރައިދާ ބަހައްޓާފައި އިސްލާމްއާބާދަށް ދާން ނިންމިއެވެ. ނޫރު ހަމަޔަކަށް އެޅެންދެން ، ރައިދާ ކަރާޗީގައި މަޑުކުރާނީއެވެ.

ޙަފުޞާއާއި ޠާހިރާއާ ދެމައިން ، ކައިނިމިގެން ކޮޓަރިޔަށް ވަނެވެ. މޭޒުދޮށުގައިތިބީ ، މުރުތަޟާއާއި ތަހުނިޔާ އެކަންޏެވެ. ދެމީހުންތިބީ ، އެކަކުއަނެކަކު ދެކެ ފޫހިވެފައެވެ. ތަހުނިޔާ ކުއްލިޔަކަށް ތެދުވެ ހިނގައިގަތްތަނާ ، މުރުތަޟާ އޭނާއަށް ގޮވައިލިއެވެ. މަންމައާއި ދައްތައާ މުޚާތަބުކޮށް ، ތަހުނިޔާ އެގޮތަށް ވާހަކަ ދައްކައިގެން ނުވާނެކަމަށް މުރުތަޟާ ބުންޏެވެ. ނޫރުލްޢައިނާއި އަމީން އިޙްސާނާމެދުގައި ހިނގައިގެން އުޅެނީ ކޮން މައްސަލަތަކެއްކަން ، މުރުތަޟާއަށް ރަނގަޅަށް އެނގޭނެކަމަށް ތަހުނިޔާ ބުންޏެވެ. އަދި ، އެވާހަކަތައް އޭނާއަށް ސާފުކޮށްދިނުމަށް ތަހުނިޔާ އެދުނެވެ. ތަހުނިޔާއާ އެކަންކަމާ އޮތީ ކޮންގުޅުމެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެކަމާ އެހާބޮޑަށް ތަހުނިޔާ ވިސްނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހުރިހާކަމަކާ މުރުތަޟާއާވެސް އެއްވެސް ގުޅުމެއް ނެތްކަމަށް ތަހުނިޔާ ބުންޏެވެ. އެކަމަކުވެސް ، އޭނާއަށް ފެންނަނީ މުރުތަޟާއަށް އޭގެ ތެރެއިން ނުނުކުމެވިގެން އުޅޭތަނެވެ. އަމީން އިޙްސާނާއި ނޫރުލްޢައިނާ ދެމެދު އުފެދިގެންއުޅޭ މައްސަލަތަކުގެ ސަބަބަކީ ، މުރުތަޟާ ނޫންކަން އެނގެން ތަހުނިޔާ ބޭނުންވިއެވެ. އޭގެ ތެރޭގައި މުރުތަޟާ ނޫޅޭކަން ފިޔަވައި ، އެހެންކަމެއް އެނގޭކަށް ތަހުނިޔާ ބޭނުމެއްނޫނެވެ.

" ތިހާގޯސްކޮށް ވިސްނުން ގެންގުޅުމުގެ ބޭނުމެއް ނެތެވެ. ނޫރުލަޢައިނުގެ ދިރިއުޅުމުގެ ނިންމުންތައް އެ ނިންމަނީ ނޫރުލްޢައިނު އެކަންޏެވެ. ނޫރުލްޢައިނަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށެވެ. އެކަމުގެ ތެރެޔަށް އެހެންމީހުން ވަނުމުގެ ބޭނުމެއް ނެތެވެ. " މުރުތަޟާ ބުންޏެވެ.

ނޫރުލްޢައިނުގެ ދިރިއުޅުމުގެ ކަންކަން އޭނާ އަމިއްލަޔަށް ނިންމުމުގެ އިޚްތިޔާރު ، ނޫރުލްޢައިނަށް ލިބިގެންވާކަމަށް ތަހުނިޔާވެސް އެއްބަސް ވެއެވެ. ތަހުނިޔާގެ މައްސަލަޔަކީ ، އޭނާއާއި މުރުތަޟާގެ ދިރިއުޅުމަށް އަސަރުކުރާނެ ކަންކަން ، އޭގެ ތެރެއިން އުފަންވަމުން ދިއުމެވެ. ނޫރުލްޢައިނުގެ ނިންމުންތައް ގުޅިފައި އެ އޮންނަނީ މުރުތަޟާއާކަން ، ޔަޤީނާގާތަށް ތަހުނިޔާއަށް އެނގެއެވެ.

ތަހުނިޔާގެ ވިސްނުމުގައި އެހެރަ މޮޔަ ޚިޔާލުތަކުގެ ވާހަކަ އަޑުއަހަން ، އޭނާއަށް ވަގުތުނެތްކަމުގައި މުރުތަޟާ ބުންޏެވެ. މުރުތަޟާގެ އޮތީ ހަމައެކަނި އެންމެ އެދުމެކެވެ. އެއީ ، ތަހުނިޔާގެ ހިތުގައިވާ ޝައްކުތަކާއި ވަހުމްތަކުން ދުރުހެލިވެ ، ވިސްނުންތެރިކަމާއެކީ ، އޭގެތެރެއިން ތަހުނިޔާ ނުކުތުމެވެ. އެހުރިހާ ޝައްކާއި ވަހުމް ، ތަހުނިޔާގެ ހިތުން ފުހެލެވޭނީ މުރުތަޟާއަށެވެ. އެއްކަމެއް ހަނދާނުގައި ބެހެއްޓުމަށް ތަހުނިޔާވެސް އެދުނެވެ. ނޫރުލްޢައިނާއެކީ މުރުތަޟާ ހުންނަތަން ފެންނަ ކޮންމެ ފަހަރަކު ، ތަހުނިޔާގެ ޝައްކާއި ވަހުމް އިތުރުވެއެވެ. އަދި ، މުރުތަޟާއާއި ތަހުނިޔާގެ ގުޅުމަށް އަސަރުކޮށް ދެމީހުން ދުރުކޮށްދެއެވެ. އެކަން ، މުރުތަޟާގެ ހަނދާނުގައި ބެހެއްޓުމަށް ތަހުނިޔާ އެދުނެވެ.

ކާމޭޒުމަތީ ، ނޫރުލްޢައިނާބެހޭގޮތުން ތަހުނިޔާ އެދެއްކި ވާހަކަތަކަށް ޙަފުޞާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަމާ އެހާބޮޑަށް އަޅައިނުލުމަށް ޠާހިރާ ބުންޏެވެ. ނޫރުލްޢައިނާބެހޭގޮތުން ، ތަހުނިޔާގެ ހިތް އެއޮންނަނީ ޝައްކާއި ވަހުމުން ފުރިފައެވެ. އަދި ، އެކަމުގައި ސަބަބުތަކެއްވެސް އެބަހުށްޓެވެ. އެހެންކަމަށްވިޔަސް ، ނޫރުއަށް ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކުރަން ޖެހޭނެކަމަށް ޙަފުޞާ ބުންޏެވެ. ނޫރުގެ ބައްޕަ ، ވަޞީމު ނިޔާވެއްޖެއެވެ. ބޭބެ ، ހާރިސްވެސް ފުރައިގެން ހިނގައްޖެއެވެ. ނޫރު އެވަނީ އެކަނިވެރިވެފައެވެ. ނޫރު އެއިނީ ފިރިމީހާގެ ގެއިން ނުކުމެގެން އައިހެވެ. ކޮން ސަބަބަކާހެދިކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެހާ ތަކުލީފުބޮޑު ޙާލަތެއްގައި ނޫރުލްޢައިނު އުޅެނިކޮށް ، ތަހުނިޔާވެސް އެކަހަލަ ވާހަކަ ދައްކައިގެން ނުވާނެއެވެ. ތަހުނިޔާގެ ހިތްވެސް ވަނީ ، ސަބަބުތަކަކާހުރެ ހަލާކުވެފައެވެ. އެކަމަށްވެސް ވިސްނައިލަން ޖެހޭނެކަމަށް ޠާހިރާ ބުންޏެވެ. ކިތަންމެ ކުޑަކަމެއް ދިމާވިޔަސް އެހާ އަވަހަށް ދެރަވެ ، ޖަޒުބާތުގައި ޖެހޭނެއެވެ.

 

ރޭގަނޑުގެ ދަންގަޑީގައި ، މުރުތަޟާއަށް ނޫރު ފޯނުކުރަމުން ގެންދިޔައެވެ. މުރުތަޟާ ތެދުވެ ގެއިން ބޭރަށް ނުކުމެ ، ނޫރުއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ނޫރު އޭނާއަށް ފޯނުކުރަނީ ކީއްކުރަންތޯ މުރުތަޟާ ސުއާލު ކުރިއެވެ. ނޫރުވެސް ކުރީ ސުއާލެކެވެ. ހުރިހާކަމެއް ރަނގަޅުތޯއެވެ ؟ އަދި އެހާ ރުންކުރުކޮށް މުރުތަޟާ ވާހަކަ ދައްކަނީ ކީއްވެގެންތޯ ނޫރު ސުއާލު ކުރިއެވެ. ރޭގަނޑުގެ އެގަޑީގައި ނޫރު އޭނާއަށް ފޯނުކުރާކަމަށް ވަންޏާ ، މުރުތަޟާގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް މުރުތަޟާ ބުންޏެވެ. ނޫރު ފޯނުކުރީ ، މުރުތަޟާގެ ވަޒީފާގެ އެއްބަސްވުމާބެހޭގޮތުން ވާހަކަ ދެއްކުމަށެވެ. އެދެމީހުން ވާހަކަ ދައްކާލައިގެން އެކަމުން ސަލާމަތްވެވޭނެގޮތެއް ހޯދިދާނެކަން ނޫރުއަށް ވިސްނިގެންނެވެ. އެހެނަސް ، ދަންވަރުގެ އެގަޑިޔަކީ އެއްވެސް ކަމަކަށް އެހާ މުނާސަބު ގަޑިއެއްނޫންކަން މުރުތަޟާ ހަނދާން ކޮށްދިނެވެ. މުރުތަޟާ އެގޮތަށް އެވާހަކަ ދައްކަނީ ތަހުނިޔާގެ ޢަމަލުތައް ހުރިގޮތުންކަން ނޫރު ދެނެގަތެވެ. އަދި ، ރަނގަޅަށް އެކަން ސާފުކޮށް ބުނުމަށް ނޫރު އެދުނެވެ.

" ނޫރުލްޢައިނުއެވެ ! އަހަރެން އެންމެ ކަންބޮޑުވަނީ ، ނޫރުލްޢައިނުގެ ދިރިހުރުމާ މެދުގައެވެ. އަހަރެންނަށް ހީވާގޮތުގައި ، ނޫރުލްޢައިނުގެ އަމިއްލަ ނަފްސު ޤުރުބާންކުރަންވެސް ފަހަކަށް ނުޖެހޭނެއެވެ. އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެއެވެ. " މުރުތަޟާ ބުންޏެވެ.

އޭނާއާ މެދު ވިސްނާނެކަމެއް ނެތްކަމަށް ނޫރު ބުންޏެވެ. ނޫރު މިވަގުތު ، އެންމެ ކަންބޮޑުވާ ކަމަކީ މުރުތަޟާގެ ވަޒީފާގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި މުރުތަޟާލައްވާ ސޮއިކުރުވީ ނޫރުއެވެ. ވަޒީފާއިން ވަކިވީމަ ، އެހާބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިފައި އެއޮތީ ނޫރުއާ ހުރެއެވެ.

މުރުތަޟާގެ ކަންކަމާ ނުބެހި ، ނޫރުލްޢައިނުގެ އަމިއްލަ މައްސަލަތަކަށް ސަމާލުކަންދިނުމަށް މުރުތަޟާ އެދުނެވެ. އަދި ، ރޭގަނޑުގެ ލަސްގަޑިގަޑީގައި އޭނާއަށް ފޯނުކޮށްގެން ، މުރުތަޟާގެ ދިރިއުޅުމުގައި މައްސަލަތަކެއް އުފެދުން އެއީ އޭނާ ބޭނުންވާ ގޮތެއްނޫންކަން ނޫރުއަށް ވިސްނައި ދިނެވެ.

ހެނދުނު އޮފީހަށް ދިއުމަށްޓަކައި މުރުތަޟާއަށް ގެއިން ނުކުމެވުނު ވަގުތަކީ ، ނޫރުވެސް ގެއިން ނުކުތް ވަގުތެވެ. މުރުތަޟާ މަޑުމަޑުންގޮސް ، ނޫރުއާ އަރާ ހަމަކުރިއެވެ. ނޫރުއަށް ، މުރުތަޟާއަށް އެއްވެސްކަމެއް ކޮށްދެވެން އޮތިއްޔާ އެކަމެއްގެ ވާހަކަ ބުނުމަށް ނޫރު އެދުނެވެ. މުރުތަޟާއަކަށް އެއްވެސްކަމެއް ނޭނގެއެވެ. އެއްވެސް ނިންމުމެއް ނުނިންމެއެވެ. މުރުތަޟާ އެހުންނަނީ ވަރަށް ކަންބޮޑުވެފައިކަން ނޫރުއަށް އެނގެއެވެ. އެ ކަންބޮޑުވުމަކީ ނޫރުގެ ސަބަބުން ކުރިމަތިވެގެން އުޅޭކަމެއްކަމަށް މުރުތަޟާ ބުންޏެވެ. ކުރިމަތީގައިވާ މައްސަލަތައް ހުރިގޮތަށް ހުއްޓާ ، މުރުތަޟާގެ ވަޒީފާގައި ދެމިހުންނާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އަމީން އިޙްސާންގެ ބަދަލު ހިފުމުގެ ރޫޙު އަދިކިރިޔާ އެފެށުނީއެވެ. ކުރިޔަށް އޮތް ތާނގައި މުރުތަޟާއަށް ކުރިމަތިލާންޖެހޭނީ ކޮންފަދަ މުޞީބާތަކާ ކަމެއްވެސް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ، މައްސަލަތައް ނުއުފައްދާ ، އިޙްސާން ދޫނުކުރާނެ ކަމެވެ. މުރުތަޟާ ، ވަޒީފާއިން އިސްތިޢުފާދިނުމަށް ނޫރު އެދުނެވެ. ވަޒީފާގައި ދެމިހުރެގެން ، ނޫރުއާ ހުރެ ، މުރުތަޟާގެ ދިރިއުޅުން ތަކުލީފުތަކުން ފުރިގެންދާކަށް ނޫރުއެއް ނޭދެއެވެ. އެހެނަސް ، ވަޒީފާ ދޫކޮށްލައިފިނަމަ ، މުރުތަޟާ ދައްކަންޖެހޭ ޖޫރިމަނާގެ މައްސަލަ އެއީ މާލީގޮތުން މުރުތަޟާއާ ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެއްކަން ، މުރުތަޟާ ފާހަގަ ކުރިއެވެ. އެކަން ނޫރުއަށް އެނގެއެވެ. އެ ފައިސާ ދައްކަން މުރުތަޟާއަށް ޖެހުނީ ނޫރުގެ ސަބަބުންނެވެ. އެ ފައިސާ ދައްކާނީ ނޫރުއެވެ. އެކަމާ މުރުތަޟާ ވިސްނާނެ ކަމެއްނެތްކަމަށް ނޫރު ބުންޏެވެ.

ހިތަށް ލިބިފައިހުރި ތަދާއެކު ، ހާސްކަންމަތީ ހުރެ ، އައިމަލްގެ ހެދުންތައް ފަށްޖަހައި އަލަމާރިއަށް ލުމުގެ މަސައްކަތުގައި ތަހުނިޔާ އަވަދިނެތި އުޅެމުންގެންދިޔައެވެ. އަލަމާރިކައިރީ އެނބުރިލިތަނާ ، ކުޑަދޮރުން ، ތަހުނިޔާއަށް އެފެނުނީ ، ނޫރުލްޢައިނުއާއި މުރުތަޟާ ވާހަކަ ދައްކަން މަގުމަތީ ތިބި މަންޒަރެވެ.

ނޫރުގެ ފައިސާ އޭނާ ބޭނުންނޫންކަމަށް މުރުތަޟާ ބުނަމުން ގެންދިޔަނަމަވެސް ، ކޮންމެވެސް ގޮތަކުން ، ނޫރު އެކަން ހަމަޖައްސާނެކަމަށާއި ، މުރުތަޟާހުރީ އެކަނި ނޫންކަމަށް ނުރު ބުންޏެވެ. ނޫރު އަބަދުވެސް ހުންނާނީ މުރުތަޟާއާ އެކީގައެވެ. އެއްވެސް ކަމެއްގައި މުރުތަޟާ އެކަނި ވިޔަކަ ނުދޭނެއެވެ.

މުރުތަޟާއަށް އެއީ ފަސޭހަކަމެއްނޫނެވެ. ނޫރުއަށް އެ ފުރުސަތު ދެވެންނެތްކަމަށް ބުނުމަށްފަހު ، ކާރަށް އަރައި އޮފީހަށް ދިއުމަށްޓަކައި މުރުތަޟާ ނުކުތެވެ.

އޮފީހަށް ދިޔަތަނުން ، އިޙްސާންގެ ކެބިންއަށް އައުމަށް މުރުތަޟާއަށް އެންގުނެވެ. މުރުތަޟާ އައިސް ، އިޙްސާންގެ ކުރިމަތީ ހަށަންބަނދެލައިގެން ހުއްޓިލިއެވެ. މުރުތަޟާ ތައްޔާރުކުރި ރިޕޯޓް ބަލައިފިންކަމަށް އިޙްސާން ބުންޏެވެ. ރިޕޯޓަށް ބަލާއިރު ، ކުންފުނީގެ ހަމަތަކާ ޚިލާފަށް ވަރަށްގިނަ ފައިދާތަކެއް މުރުތަޟާއަށް ލިބިފައި އެބަހުށްޓެވެ.

" އެކަމަށް ރިޢާޔަތްކޮށް ، މުރުތަޟާ ކުރިންހުރި މަޤާމަށް ، ކުރިން ހުރި ވަޒީފާއަށް ، ކުރިން މަސައްކަތްކުރި ބްރާންޗަށް ބަދަލުކޮށްފީމެވެ. " އިޙްސާން ބުންޏެވެ.

އިޙްސާންގެ އެ ނިންމުން މުރުތަޟާ ޤަބޫލެއް ނުކުރިއެވެ. އެހެންކަމަށް ވަންޏާ މުރުތަޟާއަށް ދެންއޮތް ގޮތަކީ ، ވަޒީފާއިން އިސްތިޢުފާދިނުންކަމަށް އިޙްސާން ނިންމިއެވެ. އިސްތިޢުފާދީފައި ، ކުންފުންޏަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކާފައި މުރުތަޟާ ދާން ބޭނުންތާކަށް ނުކުމެގެން ދާންވީއެވެ.

އަމީން އިޙްސާން ، ބޭނުންގޮތެއް ހަދައި އޭނާގެ އަބުރާއި ޢިއްޒަތަށް އަރައިގަންނައިރު ، އޭނާ ހުންނަންވީ ހަމަހިމޭނުންތޯ މުރުތަޟާ ސުއާލު ކުރިއެވެ. މުރުތަޟާގެ އިސްތިޢުފާ ، މެއިލް ކުރާނެކަމަށް ، މުރުތަޟާ ބުންޏެވެ.

ވަޒީފާއިން އިސްތިޢުފާދީ ، މެއިލް ފޮނުވައިލުމަށްފަހު ، ގެޔަށް އައިސް ފިކުރުބޮޑުވެފައި ، އެނދުމަތީ އިށީނދެގެން މުރުތަޟާ އިނެވެ. ތަހުނިޔާ ބޭރުން އައިސް ސަލާމް ގޮވައިލީމަވެސް މުރުތަޟާ ޖަވާބެއް ނުދިނެވެ. މުރުތަޟާ އަނގައިން ނުބުނީމަ ، ތަހުނިޔާގެ ރުޅިގަދަވިއެވެ. މިގޭދޮށުގައި އުޅޭ އަވަށްޓެރިން ވަކިކުރަން މުރުތަޟާއަށް މިހާރު ނޭނގެނީތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

މުރުތަޟާގެ ހަށިގަނޑުގެ އެތެރޭގައި ރޯވެފައިވާ އަލިފާންގަނޑުން ހަށިގަނޑަށް ލިބެމުންދާ ތަކުލީފު ، ތަހުނިޔާއަށް އިޙްސާސް ނުވަނީތޯ މުރުތަޟާ ސުއާލު ކުރިއެވެ. ޝައްކާއި ވަހުމުގެ ޝައިޠާނީ މަންޒަރުތައް ނޫނީ ތަހުނިޔާގެ ލޮލަކަށް ނުފެނެއެވެ. މީހުންގެ ހިތުގައިވާ ތަކުލީފުތައް ދެނެގަނެ ، އެމީހާގެ ޙާލަތު ވަޒަންކުރުމަކީ އިންސާނިއްޔަތުކަމުގެ ހެޔޮ ޢަމަލެކެވެ.

އެވަގުތު ނޫރުގެ ކޯލެއް ، މުރުތަޟާގެ ފޯނަށް އައެވެ. ފޯނު ނެގުމާއެކު ، މުރުތަޟާ އިސްތިޢުފާދިން ޚަބަރު ލިބިއްޖެކަމަށް ނޫރު ބުންޏެވެ. މުރުތަޟާ ، ނޫރުއާ ވާހަކަ ދައްކަން ފުރުސަތުދީފައި ، ތަހުނިޔާ ދުރަށް ޖެހިލިއެވެ. އެހެނަސް ، އެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބަށެވެ.

އިސްތިޢުފާ ނުދީ ނުވާނެ އެއްވެސް މަގެއް އޭނާއަށް ނެތުނީކަމަށް މުރުތަޟާ ބުންޏެވެ.  އަމީން އިޙްސާން އެ އެންގި މަގުން ހިނގުމަކީ އޭނާއަށް ދަތިކަމެކެވެ. ޖަމާޢަތުގައި ، އޭނާގެވެސް އަބުރަކާއި ޢިއްޒަތެއް އޮންނާނެއެވެ. އެއްވެސް ޙައްޤުން ކަމަކާ ނުލައި ، އިޙްސާން އޭނާއާމެދު ހިތަށްއެރި ގޮތެއް ހެދުން އެއީ މުރުތަޟާއަށް ބަރުދާސްތު ކުރެވޭނެކަމެއް ނޫންކަމަށް މުރުތަޟާ ބުންޏެވެ. އެކަމާ މުރުތަޟާ ކަންބޮޑު ނުވުމަށް ނޫރު އެދުނެވެ. ވަޒީފާއިން ވަކިވުމާގުޅިގެން ، ވަރަށްގިނަ މައްސަލަތައް ދިމާވާނެއެވެ. އެހުރިހާ ކަމަކާ މުރުތަޟާ ކުރިމަތިލާނީ ނޫރުއާއެކީގައި ކަމަށް ނޫރު ބުންޏެވެ.

ވާނީ ކިހިނެއްކަމެއް މުރުތަޟާއަކަށް ނޭނގެއެވެ. އެހެނަސް ، އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ހިތްވަރާއެކު ، މުރުތަޟާ މަސައްކަތް ކުރާނެއެވެ.

" އަހަރެން ކަންބޮޑުވަނީ އެންމެ ކަމަކާއެވެ. އަހަރެންނާހުރެ ، ނޫރުލްޢައިނުގެ ޙަޔާތަށް ތަކުލީފުތަކެއް ކުރިމަތިވެދާނެތީއެވެ. އަހަރެން މިބުނަނީ ، ނޫރުލްޢައިނުއާއި އަމީން އިޙްސާންގެ ވާހަކައެވެ. ނޫރުމެން ދެމަފިރިންގެ ދިރިއުޅުމަށް އަހަރެންނާހުރެ ، އެއްވެސް މައްސަލައެއް ކުރިމަތިވެގެން ނުވާނެއެވެ. " މުރުތަޟާ ބުންޏެވެ.

ނޫރުއަށް މުރުތަޟާއާ ބައްދަލުކޮށް ވާހަކަ ދައްކައި ލެވިދާނެތޯ ނޫރު ސުއާލު ކުރިއެވެ. ޖޫރިމަނާގެ މައްސަލައިގައި ޙައްލެއް ލިބިދާނެ ވިސްނުމެއް އޭނާއަށް އަތުވެއްޖެއެވެ. އެ މައްސަލައިގެ ތެރެޔަށް ނޫރުލްޢައިނު ވަންނާކަށް މުރުތަޟާ ބޭނުމެއް ނޫނެވެ. އެކަން ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރާނީ މުރުތަޟާއެވެ. އެހެން އެއްވެސް ކަމަކަށް ވިސްނާކަށް އޭނާއަކަށް މިހާރު ވަގުތެއް ނެތްކަމަށް ބުނެ މުރުތަޟާ ފޯނު ކަނޑައިލިއެވެ.

ތަހުނިޔާ ހުރީ މުރުތަޟާ ފޯނުންދެއްކި ވާހަކަތައް އަޑު އަހާށެވެ. މުރުތަޟާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިތަން ތަހުނިޔާއަށް ފެނުނެވެ. ތަހުނިޔާއަށް މިއަދު އެއަޑު އިވުނީ ، އޭނާގާތު މާކުރިން މުރުތަޟާ ދައްކަންޖެހޭ ވާހަކަތަކެއްގެ އަޑެވެ. މުރުތަޟާއާ ގާތަށް ތަހުނިޔާ ޖެހިލިއެވެ. މުރުތަޟާގެ ތަކުލީފުތަކުގައި ބައިވެރިވެ ، ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ، ތަހުނިޔާއަށް އެއްވެސްކަމެއް ކޮށްދެވިދާނެތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

ތަހުނިޔާގެ އަނގައިން އެބޭރުވި ލަފުޒުތަކާއި ، އެ ލަފްޒުތައް ބުނި ރާގާއި އޯގާތެރި ލަހުޖާއަކީ ، އެތައް ދުވަހެއް ވަންދެން ތަހުނިޔާގެ އަނގައިން ބޭރުވާ އަޑު އިވުމަށް ، މުރުތަޟާ އިންތިޒާރުކުރަމުން އައި ބަސްތަކެކެވެ. މުރުތަޟާ އެއުޅޭ ޙާލަތު ތަހުނިޔާ ވަޒަންކޮށް ، އޭނާއާއެކީ ތަހުނިޔާ ހުރުމަކީ ، މުރުތަޟާ އަބަދުވެސް އެދޭ ގޮތެވެ. ޝައްކާއި ވަހުމުން ހިތް ތަޣައްޔަރުކޮށްގެން ، މުރުތަޟާއަށް ކުރަންޖެހޭ އިތުބާރަށް ނުބަލައި ، ތަހުނިޔާ އުޅެމުން އެގެންދިޔަ ، އޭނާގެ އަމިއްލަ ދުނިޔެއިން ނުކުތުމަކީ ، މުރުތަޟާ އެންމެ އެދޭ ގޮތެވެ. ތަހުނިޔާއަކީ ، މުރުތަޟާގެ ޙަޔާތުގެ ދިރުމެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. މިވާހަކަ ކިޔާ ހިތުން އަބަދާއަބަދު މިސައިޓަށް ވަންނަން. ހާދަ ރީތި ތަފާތު ވާހަކަ އެކޭމީ. ދެން ގެނެސްދޭ ބައި ތަންކޮޅެއް ދިގު ކޮށް ގެނެސްދެއްޗޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ މިހާރީތި ވާހަކައެއް ގެނެސް ދޭތީ. ♥️

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.