ފަލްސަފާ (101)

(  25  ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

އެތައް މަސައްކަތެއްކޮށްގެން ، ރައިދާމެންނަށް ، ނޫރުއާ ވާހަކަ ދައްކައިލާނެ ފުރުސަތު ލިބުނެވެ. ނޫރުގެ ކޮޓަރީގައި ތިބެގެން ، ހާރިސް އާއި ނޫރުއާ އަދި ރައިދާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ހާރިސް އެދައްކަންއުޅޭ ވާހަކަ ނޫރުގާތުގައި ދައްކަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެވާހަކަ ނުދެއްކިގެން އުޅުނީ ، ބައްޕަގެ ބަލިޙާލު ހުރިގޮތުންނެވެ. ބައްޕަވެސް މިހާރަކު ނެތެވެ. މިހާރު އެއީ ، އެވާހަކަތައް ނޫރުއާ ދައްކައިލާން އެންމެ މުނާސަބު ވަގުތުކަމަށް ހާރިސްއަށް ފެނުނެވެ.

ނޫރުގެ ސަބަބުން ، ބޭބެމެން ދެމަފިރިންނަށް އެއްވެސް ތަކުލީފެއް ލިބުމަކަށް ނޫރުއެއް ނޭދެއެވެ. ރައިދާއަށް ބޭބެއާއެކީ އިސްލާމްއާބާދަށް ދެވިދާނެއެވެ. ނޫރުއާމެދު ވިސްނާނެކަމެއް ނެތެވެ. އެހެނަސް ، ހާރިސްއަށް އެއީ އެހާ ފަސޭހަކަމެއްނޫނެވެ. އެޙާލަތުގައި ނޫރު އެކަނިއުޅެން ދޫކޮށްލާފައި ދިއުމަކީ ، ހާރިސްއަށް ކުރެވޭނެކަމެއްނޫނެވެ. އެއްބަނޑުގައިހުރި ފުރާނަޔަކީ ހަމައެކަނި ނޫރުއެވެ. ނޫރު ހަމަޔަކަށް އެޅި ފިރިމީހާގެ ގެޔަށް ދަންދެން ، ނޫރުގާތު ރައިދާ މަޑުކުރާގޮތަށް ހާރިސް ނިންމިއެވެ.

އެގެޔަށް ނޫރު އަނބުރާ ނުދާގޮތަށް ނިންމައިފިއްޔާއޯ ބުނެ ، ބޮޑު ސުއާލެއް ނޫރު ކުރިއެވެ. އޭރަށްވެސް ޢުމުރު ދުވަހަށް ނޫރުއާއެކީ ފަހަރިޔަށް ނޫރުގާތުގައި ހުރެވިދާނެ ހެއްޔެވެ ؟ ނޫރު އެބުނާ ވާހަކައެއް ސާފުކޮށް ބުނުމަށް ހާރިސް އެދުނެވެ. ބައްޕަގެ ޖަނާޒާގައިވެސް ، އަމީން އިޙްސާން ބައިވެރިވެލާކަށް ނާދެއެވެ. އެންމެ ދެރަވެގެން ، ތަޢުޒިޔާވެސް ކިޔައި ނުލައެވެ. އަމީން އިޙްސާނާއި ނޫރުއާ ދެމެދު އުފެދިގެން އެ އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ ؟ އެއީ ކޮންމެފަދަ ކަމެއްކަމަށްވިޔަސް ، އެކަމެއް ސާފުކޮށްދިނުމަށް ހާރިސް އެދުނެވެ.

 

މުރުތަޟާގޮސް ، އޭނާގެ ވަޒީފާގެ އެއްބަސްވުން ކިޔައިލިއެވެ. އޭނާ އަމިއްލަޔަށް ވަޒީފާ ދޫކޮށްލާނަމަ ކުންފުންޏަށް ހަލައްކަ ރުފިޔާ ދައްކަން އެގްރީމެންޓްގައި ލިޔެފައި އޮތެވެ. ވަޒީފާ ޤަބޫލުކުރުމުގެ ކުރިން މުރުތަޟާގެ ސަމާލުކަމަށް އެކަން ނައީ ކީއްވެގެން ހެއްޔެވެ ؟ ނޫރު އެކުރީކީ ރަނގަޅުކަމެއްނޫނެވެ. އެހާގިނަ ޢަދަދެއްގެ ފައިސާ ، މުރުތަޟާ ނެރޭނީ ކޮންތާކުން ހެއްޔެވެ ؟ މުރުތަޟާއަށް ނޫރު ދައްކާފައި އެވަނީ އެއްކޮޅަށް ދުއްވާ މަގެކެވެ. އައިކޮޅަށް އަނބުރާ ނާދެވޭ ގޮތަށެވެ.

 

އަމީން އިޙްސާންގެ ގެޔަށް އަނބުރާ ނުދާނެކަމަށް ނޫރު ބުނުމުން ، ރައިދާ ސިއްސައިގެން ދިޔައެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ރައިދާ ބުންޏެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެއެވެ. ވާހަކަ ދައްކައިގެން އެކަންކަން ޙައްލު ކުރެވޭނެއެވެ. އެހާ އަވަހަށް އެހިސާބަށް ދާކަށް ނުވާނެއެވެ. ކުދިކުދި ކަންކަމުގައި ދެމަފިރިން ވަކިވާން ނިންމުމަކީ ، ރަނގަޅުކަމެއްނޫންކަމަށް ރައިދާ ބުންޏެވެ. ކައިވެނިކުރިތާ އަދި ހައެއްކަ މަސްވެސް ނުވެއެވެ.

" އާނއެކެވެ ! ކައިވެނިކުރިތާ އަދި އެހާ ދުވަހެއް ނުވެއެވެ. އެކަމަކު ، އެކީގައިއުޅޭމީހާ ރަނގަޅަށް ދެނެގަތުމަށް މާގިނައިރެއް ނުނަގާނެއެވެ. މިހާރުވެސް މާ ލަސްވެއްޖެއެވެ. އެމީހަކާއެކީ އުޅެވިދާނެތޯ އެނގެން އެހާދުވަހެއް ނުވާނެއެވެ. އަމީން އިޙްސާނަކީ ، ބޭރުފުށުން އެފެންނަ ކަހަލަ މީހެއްނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައި އެހާ ރަނގަޅު ވިސްނުމެއް ނުގެންގުޅޭނެއެވެ. ކަންކަން ކުރާނީ އެހެންމީހުން ބުނާގޮތަކަށެވެ. ނަސީބު ރަނގަޅުކަމުން ، މުއްސަންޖަކަށް ވެވުނަސް އެއީ ތާކުންތާކު ނުޖެހޭ މީހެކެވެ. ދޮގު އިލްޒާމަށް ބަދަލުހިފަން ތައްޔާރަށް ހުންނަ މީހެކެވެ. އެވަރުގެ މީހެއްގެ ގާތުގައި އެއްވެސް އިންސާނަކަށް ނޫޅެވޭނެއެވެ. އެއްވެސް މީހަކަށް އޭނާއާއެކީ އުޅެވޭނެނަމަ ، އަހަރެންނަށް އުޅެވުނީހެވެ. އަހަރެންނާބެހޭގޮތުން ، މީހަކު ދޮގުވާހަކައެއް ދެއްކިޔަސް ، ޤަބޫލުކުރާނީ އެމީހެއްގެ ވާހަކައެވެ. " ނޫރު އޭނާގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ.

ނޫރުއާ ބެހޭގޮތުން އޭނާކުރަނީ ކޮން ޝަކުވާއެއްތޯ ރައިދާ ސުއާލު ކުރިއެވެ. އެމީހުންގާތުވެސް އެވާހަކަ ބުނެދިނުމަށް އެދުނެވެ.

" އަހަރެންނަކަށް އިތުބާރެއް ނުކުރެއެވެ. އެކުގައި އުޅެވޭނެކަމުގެ ޔަޤީންކަމެއް ނެތީއެވެ. އަހަރެންނާ ދެކޮޅަށް އެއްވެސް މީހަކު އެއްޗެއް ބުނެފިނަމަ ، އެކަމެއް ޤަބޫލު ކުރާނެއެވެ. އަހަރެންނަށް އަބަދުވެސް ޝައްކު ކުރާނެއެވެ. ކުންފުނީގެ ހުރިހާ މުޢާމާލާތަކުން އަހަރެން މިހާރު މިހުރީ ވަކިކޮށްފައެވެ. އަހަރެން އަމިއްލަޔަށް އެއްވެސްކަމެއް ނުކުރެވޭނެއެވެ. ހުރިހާކަމެއްވެސް ކުރަން ޖެހޭނީ އިޙްސާން ބުނާގޮތަކަށެވެ. އަހަރެންނަކަށް އެއްވެސް މިނިވަންކަމެއް ނެތެވެ. ތަކުލީފުން ފުރިގެންވާ މިކަހަލަ ދިރިއުޅުމެއް ، ހުވަފެނުންވެސް އަހަރެންނަށް ފެނިފައެއް ނުވެއެވެ. " ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އެހާ ނާޒުކު ކަންތައްތަކެއް ނޫރުގެ ދިރިއުޅުމުގައި ހިނގިއިރު ، އެކަމުގައި ސަބަބުތަކެއްވެސް ހުންނާނެކަމަށް ރައިދާ ބުންޏެވެ. ނޫރުގެ ފަރާތުން އެއްވެސްކަމެއް ހިނގީތޯ ރައިދާ ސުއާލު ކުރިއެވެ. ދޮގާއި ޝައްކަކީ އެކަމުގެ ސަބަބު ކަމަށާއި އިތުބާރު އެއީ ދެމަފިރިއެއްގެ ދެމެދުގައިޖެހޭ މައްސަލަތަކުގެ ޙައްލުކަމަށް ނޫރު ބުންޏެވެ. މީހުން ހަދާދޮގު ޤަބޫލުކޮށް ، ޝައްކު ކުރުމާއި ނޫރުއަށް އިތުބާރު ނުކުރުމަކީ ، އެކަމުގެ ސަބަބެވެ.

ނޫރުއާމެދު އަމީން އިޙްސާން ކަންތައް އެކުރީ ރަނގަޅަށް ނޫންކަމަށާއި ، އޭނާ އަމިއްލަޔަށް ގޮސް އިޙްސާނާ ވާހަކަދައްކަން ބޭނުންކަމުގައި ހާރިސް ބުންޏެވެ. އެހެންނަމަވެސް ، އެއީ ނޫރު އެއްގޮތަކަށްވެސް އެދޭގޮތެއްނޫނެވެ. އަމީން އިޙްސާންގެ ކުރިމަތީގައި ބޭބެ ފަޟީޙަތްވެ ، އަބުރު ގެއްލިގެންދާކަށް ނޫރު ބޭނުމެއްނޫނެވެ. ބޭބެގެ އެއްވެސް ވާހަކައެއް އިޙްސާން ޤަބޫލެއް ނުކުރާނެއެވެ. ނޫރުއާ ބެހޭ އެއްވެސްމީހަކު ، އަމީން އިޙްސާންގެ ކުރިމަތީ ގުދުވެ ، ކަމެއް ސާބިތުކުރުމުގެ ބޭނުމެއްނެތްކަމުގައި ނޫރު ބުންޏެވެ. ދެމަފިރިންކުރެ އެކަކު ، އަނެކަކަށް އިތުބާރު ނުކޮށް ، އަބުރާއި ޢިއްޒަތަށް އަރައިގަނެ ، ޤަދަރު ނުކުރަންޏާ އެދެމީހަކަށް އެކީގައި ދިރިއެއް ނޫޅެވޭނެއެވެ.

ލިބެން ނެތް އެއްޗެއްގެ ފަހަތުން ނޫރުއަށް ދެވެނީތޯ ރައިދާ ސުއާލު ކުރިއެވެ. ހިޔަންޏަށް މުޑި ނެގޭއިރު ، އެކުރެވެނީ ކީއްކަމެއް އިންސާނާއަކަށް ނޭނގޭނެއެވެ. ނޫރު އޭނާގެ ދިރިއުޅުން ދަމަހައްޓާނެކަމަށް ބުންޏެވެ. އޭނާ ހުންނާނީ އެކަންޏެވެ. އެކަނި ދިރިއުޅެން ދަސްކުރަން އޭނާއަށްވަނީ މަޖުބޫރު ވެފައެވެ. އެއްވެސް މީހެއްގެ ފަހަތަކުން އޭނާއެއް ނުދުވާނެއެވެ. ބޭބެމެން ދާންބޭނުންކަމަށް ވަންޏާ ، އިސްލާމްއާބާދަށް ބަދަލުވުމަށް ނޫރު އެދުނެވެ. ހާރިސް ، ނޫރުގެ ކޮޓަރިން ނުކުންނަމުން ނޫރުގެ ބޮލުގައި އަތްބާއްވާލައި ފިރުމައިލިއެވެ.

ނޫރުގެ ކޮޓަރިން ނުކުތުމަށްފަހު ، އެއްވެސް އެއްޗެއް ވިސްނައިގަނެވިއްޖެތޯ ، ރައިދާގާތު ހާރިސް އަހައިލިއެވެ. ރައިދާއަށް އެވިސްނޭ އެއްޗެއް އެންމެ ރަނގަޅުވާނީ ، ނުބުނުންކަމުގައި ރައިދާ ބުންޏެވެ. ރައިދާގެ ދުޢާއަކީ ، ނޫރުލްޢައިނުއާއި އަމީން އިޙްސާންގެ ގުޅުން ރަނގަޅުވެ ، ނޫރުގެ ހިތަށް ތަސައްލީއެއް ލިބުމެވެ.

 

ވަޞީމްނިޔާވިތާ ހަތްދުވަސްވެގެން ، ފާތިޙާކިޔަވައި ، ޤުރުއާން ޚަތިމްކުރުމުގެ ކަންކަން ކުރިޔަށް ދިޔައެވެ. ޙަފުޞާއާއި ޠާހިރާއާ ދެމައިންވެސް އެގެޔަށް އައިސް ތިއްބެވެ. ސާޖިދާވެސް ، އައިމަލް ނިންދަވާފައި އިރުކޮޅަކުން އައެވެ. ތަހުނިޔާއެއް ނުފެނެއެވެ. ތަހުނިޔާ ކޮބައިތޯ ރައިދާ ސުއާލު ކުރިއެވެ. ރައިދާއަށް ޖަވާބުދިނީ ސާޖިދާއެވެ. ކޮންމެހެން އޮފީހަށް ދާންޖެހިގެން ތަހުނިޔާދިޔައީ އޮފީހަށެވެ. ވީހާ އަވަހަކަށް އަންނާނެކަމަށް ބުނެފައެވެ. ގެޔަށް ޒިޔާރަތްކުރާ މެހެމާނުންނާ އިސްތިޤްބާލް ކުރުމަށް ހުރީ ހަމައެކަނި ހާރިސް އެވެ. ނޫރުއެއް ނުފެނެއެވެ. ނޫރުވީ ކޮޓަރީގައެވެ. ބައްޕަ ނިޔާވިފަހުން ކޮޓަރިޔަކުން ނުނުކުމެއެވެ. އަބަދު ، ނިދާބޭސް ކައިގެން އޮންނަނީ ނިދާފައެވެ. ކައިބޮއެ ހެދުމަކީ ނޫރުއަށް މިހާރު ކުރެވޭކަމެއްނޫނެވެ. މުޅިމީހާ ހުރީ ހިކި އަނަރޫފަވެފައެވެ. މޫނުމަތީގެ ދިރުން ގެއްލިފައެވެ.

ކޮޓަރިން ނުކުމެގެން މަޑުމަޑުން ނޫރު ތިރިޔަށް ފޭބިއެވެ. ސިޑީގައި ހިފަހައްޓަމުން މަޑުމަޑުން އައިސް ، ތިރިޔަށް ފޭބުނުތަނާ ، ނޫރުގެ ކުރިމައްޗަށް އެ ހުއްޓުނީ މުރުތަޟާއެވެ. ނޫރުގެ ޙާލު ރަނގަޅުތޯ މުރުތަޟާ ކުރި ސުއާލަށް ނޫރު ، ބޯހޫރާލިއެވެ. ގޭތެރެ ހަމަޔަކަށް އެޅުނީމަ ، ނޫރުއާ ވާހަކަ ދައްކާލަން ބޭނުންކަމަށް މުރުތަޟާ ބުންޏެވެ. މަޑު ހިނގުމެއްގައި އައިސް ، ރައިދާގާތު ނޫރު އިށީނދެލިއެވެ.

އިރުކޮޅަކު އެތަނުގައި އުޅުމަށްފަހު ، ސާޖިދާގެޔަށް އައިސް ތަހުނިޔާއަށް ގުޅިއެވެ. ތަހުނިޔާ އެތަނުން ނުފެނުމަކީ އެންމެންވެސް ކަންބޮޑުވި ކަމެކެވެ. މުޙުޞިނާ ޑުބާއީއަށް ފުރުމާއެކު އޮފީހުގެ ހުރިހާކަމެއް އޮތީ ތަހުނިޔާގެ ޒިންމާގެ ދަށުގައެވެ. ވަގުތު ހޯދައިގެން ވީހާއަވަހަކަށް ، ތަހުނިޔާ އެގެޔަށް ދިއުމަށް ސާޖިދާ އެދުނެވެ. މުރުތަޟާވެސް އެގޭގައި އެބަ އުޅެއެވެ. މުރުތަޟާއާއެކީ ތަހުނިޔާ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މަންމަ އެބުނާ އެއްޗެއް ވިސްނިއްޖެތޯ ސާޖިދާ ސުއާލުކުރިއެވެ. ތަހުނިޔާއަކީވެސް ކުޑަކުއްޖެއް ނޫނެވެ. މަންމަ އެބުނީ ކީކޭކަން ތަހުނިޔާ ވިސްނައިގަތެވެ. މަސައްކަތް ކުޑައަޑިކޮށްލާފައި ، ހާރިސްއާއި ރައިދާއާ ބައްދަލުކުރުމަށް އެގެޔަށްދާނެ ކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާ ނާންނާތީ ، ނޫރުލްޢައިނުވެސް އިނީ ހިތްހަމަ ނުޖެހިފައެވެ. އެގެޔަށް ގޮސް ނޫރުލްޢައިނުއާ ބައްދަލުކޮށްފައިނޫނީ ގެޔަށް ނުދިއުމަށް ސާޖިދާ ނަޞޭޙަތް ދިނެވެ.

 

ގޭތެރޭގެ ކަންކަން ހަމަޔަކަށް އެޅުމާއެކު ، އެއްފަރާތަކަށް ޖެހިލައި ނޫރުއާއި މުރުތަޟާ ވާހަކަ ދައްކަމުން ގެންދިޔައެވެ. މިއަދަކީ ، ނޫރުގެ ހިތަށް ތަކުލީފުން ފުރިގެންވާ ދުވަހެކެވެ. މުރުތަޟާ އައުމުން ހިތަށް ތަސައްލީއެއް ލިބުނުވާހަކަ ނޫރު ބުންޏެވެ. މުރުތަޟާ އިށީނުމަށް ނޫރު އެދުނެވެ. މުރުތަޟާ އެއައީ އިށީންނާކަށް ނޫނެވެ. މުރުތަޟާ އެއައީ އޭނާ ލައްވާ ސޮއިކުރުވި ވަޒީފާގެ އެއްބަސްވުން ، ކިޔައިލާފައެވެ. މުރުތަޟާ އިސްތިޢުފާދީފިނަމަ ، އެހާ ބޮޑު ޖޫރިމަނާއެއް ދައްކާގޮތަށް އެ އެއްބަސްވުމުގައި ލިޔުނީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ. ނޫރުގާތަށް ހިނި އައެވެ. އަދި ، އެއީ މުރުތަޟާގެ ފައިދާއަކަށްކަމުގައި ނޫރު ބުންޏެވެ. އެއްބަސްވުމުގައިވާ ގޮތުން ، މަޤްބޫލު ޢުޒުރެއްނެތި ، އެއްވެސްމީހަކަށް ، ކުންފުނީގެ ވަޒީފާއިން މުރުތަޟާ ވަތްކެއް ނުކުރެވޭނެއެވެ. އެއީ މުރުތަޟާގެ ވަޒީފާގެ ރައްކާތެރިކަމަށް ލިޔެފައި އޮތް މާއްދާއެކެވެ.

އަމީން އިޙްސާނަށް މުރުތަޟާ ހަދަންވީ ކިހިނެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އޭނާގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ، ހިތަށްއެރި ކޮންމެ އެއްޗެއް އޭނާއާ ދިމާއަށް ގޮވަމުންދާއިރު ، މުރުތަޟާއަށް އެކަން ހުއްޓުވުމަށް އެއްވެސް ފުރުސަތެއް ނެތެވެ.

ނޫރުގެ ނަސީބު ދެރައީކަމަށް ނޫރު ބުންޏެވެ. މީހަކު ދެކެ ލޯބިވެވިއްޖެނަމަ ، އެހެންމީހުން އޭގެތެރެޔަށްވަދެ ، އެލޯތްބަށް ހުރަސް އަޅާނެއެވެ. އެހެންމީހެއްގެ ފައިދާއަށް ކަމެއްކޮށްދީފިނަމަ ، އެމީހެއްގެ ބަދުދުޢާ ލިބޭނެއެވެ. އެހެނަސް ، މުރުތަޟާއަށް ނިސްބަތްކޮށް ، ނޫރު އެއްވެސް އެއްޗެއް ނުބުނާނެއެވެ. މުރުތަޟާގެ ސަބަބުން ، ނޫރުގެ ލޮލުން ފޭބީ ކިހާ ކަރުނައެއްކަން ހަނދާންކޮށްދޭން ނޫރު ބޭނުމެއްނޫނެވެ. ހިތާދެކޮޅަށް މީހަކާ އިނދެ ، ތަކުލީފުތަކުން ފުރިގެންވި ދިރިއުޅުމެއް އުޅެންޖެހުނީ މުރުތަޟާގެ ސަބަބުންކަމަކަށް ނުބުނާނެއެވެ. ސަބަބަކީ ، މުރުތަޟާދެކެ ނޫރު ލޯބިވާތީކަމަށް ނޫރު ބުންޏެވެ. ލޯބިވާކަމަށް ވަންޏާ ޝަކުވާ ކުރުމުގެ ބޭނުމެއް ނެތެވެ. އެމީހަކަށް އޮންނާނީ ޙާލަތަށް ކެތްކުރުމެވެ.

" ނޫރުލްޢައިނުއެވެ ! ވީކަމެއް ވީއެވެ. އަމީން އިޙްސާންގެ ހިތުގައި އުފެދިފައި އެއޮތް ޝައްކުތައް އޭނާގެ ހިތުން ދުރުކުރުމަށް މަސައްކަތް ކުރާށެވެ ! މައްސަލަޔާ ކުރިމަތި ނުލައި ފަހަތަށް ހިނގަންޏާ ، ނޫރު އެކަނިވެދާނެއެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކަ ނިންމައިލުމަށްފަހު ، ހިނގައިގަތްތަނާ ކުރިމަތިން އެފެނުނީ ، އެތާ ހުއްޓިލައިގެންހުރި ތަހުނިޔާއެވެ. އޭނާ އެއައީ ނޫރުލްޢައިނަށް ތަޢުޒިޔާ ކިއުމަށްކަމުގައި ތަހުނިޔާ ބުންޏެވެ. މުރުތަޟާ އެހާ އަވަހަށް އެދަނީ ކީއްވެތޯ ތަހުނިޔާ ސުއާލުކޮށްލިއެވެ. މުރުތަޟާ އެއައީ ، އޮފީހުގެ ކަމެއްގައި ނޫރުއާ މަޝްވަރާކޮއްލަން ކަމަށް މުރުތަޟާ ބުންޏެވެ.

މުރުތަޟާ އެދަނީ ގެޔަށްކަމުގައި ބުންޏެވެ. އެކަމަކު ، ތަހުނިޔާ އެކުރަނީ ކޮންކަހަލަ ސުއާލެއްތޯ ، ތަހުނިޔާކުރެން އަހައިލިއެވެ. މުރުތަޟާ ގެޔަށް ދިއުމަށް ތަހުނިޔާ ބުންޏެވެ. މުރުތަޟާގެ އިންތިޒާރުގައި އައިމަލް ހުންނާނެއެވެ.

ހިތްހަމަނުޖެހިފައިހުރެ ، މުރުތަޟާ އެތަނުން ނުކުމެގެން ދިއުމާއެކު ، ތަހުނިޔާ އައިސް ނޫރުއާ ގާތަށް ޖެހިލިއެވެ. އޭނާއައުން ކުޑަކޮށް ލަސްވީތީ ނޫރުގެ ކިބައިން މަޢާފަށް އެދުނެވެ. އޭނާގެ ބައްޕަ ، މިދުނިޔެދޫކޮށް ހިނގައްޖެކަމުގައި ނޫރު ބުންޏެވެ. ތަހުނިޔާ ލަހުން އަޔަސް އަދި އެއްގޮތަކަށް ނަޔަސް އެކަމުން ތަފާތެއް ނާންނާނެއެވެ. ނޫރުގެ ވިސްނުންހުރީ ކޮންގޮތަކަށްތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އެއީ ކޮންކަމަކާބެހޭގޮތުން ކުރި ސުއާލެއްތޯ ސާފުކުރުމަށް ނޫރު ބޭނުންވިއެވެ.

" އެނބުރި ، ނޫރުގެ އަސްލު ގެޔަށް ، ފިރިމީހާގާތަށް ދިއުމާބެހޭ ގޮތުންނެވެ. ދާނީ ކޮންއިރަކުން ހެއްޔެވެ ؟ " ތަހުނިޔާގެ ސުއާލު ސާފުކޮށްދިނުމަށްފަހު ، ސުއާލެއް ކޮށްލިއެވެ.

ކިހާ ރަނގަޅު ހެއްޔެވެ ؟ އެއްވެސްމީހަކަށް ނޫރުގެ ޙާލަތު ސާފެއްނުވެއެވެ. އެގެޔަށް އޭނާ ނުގޮސްގެން އެންމެން ކަންބޮޑުވާ ސަބަބެއް ނޫރުއަކަށް ނޭނގެއެވެ. ނޫރު އެކަނިމާއެކަނި ގޭގައި އިނުމަކީ ، އެންމެންވެސް ކަންބޮޑުވާނެކަމެއްކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާ ކަންބޮޑުވަނީ ކޮންކަމަކާތޯ ނޫރު ސުއާލު ކުރިއެވެ. އޭނާ އެކަނިވެގެންތޯ ނުވަތަ އޭނާއާ މުރުތަޟާއާ މެދުގައިތޯ އެވެ ؟ ދިރިއުޅުމަކީ ، ނޫރުގެ އަމިއްލަ ޙައްޤެކެވެ. އަމިއްލަ ގޭގައި އެކަނި ނޫރު އިނުމަކުން ނުވަތަ ، އަމީން އިޙްސާނާއެކީ އެގޭގައި އިނުމަކުން ، ތަހުނިޔާއަށްވެސް އަދި މުރުތަޟާއަށްވެސް ތަފާތެއް ނޯންނާނެކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާގެ މަޤްޞަދަކީ ، މުރުތަޟާއާ ނޫރުގެ ދުރުކަން އިޙްސާސް ކޮށްދިނުމެވެ.

" އާނއެކެވެ ! މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުމެވެ. އެދިރިއުޅުމުގައި އަހަރެން ބޭނުންވާ ގޮތް އިޚްތިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް އޮންނާނެއެވެ. އެންމެ ރަނގަޅުވާނީ ، އެނިންމުން ނިންމަން އަހަރެންގެ އިޚްތިޔާރަށް ދޫކޮށްލެވިފައި އޮތުމެވެ. " ނޫރު ބުންޏެވެ.

ތަހުނިޔާ އެއައީ ނޫރުލްޢައިނުއަށް ތަޢުޒިޔާ ކިޔާށެވެ. އެހެނަސް ، އެ ތަޢުޒިޔާގެ ބޭނުން ނޫރުއަށް އޮތްކަމަށް ނުފެންނަކަމުގައި ތަހުނިޔާ ބުންޏެވެ.

" ރައްޓެއްސެކޭ ތަހުނިޔާ ބުނީމު ނޫންހެއްޔެވެ ؟ ތަޢުޒިޔާއަކީ ، ހިތާމަވެރި ޙާލަތްތަކުގައި ، ރަޙުމަތްތެރިންގެ ހިތުގެ އަޑިން ކިޔެންޖެހޭ އެއްޗެކެވެ. އެ ރަޙުމަތްތެރިކަންވެސް އަދި ތިމާގެކަމުގެ ގުޅުންވެސް ދަމަހައްޓާކަށް ތަހުނިޔާއަކަށް ނޭނގުނެވެ. " ނޫރު ބުންޏެވެ.

ނޫރު އެހެން ބުނުމާއެކު ، ނޫރުއާ އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ތަހުނިޔާ ނިންމައި ، ވަގުތުން އެގެއިން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.